އެމްޑީޕީއަށް ނިސްބަތްވާ ގޮތަށް ރައީސްގެ ބަހުގެ ހަމަލާތަކެއް

ދ. އަތޮޅުން: މުރުޝިދު އަބްދުލް ހަކީމް

މި ސަރުކާރުން ކަންތައް ކުރަމުންދާނީ އަތުގައި ހުރި އެއްޗެއްގެ ބޭނުން ކޮށްގެން ކަމަށާއި،"ނުފޯރާ ފޮތިން ފޫނުގަޅާނެ" ކަމަށް ވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީ އަށް ނިސްބަތްވާ ގޮތަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.

އިއްޔެ މިއަތޮޅު މީދު އަށް ވަޑައިގެންނެވުމަށް ފަހު އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ފައިސާ ނެތިގެންކަމަށް ބުނެ ދައުލަތުގެ މުދާ ވިއްކާލާ، ބޭރުގެ ބަޔަކަށް ގައުމު ދޫކޮށް ނުލައްވާނެ ކަމަށެވެ.

"ހަގީގަތުގައި ވެސް އަޅުގަނޑުމެނަށް ލިބިފައި ހުރި ފޮތި ފޭއްޔެއްގެ މިނަކުން އަޅުގަނޑުމެން ފޫގަޅާނީ. އަޅުގަނޑުމެން ނުފޯރާ ފޮތިން ފޫގަޅާކަށް ނޫޅެމު،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ނުފޯރާ ފޮތިން ފޫގަޅަން އުޅުނީ ކޮން ބައެއް ކަމާއި އެ މީހުނަށް ވީގޮތް މިހާރު ސާބިތުވެފައިވާ ކަމަށެވެ.

"ނުފޯރާ ފޮތިން ފޫގަޅަން އުޅުނު މީހުނަށް ވީގޮތް އަޅުގަނޑުމެން އެންމެނަށް އެނގިއްޖެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިގްތިސާދު ހީނަރު ކުރުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ވެފައިނުވާ ކަމަށާއި ރާއްޖޭގެ އިގުތިސާދު ރަނގަޅަށް ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގުތިސާދު ރަނގަޅު. މީހަކު ދައްކާހާ ވާހަކައެއް އައްސަވާނެ ކަމެއް ނެތް. ރާއްޖޭގެ އިގްތިސާދު ގޯސްވެގެން އުޅޭކަށް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން ނައުމަށް ބަޔަކު ބޭރު ގައުމު ތަކުގައި ބުނި ނަމަވެސް އެ މަސައްކަތް ކާމިޔާބު ވެފައިނުވާ ކަމަށާއި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ މަސައްކަތުން ޓޫރިޒަމް ދުވަހެއް ދުވަހަށް ކުރިއަރަމުން އަންނަ ކަމަށެވެ.

"މިއަދު ރާއްޖޭގެ ހުރިހާ ރިސޯޓްތައް ހުރީ ފުރިފައި. ރާއްޖޭގެ ޓޫރިޒަމް ސެކްޓާ ކުރިއަރަމުން އެބަދޭ ސަތޭކައަކުން ފަސް ޕަސެންޓް، ހަ ޕަސެންޓުން މިހާރު،" ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެ ރާއްޖޭގެ މަސްވެރިކަން މި އަހަރު ރަނގަޅު ކަމުގައި ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި ވޭތުވެދިޔަ އަށް މަސް ދުވަސްތެރޭގައި ދެކުނުގެ އަތޮޅުން އެކަނި ވެސް 269 މިލިއަން ރުފިޔާގެ މަސް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ގަނެފައިވާ ކަމަށެވެ.

"މިއަހަރު ވަރަށް މަސްބާނައިފި މި ރާއްޖެއަށް. ހަމަ އެކަނި ދެކުނުގެ އަތޮޅުތަކަށް ކޫއްޑޫ ކުންފުނިން އެކަނި 269 މިލިއަން ރުފިޔާ މިދިޔަ އަށެއްކަ މަސްތެރޭގައި މަސްވެރިނަށް ދީފި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދު ރަނގަޅަށް ދިޔަ ނަމަވެސް ސަރުކާރު ހިންގުމުގައި "ކުދި ކުދި ދަތިތަކެއް އެބަހުރި " ކަމަށާއި އެގޮތުން ސަރުކާރު ހިންގުމަށް ދިމާވެފައިވާ އެއް ދައްޗަކަށް ވެފައި ވަނީ ކުރީ ސަރުކާރުން އެތައް ބިލިއަން ރުފިޔާގެ ދަރަނި ނުދައްކާ އޮތުން ކަމުގައި ވިދާޅުވި އެވެ.

"މި ވޭތުވިތާގައި ވެރިކަން ކުރި ބަޔަކު އެމީހުން ހޭދަކޮށްފައި ބިލްތަކަށް ފައިސާ ނުދައްކާ ދެ ބިލިއަން ރުފިޔާގެ ބިލްތައް އަޅުގަނޑުމެނަށް ދިފައި އެބަހުރި. އެހެންވީމަ ދަތިތަކާއި ކުރިމަތިވާން ޖެހޭ. އެހެން ނަމަވެސް ގައުމުގެ އިގުތިސާދު ގޯސް ވެގެނެއް އަޅުގަނޑުމެން ނޫޅެން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެ އިގުތިސާދު ކުރިއަރާނެ އިތުރު ގޮތްތައް ހޯދައްވާނެ ކަމަށާއި އަދި އިތުރު ބޮޑެތި ޕްރޮޖެކްތައް ފައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު