ކަނޑުތެރޭގައި ފަރިއަޅައިގެން އޮތް މާސިންގާ ކޮންނަ ބޯޓު، "ކްއީން އޮފް ނެދަލޭންޑް" އެހީގައި ގުޅި ފަޅުގެ ތެރެއިން ފެންމައްޗަށް މިރަށް ހިކިގެން  އައުމަކީ "މުއުޖިޒާތަކުން"ވީ ކަމެއް ނޫނެވެ. މީގެ ހަތަރު ދުވަސް ކުރިން މިއީ ތިލަފުއްޓާއި ވިލިމާލެއާ ދެމެދަށް ދަމާލެވިފައި ދޮން ފަޅެކެވެ. މިހާރު ދޮންވެލީގެ ސަރާސަރު ދިގު އުސް ރަށެކެވެ. މަންޒަރު މުޅީން ބަދަލުވީ އެވެ.


ސްޕީޑް ލޯންޗުގައި ހަތަރު މިނެޓުން އާދެވޭ މިރަށަށް "ސަން"ގެ ނޫސްވެރިން އެރީ ސަރާސަރު ބިމަކަށް ބަދަލުވިތާ ދެގަޑިއެއް ހާއިރު ތެރޭގަ އެވެ؛ "ތިޔަ ދެވުނީ ހިއްކާ ނިމިގެން ތަކެތި ނެގިތަނާ! ރަށަށް އެރުމަކީ ހުއްދަ ކަމެއް ނޫން، އެކަމަކު ރަށަށް އެރުމަކީ މުޅިން މަނާ ކަމެއް ވެސް ނޫން،" އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަހުދީ އަންވަރު ވިދާޅުވި އެވެ.


އަހަރެމެނަށް ފެނުނީ މާ މައްޗަކުން، ބޯ މަތީން ޔޫ އަކުރެއްގެ ބައްޓަމަށް އުދުހުނު ކިރުދޫނީ ބައިގަނޑެކެވެ. ކީ މަރުހަބާއަކަށްވުރެ ބޮޑަށް ވައްތަރީ އަހަރެމެންނަށް ފަރިދައްކާލައިން އުޅުނު ހެނެވެ.


"ހަދާފައި"ވާ ރަށުގެ ވަށައިގެންވާ ދޮންފަޅުގެ ތެރެއަށް ބޯކޮށް ވަދެފައި އޮތް ލައްޓި އައިނަކުން ރަށް ވަށައިގެން ބަޑިއަޅަމުން ދިޔަ އެވެ. "ޝޯ ޕްރޮޓެކްޝަން" ފާރެއް ނެތުމުން މިހާރު ވެސް ވެލިގަނޑު ދަމައިގަނެ ގުންޑޮޅި އުފައްދަމުންދާ ރަށުގެ ގޮނޑުދޮށަށް އޮއިކުނި ބީއްސަމުން ދިޔައިރު  އުނިޔަތައް ރާޅު ފަށުން ރިހި ކުލަ އަރުވަމުން ދެ އެވެ.


"ސިނާއީ ރަށެއްގެ ގޮތުގައި މާލެ އަތޮޅު ގުޅިފަޅުތެރެއިން މިވަގުތަށް މިރަށުން ހިއްކަން ހަމަޖެހިފައިވާ އެއް މިލިޔަން އަކަފޫޓުގެ ބިން މިވަނީ ހިއްކާ ނިމިފަ އެވެ. އެއީ 10 ހެކްޓަރުގެ ބިމެވެ.


ޝަހުދީ އަންވަރު ވިދާޅުވީ 10 ހެކްޓަރު ބިމާ އެކު މި ރަށުގެ ފުރަތަމަ ފިޔަވަހި ނިމުމުން ވަރަށް އަވަހަށް ރަށް ވަށައި "ޝޯ ޕްރޮޓެކްޝަން"ގެ މަސައްކަތް ފަށައިގަންނާނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް ހަތަރު މަހާއި ހަ މަހާ ދޭތެރޭ މުއްދަތެކެވެ. ނުނީ އެއައްވުރެ ވެސް ކުރު މުއްދަތެއްގައި ނިމޭނޭ މަސައްކަތެކެވެ.


"ފަށައި ގަތީމާ އެއީ މާ ބޮޑު މަސައްކަތަކަށެއް ނުވާނެ،" ޝަހުދީ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ރާޅާ އެކު ވެލި ދަމަމުންދާ ރަށުގެ ހިމާޔަތަށް، ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ޑެންމާކްގެ ހޯގާޑް ކުންފުނި ހަމައްޖައްސާފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ހޯގާޑުން ފަށައިގަންނާނެ ކަމަށެވެ.


"އޭގެ ތެރޭގައި ޝޯ ޕްރޮޓެކްޝަން ކުރުމާއި އެހެން ވެސް އެފަދަ މަސައްކަތްތައް ކުރާނެ. މިހާރު އެމީހުން  ބަލަމުން ދަނީ ޕްރޮޓެކްޝަނަށް ބޭނުންވާ ގާ ގެނައުމަށް، އެ ގަލަކީ މާލޭގައި މިހުންނަ ގޮތަށް ޖަހާ ގަލެއް ނޫން. އަޅުގަނޑަކަށް ނޭނގެ އެ ގާ ގެންނަ ތަނެއް،" ޝަހުދީ ވިދާޅުވި އެވެ.


އިނގިރޭސި ވިލާތުގެ ކެޕިޓަލް އިންވެސްޓްމަންޓާއި އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މިދިޔަ ހޯމަ ދުވަހު ފެށި ބިން ހިއްކުމުގެ މަސައްކަތުގައި މިމަހުގެ ނިޔަލަށް ހިއްކަން ޖެހޭ 10 ހެކްޓަރު ބިން، މާކުރިން ނިމި މިއޮތީ ރީތި ރަށަކަށް ވެފަ އެވެ.


ހައިރާންވާހާ އަވަހަށް ފެނުން މައްޗަށް މިރަށް ހިކުނު އިރު އަންނަ އަހަރުގެ ނިޔަލަށް 30 ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ. ޖުލައި21، 2016 އާ ހަމައަށް 115 ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ.


ބިން ހިއްކުމުގައި ދުނިޔޭގެ އެންމެ ބޮޑު އެންމެ ތަޖުރިބާކާރު އެ އްކުންފުނި، ނެދަލޭންޑްގެ ބޮސްކާލިސް އާއި ގުޅިގެން ފަށާފައިވާ މަސައްކަތަށް އަބަދުމެ، ތައްޔާރަށް އޮންނަ ޖައްރާފާ ނުވަތަ ކޮންނަ ބޯޓް "ކްއީން އޮފް ނެދަލެންޑް" އަކީ ކަނޑުގެ ވަރަށް އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. ދުނިޔޭގައިވާ އެކަމަށް ހާއްސަ އެންމެ ބޮޑެތި އުޅަނދުތަކުގެ ތެރެއިން ތިން ވަނަ އުޅަނދު އަހަރެމެންގެ ކުރިމަތިން ފެންނާ މިއޮތީ އެވެ. މި ރަށް ހިއްކާލާފައި ވަނީ ކޮންމެ ދުވަހަކު އެ ބިޔަ ޖައްރާފަށް ދެ ފަހަރު މަތީން ވެލި "ދިރުވާލައި" ގުޅިފަޅުގެ ތެރެއަށް "ސްޕްރޭ" ކޮށްލައިގެނެވެ.


ޝަހުދީ ވިދާޅުވި ގޮތުގައި މިހާރު ހިއްކާފައިވާ 10 ހެކްޓަރުގެ ރަށަށް ބޭނުންވާ ވެލި "ކްއީން އޮފް ނެދަލޭންޑް" ން "ދަމައިގެންފައި" ވަނީ ވާދޫ ކަނޑުގެ ފުނަކުން ނޫނެވެ. އެ ވެލި ނަގާފައި ވަނީ ގުޅިފަޅުގެ އުތުރު ފަރާތު ފަރެއްގެ 60 މީޓަރާއި 80 މީޓަރުގެ ފުނުގައި ބޯ ހޯލް ޓެސްޓްތައް ހަދައިގެނެވެ.


"ވެލި ދެމުމުގެ ކުރިން ތިމާވެއްޓަށް ބޭނުންވާ ހުރިހާ ޓެސްޓްތަކެއް ވެސް ފުރިހަމަ ކުރުމަށް ފަހު އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމެންޓް ވެސް ހަދާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.


އަހަރެމެން މިތިބީ އެއް މިލިޔަން އަކަފޫޓުގެ "ހުދު" ރަށުގަ އެވެ. ރަށް ވަށައިގެން ޖަހާފައިވާ ކަޑަތަކެއް ފިޔަވައި އެކައްޗެއް ވެސް މި ބިންމަތީގައި އަދި ނެތެވެ. އެކަމަކު ދާދި އަވަހަށް އާބާދުވެފައިވާ މިރަށް "ފިސާރި" ރަށަކަށްވާނެ އެވެ. ރައީސް ނަޝީދު ވިދާޅުވާ "ހައުސިން ޔުނިޓް"ތައް ދާދި އަވަހަކަށް އެމަތިމައްޗަށް އަރައިގެންދާނެ އެވެ.


ޝަހުދީ ވިދާޅުވި ގޮތުގައި މިރަށުގައި ދޭ ހިދުމަތްތައް ކެޕިޓަލް އިންވެސްޓްމަންޓުން ވަރަށް އަވަހަށް ފަށާނެ އެވެ. އަދި އަންނަ މަހުން ފެށިގެން އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ރަށުން އާމްދަނީ ލިބެން ފަށާނެ އެވެ.


"މަސައްކަތް ނުފަށާއި އެމީހުނަކަށް ލަސް ކުރެވޭކަށެއް ނެތް. ސަބަބަކީ އެމީހުން ސަރުކާރަށް ދައްކަން ޖެހޭ ކުލި އޮކްޓޫބަރު މަހުން ފެށިގެން ހިނގާނެ، އެހެންވީމާ ލަސްވާ ނަމަ އެމީހުންނަށް ގެއްލުން ވަމުންދާނެ،" ޝަހުދީ ވިދާޅުވި އެވެ.


ސިނާއީ މިރަށް ތަރައްގީ ކުރަނީ ކެޕިޓަލް އިންވެސްޓްމަންޓަށް 35 އަހަރަށް ކުއްޔަށް ދީގެނެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ވެސް އެ ކުންފުނިން ވަނީ ގުޅިފަޅު މާކެޓް ކުރަން ފަށައިފަ އެވެ. ދިހަ ހެކްޓަރުގެ މިރަށުގައި އިންޑަސްޓްރިއަލް ބޮޑެތި ގުދަންތަކާއި ވޯކްޝޮޕްތަކާއި އެނޫންވެސް ސިނާއީ ހިދުމަތްތައް ދެވޭ ފެންވަރަށް މިރަށް ފައްކާ ކުރުމަށެވެ.


ސިނާއީ މިރަށުގެ ވަށައިގެން އަހަރެމެން ހިނގީމެވެ؛ ހުރިހާ ދިމާއަކުން ވެސް ފެނުނީ ޓްރެކްޓަރެއްގެ ފުރޮޅުގެ ނިޝާނެވެ. ވާރޭ ވެހުމުގެ ސަބަބުން ތައްގަނޑަކަށް އޮބި ރީތި ކުރެހުމަކަށްވާހެން ދުވެފައިވާ ނީޝާންތަކުގެ މަތިން ދުވެފައިގޮސް ގުންޑޮޅިން ފުންމާލީ ގުޅި ފަޅަށް އަރާފައިވާ އިރު އޮއްސުމުގެ ކުރިން އެނބުރި މާލެ އައުމަށެވެ. ފާރާވެރިވެގެން ރަށް މަތީގައި ވަރުބަލި ކަމެއް ނެތި އުދުހެމުން ދިޔަ ކިރުދޫނި ބަޔާ ރަށް ހަވާލުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް