ހަކުރުބަލީގެ ޒުވާނުން އަޅާ ނުލެވި ދޫކޮށްލެވިފައި!

ވަކިގޮތަކަށް ދިރިއުޅުމުގެ ކަންތައްތައް ބަހައްޓަން ޖެހޭ ކޮންމެ މީހަކީ ބަލިމީހެއް ނޫނެވެ. ވަކި ބާވަތްތަކެއް ނުކައި، ވަކި ފަރުވާތަކެއް ގަވައިދުން ހޯދައިގެން ދިރިއުޅޭ ކިތަންމެ ބަޔަކު ޒިންމާދާރު އެތައް ވަޒީފާއެއްގައި ވެސް ތިބުމަކީ މިކަމުގެ ހެއްކެވެ.

ކަން މިހެން ހުރި އިރު ހަކުރުބަލީގެ މީހުންނާއި ކުދިންނަކީ މަސައްކައްކަތާއި އާއިލީ ޒިންމާތައް ނޫފުލޭ، ބަލި، ނުވަތަ އުނި ބައެއް ކަމަށް ބަލަންވީ ސަބަބެއް ނެތެވެ. ނަމަވެސް ހޭލުންތެރި އާބާދީއެއް ކަމަށް ދައުވާ ކުރާ ރާއްޖޭގައި އެކަން ހިނގަނީ މުޅިން އިދިކޮޅަށެވެ.

"ގެޔާއި ސްކޫލްގައި ވެސް ގިނަ ކަންތައްތަކުން އަހަރެމެން މަހުރޫމު ކުރޭ، ފޫޓްބޯޅަ އާއި ކެޑޭޓް ހަރަކާތް ފަދަ ކަންތައްތަކަކީ އަހަރެމެންނަށް ބައިވެރި ނުވެވޭނެ ކަންތައްތައް ކަމަށް އެމީހުން ގަބޫލުކުރަނީ،" ޑައިބިޓީސް ސޮސައިޓީ އޮގް މޯލްޑިވްސް (ޑީއެސްއެމް) އިން ދާދި ފަހުން ބޭއްވި "ޑަޔަބް މޯލްޑިވްސް 2012"ގައި ބައިވެރިވި ކުއްޖަކު ބުންޏެވެ.

އެހެން ކުއްޖަކު ބުނީ އޭނާ ކިޔަވާ ސްކޫލްގައި ހިންގާ އެކްސްޓްރާ ކޯ ކަރިކިއުލާ އެކްޓިވިޓީ (ކިޔެވުމުގެ އިތުރުން ހިންގާ ހަރަކާތްތައް)ގެ ގާތްގަނޑަކަށް ހުރިހާ ކަމަކުން އޭނާ މަހުރޫމްކޮށްފައިވާ ކަމަށެވެ.

"ފުޓްބޯޅަ، ނޫނީ ކެޑޭޓް ހަރަކާތް ކަހަލަ ހަކަތަ ބޭނުންވާ ކަމެއްގައި ބައިވެރިވާން އުޅެފިއްޔާ، މަންމަވެސް ބުނާނީ ދަރިފުޅަށް ތިކަމެއް ނުކުރެވޭނެއޭ. އެކަމަކު އެއީ ހަމަ އަޅުގަނޑަށް ވެސް ކުރެވޭނެ ކަންތައްތައް،" އޭނާ ބުންޏެވެ.
އުމުރުން 14 އަހަރާއި 21 އަހަރާ ދެމެދުގެ ކުދިންނަށް ހިންގި ޑަޔަބް މޯލްޑިވްސްގައި ބައިވެރިވި، ޒުވާނަކު ހަކުރު ބައްޔާ މެދު ދިވެހި މުޖުތަމައުގައި އޮތް ހޭލުންތެރިކަން ކުޑަ ކަމުގެ ސަބަބުން ވަރަށް ހިތްދަތި ކަންތައްތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން އެއީ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށް ބަލައި، އެބަލި ހުރި މީހަކާ ދަރިން ކައިވެނިކުރަން ވެސް މައިން ބަފައިން ނުރުހޭ ކަމަށެވެ.

"އަންހެން ކުއްޖާގެ މައިންބަފައިން އޭނާ ގާތު ބުނީ، އޭނާއާ ކައިވެނިކޮށްފިއްޔާ، އޭނާ ބަލަން ޖެހޭނީ ވެސް ދަރިފުޅަށޭ، އަބަދު އޮންނާނީ ހޮސްޕިޓަލުގައި ނޫންހޭ. ދިރިއުޅުމުގެ ކަންތައްތައް ނުބެލެހެއްޓޭނޭ. ދެން އަޅުގަނޑަށް އެކައިވެނި ވެސް ނުކުރެވުން،" ކައިވެންޏެއް ކޮށް ދިރިއުޅުމެއް ފަށާ އުމުރުގެ ޒުވާނާ ބުންޏެވެ.

ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މި މަހުގެ 17 އިން 21 އަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައި ބޭއްވި ކޭމްޕްގައި ބައިވެރިވި ކުދިންނާ ބައްދަލުކޮށްލުމުން މިފަދަ އެތައް ވާހަކައެއް ކިޔައިދިނެވެ.
ދިރިއުޅޭ މުޖުތަމައުން އަޅާ ނުލުމާއި ކަންތައްތަކުން މަހުރޫމު ކުރުމުގެ އިތުރުން ދިމާކޮށް ފުރައްސާރަކުރުން (ބްލީ ކުރުން) ވެސް އެއީ އެކުދިންނަށް ކުރިމަތިވާ ކަމެކެވެ.

ކަންތައްތައް މިހެން ހުރި އިރު، ވިރާސީ ގޮތުން ޖެހޭ އެބައްޔަކީ އެކަމަށް ބޭނުންވާ ފަރުވާއައި އެބަލި ޖެހުމުން ދިރިއުޅުން ބައްޓަން ކުރަން ޖެހޭ ގޮތަށް ބައްޓަން ކޮށްފި ނަމަ، ހަމަ އެހެން މީހުންނެކޭ އެއްގޮތަށް އާއްމު ދިރިއުޅުމެއް އުޅެވޭ ބައްޔެކެވެ.

އަޅާ ނުލެވި ދޫކޮށްލެވިފައިވާ އެ ކުދިންނާއި ޒުވާނުންނަށް އެބައެއްގެ ފަރާތުން މި ބަލި ވާރުތަވި ކާބަފައިން ވަނީ ބައްޔާ އެކު، އެހެން މީހުންނެކޭ އެއްވެސް ތަފާތެއް ނެތި އާއްމު އާދައިގެ ދިރިއުޅުމެއް އުޅެފަ އެވެ. ނުވަތަ ދަނީ އުޅެމުންނެވެ.

ރަނގަޅު ފަރުވާއާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކާ އެކު ދިރިއުޅެވޭ ހަކުރު ބަލީގެ ކުދިންނާއި މީހުންނާ މެދު ދައުލަތުގެ ކަމާ ބެހޭ އިދާރާ ތަކުން ވަނީ އިހުމާލުވެފަ އެވެ.

"ސްކޫލްގައި ތިބޭ ހެލްތު އެސިސްޓެންޓުންނަށް ވެސް ބައްޔާ ބެހޭ މައުލޫމާތު އެއްވެސް ވަރަކަށް ނޭނގޭ، ހަކުރު ދަށް ވެގެން ވަރުބަލިވެގެން، ނޫނީ އިންސިއުލިން ދިނުން ލަސްވެގެން މައްސަލައެއް ދިމާވެގެން ބުނީމަ، ބުނެފާނެ، ޕެނެޑޯލް ގުޅައެއް ކާލާށޭ، "ކޭމްޕްގައި ބައިވެރި ދަރިވަރަކު ބުންޏެވެ. އޭނާ ބުނީ އަތޮޅާއި ރަށު ފެންވަރުގައި ހުރި ސިއްހީ ހިދުމަތްތައް ދޭ ތަންތާގައި ތިއްބެވި ސިއްހީ އޮފިޝަލުންގެ ވެސް ބައްޔާ މެދު ހޭލުންތެރިކަން ކުޑަކަމަށެވެ.
ހަކުރު ބަލީގެ މީހުންނާއި ކުދިން، މުޅިން ރަނގަޅު ނުކުރެވޭ އެބައްޔާ އެކު ދިރިއުޅުމަށް ބޭނުންވާ އެންމެ މުހިއްމު އެއްޗަކީ ގަވައިދުން ޖަހަން ޖެހޭ އިންސިއުލިން އެވެ. ނަމަވެސް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނާއި ބޭސް ފިހާރަތަކުން ވެސް އިންސިއުލިން ފޯރުކޮށް ނުދޭ ކަމަށް ޑީއެސް އެމް އިން ބުންޏެވެ.

"އެތަންތަނުން އިންސިއުލިންއެއް ނުގެނޭ، އިންސިއުލިން މިގެންނަނީ ހަމަ އެކަނި އަޅުގަނޑުމެން،" ޑީއެސްއެމްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އައިޝަތު ޝިރުހާނާ ވިދާޅުވި އެވެ.

ޝިރުހާނާ ވިދާޅުވީ ޑީއެސްއެމްގައި ރަޖިސްޓްރީ ކޮށްފައިވާ ކުދިންނާއި މީހުންނަށް އިންސިއުލިން އާއި އެނޫން ވެސް ފަރުވާތައް ފޯރުކޮށްދިނުމުގެ ހިދުމަތް މިހާރު އެ ސޮސައިޓީ އަށް ދޭ ކަމަށެވެ.

ހަކުރު ބަލީގެ އެތައް ކުދިންނަކާއި މީހުންނެއް ރާއްޖޭގައި ތިބެފައި، އެބައްޔާ މެދު ހޭލުންތެރިކަން ކުޑަކަމުން، ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ޑީއެސްއެމް އިން އަންނަނީ ހިންގަމުންނެވެ. އެގޮތުން ކާމިޔާބު ދެ ކެމްޕޭނެއް މިއަހަރު ވެސް ވަނީ ހިންގާފަ އެވެ. އެގޮތުން މުޅި ރާއްޖޭގައި ބޭއްވި ހިނގާލުމާއި އެންމެ ފަހުން މި ހިންގި ކޭމްޕަކީ ކާމިޔާބު ދެހަރަކާތް ކަމަށް ޝިރުހާނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެއިން އެއްވެސް ހަރަކާތަކަށް ވެސް ހެލްތު މިނިސްޓްރީގެ އެހީތެރިކަމެއް ނުލިބުން ކަމަށެވެ.

"ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެން ހުށައަޅަން ހެލްތު މިނިސްޓްރީއަށް ވެސް، އެކަމަކު ލިބެނީ ހަމަ ނޫން ޖަވާބު،" ޝިރުހާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑީއެސްއެމްއަށް ދީލަތި އެހީތެރިކަމެއް ދެމުން ގެންދާ އަމިއްލަ ފަރާތްތަކެއް ތިބުމުން، އެފަދަ ހަރަކާތްތައް ހިންގުމަށް ދަތި ނުވާ ކަމަށެވެ. ނަމަވެސް ބަލީގެ މީހުންގެ ކަންތައްތައް ދާއިމީ ގޮތެއްގައި ބަލަހައްޓަން ބަލާއިރު އެސޮސައިޓީ އަށް ހެލްތު މިނިސްޓްރީގެ އެހީތެރިކަން ހަމަ ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ސިއްހީ އެހެނިހެން މައްސަލަތަކެކޭ އެއްގޮތަށް، އުމުރު ދުވަހު ވެސް ފަރުވާޔާ އެކީ އުޅެން ޖެހޭ ހަކުރު ބަލީގެ މީހުންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަމަކީ ހަގީގަތުގައި ޑީއެސްއެމް ފަދަ އެންޖީއޯއަކަށް ވުރެ ބޮޑަށް ސަރުކާރުގެ ޒިންމާއެކެވެ.

މިއީ މުޖުތަމައަށް ބޭނުންތެރި އެތައް ޒުވާނުންނެއްގެ ވާހަކައެވެ. ފޭލްވެފައިވާ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމުގެ ސަބަބުން އަޅާ ނުލެވި ދޫކޮށްލެވިފައިވާ ޒުވާނުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް