ޖުމުހޫރީ ޕާޓީގެ އަރަތެއް ފަދަ ކޯލިޝަން

ގާސިމް އިބްރާހީމްގެ ޖުމުހޫރީ ޕާޓީން ސަރުކާރާ އެކު ކޯލިޝަން ހަދައިގެން މި އުޅެނީ މާ މޮޅު ގޮތަކަށެވެ. ޖުމުހޫރީ ޕާޓީގެ ކުރީގެ ނައިބު ލީޑަރު އަބުދުﷲ ޖާބިރާއި ޕާޓީގެ ކައުންސިލް މެންބަރު އަލްހާން ފަހުމީ ވިދާޅުވަނީ ރައީސް ޑޮކްޓަރު ވަހީދަކީ "ބާޣީ" އެއް ކަމަށެވެ. އެމްޑިޕީގެ މެންބަރުން ތަކަކާ އެކު ނޮވެމްބަރު 28 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޖާބިރާއި އަލްހާން ވަނީ ސަރުކާރަށާއި ރައީސް ވަހީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކުރިޔަށް އޮތް އިތުބާރު ނެތް ކަމުގެ ވޯޓުގައި ރައީސް ވަހީދާ ދެކޮޅަށް ވޯޓު ލާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަމަ އެފަދައިން ޖީއެމްއާރް އަތުން އެއާޕޯޓު ނެގުމާ ދެކޮޅަށް ވެސް އަލްހާން ވަނީ އެދުވަހު ވާހަކަދައްކަވައިފަ އެވެ. ފަޅުރަށެއްގައި ރަލާއި މަސްތުވާ ހިކި ތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ނޮވެމްބަރު މަހު ޖާބިރު ހައްޔަރު ކުރުމަށް ފަހު އެމައްސަލައިގެ ތަހުގީގަށް ބޭނުންވެގެން ޖާބިރުގެ ޑީއެންއޭ ނެގުމަށް ފުލުހުން ކުރާ މަސައްކަތަކީ ވެސް ނުކުރެވޭނެ މަސައްކަތެއް ކަމަށް މި ދެބޭފުޅުން ވިދާޅުވެ އެވެ. ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.

މަސްތުވާ ތަކެތީގެ މައްސަލައިގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލުމުން އެންމެ ފުރަތަމަ ބައިވެރިވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު، ރައީސް ވަހީދަށް ނިސްބަތްކޮށް މުޚާތަބުކޮށްފައި ވަނީ "ގުންޑާ" ވަހީދުގެ ގޮތުގަ އެވެ.

މީ ކޮންކަހަލަ ކޯލިޝަނެއް ބާވައެވެ. އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުގައި ނަގާނީ ސިއްރު ވޯޓެއްގެ ގޮތުގައިތޯ ބެލުމަށް މަޖިލީހުގައި ނެގި ވޯޓުގައި ވެސް ޖުމުހޫރީ ޕާޓީގެ މެންބަރުން ވޯޓު ދެއްވާފައި ވަނީ ސަރުކާރުގެ ފިކުރާ އިދިކޮޅަށެވެ. ވޯޓު ސިއްރު ކުރުމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމަށް ދެވަނަ ފަހަރަށް ފޮނުވުމުގައި ޖުމުހޫރީ ޕާޓީގެ މެންބަރު އަބްދުﷲ އަބްދުއްރަހީމްގެ ދައުރު ވަރަށް ބޮޑެވެ.

މި ހުރިހާ ކަމެއް ކުރުމަށް ފަހު ޖުމުހޫރީ ޕާޓީން ބަޔާނެއް ނެރެލާފައި ބުނަނީ އެއީ އެ މެންބަރުންގެ އަމިއްލަ ޚިޔާލާއި ފިކުރު ކަމަށެވެ. އަދި އަލްހާން އާއި ޖާބިރު، ޑޮކްޓަރު ވަހީދަށް "ގުންޑާ" ވަހީދޭ ކިޔަސް އެއީ ޖުމުހޫރީ ޕާޓީގެ ވެރިންގެ ހައިސިއްޔަތުން ކިޔާ އެއްޗެއް ނޫން ކަމަށާއި އެއީ ފަރުދީ ހައިސިއްޔަތުން ފާޅުކުރި ޚިޔާލެއް ކަމަށެވެ. އަދި އެފަދަ ފާޑުކިޔުން ތަކުން ޖުމުހޫރީ ޕާޓީ ބަރީއަވާ ކަމަށެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ގާސިމް އިބްރާހީމަކީ މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ދުވާލަކު ދެދަޅައަށް ޕާޓީ ބަދަލުކުރައްވަމުން ގެންދަވާ ޖާބިރާއި އަލްހާން ފަދަ ބަޔަކު ޖުމްހޫރީ ޕާޓީއަށް ގެންދަވައިގެން ގާސިމް މިހާރު އެކުޅުއްވާ ޑްރާމާ އަކީ ސިޔާސީ ގޮތުން މި ފަދަ ނާޒުކު ދަނޑިވަޅެއްގައި ނޭނގި ތިއްބައި ގައުމުގެ ކުރިމަގު އަނދައިގެން ހިނގައިދާ ފަދަ ޑްރާމާ އެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ކޮންމެ މީހަކަށް ވެސް ވަރަށް ސާފުކޮށް އެނގޭ ގޮތުގައި އަލްހާނާއި ޖާބިރަކީ އެވަގުތަކު ސިޔާސީ ވައި ހުރި ގޮތަކަށް ކުރިޔަށްދާ ބައެކެވެ. އެފަދަ ބަޔަކު ބޭނުންކޮށްގެން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ ކުޅުއްވާ ޑްރާމާގެ ހަގީގީ ގެއްލުން ލިބޭނީ ރައީސް ވަހީދަކަށް ނޫނެވެ. އެގެއްލުން ލިބޭނީ ދިވެހި ގައުމަށެވެ.

ޖުމުހޫރީ ޕާޓީގެ ޢަމަލުތައް މިހާރު އެހުރި ގޮތުގެ މިސާލަކީ ބައްޕައަކު އޭނަގެ ވަކަރުގޭ ދަރީންކޮޅު ފޮނުވައިގެން އަވައްޓެރިންނަށް ދުއްތުރާ ކޮށް، ޖެހިގެން ހުންނަ ގޭ ބަނބުކެޔޮ ގަހުން ސިއްރުން ބަނބުކެޔޮ ކަނޑައި، ފާރުމަތީން ކަރުގޮހޮރު ކޮތަޅު އުކުމަށް ފަހު އެ ނުބައި ޢަމަލު ތަކުން އެ ބައްޕަ ބަރީއަ ވުމެވެ. އެއީ ވަކަރުގޭ ދަރީންކޮޅު ފަރުދީ ގޮތުން ކުރި ކަމެކެވެ. ނަމަވެސް އެއްކަލަ ސިއްރުން ކެނޑި ބަނބުކެޔޮކޮޅު ފެނު ކައްކައިގެން ގަރުދިޔަ އާއި ހުނިލައިގެން ކެއުމުގައި ބައްޕަ ވެސް ބައިވެރިވެ އެވެ. ކޮން ފަދަ ބަރީއަ ވުމެއްތޯ އެވެ. ކޮންފަދަ ކޯލިޝަން މެންބަރެއްތޯ އެވެ.

ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ގާސިމްގެ ޖުމުހޫރީ ޕާޓީން މިހާރު މަސައްކަތް ކުރަނީ ކުރިޔަށް އޮތް 2013 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އާއި ޑިއާރްޕީ އާއި އެކު ކޯލިޝަން ހަދައިގެން އެ ޕާޓީ ތަކުގެ ވޯޓު ހޯދުމަށެވެ. އެ ފަދަ ހާލަތެއްގައި އަނެއް ކޮޅުން ނިކުންނާނީ ޕީޕީއެމް އާއި އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީ ކަމަށް ވެދާނެ އެވެ.

މިއީ ރާއްޖޭގެ ސިޔާސީ މައިދާން މި ވަގުތު ބެހިފައިވާ ގޮތެވެ. ޖުމުހޫރީ ޕާޓީން ކިތަންމެ ބަޔާނެއް ނެރެފައި ކިތަންމެ ވަރަކަށް މި ކަމުން ބަރީއަ ވާން އުޅުނަސް އެކަމެއް ނުވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް