އިންޑިއާ އާއި ދިވެހިންގެ ޝަކުވާ!

އަވަށްޓެރި އިންޑިއާގައި ދިވެހިންގެ އެތައް ބަޔަކު ދިރިއުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. ކެރެލާ ސްޓޭޓްގެ ޓްރިންވެންޑްރަމް އާއި ކޮޗިން އާއި ކަރްނާޓަކާ ސްޓޭޓްގެ ބެންގަލޫރާއި މައިސޫރުގައި މިހާރު ދިވެހިންގެ ކުދި ކުދި އަވަށްތައް ހުއްޓޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އިންޑިއާމީހުން ވެސް އެކި ބޭނުންތަކަށް ރާއްޖޭގައި އަންނަނީ ދިރިއުޅެމުންނެވެ. ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އާދައިގެ ވަޒީފާތަކުގެ ބޮޑު ބައެއް ވަނީ ދިވެހިންނަށް ވެސް ނުލިބި އިންޑިއާ މީހުންގެ އަތްމައްޗަށް ގޮސްފަ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި އެއިންޑަސްޓްރީގައި އިންޑިއާގެ ގާތްގަނޑަކަށް 10000 މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއީ އިންޑިއާއާ ރާއްޖޭގެ ރައްޔިތުންނާއި ރައްޔިތުން އަދި ސަރުކާރާއި ސަރުކާރު ގުޅިފައިވާ ގުޅުމުގެ ބަދަހިކަމުގެ ކުޑަ މިސާލެކެވެ. މިނޫން ވެސް އެތައް ކަމެއްގައި ރާއްޖެއާއި އިންޑިއާ ވަނީ ގުޅި ލާމެހިފަ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ކިތަންމެ ގާތް ގުޅުމެއް އޮތް ނަމަވެސް ދެފަރާތުގެ ޝަކުވާތައް އަބަދުވެސް އޮވެ އެވެ. މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ދިވެހިން ކުރަމުން ދިޔަ ޝަކުވާއަކީ އިންޑިއާގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިންނަށް އެގައުމުގެ އިދާރާތަކުން ކުރާ ޖެއްސުމާއި ފުރައްސާރައިގެ ވާހަކަ އެވެ.

" އަހަރެންގެ ތުއްތު ދަރިފުޅު ގޮވައިގެން އިންޑިއާއަށް ކުރި ދަތުރެއްގައި، ދަރިފުޅު ފެން އަޅާފައި ހުރި ފުޅިއެއް އަތް ދަބަހުގައި އޮވެގެން ބެންގަލޫރު އެއާޕޯޓްގައި އެތައް އިރެއް ވަންދެން ހިފެހެއްޓި، އޭރު ބަލިވެ އުޅޭ އަހަރެންގެ އަންހެނުން ހުރީ ހާސްވެގެން ގޮސް ހަލާކުވާ ވަރު ވެފައި، " އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް ( ސީއައި އެސް އެފް) އިން މުއާމަލާތް ކުރި ގޮތް ކިޔާ ދެމުން ދިވެއްސަކު ބުންޏެވެ.

އޭނާ ބުނީ ފެންފުޅީގެ މަތި ނަގައި، އޭގައި ހުރީ ކޯޗެއްތޯ ބެލުމުގެ ބަދަލުގައި އޮފިސަރުން ކުރިހާ ވެސް ކަމަކީ ފުރައްސާރަކުރުން ކަމަށެވެ.

"އެމީހުން އަހަރެންނަށް ފުރައްސާރަކުރަމުން ބުނި، ދިވެއްސެއް ވީމާ ޓެރަރިސްޓަކަށް ވުމަކީ ކައިރި ކަމެއް، މިފުޅީގައި މިހިރީ ނުބައި ކެމިކަލެއް ކަމަށް ވެސް ވެދާނެ، " އޭނާ ބުންޏެވެ.

މިނޫން ވެސް މިފަދަ އެތައް ޝަކުވާއެއް ދިވެހިން ކުރެ އެވެ. އިންޑިއާ މީހުން އައިސް ރާއްޖޭގައި " ހެސްކިޔާފައި ވިޔަފާރި ކުރާ އިރު ، " އެގައުމުގައި ދިވެހިންނަށް އެފުރުސަތު ނޯންނަކަމާއި މަދު މީހަކަށް ނޫނީ ވަޒީފާއެއް އަދާ ކުރުމުގެ ފުރުސަތުވެސް ނުދޭ ކަމުގެ ޝަކުވާ އެވެ.

މިފަދަ ޝަކުވާތަކާ އެކު ދެގައުމު ގުޅިގެން ކުރިއަށް ދަނިކޮށް، ދެން މިކުރިމަތިވީ ރާއްޖޭގައި އިންވެސްޓް ކުރި އިންޑިއާގެ ކުންފުންޏެއް އަނބުރާ ދާން ޖެހުނު މައްސަލައެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ހިމެނޭ ކޮންސޯޓިއަމްއާ އެކު ވެފައިވާ އެއްބަސްވުން އުވާލީ އެވެ.

އެކަމުގައިން އިންޑިއާއިން ފުރަތަމަ ބުނީ ދެގައުމުގެ ގުޅުމަށް އަސަރުކުރާނެ ކަމަށެވެ. ނަމަވެސް ފަހުން ބުނީ ނުކުރާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް އެކި ކަންކަމުގައި ދާ ދިވެހިންނަށް ދަތިކޮށް، ޖެއްސުން ކުރުން ދޭހަވާފަދަ ގޮތަކަށް ހައިކޮމިޝަނުން ކަންތައް ކުރާ މަންޒަރުފެނުނެވެ. އެއާ އެކު އިންޑިއާއިން އޮއްސާލީ ޝަކުވާ ގޯންޏެކެވެ.

"އަހަރެމެން އަބަދުވެސް މަސައްކަތް ކުރަނީ، އަދި މަސައްކަތް ކުރަމުން އައީ ވެސް ދިވެހިންނަށް ކަންތައްތައް ފަސޭހަކޮށްދިނުމަށް. އެކަމަކު އިންޑިއާގެ ރައްޔިތުންނަށް މިތާ ދިމާވާ މައްސަލަތައް ވަނީ ހައްލު ނުވެ، އަޅާ ނުލެވި ދޫކޮށްލެވިފައި،" އިންޑިއާ ހައިކޮމިޝަނުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް ގޯނާ ކުރި ކަމުގެ 400 އަށް ވުރެ ގިނަ މައްސަލަ ވޭތުވެ ދިޔަ އެއް އަހަރު ތެރޭގައި ހައިކޮމިޝަން މެދުވެރިވެގެން ދިވެހިސަރުކާރުގެ ކަމާ ބެހޭ އިދާރާތަށް ހުށައަޅާފައިވާ ކަމަށެވެ.

"ވިސާ ނުހޯދައި އައުމުގެ ފުރުސަތު ( އޮން އެރައިވަލް ވިސާ) ނުދީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައިން އިންޑިއާގެ 50 ރައްޔިތުން ވަނީ ފޮނުވާލާފައި، " އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާއަށް ދިއުމަށް ވިސާ ދޫކުރުމަށް ދިވެހިން އަތުން އެއްވެސް އަގެއް ނުނަގާ އިރު ރާއްޖެއިން ވޯކް ވިސާ އާއި ޑިޕެންޑެންޓް ވިސާ ދޫކުރަނީ އަގު ނަގާފައި ކަމަށެވެ.

"އިންޑިއާގައި ތިބޭ ދިވެހިންގެ ބެލެނިވެރިން ، އިންޑިއާގައި ތިބުމަށް އިންޑިއާއިން ވަނީ ހިލޭ ވިސާ ދޫކޮށްފައި، އެކަމަކު ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންގެ ބެލެނިވެރިންނަށް ދިގު މުއްދަތުގެ ވިސާ ރާއްޖެއަކުން ނުދޭ، " ހައިކޮމިޝަންގެ އޮފިޝަލު ވިދާޅުވި އެވެ.

ސީރިއަސް އަނެއް މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ޕާސްޕޯޓް އެމީހުންނަށް ވަޒީފާ ދޭ ފަރާތުން ހިފަހައްޓާފައި، ވޯކްޕާމިޓާއި ވިސާ އާ ނުކޮށްދޭ މައްސަލައެވެ.

"އެއީ ވަޒީފާ ދޭ މީހުންގެ ގާނޫނީ ޒިންމާއެއް، އެކަމަކު އެމީހުން ތިބެނީ ޕާސްޕޯޓް ހިފަހައްޓައިގެން، އެހެން ތިއްބާ ވިސާ ހަމަ ވުމުން އިމިގްރޭޝަނުން މިއަމަލުކުރަނީ ވަގަށް އެތެރެވާ މީހުންނާ މެދު އަމަލުކުރާ ގޮތަށް ، 15000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް އެބަ ކުރޭ، " އޭނާ ވިދާޅުވިއެވެ.

އިންޑިއާ މީހުންނަށް ރާއްޖޭގައި މައްސަލަތަކެއް ކުރިމަތިވާ ކަމަށް ދިވެހި ސަރުކާރުން ވެސް އެއްބަސް ވެއެވެ. ނަމަވެސް ބުނަނީ އެއީ އަރާފައިވާ އޮޅުން ތަކެއްގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެއް ކަމަށާއި އެކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ފިއްތުމުގައިވެސް ހުރީ ޝަކުވާތަކެވެ. ބަހަނާ ތަކެކެވެ. ދިވެހިންގެވެސް ހުރީ ޝަކުވާތަކެކެވެ. ވިސާ ހޯދަން ކިއުހަދަން ޖެހޭ މައްސަލަ އެވެ. އިންޑިއާގައި ދިމާވާ ދަތިތަކުގެ މައްސަލަ އެވެ. ދެފަރާތުގެވެސް ޝަކުވާތައް ހުރީ އެވެ. ބަހަނާތައްވެސް ހުރީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް