މާލެ ތޮއްޖެހޭ އިރު ހުޅުމާލޭގެ ތަރައްގީ މުހިންމު

ބޯހިޔާ ވަހިކަމުގެ މައްސަލައަކީ ރާއްޖެ އަށް ވަރަށް ބޮޑު މައްސަލަ އެކެވެ. ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އުޅެންޖެހުމުން ބޮޑެތި އިޖްތިމާއީ މައްސަލަތައް ވަނީ ފުނިޖެހިފަ އެވެ. ނަމަވެސް ހިތާމައަކީ މިއަދު ރާއްޖެ އޮތް ގޮތުން އެނޫންގޮތަކަށް ވެސް ވާންނެތްކަމެވެ. ގިނަ ހިދުމަތްތަކެއް ލިބެން ހުރީ މާލޭގަ އެވެ. ވެރިރަށް މާލެ އަށް ގިނަ އަދަދެއްގެ ބަޔަކު އެކި ބޭނުންތަކަށް އައިސް އުޅެންޖެހޭ އިރު ތޮއްޖެހުން ހައްލުކުރުމަށް ހުޅުމާލޭ ތަރައްގީކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެކެވެ. ރީތި ޒަމާނީ ގޮތަކަށް ތަރައްގީކުރަމުންދާ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިމި ދެ ވަނަ ފިޔަވަހީގެ މަސައްކަތްތަށް އަންނަ މަހު ފެށުމަށް ނިންމާފައިވާ އިރު މިފަހަރުގެ ފިޔަވަހީގެ ސަބަބުން މާލެ އަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި ތަރައްގީ ކުރުމުގެ މަޝްރޫއު ފެއްޓެވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކޮށް ދެއްވުމުގެ މަގްސަދުގައި އެވެ. އެ މަސައްކަތް ފަށާފައި ވަނީ 1997 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ. މައުމޫނުގެ ސަރުކާރު ނިމި މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ރައްޔިތުނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް މާލޭގައި ފްލެޓް އެޅުމުގެ ގިނަ މަޝްރޫއުތަކެއް ފެށި އެވެ. ހުޅުމާލެ އަށް އޮތީ އެހާ ބޮޑު އިސްކަމެއް ނުދީ އެވެ. މިއަދުގެ ސަރުކާރުން ފަށަން ނިންމާފައިވާ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްގެ ސަބަބުން ހުޅުމާލެ އަށް އާބާދީ އިތުރުކުރުމަށް ބޮޑެތި ދޮރުތަކެއް ހުޅުވޭނެ އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެނޭޖިން ޑިރެކްޓަރު އަދި ބޯޑުގެ ޗެއާމަން ސުހައިލް އަހްމަދު ވިދާޅުވި ގޮތުގައި ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭއިރު އަންނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ.

"ހިއްކުމުގެ ހުރިހާ މަސައްކަތެއް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވުނަސް ވަށާތޮށި ލުމާއި އެހެނިހެން ބައެއް މަސައްކަތްތައް މުޅިން ނިންމާލަން އިތުރު އެއް އަހަރު ދުވަސް ބޭނުންވާނެ، ބިން ހިއްކުމުގެ މަސައްކަތް މުޅީން ނިންމަން 60 މިލިއަން ޑޮލަރު (925.2 ރުފިޔާ) ހަރަދު ވާނެ ކަމަށް ލަފާކުރެވޭ" ޝުހެއިލް ވިދާޅުވި އެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 230 ހެކްޓަރުގެ އެވެ. އެއީ 100000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެކެވެ. ފުރަތަމަ ފިޔަވަހީގައި 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް 188 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު އޭގެ ތެރެއިން 20000 ގިނަ މީހުން މިހާރު ހުޅުމާލޭގައި ދިރިއުޅެމުންދާ ކަމަށް އެޗްޑީސީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މާލެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ތޮއްޖެހިފައިވާ ވެރިކަން ކުރާ ރަށް ކަމަށްވާ އިރު މާލޭގައި އިތުރަށް ފްލެޓް އެޅުމަކީ "ވަރަށް ހަމަނު ޖެހޭ" ކަމެކެވެ. އެހެންކަމުން މާލޭގައި ފަށާގޮތަށް ކުރީގެ ސަރުކާރުން ހަމަޖައްސާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ނުފަށާއި ހުރި ހުރިހާ މަޝްރޫއުތައް ހުޅުމާލެ އަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މާލެއަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ތޮއްޖެހިފައި އޮތް ވެރިކަން ކުރާ ރަށް. މިތާގައި އިތުރަށް ފްލެޓް އެޅުމަކީ ވަރަށް ހަމަނުޖެހޭ ކަމެއް. އެހެންވީމާ އަޅުގަނޑުމެން ނިންމާފައި މިއޮތީ ނުފައްޓާ ހުރި ހުރިހާ މަޝްރޫއެއް ހުޅުމާލެ އަށް ބަދަލު ކުރަން. މާލެ އަށް މިހާރު ބޭނުން ވަނީ ޕާކްތަކާއި ހިތްފަސޭހަ މައިޒާންތަކާއި ކުދިން ކުޅެއުޅޭނެ ތަންތަން. މާލެ އެބަޖެހޭ މިހާރު ރީ ޑިވެލޮޕް ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެއަށް މީހުން ބަދަލުކުރުމަށް މިހާރު ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ޗައިނާ ސަރުކާރުން އިމަރާތްތަކޮށް މިދިޔަ މަހުގެ ތެރޭގައި ދިވެހި ސަރުކާރާއި ހަވާލުކުރި 1000 ހައުސިން ޔުނިޓްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާ އިރު ހުޅުމާލޭގައި 15 ރޯހައުސް އަންނަ އަހަރުގެ ކުރީކޮޅު އިމާރާތްކުރަން ފަށަން މިހާރު ވަނީ ނިންމާފަ އެވެ.

މާލޭގެ ތޮއްޖެހުމަށް ހައްލެއްގެނެސް ހުޅުމާލެ އިތުރަށް ތަރައްގީ ކުރަންބޭނުން ނަމަ މިހާރާ ހިލާފަށް ބޭނުންތަކަށް މާލެއަންނަން ޖެހޭ އައުމަށް ބަދަލުތަކެއް ގެނެސް ހުޅުމާލެއަކީ ގިނަ ހިދުމަތްތަކެއް ލިބިގެންދާރަށަކަށް ހަދަންޖެހެ އެވެ. އެޗްޑީސީ އިން ބުނީ ހުޅުމާލެއަކީ ތަރައްގީކޮށް ރައްޔިތުންގެ ބޭނުންތައް ފުއްދޭ ރަށަކަށް ހެދޭނީ ހުޅުމާލޭގެ އާބާދީ މިހާރަށް ވުރެ އިތުރުކުރެވިގެން ކަމަށެވެ. އެހެންކަމުން ހުޅުމާލެއަކީ ތަރައްގީވެފައިވާ ރަށަކަށް ހެދުމަށް އެ ރަށުގެ އާބާދީ ބޮޑުތަން އިތުރުކުރަންޖެ އެވެ. ފޭސް އެކެއްގައި އާބާދީ 60000 މީހުނަށް އަންދާޒާ ކުރިނަމަވެސް އެރަށަށް ގޮސްފައިވަނީ 20000 މީހުންނެވެ. މީހުން ހުޅުމާލޭގައި އާބާދުވުމަށް އަދި ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކަށް ވެފައިއޮންނަނީ ދަތުރުފަތުރުގެ މަސައްކަތްތަކަށް އަދިވެސް ރަނގަޅު ހައްލެއް ނުލިބުމެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް އެކްޒެކެޓިވް އިސްމާއިލް ފާރިގް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ އާބާދީ އިތުރުވާ ނަމަ އެމްޓީސީސީ އިން އެކަމަށް ތައްޔާރަށް އޮތްކަމަށެވެ. އަދި ވިދާޅުވީ ބައި ގިނަވާ ވަރަކަށް ވިސްނުމުގައި އޮތީ ފެރީގެ އަދަދު އިތުރުކޮށްގެން ފެރީގެ ހިދުމަތް ދިނުން ކަމަށާއި ޒަމާނީ ފެރީގެ ހިދުމަތް ދިނުމަށް މިހާރު ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަންނަ އަހަރުގެ ޖުލައި ތެރޭގައި ފެރީގެ ހިދުމަތް ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ ތޮއްޖެހުން ހައްލުކޮށް ހުޅުމާލެއަކީ ޒަމާނީރަށަކަށް ހަދާނަމަ އެރަށުގައި ތަފާތު މަޝްރޫއޫތައް ކުރިއަށް ގެންދަންޖެހެ އެވެ. އެޗްޑީސީ އިން ބުނަނީ އަލަށް ހިއްކުމަށް ނިންމާފައިވާ ސަރަހައްދުތައް ހިއްކައި ނިމުމާ އެކު އަދި މިހާތަނަށް ކިތައް ފުލެޓް އާއި ކިތައް ގެ އަޅާނެ ކަމަށް އަންދާޒާ ނުކުރެވުނަސް ހުޅުމާލޭގައި އެކިއެކި ފަރާތްތަކުން ގިނަ އިމާރާތްތަކެއް ކުރާނެ ކަމަށެވެ. އެހެންކަމުން މާސްޓާ ޕްލޭނާ އެކު ކުރިއަށް ދެވިއްޖެ ނަމަ ހަމަޔަގީނުން ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހި ވެގެންދާނީ މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނެސްދޭނެ ކަމަށެވެ. ނަމަވެސް ޗައިނާގެ އެގްޒިމް ބޭންުކުގެ ލޯނުގެ ދަށުން ރާއްޖޭގައި އެޅުމަށް ކަނޑައަޅާފައި 1500 ފްލެޓްގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ނިންމި 704 ފްލެޓްގެ މަޝްރޫއުއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުން މުޅި ހުޅުމާލޭގެ ހައުސިން މަޝްރޫއު ކޮންމެ ވެސް ވަރަކަށް ފަސް ނުޖެހޭނެެތޯ އެއީ މިހާރު ސުވާލެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް