ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުތަކުގައި ސަރުކާރުން ދައްކާ މީހުން މެންބަރުކަމަށް ހޮވުމަށް ރައްޔިތުންގެ ނަމުގައި ބޮޑުން މަސައްކަތްކޮށް އެކަން ކާމިޔާބު ކޮށްފައިވާ މާޒީއެއް ރާއްޖޭގެ ތާރީޚުގައި އެބައޮތެވެ. އަދި އެންމެ ފަހުން އޮތް އިންތިޚާބުގައި ވެސް މިކަން މިގޮތަށް ވެފައި އެބަހުއްޓެވެ. މިހާރު ގަދަވަމުން މިދާ އަޑަކީ އަތޮޅުތަކުގެ އެކިއެކި މަގާމުތަކަށް މީހުން އިންތިޚާބު ކުރާއިރު އެކި މީސްމީހުން ހޮވާ ވާހަކައާއި ނުހޮވާ ވާހަކައެވެ. މި ކަންކަމަށް ބަލާއިރު އުފެދޭ ސުވާލެއް އެބައޮތެވެ. އެއީ ސަރުކާރުން ދައްކާ މީހާ ހޮވުމުން ރައްޔިތު މީހާއަށް އޮތް ފައިދާއަކީ ކޮބައިހެއްޔެވެ؟ ވޯޓް ލުމުގެ ކުރިން އަދި ކެމްޕޭންތައް ފަށައިގަތުމުގެ ކުރިން މި ސުވާލަށް ހަރުދަނާ ޖަވާބެއް ހޯދަން ޖެހެއެވެ.
މެންބަރުން ހޮވުމުގެ ނަތީޖާ:
މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ހޮވި މެންބަރުންގެ ފުށުން ރައްޔިތުންނަށް ވީ ކޮންކަމެއްތޯ އާއި ނުވީ ކޮންކަމެއްތޯ ބަލާލުމަކީ ކުރަންޖެހޭ ކަމެކެވެ. އަދި އިންތިޚާބު ކުރެވުނު މެންބަރުންނަށް އޭގެ ސަބަބުން ވީ ކޮންކަމެއްތޯ ބެލުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ. މިއީ އިންތިޚާބަށް ތައްޔާރުވުމުގެ ފުރަތަމަ ފިޔަވަޅެވެ.
ކަށަވަރު ވެފައިވާ ކަންކަމަކީ އިންތިޚާބުގެ ތެރޭގައި ކެންޑިޑޭޓުންގެ ފަރާތުންނާއި ސަރުކާރުންނާއި ސިޔާސީ ޕާޓީތަކުން ވެފައިވާ ކެމްޕޭން ވައުދުތައް ރައްޔިތުންގެ ކުރިމަތީގައި ފުނިޖެހިފައިވާ ކަމެވެ. ރަށްރަށުގެ ގަސްކަރަ މަތިން އެ ވައުދުތައް އުފުލިފައިވާ ކަމެވެ. އެ ވައުދުތައް ފުއްދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމެވެ.
މެންބަރުންގެ ޝަކުވާ:
މެންބަރުންގެ ތެރެއިން އެއްބައެއްގެ ޝަކުވާއަކީ އެމީހުން ކެމްޕޭނަށް ކުރި ޚަރަދުވެސް އެމީހުންނަށް އަނބުރާ ނުލިބޭ ވާހަކައެވެ. މެންބަރު ކަމަށްވުރެ އެވެނި މިވެނި ކަމެއް ކުރުން މާ ރަނގަޅު ވާހަކައެވެ. ސަރުކާރުން އެ މެންބަރުންނާ އެކު އެއްބަސް ވެފައިވާ ގޮތަށް އަމަލު ނުކުރެވޭ ވާހަކައެވެ. ދާއިރާއަށް ހޯދައިދޭން ބުނި ޑޮކްޓަރު ނުގެނެވޭ ވާހަކައެވެ. އެކްރޭ މެޝިން ނުހޯދުނު ވާހަކައެވެ. ފަޅު ނުހިއްކުނު ވާހަކައެވެ. ކެމްޕޭނު މަސައްކަތުގައި މަރުފަލި ޖެހި އެވެނި މީހާއަށާއި މިވެނި މީހާއަށް ވަޒީފާއެއް ނުލިބުނު ވާހަކައެވެ. އެވެނި ރަށެއްގެ މިވެނި ސޭޓުގެ ފިހާރައިން ދަރަންޏަށް ނަގާފައިވާ އެތައް ހާސް ރުފިޔާއެއް އަނބުރާ ނުދެއްކޭ ވާހަކައެވެ. ސަރުކާރުން މިކަންކަމާ އަޅާނުލާ ވާހަކައެވެ.
މި ޝަކުވާތަކުގައި ތެދާއި ދޮގު އެކުވެފައިވުން އެކަށީގެން ވެއެވެ. ނަމަވެސް މިފަދަ ވާހަކަދައްކާ ގިނަ މެންބަރުންގެ ވާހަކައިގެ ރޫހަށް ބަލާއިރު ދޭހަވާ އެއްޗަކީ ސަރުކާރު އަތުން މުދާގަނޑެއް ބޭނުންވާކަމެވެ. ސަރުކާރަށް ތާއީދު ކުރާ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އަތުން މަދު އަދަދެއްގެ މިލިޔަން ރުފިޔާ ބޭނުންވާ ކަމެވެ. ސަރުކާރުން ހިންގާ ކޮންމެވެސް ކަމެއްގެ ބޮޑު މަންފާއެއް ލިބިގެން މެނުވީ މިކަން ކުރެވެން ނެތް ކަމަށް ބުނާ ބުނުމެވެ.
އެއްގޮތަކުން ބުނަންޏާ ބޮޑާހޭކުމެވެ. އެހެން ގޮތަކުން ބުނަންޏާ ސަރުކާރަށް ބިރު ދެއްކުމެވެ. މިކަން ކުރުމުގެ ބޭނުމަކީ ތިމާގެ ތާއީދު ސަރުކާރަށް ގެއްލިދާނެ ކަމަށް ހީކުރުވުމެވެ. އިތުރު ފައިދާ ހޯދުމެވެ. ދެން ދައުރަކަށް ނުހޮވުނަސް "އޯކޭ" ވާ މިންވަރަށް ޖަމާ ކުރުމެވެ.
އިންތިޚާބު ކުރެވިފައިވާ ބައެއް މީހުންނަށް މިފަދަ މަންފާ ލިބޭކަމަށް ތުހުމަތު ކުރެވެއެވެ. ހަގީގަތެއް އޮތްކަން ނުވަތަ ނެތްކަން ކަށަވަރުވާނީ ރަނގަޅަށް ބެލިގެންނެވެ. ބަލާނެ މީހަކު ނެތެވެ.
ތުހުމަތުގެ އިނގިލިތައް:
މަޖިސްގެ މެންބަރުންނާ ދިމާއަށް ތުހުމަތުގެ އިނގިލިތައް އެބަ ދިއްކުރެވެއެވެ. ސަރުކާރާ އެއްބައިވެގެން ތިބިކަމަށް ދައްކައިގެން ތިބި ބައެއް މެންބަރުން ސަރުކާރުގެ ތެރެއިން ނަހަމަ ފައިދާ ނަންގަވާކަމަށް ތުހުމަތު ކުރެވެއެވެ. ސަރުކާރާ އިދިކޮޅަށް ހަނގުރާމަ އިއުލާން ކޮށްގެން ތިބި ބައެއް މީހުން ސަރުކާރުގެ ބަތާކައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވެއެވެ. މެންބަރުން އުޅެނީ ތިމާގެ ނަފުސަށް މިވަގުތަށް ލިބެން އޮތް އެންމެ ބޮޑު މަންފާއެއް ލިބިގަނެ ވޯޓް ދިން ރައްޔިތުންގެ މަތިން ހަނދާން ނައްތައިލައިގެން ކަމަށް ތުހުމަތު ކުރެވެއެވެ.
މިގޮތަށް ދައްކާ ދޮގު ވާހަކަތަކަކީ ވެސް ތެދެކޭ ހީވާ ކަހަލަ ކަންކަން ސިޔާސީ މަސްރަހުގައި ހިނގާފައި އެބަހުއްޓެވެ. މި ކަންކަން ބައެއް މީހުންގެ ހިތްތަކަށް ވިހަ ކަށިތަކެއްހެން ތަދުކުރަމުން އެބަދެއެވެ. މިއީ އިތުބާރު ގެއްލޭ އެންމެ ބޮޑު ސަބަބެވެ. އިތުބާރު ނުއުފެއްދޭ ސަބަބެވެ. އިތުބާރު ދެމި ނުއޮންނަ ސަބަބެވެ.
މި ގޮތަށް ކުރެވޭ ތުހުމަތަކީ ތެދަކަށް ވިޔަސް އަދި ދޮގަކަށް ވިޔަސް އެއީ ހެޔޮ ނިޔަތުގައި "ޕާޓީގެ ރޫހް"ގައި މަސައްކަތްކުރާ މީހުންނާއި، ގައުމަށް ހެޔޮ އެދިގެން މަސައްކަތްކުރާ މީހުންނާއި، ދަތުރުފަތުރުގެ ނިޒާމާއި ފްލެޓްތަކުގެ މަޝްރޫއު ފަދަ އެކި އެކި ސިޔާސަތު ތަންފީޒުވުން އެދިގެން މަސައްކަތް ކުރާމީހުން މާޔޫސް ކުރުވާ ސަބަބެކެވެ. މި ސަބަބަކީ ސިޔާސީ ވަރުބަލިކަން އިތުރުކުރާ ސަބަބެކެވެ. ވަޠަނީ ވިންދު ދަށްކުރުވާ ސަބަބެކެވެ.
ސަރުކާރުން ދައްކާ މީހާ ހޮވުން:
ސަރުކާރުން ދެއްކި މީހާ ހޮވައިގެން އެމީހާގެ ފުށުން ނުވަތަ އެމީހާ ދެއްކި ސަރުކާރުން ރައްޔިތު މީހާއަށް ފަހިކޮށްދިނީ ކޮންކަމެއްތޯ ބަލަން ޖެހެއެވެ. އަދި އެމީހާއަށް ސަރުކާރުން ކޮށްދިނީ ކޮންކަމެއްތޯ ބަލަން ޖެހެއެވެ.
އިންތިޚާބު ކުރެވުނު މީހާ މެދުވެރިވެގެން ނުވަތަ އޭނާ ހޮވަން އެދުނު ސަރުކާރުން ރައްޔިތު މީހާއަށް ފަހިކޮށްދިން ކަމެއް ނެތްކަމަށް ވާނަމަ ނަތީޖާ ސުމެކެވެ. އަދި މި ދެފަރާތް ގުޅިގެން ދައުލަތް ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނެވި ތަހުޒީބު ކުރެވިފައި ނުވާ ނަމަވެސް ނަތީޖާ ސުމެކެވެ.
ތިމާމެން ވައުދުވި ކަންތަކާ މެދު ރައްޔިތުންގެ ހިތުގައި ސުމެއް ނުޖެހޭނެ ގޮތެއް ސަރުކާރުން ދައްކަން ވާނެއެވެ. ސަރުކާރުން ދެއްކި މީހާ ހޮވުމުން އެ ހޮވި ބަޔަކަށް ނުވަތަ އެމީހުންގެ ގައުމަށް ސާފުކޮށް ފެންނާން އޮތް މޮޅެއް ދައްކައިދޭން ވާނެއެވެ.
ނަތީޖާ ދައްކަނީ ސުމަކުން ކަމަށް ވާނަމަ އިންތިޚާބު ތަކާމެދު ރައްޔިތުންގެ ޝައުގުވެރިކަމެއް ނުއޮންނާނެއެވެ.
އިންތިޚާބާ މެދު ޝައުގުވެރިކަން ނެތުން:
އެކި ވިސްނުމުގެ މީހުން މަޖިލީހަށް އިންތިޚާބު ކޮށްގެން ލިބުނު ނަތީޖާގެ ތަޖުރިބާ ދިވެހިންގެ ކިބައިގައި އެބަ ހުއްޓެވެ. ސަރުކާރުން ދެއްކި މީހުންނަށް ވޯޓުލައިގެން ނިކުތް ނަތީޖާ ފެނިފައި އެބަހުއްޓެވެ. ސަރުކާރާ އިދިކޮޅު މީހުން އިންތިޚާބު ކުރުމުގެ ނަތީޖާ ފެނިފައި އެބަހުއްޓެވެ. މުޅިން މިނިވަން މެންބަރުންގެ ނަމުގައި މީހުން އިންތިޚާބު ކުރުމުގެ ނަތީޖާ ފެންނާން އެބަހުއްޓެވެ. މިކަންކަން ގުޅުވައިގެން ނެރެވޭ ނަތީޖާއަކީ ހަމަ އެއްގޮތެއް ވެސް ރަނގަޅު ވެފައި ނެތުމެވެ. އައްޔަކަސް އަނދިރީންނަކަސް އެއްވަރު ވުމެވެ. ސިޔާސީ ގޮތުންނާއި އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ވަޠަނީ ވިންދުގެ ގޮތުން ވެސް ގިނަ ރައްޔިތުންނަށް އައްޔެއް އަނދިރިއެއް ވަކިވާ ވަރެއް ނޫނެވެ. އެހެންކަމުން ރައްޔިތުން އަމަލުކުރުން އެންމެ ގާތީ އެމީހުންނަށް ތަޖުރިބާއިން އިހުސާސް ކުރެވުނު ގޮތަކަށެވެ. އެ ގޮތަކީ އިންތިޚާބު ކުރެވޭ މެންބަރަކާ މެދު އުންމީދު ކެނޑުމެވެ. ވައުދު ކުރާ ސަރުކާރާ މެދު އުންމީދު ކެނޑުމެވެ. އުންމީދު ކެނޑި ހިތްވަރު އެލި، ކޮންމެ ގޮތެއް ވަރިހަމަވުމުން ދެންވާން އޮތް ގޮތް މިވަނީއެވެ. ލާރިކޮޅެއް ދިން މީހަކަށް ވޯޓް ދިނުމެވެ. ވޯޓް ވިއްކުމެވެ. ވޯޓުގެ ނަމުގައި ތިމާގެ ނަފުސު ވިއްކުމެވެ.
ނަފުސެއްގެ އަގު ދުވާލަކަށް 27 ލާރި:
މާޔޫސް ވެގެން ވިޔަސް ދަހިވެތި ކަމުން ވިޔަސް ނުބައި ނުލަފާކަމުން ވިޔަސް ފައިސާއަށް ވޯޓް ވިއްކާ މީހުން ވޯޓް ވިއްކާކަމަށް ބުނާތީ އަޑުއިވޭ އަގަކީ 500 ރުފިޔާއަށް ވޯޓެކެވެ. ވޯޓެއްގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. 500 ރުފިޔާ ފަސް އަހަރު ދުވަހަކަށް ބަހާލީމާ ދުވާލަކަށް ޖެހޭ އަދަދަކީ 27 ލާރިއެވެ. ދިވެއްސެއްގެ ނަފުސުގެ އަގު ދުވާލަކަށް 27 ލާރިއެވެ. ނަފުސުގެ އަގުގެ އަނެއްކޮޅު ބަލާލަމާ ހެއްޔެވެ؟ މި ގައުމުގެ ފަސްމަތީގައި ދުވަހު މަސައްކަތަށް ދޫކުރާ ބަންގާޅު މަސައްކަތު މީހެއްގެ މުސާރައަކީ ދުވާލަކަށް 250 ރުފިޔާއެވެ. އެހެންވީއިރު ތިމާމެން މިއީ ކޮން ބައެއްތޯ ބަލަން ވެއްޖެއެވެ. ތިމާގެ ވަތަން އެދޭގޮތަކީ މިއީތޯ ބަލަން ވެއްޖެއެވެ.
އިންތިޚާބުގައި ރައްޔިތުން ބުއި އެންމެ ހޫނު ބޮނޑި:
ރާއްޖޭގައި އިންސާފު ގާއިމް ކުރުމަށާއި އިންސާނިއްޔަތުކަން އަށަގެންނެވުމަށާއި، މިނިވަންކަމާއި ތަހުޒީބަށް އެންމެ ބޮޑަށް މަގު ފަހިކޮށްދިނީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެވެ. މި ގާނޫނުއަސާސީގައި ބާރުތަކުގެ ނާރެސް ކަމުގައި ވަނީ ރައްޔިތުންގެ މަޖިލީހެވެ. އެހެންކަމުން ގާނޫނުއަސާސީ އޭގެ ރޫހާ އެއްގޮތަށް ތަންފީޒު ކުރެވޭނޭ ފުރުސަތު ފަހިކޮށްދީ، ގާނޫނުއަސާސީގެ މިންގަނޑަށާއި އޭގެ ތައްގަނޑަށް ގައުމު ބައްޓަން ކުރުން އޮތީ މަޖިލީހުގެ މުށުތެރޭގައެވެ. އެހެންކަމުން އެންމެ ކަމުދާ އެންމެ މޮޅު އެންމެ ވަފާތެރި އެންމެ ހިކުމަތްތެރި އެންމެ އިލްމުވެރި އެންމެ ސިޔާސީ އެންމެ އީމާންތެރި މީހުން ތިބެން އެންމެ ހައްގުކަން ބޮޑު ތަނަކަށް މަޖިލިސް ވިއެވެ. ނަމަވެސް މަޖިލީހަށް މީހުން އިންތިޚާބު ކުރެވުނީ މިކަންކަމަށް ވިސްނައިގެނެއް ނޫނެވެ.
މިހާރު އިންތިޚާބު ވެފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކުރުމުގައި ރައްޔިތުން ހަދާފައިވާ އެންމެ ބޮޑު ގޯހަކީ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަށް މާ ބޮޑަށް އިތުބާރުކޮށް އެ ދެޕާޓީއަށް ގޮނޑިތައް ދިނުމެވެ. އެއް ޕާޓީގެ ކިބައިން އަނެއް ޕާޓީ ބަދަލު ހިފުމުގެ ރޫހު ގަދަވެ ބޮޑު ދެޕާޓީގެ މައްޗަށް މަޖިލިސް ބިނާވުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު މިއޮތީ ކަޅާ ހުދުގެ މަޖިލީއެއް އުފެދިފައެވެ. ނުވަތަ ރީނދުލާއި ނުލުގެ މަޖިލީހެއް އުފެދިފައެވެ. އެމްޑީޕީ އާއި ޑީއާރުޕީގެ މަޖިލީހެއް އުފެދިފައެވެ. މީގެ ނަތީޖާއަކީ މި ދެޕާޓީގެ މަސްލަހަތު ނޫން ކަމެއްގެ މައްޗަށް މަޖިލީހުގައި ޖާގަ ނެތުމެވެ. އެގޮތް ނުވަތަ މިގޮތް ނޫން ގޮތެއް ނެތުމެވެ. ތިންވަނަ ގޮތެއް ނެތުމެވެ. އެހެން ފިކުރުތަކާއި ބިލްތަކާއި ގަރާރުތައް ތަޅުމުން ބޭރަށް ދަނީއެވެ. ކަންކަން ވަޅުޖެހެމުން ދައުލަތް ހިންގުން ފެންބަރުކައި ފުލަށް ބަރުވަމުން ދަނީއެވެ. އިންތިޚާބުގައި ރައްޔިތުން ބުއި އެންމެ ހޫނު ބޮނޑިއަކީ މިގޮތަށް ބޮޑު ދެޕާޓީގެ އެކަނި ބާރު އޮންނަ ގޮތަށް މަޖިލިސް އިންތިޚާބު ކުރުމެވެ.
މިތަން ދެކެން ތިބި ރައްޔިތުންނަށް އަދަކު ކުރެވޭނެ ކަމެއް ނެތެވެ. މަޖިލީހުން މިއަދު މި ފެންނަނީ ރައްޔިތުން އަތުން އިންދި ގަސްގަހުގެ މޭވާއެވެ. އިސްލާމް ދީނާ ފުށުއަރާ ކަންކަމާއި ދީނަށް ގެއްލުން ހުރި ކަންކަން ކަމާބެހޭ ފަރާތްތަކުން ކުރާ ކަމުގެ ތުހުމަތުގައި ރައްޔިތުން ރުޅިގަދަވެ މަގުމައްޗަށް ނުކުމެއްޖެއެވެ. އޫރު މަހާއި ރާ ވިއްކުމުގެ ގަވާއިދާއި މަތީ ސާނަވީގައި އިސްލާމް ދިވެހި އިޚުތިޔާރީ ކުރާ މައްސަލާގައި މުޒާހަރާ ކޮށްފިއެވެ. މިއީ ރައްޔިތުންގެ ދީނީ ވިންދު ހުރި ގޮތެވެ. ނަމަވެސް މި ރައްޔިތުން ދީނީ އިލްމުވެރި އަކު މަޖިލީހަށް ނުހޮވިއެވެ. ތަފާތު ދާއިރާތަކުން މަޖިލީހަށް ކުރިމަތި ލެއްވި ދީނީ އިލްމުވެރިންނަށް މި ރައްޔިތުންނަކަށް ނުފެނުނެވެ.
އާ ގާނޫނު އަސާސީ ތަންފީޒު ކުރަން ފަށާ މަރުހަލާގައި އޮންނަން ރައްޔިތުންގެ އިންތިޚާބު ކުރި މަޖިލީހުގައި ކުދި ޕާޓީ ތަކަށާއި އަމިއްލަ މެންބަރުންނަށް ވިއްސަކަށް ގޮނޑި ދިން ނަމަވެސް މިއަދު ރައްޔިތުން ދެކޭނީ މިއަށް ވުރެ މާ ފޮނި ނަތީޖާއެކެވެ. ސަބަބަކީ އޭރުން އެއްވެސް ޕާޓީއަކަށް ގޮށްމުށު ބާރުން ކަމެއް ނިންމައި ނުލެވުމެވެ. ކުދި ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ބަސް ހޯދަން މަޖުބޫރު ވުމެވެ. އިއީ އިބްރަތެކެވެ.
ލޯކަލް އިންތިޚާބު:
އިސްވެ ދެންނެވުނު ކަންކަމަކީ އަޅުގަނޑުމެން ވޯޓް ދިން ގޮތްގޮތުގެ ސަބަބުން ނުކުމެފައިވާ ނަތީޖާއެވެ. އަޅުނގަޑުމެން ހަޔާތުގައި ތަޖުރިބާކުރި ކަންކަމެވެ. މިއިން ހާސިލް ކުރަންވީ އިބްރަތަކީ ވޯޓް ދިނުމުގައި އިހަށް ނުވިސްނާހައި ފުޅާކޮށް ވިސްނުމެވެ. ވޯޓް ދީގެން ލިބުނު ބޮނޑިއެއް ލޯކަލް އިންތިޚާބުގައި އަލުން ނުބޮއި ވޭތޯ ބެލުމެވެ. ބޮޑު ދެޕާޓީގެ ކިބައިން އެންމެ ބޮޑަށް މިންޖުވެ ރައްޔިތުންގެ ސީދާ ބާރު އެންމެ ބޮޑަށް ގާއިމު ކުރެވޭނޭ މަގެއް ހޯދައި، އެ މަގަކަށް ފަހިވާނޭ ބީދައަކުން ވޯޓް ދިނުމެވެ.
ސަރުކާރުން ކުރަންވީ ކަމަކީ ސަރުކާރުގެ ތާއީދު އޮތް މީހާ އިންތިޚާބު ކުރުމުން ރައްޔިތުންނަށް އޮތް ސީދާ މޮޅެއް ދެއްކުމެވެ. އިންތިޚާބަކީ ހަމައެކަނި އިންތިޚާބު ކުރެވޭ މީހާއަށް ތަނަވަސްކަމާއި ޝަރަފު އިތުރުވާ ކަމެއް ކަމުގައި ނުހަދައި ރައްޔިތުންނަށް ފައިދާވާނޭ ކަމެއް ކަމުގައި ހެދުމެވެ. މިގޮތް ނެތަމަ، ވަކި ބައެއްގެ ޖީބު ފުއްޕަން ވޯޓް ދިނުމުގެ ބޭނުމެއް ނެތެވެ.
އިދިކޮޅު ފަރާތްތަކުން ވެސް އެމީހުންގެ މީހުން އިންތިޚާބު ކުރުމުގެ ހަގީގީ ފައިދާއެއް ދައްކަން ޖެހޭނެއެވެ. އިދިކޮޅު މީހުން މަގާމުތަކަށް ލަނީ ސަރުކާރު ހިންގުން ހުއްޓުވައި ވެރިކަމުގައި ކަސްތޮޅު އަޅުވަން ކަމަށް ވާނަމަ މި މީހުންނަށް ވެސް ވޯޓް ދީގެން ނުވާނެއެވެ. އިދިކޮޅު ފަރާތްތަކުގެ ދައުރަކަށް ވާންވާނީ ވެރިކަން ހިނގުން ހަމަމަގުން ގެންދިއުމެވެ. ވެރިކަން މަގުން އެއްކިބާ ބާވާނަމަ މަގަށް ގެނައުމެވެ. މަގުގެ ކުރިމައްޗަށް އަރައި ކުރިބެއްދުމެއް ނޫނެވެ. އަރިމަތިން ޖެހިގަނެ ބަނޑުމުސާރައަށް ބެއްދުމެއް ނޫނެވެ. ކަންކަން ކުރިއަ ދިނުމެވެ. ކުރަނީ ރަނގަޅަށްތޯ ބެލުމެވެ. ނުރަނގަޅު ކަންކަން ރަނގަޅު ކުރުވުމެވެ. ހުރިހާ ކަމެއް ހުއްޓުވުމެއް ނޫނެވެ.
އިސްވެ ދެންނެވުނު ކަންކަމަކީ ބޯމަތިވަމުން އަންނަ ލޯކަލް އިންތިޚާބުގައި ވޯޓްދޭން ތިބި މީހުން ދުރާލާ ވިސްނައި ހިކުމަތްތެރިކަމާއެކު އަމަލުކޮށް ރަނގަޅު ކުރަންވެފައިވާ ކަންކަމެވެ.