މަޖުލިސް އުވާލައި، ރިއާސީ އިންތިހާބު 2014 އަށް ފަސްކުރުން

އިންޑީއާގެ ނޫސްވެރިޔަކު ދާދިފަހުން ސިފަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ސިޔާސީ ޝަހުސިއްޔަތަކަށްވުރެ ބޮޑަށް ކުޅޭ ކުޅޭ ބޭފުޅެކެވެ! މިފަހަކަށް އައިސް ސިޔާސީ ޕޯޑިއަމް ތަކުގައި ނަޝީދު ދައްކަވާ ވާހަކަތަކަށް ވިސްނާލުމުން ވެސް ރައީސް ނަޝީދަކީ ކުޅޭ ކުޅޭ ބޭފުޅެއްކަން އެނގިގެން ދެއެވެ.

ރައީސް ނަޝީދާއި ރީކޯ މޫސަ ކިތައްމެ ހިތްވަރުގަދަ ކަމަށް ދެއްކެން އުޅުއްވިއަސް މިދެބޭފުޅުންނާއި އެމް.ޑީ.ޕީގެ އިސްސަފުގައި ތިއްބެވި ގިނަ ލީޑަރުންތަކެއް ވަނީ މާޔޫސްވެ ގޮތް ހުސްވެފައިކަމަށް ފެނެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހް ބަދަލުވަމުންދާ ގޮތުން ނަޝީދުއާއި އެމް.ޑީ.ޕީ މިހާރު ވަނީ ސިޔާސީ ގޮތުން މުހިއްމު ކަމެއް ނެތް ބަޔަކަށް ވާން ފަށާފައެވެ.

ރައްޔިތުންގެ މަޖުލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މީހާ މިހާރުވަނީ ރާއްޖޭން ފުރައިގެން ގޮސްފައިކަމަށް ނަޝީދު ދާދިފަހުން ވިދާޅުވިއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ތަހުގީގު ކުރުމުގައި ދިވެހި ފުލުހުންނާއި އެކު އެފް.ބީ.އައި ގެ ތަހުގީގު ޓީމަކުން ބައިވެރިވާއިރު އެބޭފުޅުންނަށް ވެސް އެނގިވަޑައިނުގަންނަވާ ކަންތައް ރައީސް ނަޝީދަށް އެނގިވަޑައިގަތުމަކީ އަރަތެކެވެ.

އެއްދުވަހަކު ހެނދުނު ރައީސް ނަޝީދު ހޭފުޅުލައްވާއިރު ހިތްޕުޅަށް އަރައިވަޑައިގަންނަވަނީ ޑރ.އަފްރާޝީމް އަވަހާރަކޮށްލީ އެންޓާޓިކާއިން އައި ޕޯލާބެއާއެއް ކަމަށެވެ. އެހެންކަމުން އެމް.ޑީ.ޕީ ގެ ކޮންމެވެސް ޖަލްސާއެއްގައި އެގޮތަށް ވިދާޅުވާނެއެވެ. އެއާއިއެކު އެމަނިކުފާނު ވިދާޅުވިހާގޮތަކަށް އެނބުރޭ ކުދި ސޯބުތައް އެވާހަކަ ގަބޫލުކުރާނެއެވެ.

އަބްދުﷲ ގާޒީ ކިޑްނޭޕް ކޮށް ނިޒާމުން ގެއްލުވާލި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ޖަލުހުކުމެއް އަޔަސް ފަރުވާލެއް ނެތްކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި ޖަލަށް ލައިފި ނަމަ މެޓާ ކަރުދާސް މެޓައިން ވަކިކުރާހާ ފަސޭހަކޮށް ސަރުކާރު ވައްޓާލާނެކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. މީގެންވެސް ދޭހަކޮށްދެނީ ޖަލުހުކުމެއް އަތުވެދާނެތީ ނަޝީދު ޖެހިލުންވާވަރެވެ. ނަޝީދު މިހާރު އެންމެ ބޭނުންފުޅުކަމަކީ ސަރުކާރު ވައްޓާލުންކަމުގައި ވާއިރު ޖަލަށް ލަންދެން މަޑުން ހުންނަވަންވީ ނޫންތޯއެވެ. އެއިރުން ހަމަ ޖަލަށްލާއިރަށް މެޓައެއް ނޮޅާލާހާ ފަސޭހަކޮށް ނަޝީދުއަށް ސަރުކާރު ވައްޓާލެވޭނެ ނޫންތޯއެވެ. އެހެންކަމުން މިވާހަކަދައްކައި މިހާރުގެ ސަރުކާރަށް އިންޒާރުދެއްވަނީ ކޮން ބޭނުމެއްގައިތޯއެވެ.

"ބާބުލް އިމްރާނު" އަކީ މިހާރުގެ ޤާނޫނު އަސާސީ ގެ ބާބެއް ކަމަށާއި އެބާބުގައި ވާގޮތުން އެމީހަކު ބޭނުންކަމެއް އެމީހަކަށް ކުރެވޭނެކަމަށް ރީކޯ މޫސަ ވިދާޅުވުމުންވެސް ނަޝީދު އަތްތިލަބަޑި ޖެއްސެވިއެވެ. ތުއްތުކުއްޖަކަށް ލޮލީ ޕޮޕެއް ލިބުނީމަ އުފަލުން އަތްތިލަޖަހާގޮތަށެވެ. ނަމަވެސް ޝެއިހް އިމްރާނުގެ ނަމުގައި ބާބުލް އިމްރާނެއް ވާނަމަ އެބާބު ޑްރާފްޓް ކުރެވުނީ "ބާބުލް ރީކޯ މޫސަ" އަސްލަކަށް ބަލައިގެންނެވެ. އެހެނީ ނަޝީދުގެ ވެރިކަމުގައި ރީކޯ މޫސަ މަގުމަތީގައި އަމިއްލަ އަށް ކޯޓު ހައްދަވައިގެން ހުކުމް ކުރެއްވީ "ބާބުލް ރީކޯ" ގެ ދަށުން ނޫންތޯއެވެ.

އެމް.ޑީ.ޕީ ގެ ޖަލްސާއެއްގައި ރީކޯ މޫސަ އާއި ނަޝީދު ވިދާޅުވެފައިވަނީ އެމް.ޑީ.ޕީން ސަރުކާރު ބަދަލުކުރާނީ އިންތިހާބަކުން ނޫން ކަމަށާއި، ދެން އެކަން ކުރާނީ މަގުމަތިން ބަޣާވާތަކުން ކަމަށެވެ. އަދި މިކަމުގައި ބައެއް ސިފައިންވެސް ބައިވެރިވާނެ ކަމަށް މިދެބޭފުޅުން ވިދާޅުވިއެވެ. މިވާހަކަ ތަކުންވެސް ދޭހަވަނީ ނަޝީދުއާއި ރީކޯ އަދި އެމް.ޑީ.ޕީ ނޭވާ ހޮޅިއަށް އެޅެމުންދާކަމެވެ.

މަގުމަތިން ސަރުކާރު ވައްޓާލެވޭނެ ބަޔަކު އެވާހަކަ އިއުލާނެއް ނުކުރާނެއެވެ. ވައްވައްޖަހާ ކުއްތާ ދަތެއް ނާޅާނެއެވެ. ނަޝީދު ދައްކަވާ ކުޅޭ ކުޅޭ ވާހަކަ ތަކުގެ ސިލްސިލާއަށް އިތުރު އައު ބޮޅަކީ ހަތްދިހަ މިލިޔަން ޑޮލަރަށް އެއަރޕޯރޓް ވިއްކާލައިފިކަމަށް ވިދާޅުވި ވާހަކައެވެ. މިއީ ސަލާމަތް ބުއްދިހުރި އެއްވެސް މީހަކު ގަބޫލުކުރާ ޒާތުގެ ވާހަކަތަކެއް ނޫނެވެ.

މާދަމާ އިރުއަރާއިރު ނަޝީދު މިފަދަ އެހެން ވާހަކައެއްވެސް ހަމަވިދާޅުވެފާނެ އެވެ. ތާލިބާނުންގެ ޓްރެއިނިންގ ކޭމްޕެއް ހަދަން ގިރިފުށި 100 އަހަރަށް ކުއްޔަށް ދީފިކަމަށްވެސް ވިދާޅުވެދާނެއެވެ. މިއީ ހަމަ ނަޝީދު އެވިދާޅުވާފަދަ ހިނދުކޮޅުގައި ނަޝީދު އަމިއްލަފުޅަށް ހުންނަވައިގެން ދައްކަވާ ކުޅޭ ކުޅޭ ވާހަކައެވެ. އާދައިގެ ބަހުރުވައިން ނަމަ މިއީ ކޮސްގޮވުމެވެ.

ޖީ.އެމް.އާރު ގެ ކިބައިން ދިވެހިންގެ އެއަރޕޯޓް މިނިވަންކުރުމަށް ފަހު ގައުމީ އިއްތިހާދުން މިހާރު އަމާޒު ހިފާފައިވަނީ ރައްޔިތުންގެ މަޖިލިސް އިސްލާހުކުރުމަށެވެ. މިމަސައްކަތް ކާމިޔާބު ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން ރައްޔިތުންގެ މަޖުލިސް އުވާލައި، އާ މަޖުލިހެއް އިންތިހާބު ކުރެވުނު އިރަކުންނެވެ. އެއިޑްސް ބައްޔަށް ފަރުވާއެއް ނެތްފަދައިން މިހާރު މިތިބަ މެންބަރުންނާ އެކު މަޖުލިސް އިސްލާހެއް ނުކުރެވޭނެއެވެ.

ރާއްޖޭގައި 2013 ވަނަ އަހަރު ބާއްވަންޖެހެނީ ރައްޔިތުންގެ އާ މަޖުލިހަކަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި އާއްމު އިންތިހާބެކެވެ. އެއަށްފަހު ގާނޫނަށް އިސްލާހެއް ގެނެސް ރިއާސީ އިންތިހާބު 2014 ވަނަ އަހަރަށް ފަސް ކުރުން މުހިއްމެވެ.

ބޭނުމަކީ މަޖުލިސް ތެރޭގައި ނުނިންމައި ތާށިވެފައިހުރި ގާނޫނުތައް ރިއާސީ އިންތިހާބުގެ ކުރިން ނިންމައި އެގާނޫނުތައް ތަސްދީގުކޮށް، މިނިވަން މުއައްސަސާތައް ބާރުވެރިކުރުވައި ޒިންމާދާރުކުރުވުމެވެ. އޭގެ އިތުރުން މަޖުލިހުގެ ސުލޫކީ މިންގަނޑު ކަނޑައަޅައި މަޖުލިސްވެސް ޒިންމާދާރުކުރުވުމެވެ. މިމަސައްކަތް ނުކޮށް ރިއާސީ އިންތިހާބު ބާއްވައިފިނަމަ ދިވެހި ގައުމަށް ދިމާވެފައިމިވާ ގިނަ ގުނަ ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސާދީ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދާނެކަން ޔަގީނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް