ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އިންޒާރެއް!

ދުނިޔޭގެ ބޮޑެތި ތަރައްގީ ގައުމުތަކުގައި މީހުންގިނަ ތަންތަނުގަ އާއި ކުޑަކުދިން އާންމުކޮށް ޒިޔާރަތްކުރާ ހިސާބުތަކުގައި އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ވަކި އުސޫލެއް ނެތި ދުންފަތުގެ އިސްތިއުމާލުކުރަމަކީ އަދަބުތަށް ދެވޭނެ ބޮޑު ކުށެކެވެ. ނަމަވެސް ރާއްޖޭގައި އެކަން މުޅިން ތަފާތެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގައި މީގެ ކުރިންވެސް ގަވާއިދުތަކެއް ހެދިފައި ހުއްޓަސް އެއަށް ބޯލަބަނީ މަދު ބައެކެވެ. ހިތައް އެރިތަނަކު ސިގިރޭޓް ބުޔުމަކީ ދިވެހިންގެ އާދައެކެވެ.
އެ އާދަތަކާ ދުރުވާން ޖެހޭ ވަގުތު މިހާރު ޖެހިއްޖެ އެވެ. ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމު"ގެ ގަވާއިދަށް އަންނަ ޖެނުއަރީމަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. އެ ގަވާއިދަށް ބޯނުލަބާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތަކަކާ ކުރިމަތިލާންޖެހޭނެ އެވެ.

ގަވާއިދުގެ ދަށުން މީހުން ވަދެ ނުކުމެވާ ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތައް ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތާގައި އޮންނަ ހާމަ ބިންތަކާއި ރިހަބިލިޓޭޝަން ސެންޓަރު ތަކާއި އެތަންތަނުގައި އޮންނަ ހާމަ ބިންތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި ކުޑަކުދިންގެ ޕާކްތަކާއި އެކުދިން އާންމުކޮށް މުނިފޫހި ފިލުވުމަށް ގޮސް އުޅޭ ތަންތަނާއި ފެރީތަކާއި ފެރީ ޓާމިނަލްތަކުގައިވެސް ދެން ސިގިރޭޓް ނުބޮވޭނެ އެވެ. ދެން ފެންނާނީ އެކަން މަނާކުރުމަށް ޖަހާފައިވާ ރަތްބޯޑެވެ.

ސެންޓާ ފޯ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓޫރޯލްގެ ޑެޕިއުޓީ ޑައިރެކްޓާ ހަސަން މުހައްމަދު ވިދާޅުވީ ޖެނުއަރީ އެކަކުން ފެށިގެން އެގަވައިދަށް އަމަލުކުރަންފަށާނެ ކަމަށާއި އެގަވާއިދަށް އަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވިދާޅުވީ އެގަވައިދަކީ ވަކިފަރާތަކަށް އުނދަގޫނުވާނެފަދައިން ހުރިހާ އެންމެންގެ ފައިދާއަށް ހެދިފައިވާ ގަވައިދެއް ކަމަށެވެ. ނަމަވެސް ދެރަކަމަކީ ބައެއް ފަރާތްތަކުން ކޮންމެވެސް ބަހަނާއެއްގައި އެ ގަވާއިދަށް އަމަލުކުރުމާ ދުރަށްދާން މަސައްކަތްކުރުމެވެ. ރައްޔިތުން ހޭލުންތެރި ނުވާކަމަށް ބުނެ ސީދާ އެގަވާއިދަށް އަމަލުކުރުން ހުއްޓުވަން މަސައްކަތްކުރުމެވެ.

"ބައެއް ފަރާތްތަކުން އެގަވާއިދު ނުބައިކޮށް އެބަ މާނަކުރޭ، މިސާލަކަށް މަގުމަތީ ދުންފަތުގެ އިސްތުއުމާލް ނުކުރެވޭނޭ ކިޔައިގެން ނަމަވެސް މަގުމަތީގައިވެސް އެގަވާއިދުގެ ދަށުން ސިނގިރޭޓްބޮވޭ، އަދި މަޖިލީހުގެ ކޮމެޓީއަކަށް އެބަހުށައަޅާފައިވޭ މިގަވާއިދަށް އަމަލުކުރުން ފަސް ކުރުމަސްވެސް އެދިފައި، އެކަމުގެ ސަބަބަކަށް އެބޭފުޅުން ބުނަނީ ރައްޔިތުން މިކަމަށް ހޭލުންތެރިނުވަނީއޭ، އަޅުގަނޑުމެންގެ ޖަވާބަކީ މިގަވާއިދުގެ ދަށުން ރައްޔިތުން ކުރަންޖެހޭ ކަންތައްތަކެއް ނުހިމެނޭ، އެތަނަކީ ސިނގިރޭޓް ނުބޮވޭތަނެއްނަމަ އެތާންގައި ހުންނާނެ ނުބޮވޭނެކަން އަންގައިދޭ ނިޝާނެއް ފެންނަން،" ހަސަން ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދެވެނީ ހަމައެކަނި ހުއްދަދެވޭ ތަންތަނަށެވެ. އެ ހުއްދަތަކަށް އެދުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް ހަސަން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރެވޭ ތަންތަން ކަނޑައަޅަން ރަޖިސްޓްރީ ކޮށްފައި ހުރީ މަދުބައެއް ކަމަށެވެ.

އެ ގަވާއިދުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން އެއާކޯން ކޮށްފައިވާ ތަންތަނާއި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރެންޓްގެ އިތުރުން ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޚާއްސަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެ ގަވާއިދުގައި މަނާކޮށްފައިވާ ކަމެކެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަނަށް ޚާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ. އަދި ސައި ހޮޓާ، ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ، ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ލިޔުން ބައްޓަންޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ. އަދި އެތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރެވޭ ސަރަހައްދެއް ކަޑައަޅަން ބޭނުންވާނަމަ އެހިސާބެއް ވަކިވާނެގޮށް ލިޔުން ބަހައްޓަންޖެހެއެވެ. އަދި ގަވައިދާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދިނުމުން ނުވަތަ ފުލުހުނަށް ފެނުމުން އެފަރާތަކަމެދު ފިޔަވަޅުއަޅާނެއެވެ.

އެ ގަވާއިދުގެ ދަށުން އެލިޔުން ނުބަހައްޓާނަމަ ފުރަތަމަ ފަހަރަށް އެ ފަރާތެއް 500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާއްމު ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަނެއްގެ ވެރިފަރާތް 1،000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި އެ އަމަލު ކޮށްފި ނަމަ 500ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެގަވައިދަށް އަމަލުނުކުރާ ފަރާތްތަކާމެދު އެފަދަ އަދަބުތަކެއް ދިނުމަށް ނިންމާފައިވާއިރު ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖެއަށް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބުލިޔު އެޗްއޯ) އިން 2004 ވަނަ އަހަރު މުޅި ރާއްޖެގައި ކުރި ސްޓެޕްސް ސާވޭ އިން ދައްކާ ގޮތުގައި ރާއްޖޭގައި ގާތްގަނޑަކަށް 24 ޕަސަންޓު މީހުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ވަބާގައި ޖެހިފައިވާ މީހުނެވެ. ނަމަވެސް ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ އިން އަންދާޒާ ކުރާ ގޮތުގައި މިހާރު އެ ޢަދަދު 40 ޕަސަންޓާ ގާތް ކުރާނެ އެވެ. ދެހާސްނުވަނަ އަހަރު ކޮށްފައިވާ މޯލްޑިވްސް ޑިމޯގްރަފިކް އެންޑް ހެލްތް ސާވޭގެ ނަތީޖާ ދައްކާ ގޮތުން އުމުރުން 15 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިން 19.8 ޕަސަންޓު މީހުން ދުންފަތުގެ އިސްތިޢުމާލު ކުރެ އެވެ. އަދި 20 އަހަރާއި 24 އަހަރާއި ދެމެދުގެ ޢުމުރު ފުރާގެ ތެރޭގައި އެ ނިސްބަތް އުޅެނީ 42 ޕަސަންޓުގައި ކަމަށް ވެސް ސީސީ އެޗްޑީސީގެ ހިސާބުތަކުން ދައްކަ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމުގެ ގަވައިދުގެ ދަށުން މީގެ ކުރިން ދުންފަތުގެ އިސްތިއުމާލް ކުރެވޭހާ މިނިވަންކޮށް އެކަންކުރުމަށް ހުރަސްތަކަކާ ކުރިމަތިވުމުން އެކަމަކީ އެއްވެސް ފަރާތަކުން ހިންހަމަނުޖެހޭކަމަކަށް ވެގެނެއް ނުވާނެއެވެ. ސަބަބަކީ އެފަދަ ގަވައިދުތަކަކީ ދުނިޔޭގެ އެތަށްގައުމެއްގައި އަމަލުކުރާ އަދި އެންމެނަށް ފައިދާ ކުރާނެ ގަވައިދަކަށް ވާތީ އެވެ. ޑިސެމްބަރު މަސް ބައިވެ ޖެނުއަރީ މަހާ ގާތްކުރަމުންދާއިރު ހުރިހާ ފަރާތްތަކަކުންވެސް ސަމާލުކަންދޭންވީ ކަމަކީ އަންނަ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުންފެށިގެން އެގަވާއިދަށް އަމަލުކުރަންފަށާނެ ކަމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް