އެމްޓީޑީސީގެ ޑިރެކްޓަރުން ހޮވުން: ސަރުކާރުން ވޯޓު ދީފައި ވަނީ އާއްމު ހިއްސާދާރުންގެ މައްޗަށް ސަރުކާރުގެ އަތްގަދަކުރުމަށް:ޑީއާރުޕީ

ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި، ސަރުކާރުން ވޯޓު ދީފައި ވަނީ އާއްމު ހިއްސާދާރުންގެ މައްޗަށް ސަރުކާރުގެ އަތްގަދަކުރުމަށް ކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފި އެވެ.


ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި، އެ ކުންފުނީގެ ބޯޑަށް ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރި ޑިރެކްޓަރުން ހޮވުމުގައި ސަރުކާރުން ވޯޓު ދީފައި ވާތީ އެކަން ކުށްވެރިކޮށް ޑީއާރުޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ސަރުކާރުން ބައިވެރިވެފައި ވަނިކޮށް ޢާންމު ހިއްސާދާރުން އެވޯޓުގައި ބައިވެރިވުމަކީ ނަތީޖާއަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ނުވާތީ، މީގެ ކުރީ އަހަރުތަކުގައި ސަރުކާރުން އެ ވޯޓުގައި ބައިވެރިވެފައި ނުވާކަމަށެވެ. އެހެންކަމުން މިއަހަރު އެ ވޯޓެއްގައި ސަރުކާރުން ބައިވެރިވުމަކީ ޢާންމު ޙިއްޞާދާރުންގެ މައްޗަށް ސަރުކާރުގެ އަތްގަދަކުރުން ނޫން އެހެން ގޮތަކަށް މާނަ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.


އެމްޓީޑީސީގެ ބޯޑުގައި އަންމުން ތަމްސީލްކުރާ މެންބަރުންގެ ތެރޭގައި، ހިމެނިވަޑައިގަންނަވާ މުހައްމަދު އަޒުމަތައް އިޝާރާތްކޮށް ޑީއާރުޕީގެ ނޫސް ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން ވޯޓުގައި ބައިވެރިވެގެން ހޮއްވެވި ޑިރެކްޓަރުންގެ ތެރޭގައި، މިވަގުތު ސަރުކާރުގެ އިސް މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ ދަރިއަކު ހިމެނުނުކަމީ، ވަކި މީހެއްގެ އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް ކުރި ނާތަހުޒީބު ޢަމަލެއްގެ ގޮތުގައި ތުހުމަތުކުރެވޭ ކަމެއް ކަމަށެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި، މުހައްމަދު އަޒުމަތަކީ، ރައީސް އޮފީހުގެ ފައިނޭންސް ސެކްރެޓަރީ އަހުމަދު މައުސޫމުގެ ދަރިކަލެކެވެ.


ޑިރެކްޓަރުން ހޮވުމުގައި ސަރުކާރުން ވޯޓުލުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ސަބަބުން ހަތަރު ފަހަރަށް ކެންސަލްކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ ނިމިގެން ދިޔައީ ބޮޑެތި ހިޔާލުތަފާތުވުން ތަކަކާއެކު އެވެ. މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ޖަލްސާ ހޫނުވީ ވެސް، ޖަލްސާ ބޭއްވުމުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް، ޑިރެކްޓަރުން ހޮވުމުގެ ވޯޓުގައި ސަރުކާރުން ބައިވެރިވުމާ ގުޅިގެންނެވެ. އަދި އެ މައްސަލައިގައި، ކުންފުނީގެ ޗެއާމަން އިބްރާހިމް ސަލީމަށް އާއްމު މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ސަލީމަކީ، ކުންފުނި ހިންގުމުގެ ގާބިލްކަން ލިބިފައިވާ ބޭފުޅެއް ނޫން ކަމަށް ވެސް ގިނަ މެންބަރުންތަކެއް ބުނަމުންދިޔަ އެވެ. އަދި ސަރުކާރުން ވޯޓުގައި ބައިވެރިވުމަށް ނިންމުމާ ގުޅިގެން ގިނަ އަދަދެއްގެ މެންބަރު ޖަލްސާ ބޮއިކޮޓްކޮށް ވަނީ ޖަލްސާއިން ނުކުމެގެން ގޮސްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު