ރައްޔިތުންގެ މަޖިލިސް ގާނޫނު އަސާސީއާ ހިލާފުވުމުގެ ބަހުސް!

މީހަކު ކުށެއް ކުރިކަން ޝަރީއަތަށް ސާފުނުވާ ނަމަ އެމީހަކީ ކުށްވެރިއެއް ނޫންކަމަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނެފައިވެ އެވެ. ނަމަވެސް ގާނޫނު އަސާސީގައި އެގޮތަށް ބުނެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން މިފަހަކަށް އައިސް އަމަލު ކުރަމުންދާ ގޮތުން އެއީ މީހުންގެ ހައްގުތައް ގެއްލެމުންދާ ކަމަށް ގާނޫނީ ވަކީލުންނާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ބަހުސްކުރައްވަ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރެއްވި ކަމަށް ބުނެ މަޖިލީހުން ވަނީ އޭނާ މަގާމުން ދުރުކޮށްފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ގާނޫނު އަސާސީއާ ޚިލާފުވިކަމަށް ކަނޑައަޅައި މަޖިލީހުން ފާސްކޮށްފައިވެ އެވެ. ޝަރުއީ ކޯޓަކުން މީހަކު ކުށްވެރިވެއްޖެ ކަމަށް ކަނޑަނާޅަނީސް މީހަކު ކުށެއް ކުރިކަމަށް ދޭހަވާގޮތަށް މަޖިލީހުގެ ނިންމުންތައް ނިންމެމުންދާތީ އެކަމާ ސުވާލުއުފެއްދިދާނެ އެވެ.

ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވާ ގޮތުން މަޖިލީހުގެ އަމަލުތައް މިހާރު ހުރިގޮތަށް ބަލާއިރު ލިބިގެން ނުވާބާރެއް ބޭނުން ކުރާކަމަށް ބުނެވިދާނެ އެވެ. އޭނާ ވިދާޅުވާ ގޮތުން ކަމެއް ބަލާފައި އެކަމެއް ތަހުގީގު ކުރުމަށް ކަމާބެހޭ މުއައްސަސާއަކަށް މަޖިލީހުގެ ފަރާތުން ލަފާއެރުވިދާނެ ކަމަށާއި ނަމަވެސް މީހަކު ގާނޫނު އަސާސީއާ ހިލާފުވީ ކަމަށް ކަނޑައެޅުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމަލުތައް ހުންނަގޮތުން އެއީ ތަހުގީގު ކުރާ އިދާރާއެއް ގޮތަށް މިހާރު އެބަ ސިފަވޭ. ރައްޔިތުން މަޖިލީސް އެބަޖެހޭ ރައްޔިތުންގެ މަޖިލީހަށް ވާން. އެބޭފުޅުންނަށް ނުވެސް ނެތް ބާރެއް އެ ބޭނުން ކުރައްވަނީ. ސަރުކާރުގެ މިނިސްޓަރުންގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބެލިދާނެ. ސަރުކާރަށް އެކި ކަންކަމުގައި ލަފާދެވިދާނެ. ކަމާ ބެހޭ ކޮމެޓީއަކުން ބަލާފައި ތަހުގީގު ކުރުމަށް ލަފާ އެރުވިދާނެ. މީހަކު ކުށެއް ކުރިކަމަށް ކަނޑައެޅުމާއި ގާނޫނު އަސާސީއާ ޚިލާފުވުމާ މިއީ މަޖިލީހަށް ކުރެވޭނެ ކަމެއް ނޫން،" އާސިފް ވިދާޅުވި އެވެ.

ފަހުމީ މަގާމުން ވަކިކުރަން ފެންނަކަމަށް ބުނެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ފަހުމީގެ މައްޗަށް ސީދާ ކުށެއް ސާބިތުވީ ކަމަށް ބުނެފައިނުވާ އިރު އެއީ ހަމައެކަނި ތުހުމަތުތަކެއް ކަމަށް އެ ރިޕޯޓުން ހާމަވެ އެވެ. ފަހުމީ މަގާމުން ވަކިކުރަން މަޖިލީހުގައި ވޯޓު ނަގާ ފާސްކުރީ އެ ތުހުމަތުތަކުގެ މައްޗަށް ބުރަވެ ތިބެ އެވެ.
ސިވިލްސާވިސް ކޮމިޝަންގެ މެންބަރުކަމުން ފަހުމީ ވަކިކުރުމަށް ނިންމީ އެކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ގާނޫނު އަސާސީގެ 188 ވަނަ މާއްދާގައި ބަޔާންކުރާ އެކަށީގެންނުވާ ކަމެއް ފަހުމީ ކުރައްވާފައިވާ ކަމަށް ފެންނާތީ، މަގާމުން އަމިއްލަ އަށް އިސްތިއުފާ ދިނުމަށް ފަހުމީއަށް އެންގުމުން އިސްތިއުފާ ދީފައި ނުވާތީ އެވެ.

ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވި ގޮތުގައި ޖިނާއީ މިންގަނޑުން ކަމެއް ސާބިތުވި ކަމަށް ނިންމޭނީ ހަމައެކަނި ޝަރުއީ ކޯޓަކަށެވެ. އޭނާ ވިދާޅުވީ ކޮމެޓީން އެގޮތަށް ނިންމާފައި ވަނީ ފަހުމީގެ މައްޗަށް ކުށް ސާބިތުވީ މަދަނީ މިންގަނޑަކުން ކަމަށް ބަލައިގެން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުންނަށް ފަހުމީގެ މައްޗަށް އިތުބާރު ނެތުނީ އެވެ. އެ މައްސަލަ އެގޮތަށް ނިންމިދާނެ އެވެ.

"ވަރަށް ބޮޑަށް ބަލަންޖެހޭ ކަމެއް މަދަނީ މިންގަނޑުން ކަމެއް ސާބިތުވުމާއި ޖިނާއީ މިންގަނޑުން ކަމެއް ސާބިތުވުން. ފަހުމީ ކުރިކަމެއް ސާބިތުވާކަމަށް ކޮމެޓީން ނިންމީ މަދަނީ މިންގަނޑުން ޖިނާއީ މިންގަނޑަކުން ނޫން. އަދިވެސް އެއްވެސް ބަޔަކު ނުބަލައޭ ފަހުމީ އަކީ ކުށްވެރިއެއް ކަމަށް. ފަހުމީގެ މައްޗަށް އިތުބާރު ނެތުނީ. ފަހުމީގެ މައްޗަށް އިތުބާރު ނެތުނީ އަންހެން ކުއްޖަކާ ބެހޭ ގޮތުން ފެތުރުނު ވާހަކަތަކުގެ މައްޗަށް. އެ ކޭސްއަކީ ޖިނާއީ ކުށެއް. އެކަމަކު އެކަން ޝަރުއީ ކޯޓަކުން ސާބިތުކޮށް ނުނިންމާ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެސް އަދި އާންމު މީހަކަށް ވެސް ނުބުނެވޭނެ، އެކަމަކު އެބާވަތުގެ ކަމެއްގައި ތުހުމަތު ކުރެވުނީމަ އެކަން ބެލިއިރުގައި މަޖިލީހުގެ މެންބަރުންނަށް ފާހަގަ ކުރެވުނީ ނުކުރުމަށް ވުރެ އެއީ ކުރުން ގާތް ކަމެއް ކަމަށް. އަދި އެކަން ބެލެވިފައި އޮތީ މަދަނީ މިންގަނޑަކުން. އެހެންވީމާ އެގޮތަށް ބަލައި ފަހުމީ މަގާމުން ވަކިކޮށްފައި ވަނީ. އެއީ މަޖިލީހަށް ލިބިގެންވާ ބާރެއް،" ފަރީދު ވިދާޅުވި އެވެ.

ޕީޖީ ގާނޫނު އަސާސީއާ ޚިލާފުވިކަމަށް ވެސް މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފަ އެވެ. މަޖިލީހުން އެގޮތަށް ފާސްކުރީ 2010 ވަނަ އަހަރުގެ ތެރޭގައި އެ އޮފީހުން ބަޔަކަށް ދިން ކެއުމެއް އަގު ހޯދުމެއް ނެތި ވަކިބަޔަކާއި ހަވާލުކޮށްގެން އެކަން ކުރުވާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ފެންމަތިވުމުންނެވެ.

އޮޑިޓް ރިޕޯޓު ނެރުނުތާ ދެ އަހަރު ފަހުން މަޖިލީހުން އެ މައްސަލަ ބަލައި ގާނޫނާ ޚިލާފުވީ ކަމަށް ކަނޑައަޅާފައިވާ އިރު އެއްވެސް މުއައްސަސާއަކުން މިހާތަނަށް އެ މައްސަލަ ތަހުގީގުކޮށްފައި ނުވެ އެވެ. އަދި އިދާރީގޮތުން ނިންމުންތައް ނިންމާ އެކި ފެންވަރުގެ ބޭފުޅުން ޕީޖީ އޮފީހުގައި ތިއްބަވާއިރު ޕީޖީ އޮފީހުން ނިންމި އެ ނިންމުމަކީ ސީދާ ޕީޖީ މުއިއްޒު ކުރެއްވިކަމެއް ކަން ވެސް މިހާތަނަށް މަޖިލީހުން ބުނެދީފައި ނުވެ އެވެ.

ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި ޕީޖީ ގާނޫނާ ޚިލާފުވި ކަމަށް ކަނޑައެޅުމަކީ އެއީ މަޖިލީހަށް ކުރެވިދާނެ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމެޓީން ބަލަން ޖެހޭ ބެލުންތައް ބަލުމަށް ފަހު މަދަނީ މިންގަނޑުން މީހެއްގެ މައްޗަށް ކަމެއް ސާބިތުވެއްޖެ ނަމަ އެމީހަކު ގާނޫނު އަސާސީއާ ޚިލާފުވި ކަމަށް ކަނޑައެޅުމުގެ ބާރު މަޖިލީހަށް ލިބިގެން ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުން މުއައްސަސާއަކަށް އައްޔަން ކުރާ މީހަކު އެތަނަކުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވެ އެވެ. އަދި އެގޮތަށް މީހަކު ވަކިކުރާއިރު އެމީހަކު ވަކިކުރަނީ ކޮންސަބަބަކާ ގުޅިގެންކަން ބުނަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

"މަޖިލީހަކީ ޝަރީއަތް ކުރާ ތަނެއް ނޫން. މަޖިލީހުން ނިންމުންތައް ނިންމަންޖެހޭނީ ތަހުގީގުކޮށް ޝަރީއަތް ކޮށްގެނެއް ނޫން. މަޖިލީހުގެ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއް. މަޖިލީހުން އެޕޮއިންޓް ކުރާ މީހަކު ވަކިކުރުމުގެ ބާރު މަޖިލީހަށް އެބައޮތް ދީފައި. މަޖިލީހުން ނުޖެހޭނެ ރީޒަން ދައްކާކަށް،" އަފީފް ވިދާޅުވި އެވެ.

މަޖިލީހަކީ ސިޔާސީ ނިންމުންތަކުގެ މައިމަރުކަޒެވެ. އެއީ ޑިމޮކްރަސީގައި ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ޑިމޮކްރަސީގައި އެ މަފްހޫމް އޮންނަނީ އެގޮތަށެވެ. ނަމަވެސް މަޖިލީހުން ނިންމާ ސިޔާސީ ނިންމުންތަކަކީ ޒިންމާދާރު ސިޔާސީ ނިންމުންތަކަކަށް ވާންޖެހޭނެ އެވެ. އެހެން ނޫން ނަމަ މަޖިލީހަކީ ސިޔާސީ ވިސްނުމުގައި ގާނޫނު އަސާސީގެ އިންފަހަނައަޅާދާ މަޖިލީހަކަށް ވެދާނެ އެވެ. ގާނޫނު އަސާސީގެ މާ މަތީގައި މަޖިލީހަށް ބާރުތަކެއް ލިބިގެންވާ ކަމަށް ރައްޔިތުންނަށް ސިފަވެދާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް