24 ގަޑިއިރުގެ ހިދުމަތަށް ނިމުންއައުން، ވިޔަފާރިވެރިންނަށް ހިތި ބޭހަކަށް!

ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ވެސް ރޭގަނޑު 11:00 ޖެހުމުގެ ކުރިން ގަނެގެން ތިބުމަކީ ދިވެހިންގެ ކުރީގެ އާދަ އެކެވެ. ކޮފީއެއް ބޯލައި މަޝްވަރާއެއް ކޮށްލަން ރެސްޓޯރަންޓަކަށް ވަންނަން ވެސް ދިވެހިން ހިޔާލު ކުރާނީ ދަންވަރު 1:00 ޖެހުމުގެ ކުރީގެ ގަޑިއަކަށެވެ. އެ އާދަތަކަށް ނިމުމެއް އައީ މިދިޔަ އަހަރުގެ ފެށިގެން މާލޭގައި އިތުރުވަމުން ދިޔަ 24 ގަޑިއިރު ހިދުމަތްދޭ ފިހާރަތަކާ ކެފޭތައް ގިނަވުމާ އެކު އެވެ. އެގޮތުން ކޮންމެ ވަގުތަކު ވެސް ވިޔަފާރިކޮށް ހިދުމަތް ހޯދުމުގެ މަގު ފަހިވެގެން ދިޔަ އެވެ. މުޖުތަމައަށް އަމާކަން ގެނެސް ސުލްހަވެރިކަން އާލާކުރުމަށް ސަރުކާރުން މިހާރު ވިސްނަނީ 24 ގަޑިއިރު ހިދުމަތްދޭ ކެފޭތަކާއި ފިހާރަތަކަށް ނިމުމެއް ގެންނާށެވެ. އެކަމަކީ ވިޔަފާރިވެރިންގެ ނަޒަރިއްޔާ އިން ބޮޑު ގޯހެކެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު ހަރަދުކޮށްގެން ނަގަން ޖެހޭ ހުއްދަ ނަގައިގެން 24 ގަޑިއިރު ހިދުމަތް ދޭންފެށީ. ދެން ކުއްލިއަކަށް މިހެން ހެދީމާ މިއީ ވަރަށް ދެރަކަމެއް. އަޅުގަނޑުމެން ކައިރި އަހާ ވެސް ނުލާ ހަމަ ހުރެފަ ބަދަލުކުރީ. އަޅުގަނޑުމެނަށް މިކަން އެނގުނީ ނޫހުން. މިއީ އެއް ނޫން ދެއްތޯ ކަންތައްތައް ކުރަން ޖެހޭނެ ގޮތަކީ،" 24 ގަޑިއިރު ހިދުމަތްދޭ ސުޕަމާޓެއް ކަމަށްވާ "އޮރެންޖް ކައުންޓީން"ގެ ވެރިއެއް ކަމަށްވާ އަލީ މުހައްމަދު ބުންޏެވެ.

ސައްވީސް ގަޑިއިރު ހުޅުވާ ފިހާރަތަކާއި ކެފޭތަކަކީ ދިވެހިންނަށް މަގުބޫލު ތަންތަނެވެ. ގިނަ ބަޔަކު އެތަންތަނުން ހިދުމަތް ހޯދީ އުފަލާއި ހިތްހަމަޖެހުމާ އެކު އެވެ. ވިޔަފާރިވެރިންނަށް ނުހަނު ފައިދާވި އެވެ. ގިނަ ވިޔަފާރިވެރިން ފިހާރަތަކުގެ ދޮރުތަށް 24 ގަޑިއިރަށް ހުޅުވާލީ ގިނަ އުންމީދުތަކާއި ހުވަންފެންތަކެއް ދެކެމުންނެވެ. ރޭގަނޑު އެންމެ ދަންވަރަށް ވެސް ބޭނުންވާނޭ ތަކެތި ސްޓޮކްގައި ބަހައްޓައިގެން ވިޔަފާރި ފެށީ ދުވަހަކު ވެސް ހުއްޓާލަން ނުޖެހޭނެ ކަމުގެ ޔަގީންކަމާ އެކު އެވެ. ނަމަވެސް މަންޒަރު ބަދަލުވީ ގޮތުން ވިޔަފާރީގެ މޮޅު ޕްލޭންތަކާއި ސްޓްރެޓެޖީތައް ވަނީ ބަދަލުކުރަންޖެހިފަ އެވެ.

ވިޔަފާރިވެރިން ކިތަންމެ ނުރުހުނަސް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ 24 ގަޑިއިރަށް ހުޅުވުމުގެ ހުއްދަ ދޫކޮށްފައިވާ ކެފޭތަކާއި ފިހާރަތަކުގެ ހުއްދަތައް ވަގުތީ ގޮތުން ނަމަވެސް ބާތިލް ކުރަން ޖެހުނީ ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް އެ ފިޔަވަޅު އަޅަން ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވާތީ އެ ފިޔަވަޅު އަޅަން ޖެހޭތީ ކަމަށެވެ.

ނަމަވެސް މިކަމާ ވިޔަފާރިވެރިން މުޅީން ދެކޮޅެވެ. އެމީހުން އެވާހަކަ ގަބޫލުކުރަން ވެސް ބޭނުމެއްނުވެ އެވެ. ވިޔަފާރިވެރިން ބުނަނީ 24 ގަޑިއިރުގެ ހިދުމަތްދޭ ވިޔަފާރިތަކަކީ ކުށްއިތުރުވުމުގެ ދޮރެއް ނޫން ކަމަށާއި ކުއްކުރުން ހުއްޓުވަން ފިހާރަތައް ބަންދުރުމުން ސުވާލު އުފެދޭ ކަމަށެވެ.

ޒުވާނުންގެ ތެރޭގައި މަގުބޫލް 24 ގަޑިއުރުގެ ހިދުމަތްދޭ ކެފޭ، "އަވިސްޓާ"ގެ ވެރިޔާ އަހުމަދު އައްސަދު ބުނީ ސަރުކާރުން ނިންމި ނިންމުމަކީ ވަކި ބަޔަކަށް ފައިދާ ކުރަންވެގެން ނިންމި ނިންމުމެއް ކަމަށާއި 24 ގަޑިއިރު ހިދުމަތްދޭ ވިޔަފާރިތަކަކީ ކުށްކުރުމަށް މަގުފަހިވާކަމެއް ނޫން ކަމަށެވެ. އޭނާ އަދި ބުނީ ސަރުކާރުން އެ ނިންމި ނިންމުމުގެ ސަބަބުން އެ މީހުންގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއްވެ އެތައް ބައެއް ވަޒީފާ އިން ވަކިކުރަންޖެހުމަކީ ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.

"މީގައި އޮތްގޮތަކީ ފުލުހުން ރަނގަޅަށް ބެލެހެއްޓުން ބަޔަކު ކުރަމުންދިޔަ ވިޔަފާރިއެއް ހުއްޓުމަކީ މިކަމަށް އޮތް ހައްލެއްނޫން. އަދި ހުއްޓޭނެވެސް ކަމެއް ނޫން،" އައްސަދު ބުންޏެވެ.

ސައުވީސް ގަޑިއިރުގެ ވިޔަފާރިއާ އެކު ވިޔަފާރީގެ ވެއްޓަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރުމުން ގިނަ ބަދަލުތަކެއް ކަސްޓަމަރުންގެ ހިޔާލާއެކު ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް އެފަދަ ފިހާރަތަކުން ބުނެ އެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ ގިނަ އައިޓަމްތަކެއް ސްޓޮކްގައި ހިމެނުމަކީ ދަންވަރުގެ ވިޔަފާރިއަށް ވަރުގަދަވެގެންދާ ކަމެކެވެ. އަދި ކުއްލިއަކަށް ބޮޑު ބަދަލެއް ގެނައުމުން ވިޔަފާރިން އެކަން ސިފަކުރަނީ "ތާކުންތާކު ނުޖެހޭ ކަމެއްގެ"ގޮތުގަ އެވެ.

މިހާރު ގެނައި ބަދަލާ އެކު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ރޭގަނޑު 1:00 ކަށެވެ.

ފުޅާދާއިރާ އެއްގައި 24 ގަޑިއިރުގެ ހިދުމަތްދޭ ޝޮޕް އެން ސޭވްގެ އޮޕަރޭޝަން މެނޭޖާ އަބުދުލްﷲ އަޝްރަފް ބުނީ އެފަދަ ބަދަލެއް އައުމުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެކަމުގެ ސަބަބުން މުވައްޒިފުން ވަކިކުރަން ޖެހި ސޭލްސްގެ 50 ޕަސެންޓް ހިއްސާ ކުރާ ދަންވަރުގެ ވަގުތުގެ ސޭލްސް ގެއްލިދާނެ ކަމަށެވެ.
ހުރިހާ ވިޔަފާރިވެރިން ވެސް އެންމެ ބޮޑު ސުވާލެއް އުފައްދާކަމަކީ 24 ގަޑިއިރު ހިދުމަތްދޭ ވިޔަފާރިތަކުގެ ސަބަބުން ގައުމީ ސަލާމަތާ ހުރި ގުޅުމެވެ. އަދި ގައުމުގެ އަމާންކަމާ އެކަން ގުޅިލާމެހޭ ގޮތެވެ.

އެކަމާ ގުޅެގޮތުން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ އެގޮތަށް އެ ނިންމުން ނިންމީ ގައުމީ ސަލަމަތާއި މުޖުތަމައުގެ ރައްކާތެރިކަމަށް އެއީ މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ކެބިނެޓުން ނިންމާފައިވުމުން ކަމަށެވެ. އަދި އެއީ ރޭގަނޑުގެ ލައިފްސްޓައިލް ބަދަލުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ގަބޫލެއް ނުކުރަން ފިހާރަތަކަކީ ކުށްކުރުން އިތުރުކުރާތަނެއް ކަމަކަށް. ދަންވަރު ގަޑީގައި މަގުމަތީގައި މީހުން އުޅުން މަދުކުރުން މަގުސަދަކަށް ވަނީ. ދެން މަޝްވަރާކުރުމަކީ އެންމެ ރަނގަޅު އުސޫލު ނަމަވެސް މިކަމަކީ ގައުމީ ސަލާމަތާއި މުޖުތަމައުގެ ރައްކާތެރިކަމަށް އޮތް ކަމެއްކަމަށްވާ އިރު މިކަހަލަ ކަންކަމުގައި މަޝްވަރާކޮށްކޮށް ހުއްޓައި ވަގުތު ފާއިތުވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅިގެންދާނެ ކަމަށާއި އެގޮތުން ނަސޭހަތްތެރިވުމަށް ފަހު އިސްލާހުނުކޮށްފި ނަމަ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ 24 ގަޑިއިރުގެ ހިދުމަތް ދިނުމަށް ދެން ހުއްދަދޭނީ ގާނޫނު އިސްލާހުކޮށް ގައުމީ ސަލާމަތަށް ރައްކާތެރިކަން ހުރިވަރު ބަލައިގެން ކަމަށެވެ.

ސަރުކާރުގެ ކުއްލި ފިޔަވަޅުގެ ސަބަބުން ވިޔަފާރިވެރިން ތިބީ މާޔޫސްވެފަ އެވެ. އެކަމުން އެމީހުންގެ އެތައް ޕްލޭނަކަށް ވަނީ ބުރޫއަރާފަ އެވެ. މައްސަލައަކީ ކުއްލި ކުއްލި އަށް ކަންކަން އިއުލާންކޮށް، ދިރާސާއެއް ނެތި ކަންކަން ފެއްޓުމެވެ. ސައުވީސް ގަޑި އިރުގެ ތަންތަން ވެސް ބޭނުންވާނެ އެވެ. ނަމަވެސް މުޅި ވިޔަފާރީގެ މާހައުލަކީ 24 ގަޑިއިރުގެ ކަމަކަށް ބަދަލުވާ ނަމަ އެއީ ވެސް ވިސްނަން ޖެހޭ ކަމެކެވެ. ސަރުކާރުން އަވަހަށް ގޮތްތަކެއް ކަނޑައަޅައި އާންމު ކުރާނެ ކަމަށް ވިޔަފާރިވެރިންނާއި އާންމުން ވެސް އުންމީދު ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް