މާއެނބުދޫ ބަނދަރުގެ ހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނަން: ރައީސް

މާއެނބޫދޫން: މުރުޝިދު އަބްދުލްހަކީމް

ދ. މާއެނބުދޫ ބަނދަރު ހެދުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅުގެ ރަށްތަކަށް ކުރައްމުންގެންދާ ދަތުރުފުޅުގައި މިއަދު މިރަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މާއެބޫނދޫގެ ތަރައްގީ އަށް ޓަކައި ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ނަމަވެސް ލަފައި ފުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ބަނދަރު ހެދުމުގެ މަޝްރޫއު އަންނަ އަހަރު ފައްޓަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ރަށުގެ ބަނދަރު މަޝްރޫއުގެ އިތުރަށް މި ރަށުގެ ނަރުދަމާގެ މަޝްރޫއު ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ފައްޓަވާނީ ކޮން އިރަކު ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

މި ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެކަކު އަނެއްކަކާ ދެމެދު އޮންނަ ޖެހޭ އަހްވަންތަ ކަމުގެ ގުޅުން ކަނޑައި ނުލުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އަހްވަންތަކަން ކަނޑާލުމަކީ އެ ރަކަށް އޮންނަ ތަރައްގީ އަށް ވެސް އެޅިގެންދާނެ ހުރަހެއް ކަމަށެވެ.

ރައީސްގެ ދަތުރުފުޅުގައި ރައީސް އަރިހުގައި ބައިވެރިވަޑައިގެންނަވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމި ކާރިސާ އަށް ފަހު މި ރަށުގައި ޕްރީސްކޫލެއް އެޅުން ފިޔަވައި ތަރައްގީ އަށް ސަރުކާރުން ކަމެއް ކޮށްދީފައި ނުވާ ކަމަށާއި ނަމަވެސް ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި މި ރަށުގައި ތަރައްގީގެ މަޝްރޫއުތަކެއް ފެށޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. '
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު