ޓެލެތޯން ފަންޑަށް ލިބުނު ފައިސާ ބައިލައްކަ ރުފިޔާ އިތުރުވެއްޖެ

ޕާކިސްތާނަށް އެހީވުމަށް ރާއްޖޭގައި ހުކުރު ދުވަހު ބޭއްވި 24 ގަޑިއިރުގެ ޓެލެތޯން ޝޯ ނިމުނުއިރު ޕްރައިމިނިސްޓާސް ފްލަޑް ރިލީފް ފަނޑަށް ލިބުނު ފައިސާގެ އަދަދު 55168 ރުފިޔާ އިތުރުވެ، އެ އަދަދު  1070965.11  އަރާފައިވާ ކަމަށް ފަންޑްގެ ކަންތައްތައް އިންތިޒާމު ކުރާ ފަރާތުން މިއަދު ބުނެފި އެވެ.


ހާލުގައި ޖެހިފައިވާ ޕާކިސްތާން ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ފަންނާނުން ގުޅިގެން  ބޭއްވި 24 ގަޑިއިރުގެ ޓެލެތޯން ޝޯ ނިމުނު އިރު އެންމެ ގިނަ ފައިސާ ލިބިފައި ވަނީ އެސްއެމްއެސް މެދުވެރިކޮށެވެ. އެސްއެމްއެސް މެދުވެރިކޮށް ލިބިފައި ވަނީ 473715  ރުފިޔާ އެވެ. ދެން އެންމެ ގިނައިން ލިބިފައި ވަނީ ޑޮނޭޝަން ފޮށިތަކަށް، 254195.5 ރުފިޔާ އާއި ނަގުދުގެ ގޮތުގައި 212011.61 އެވެ. ފްޓްބޯޅަ މެޗުގެ ޓިކެޓް ވިއްކައިގެން ޖުމްލަ 39445 ރުފިޔާ އެވެ. ޖާސީ ނީލަން ކިޔައިގެން 48098 ރުފިޔާ އާއި ސުވެނިއާ ޓިކެޓަށް 43500 ރުފިޔާ އެވެ.  


ޕާކިސްތާން ރައްޔިތުންނަށް ފައިސާ ހަދިޔާ ކުރާނެ ގޮތަކާ ބެހޭ ގޮތުން ޕާކިސްތާން ރިލީފް ފަންޑުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މިހާތަނަށް ދިވެހި ރައްޔިތުންގެ ފަރާތުން ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް މިލިޔަނެއްހާ ޑޮލަރު ލިބިފައިވާ ކަމަށާއި އެހާ ގިނަ ޢަދަދެއްގެ ޑޮލަރު ޕާކިސްތާނުގެ ރައްޔިތުންނަށް ހަދިޔާކުރުމުގައި ގެންގުޅެންވީ އިޤުތިޞާދީ ވިސްނުމަކާ މެދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ މަޝްވަރާކުރުމަށް، ޕީކޭ ރިލީފް ފަންޑްގެ އިންތިޒާމް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.


ޕީކޭ ރިލީފް ފަންޑުގައި ބައިވެރިވާ ސިޔާސީ ޕާޓީތަކަކީ، އެ ބަޔާނުގައި ބުނި ގޮތުގައި ޢަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ޑީއާރުޕީ، ޤައުމީ އިއްތިހާދު ޕާޓީ، ދިވެހި ޤައުމީ ޕާޓީ، އަދި ޕީ.އޭ އެވެ. މީގެ އިތުރުން 126 މަދަނީ ޖަމިއްޔާ ހިމެނޭ މަދަނީ އިއްތިހާދުން ވެސް މިފަންޑުގައި ބައިވެރިވާ ކަމަށް އެ ފަރާތުން ބުންޏެވެ.  

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު