ސ. މީދޫ ފިހާރައަކުން ވައްކަން ކުރި ދެ މީހަކު ހައްޔަރުކޮށްފި

ސ. މީދޫ ފިހާރައަކަށް ގެއްލުންދީ އެ ފިހާރައިން ވައްކަން ކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އިއްޔެރޭ ދަންވަރު މީދޫ ފިހާރައަކަށް ބަޔަކު ވައްކަން ކުރަން ވަދެ އެ ފިހާރައިން ސެންޓްފުޅި ތަކަކާއި ފޯނު ކާޑުތަކެއްގެ އިތުރުން ވަކިލާރި ތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ ފިހާރައިގައި ހުރި ބައެއް މުދަލަށާއި ގެނެސްފައިހުރި ކާޑުގެ ބާވަތްތަކަށް ވެސް ގެއްލުންދީފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެ ދެމީހުން ވެސް ވައްކަން ކުރި ކަމަށް އިޢުތިރާފްވެފައިވާ ކަމަށެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރާއި 21 އަހަރުގެ މީހުން ކަމަށެވެ. އެގެ ތެރެއިން އެކަކީ މީގެ ކުރިން މަސްތުވާތަކެތި ބޭނުން ކޮށްގެން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް މީދޫ ފިހާރައެއް ފަޅާލައި ލެޕްޓޮޕަކާ ބައެއް ސާމާނު ވަނީ ވަގަށް ނަގައިފައެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ ރަށުތެރޭގައި ވައްކަން ކުރުން އިތުރު ވަމުންދާތީ ހާއްސަކޮށް ރޭގަނޑުގެ ވަގުތު ތަކުގައި ރަށުތެރެ އިތުރަށް ބަލަހައްޓަމުން އަންނަ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު