ދައުލަތުގެ ރިޒާވް ނުރައްކަލުން ސަލާމަތްކުރަން ޖެހިއްޖެ

ދައުލަތުގެ ރިޒާވަކީ ގައުމުގެ ރައްކާކުރެވިފައިވާ ރައުސްމާލެވެ. ގައުމު ބަނޑަށް ޖެހުމާއި ބޭންކްރަޕްސީން ސަލާމަތް ކުރާނީ ގައުމެއްގައި ރައްކާ ކުރެވިފައިވާ ރައުސްމާލަކުންނެވެ. އެއީ ކޮންމެހެން ބޭނުންކޮށް ނުވެގެން ބޭނުން ކުރަން ޖެހޭ އެއްޗަކަށްވާ އިރު ބައިނަލްއަގުވާމީ ފަރާތްތަކަށް ވެސް ރިޒާވްގެ މުހިންމުކަން ބޮޑެވެ. ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ބޭންކްތަކުން ރާއްޖެ އަށް ލޯނު ދޫކުރުމުގައި ރިޒާވްގެ މައްޗަށް ބަރޯސާކުރެ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދެއް ރާއްޖެ ޒިޔާރަތްކުރި އެވެ. އެ ވަފްދުގެ ބޮޑު ކަންބޮޑުވުމެއް އޮތެވެ. ރާއްޖޭގެ ރިޒާވަށް "ނުރައްކާވެފައިވާ" މައްސަލަ އެވެ. ކުރިއަށް ދެތިން މަހެއްގެ ތެރޭގައި ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ހިނގައިދާނެ ކަމަށް އެބޭފުޅުން އިންޒާރު ކުރެއްވި އެވެ. މައްސަލައަކަށް ވަނީ ދައުލަތުން ދައްކަން ޖެހޭ ބޭރުގެ ދަރަނިތަކެއް ހުރި އިރު އެކަމަށް ފައިނޭންސް ކުރާނެ ވަރާއި ގާތަށް އާމްދަނީ ނުލިބުމެވެ.

"ބެލެންސް އޮފް ޕޭމަންޓް ދަށަށް ދަމުން އައުމުގެ ސަބަބުން އެމްއެމްއޭގެ ރިޒާވަށް އޭގެ އަސަރުކޮށް މިއަންނަނީ ދުވަހެއް ދުވަހަކަށް ރިޒާވް ދަށްވަމުން. މިހާރު ރިޒާވްގައި ހުރީ އެއް މަހާއި ބައި. ރާއްޖެ އަށް މުދާ އެތެރެކުރެވޭނެ މިންވަރު،" މިދިޔަ މަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރެއްވި އައިއެމްއެފްގެ މިޝަންގެ ޗީފް ކޯޝީ މަތާއީ ވިދާޅުވި އެވެ.

މުޅި އަހަރު ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ރިޒާވަށް އޮތީ "ޕްރެޝަރު" ބޮޑުކޮށެވެ. މީގެ މަހެއްހާ ދުވަސް ކުރިން ރިޒާވުން ނަގައި އިންޑިއާ ސަރުކާރަށް 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އަދި ފެބުރުއަރީ މަހު ވެސް 50 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. ކޮންމެ އަހަރެއްގެ ވެސް މެދުތެރޭގައި ކޭޝްފްލޯއަށް އަންނަ ހީނަރުކަމުން ސަލާމަތްވުމަށް ވެސް ސަރުކާރުން ބޭނުންކުރަނީ ޓޫލްއަކީ ދައުލަތުގެ ރިޒާވް އެވެ.

"އެކަން ކުރަން ޖެހޭ ގޮތެއް ނޫން އެއީ. ނަމަވެސް ބައެއް ފަހަރު ސަރުކާރުގެ ކޭޝްފްލޯ ވަރަށް ބޮޑަށް ތާށިވީމާ ލޯނެއް ގޮތަށް އެމްއެމްއޭ އިން އެ ފައިސާ މިނަގަނީ. އެގޮތަށް އެކަން އެބަ ދިމާވޭ. އެހާ ބޮޑަށް ކޭޝްފްލޯ ތާށިވީމާ އެމްއެމްއޭ އިން ސަރުކާރަށް ލޯނު ދޫކުރަމުން ދިޔައީ،" އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވި އެވެ.

ކޮންމެ ވެރިކަމެއްގައި ވެސް ކަންދިމާވަނީ އެހެންނެވެ. އިގްތިސޯދީ ރަނގަޅު ޕެކޭޖްތަކެއް ފަރުމާ ނުކުރެވޭއިރު ކޮންމެ އަހަރަކު ވެސް ނުކަތާ ވަރުގެ ބޮޑު ބަޖެޓެއް މަޖިލީހުން ފާސްކޮށްދެ އެވެ. ކޮންމެ އަހަރަކު ރާއްޖެ ތިން ބިލިއަނާއި ގާތްކުރާ އަދަދަކުން ދަރަނިވެރިވެ އެވެ. ޑެފިސިޓް ފޫބެއްދުމަށް ގެންގުޅޭ އުކުޅަކީ އާންމު ބާޒާރަށް ޓީބިލް ވިއްކުމެވެ. ކުރިން ނަމަ ބޭންކުތަކަށެވެ. މިފަހުން ޕްރައިވެޓް ސެކްޓަރަށެވެ. ނަތީޖާއަކަށް ވަނީ ޓީ ބިލް ގަތުމަށް ދާދިއަވަހަށް ޕްރައިވެޓް ސެކްޓަރު ވަރުބަލިވުމެވެ. ދެން ދުއްވައިގަންނަން ޖެހެނީ އެމްއެމްއޭގެ ރިޒާވާ ދިމާލަށެވެ. ނާށިގަނޑު ހިފައިގެން މަރުކަޒީ ބޭންކުގައި ދައުލަތް ސަލާންޖެހުމުން އެޅޭނެ ފިޔަވަޅެއް ނޯވެ އެވެ.

"ދައުލަތުގެ ރިޒާވަކީ ކޮބައިކަން ސާފެއް ނޫން މިހާރު، އިހަށް ދުވަހު އިންޑިއާ އަށް ދެއްކި ފައިސާއަކީ އެމްއެމްއޭގެ ފޮރިން ރިޒާވުން ނަގައިގެން ދެއްކި ފައިސާ. އެކަމަކު ގާނޫނު އަސާސީގެ 250 ވަނަ މާއްދާގައި ކަނޑައެޅިގެން އެބަބުނޭ މަޖިލީހުގެ ތިންބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތު ލިބިގެންނޭ ރިޒާވުން ހަރަދުކުރެވޭނީ. ރިޒާވަކީ ކޯޗެއްކަން ނޭންގެންޏާ ހުސްވަންދެން ހަރަދުކުރުމުގެ ވެސް ބިރުއެބައޮތް،" އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވި އެވެ.

ރިޒާވުން ހަރަދުކުރަން ޖެހެނީ މަޖިލީހުގެ ވަކި ހުއްދައެއް ލިބިގެން ކަމަށްވާއިރު ރިޒާވަކީ ކޮބައިކަން ގާނޫނެއްގައި ކަނޑައެޅި ލިއެފައެއްނެތެވެ. ނަތީޖާއަކަށް ވަނީ އޮޑިޓާ ޖެނެރަލް ވިދާޅުވާ ގޮތަށް ރިޒާވުން ހަރަދުކުރުމުގައި އެއްވެސް ހިފެހެއްޓުމެއްނެތުމެވެ. ކޮންމެ ސަރުކާރަކުން ވެސް ރިޒާވުން ބޮޑު ބައެއް ހަރަދުކުރުމެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ބޭނުންކުރެވޭނެ ރިޒާވްގެ ގޮތުގައި ހުރީ 103 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) އެވެ. ޖުމްލަ ރިޒާވްގެ ގޮތުގައި ހުރީ 299 މިލިއަން ޑޮލަރު ކަމަށެވެ. އަދި ނެޓް ރިޒާވް، ނޫނީ އެމްއެމްއޭގެ ގާނޫނުން އެ ބޭންކުގެ ރިޒާވްގެ ގޮތުގައި ބަހައްޓަން ލާޒިމް ކުރާ ރިޒާވުގެ ގޮތުގައި 91 މިލިއަން ޑޮލަރެވެ.

ޔޫސެބުލް ރިޒާވް ނޫނީ ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި އެއް ބިލިއަނާ ގާތްކުރާ އަދަދަށް ރުފިޔާ ހުރި އިރު މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަނީ އެއީ ރެކޯޑް އަދަދަކަށް ދަށްމިންވަރެއް ކަމަށެވެ. އެއީ ކަންބޮޑުވާން ޖެހޭ އަދަދެކެވެ. ބަޖެޓް ކުޑަކުރަން ވާހަކަ ދެއްކި ގިނަ މެންބަރުންގެ ވެސް ކަންބޮޑުވުމަކީ ޕްރައިވެޓް ސެކްޓަރުން އަންނަ އަހަރުގެ ޑެފިސިޓް ފޫނުބެއްދިއްޖެ ނަމަ ދެން ހަދާނެ ގޮތަކާ މެދުގަ އެވެ. އަނެއްކާ ވެސް އެމްއެމްއޭގެ ރިޒާވުން އެބައި ފޫބެއްދުމަކީ ހަމައެކަނި ގޮތަކަށް އޮންނަނީ ވެފަ އެވެ. ނަމަވެސް އެއީ ހައްލެއްނޫނެވެ.

ދައުލަތުގެ ރިޒާވް ހިމާޔަތްކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ އިރު އެޅޭނެ ފިޔަވަޅުތައް ވަރަށް ވެސް މަދެވެ. އޮޑިޓާ ޖެނެރަލްގެ ނަޒަރުގައި ދައުލަތުގެ ރިޒާވް މަޖިލީހަކުން ކަނޑައަޅައިފި ނަމަ އެކަމަށް ކޮންމެވެސް ހަލެއް ލިބިދާނެ އެވެ. ގަވަރުނަރު ފަޒީލް ނަޖީބު ވެސް އެއީ މެދުމިނުގެ ހައްލެއް ކަމަށް ދެކިވަޑައޮގަންނަވަ އެވެ. އެމްއެމްއޭ އިން ދައުލަތަށް ފައިސާ ނެގޭނެ އަދަދު މަޖިލީހުން ލިމިޓްކޮށްދިނުމަށް ފަޒީލް ވެސް އެދިވަޑައިގަންނަވަ އެވެ.

"ބަޖެޓުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރަން މީލާދީ މަހެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓްގައި އެންމެ ގިނަވެގެން އޮންނަންވާނެ އޯވަޑްރާފްޓް ބާކީގެ މިންވަރެއް. މިސާލަކަށް؛ 140 މިލިއަން ރުފިޔާ ކަނޑައެޅުއްވުމާއި އެކަމަކު އެ މަހެއް ނިމޭއިރު އެންމެ ގިނަ ވެގެން އޮންނަންވީ އޯވަޑްރާފްޓް ބާކީ އަކީ 100 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅުއްވުމަކީ ކުރަންޖެހޭ ކަމެއް،" ފަޒީލް ވިދާޅުވި އެވެ.

ގާނޫނަކުން ކަންތައްތަކެއް ހުއްޓުވަން މަސައްކަތް ކުރެވިދާނެ އެވެ. އެކަމަކު ހާއްސަ ހާލަތްތަކެއް މެދުވެރިވެއްޖެ ނަމަ ގާނޫނުގެ އެ މާއްދާތަކަށް އޮންނަނީ އަމަލުނުކުރެވި އެވެ. މިސާލަކަށް ބުނާ ނަމަ ބަޖެޓް ސަޕޯޓަށް ބީއެމްއެލްއިން ލޯނެއް ނެގީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ހުއްދަ ނުހޯދަ އެވެ.

ފާސްކުރުމެއްނެތި އެވެ. އެއީ މާލިއްޔަތު ގާނޫނާއި ހިލާފު ޕްރެކްޓިސް އެކެވެ. ނަމަވެސް ސަރުކާރަށް އޭރު އެ ނޫންގޮތެއްނެތުނީ އެވެ. އެ ނޫންގޮތެއް ނެތުމުގެ ބަހަނާ އިން ދުރުވެވޭނީ އާމްދަނީ އާއި ހަރަދު ދެކޮޅު ޖެއްސިގެންނެވެ. އަގަޔާއި އަތް ދިމާކުރެވިގެންނެވެ. ރެކޯޑް އަދަދަކަށް ދައުލަތުގެ ހަރަދުތައް ދަށްކުރެވިގެންނެވެ. ނޫންކަމަށް ދައުލަތުގެ ރިޒާވަށް އޭގެ ޕްރެޝަރާ ކުރިމަތިލާން ޖެހޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް