އިލެކްޝަންސްގެ ފަހަތު ފަޔަށް ބަރުވަނީ ކީއްވެ؟

އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓް ދެ ބަޔަކަށް ބަހާލެވިދާނެ އެވެ. އިންތިހާބާ ބެހޭ ހުރިހާ ކަމެއް މޮނީޓާކޮށް އިންތިހާބުތައް ކުރިއަށް ގެންދިޔުމެވެ. އެއާ ގުޅި ލާމެހިގެން އަންނަނީ ޕާޓީތައް ފާރަވެރިވުމުގެ މަސައްކަތެވެ. އެއީ ވެސް އިލެކްޝަންސް ކޮމިޝަންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ފުރަތަމަ މެންޑޭޓަކީ ވެސް އިންތިހާބުތައް ކުރިއަށް ގެންދިޔުމެވެ. އޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމެވެ. އެ މަސްއޫލިއްޔަތުތަކާ މެދު ސުވާލުއުފެދުމަށް މިހާތަނަށް ޖާގައެއްނެތެވެ. ނަމަވެސް ސުވާލުއުފެދެނީ ސިޔާސީ ޕާޓީތައް ރެކިއުލޭޓް ކުރުމުގައި އިލެކްޝަންސް ކޮމިޝަންގެ ވާޖިބާ މެދު އެވެ. އެ ކޮމިޝަނުން ކޮނޑު އަޅަން ޖެހޭ ދެ ވަނަ މަސްއޫލިއްޔަތާ މެދު އެވެ. އެއްބަޔަކު އެކަމުގައި އިލެކްޝަންސް ފެއިލްވެއްޖެ ކަމަށް ގަބޫލުކުރެ އެވެ. އަނެއް ބަޔަކު ވިސްނަނީ އެކަމުގައި އިލެކްޝަންސް އިހުމާލުވީ ކަމަށެވެ.

"އަޅުގަނޑު ހިތައް އަރާ އިލެކްޝަންސް އިން ކީއްބާއޭ މި ކުރައްވަނީ. އެ ބޭފުޅުންގެ ގާނޫނީ ޒިންމާ ކޮބައިތޯ ސުވާލު އުފެދޭ. އެކި ކަންކަން ތަކުރާރުކޮށް ފެންނަމުން ދާ އިރު އަޅުގަނޑުމެންނަކަށް ނުފެނޭ އިލެކްޝަންސް އިން ކަމެއް ކުރަމުންދާ ތަނެއް. އިލެކްޝަންސް އިން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ދަނީ ނުކުރެވެމުން،" ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގު ހަސަން ވިދާޅުވެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ސިޔާސީ ޕާޓީތަކުގެ މެންބަޝިޕް ދަފްތަރު ބެލެއްޓުމާ އަދި ޕާޓީތަކުގެ ހަރަކާތްތަކުގެ އިންތަކާއި މިންތައް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަންގެ ދައުރު ފެންނަނީ ފަޑުކޮށެވެ. ސިޔާސީ ޕާޓީތަކުން ހަރަކާތްތެރިވަނީ އިމުން ބޭރުގަޔާއި އެތެރޭގަ އެވެ. ކޯޓުތަކުގެ ގާނޫނީ ހައިސިއްޔަތާ ދޭތެރޭ ސުވާލުއުފައްދާ ކޯޓުތަކުގެ އަމުރުތަކަށް ތަބާނުވުމަށް ގޮވާލާ ފަހަރުއާދެ އެވެ. އަނެއްބައި ފަހަރު ސަލާމަތީ ހިދުމަތްތަކާއި އަދި ތަންފީޒީ ބާރުތަކަށް ހަމަލާދިނުމަށް އަޑުއުފުލެ އެވެ. ޕާޓީގެ ގުނަންތަކުން ގަރާރުތައް ފާސްކޮށް، ސީދާ ގާނޫނީ ނިޒާމާ ދެކޮޅަށް މަސައްކަތް ކުރެ އެވެ. ސާބިތު ނުހިފޭ ދޮގު ވާހަކަތަކުން ފިތުނަ އުފައްދައި ހަމަނުޖެހެމަށް މަގުފަހިކުރެ އެވެ. ނަމަވެސް އެކަންކަން ކުށްވެރި ކުރުން ނޫން ކަމެއް އިލެކްޝަން ކޮމިޝަނަށް މިހާތަނަށް ނުކުރެވެ އެވެ. ނޫނީ ނަސޭހަތް ދެނީ އެވެ.

"އެމްޑީޕީގެ ލީޑަރު، ކުރީގެ ރައީސް ނަޝީދު ވެސް މި ގޮވާލައްވަނީ ރައްޔިތުން މަގުމައްޗަށް ނުކުމެ ފުލުހުންނާ ކުރިމަތިލުމަށް. އަދި ތަފާތު އެކި ސަރަހައްދުތަކުގައި ތަފާތު މާލަންތަކުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ދަނީ ފުލުހުންނާއި ސިފައިންނަށް ބިރު ދައްކަމުން. މިހާ ހިސާބަށް ކަންކަން ގޮސްފައި މިހުރީ. އެހެންވީމާ ހަމައެކަނި ހަރުކަށި އިބާރާތުން ކުށްވެރިކޮށްލުމަކުން ނުނިމޭ. މިކަންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަރަށް ހަރުކަށިކޮށް ފިޔަވަޅު އަޅަން ޖެހޭ،" ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން ވިދާޅުވެފައިވެ އެވެ.

ހަގީގަތަކީ ކޮންމެވެސް ސަބަބުތަކަކާ ހުރެ ނަމަވެސް އިލެކްޝަންސް ކޮމިޝަންނަށް ފަހަތު ފަޔަށް ބުރަވެވޭ ކަމެވެ. އެ ވަގުތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ފަސްޖެހެވޭ ކަމެވެ. ޑިމޮކްރެޓިކް ވެއްޓެއްގައި ސިޔާސީ ޕާޓީތަކުގެ އިހްތިސޯސް މާބޮޑަށް ފުޅާވެ ދައުރު ވެސް ބޮޑުކަމަށް ވިސްނޭ ވިސްނުމުގެ އަސްލަކީ ފިޔަވަޅުތަކަށް ދާން ޖެހިލުންވުން ކަމުގައިވެދާނެ އެވެ. ސިޔާސީ ޕާޓީތަކަށް ފިޔަވަޅު ނޭޅޭ ވާހަކަ އިން ކުރި ފަޅާ އެހެން މައްސަލައެއް ވެސް އޮތީ އެވެ. އެއީ ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުގެ ސައްހަކަން މިހާތަނަށް އިލެކްޝަންސް އަށް ހޯދިފައިނެތް ކަމެވެ. ނަމަވެސް އެ ދަފްތަރުގެ މައްޗަށް ބިނާވެ ކޮމިޝަނުން ޕާޓީތަކަށް މިލިއަނުން ކޮންމެ އަހަރަކު ފައިސާ ދޫކުރެ އެވެ.

"ސައްހަ އިނގިލީގެ ނިޝަނަކާ އެކު އެހެން މީހެއްގެ މައުލޫމާތު ހިމެނޭ ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިޔަސް، އިނގިލީގެ ނިޝަންތައް ހިމެނޭ ޑާސްޓާބޭސްއަކުން ބެލިގެން އިނގިލީގެ ނިޝާނާ މައުލޫމާތު ދިމާވޭތޯ ބެލޭނެ އެއްވެސްގޮތެއް އެ ކޮމިޝަނުގައި އިންތިޒާމް ކުރެވިފަ އެއް ނެތް،" ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވިދާޅުވި އެވެ. "މިހާރު ޕާޓީތަކުގައި ތިބޭ ސައްހަ މެންބަރުން ދެނެގަންނަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ އިރު، ސައްހަ ނޫން މެންބަރުންތަކެއް ޕާޓީތަކުގައި ތިބެދާނެކަން ގަބޫލުކުރެވޭ. ރައްޔިތުންގެ ފައިސާ ޕާޓީތަކަށް ދޭންވާނީ ސައްހަ މެންބަރުންގެ އަދަދުގެ މައްޗަށް ބިނާކޮށްގެން،"

އިލެކްޝަންސް ކޮމިޝަނުން ޒިންމާތައް އަދާނުކުރެވެންވީ ކިއްވެބާ އެވެ؟ އެ ކޮމިޝަނަށް ޒިންމާތަކުން ރެކެންވެން އޮތް ފުރުސަތުތައް ވަރަށް ވެސް ކުޑަ އެވެ. އިލެކްޝަންސް އަކީ ހަމައެކަނި ސިޔާސީ ޕާޓީތަކަށް ފާރަވެރިވާން އޮތް ކޮމިޝަނެވެ. ނަމަވެސް އެ ކޮމިޝަނަށް ވެސް އާންމު އުސޫލުގެ ދަށުން ގާނޫނުގެ ތެރެއިން ތާށިކަމެއް ކުރިމަތީވަނީ ބާއެވެ؟

"މިހާރު މި ރާއްޖޭގައި އޮތް ގާނޫނު އަސާސީ އިން ދިވެހިންނަށް ލިބިދީފައި އޮތް ގާނޫނު އަސާސީން ލިބިދީފައި އޮތް ހައްގުތަކާއި މިނިވަންކަން ދުނިޔޭގެ އެއްވެސް ގައުމެއްގައި ލިބިނުދޭ ވަރަށް ލިބިދޭ. ދެން އެހެން އޮއްވާ ކިހިނެއްތޯ 2005 ވަނަ އަހަރު ހަދާފައި އޮތް ސިޔާސީ ޕާޓީތަކާ ބެހޭ ގަވާއިދުގެ ދަށުން އަޅުގަނޑުމެން މި ކަންކަން، މި ދެންނެވީ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެން މިކަންކަން ކުރާނެ ގޮތެއް ނުވިސްނޭ،" އިލެކްޝަންސްގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވި އެވެ.

މާކުރީގެ ގަވާއިދެއްގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް މަސައްކަތް ކުރަންޖެހުމަކީ އެ ކޮމިޝަނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ. މެންބަރުންގެ އަދަދު ވަރަށް ބޮޑަށް މަދު ސިޔާސީ ޕާޓީތަކަށް ފައިސާ ނުދީ އެ ކޮމިޝަނުން ހިފެހެއްޓުމުން އާހިރުގައި ޖެހުނީ އެ ފައިސާ ވެސް ދޫކުރާށެވެ. އެ ކޮމިޝަނަށް ގާނޫނުގެ ތެރެއިން އެ ބާރު ލިބިދެވޭނެ ގޮތެއް ނުފެނުނެވެ. ގާނޫނުގެ ކުރިމަތީގައި އިލެކްޝަންސް ކޮމިޝަން ވެސް ކުޑަ ކަކޫ ޖަހަން ޖެހުނީ އެވެ.

"އަޅުގަނޑުމެން ދެން ބޭނުމެއް ނޫން، ގާނޫނުގެ ތެރެއިން ބާރުނުލިބޭ ކަމެއްގެ ތެރެއަށް ވަންނާކަށް، އެއީ އެކަން ކުރަންވެސް ވާނެ ގޮތެއް ނޫން. އަޅުގަނޑުމެން އެއަށް ވިސްނަން ޖެހޭނެ. އަޅުގަނޑުމެންގެ މެންޑޭޓްގެ ފުރަތަމަ ކަމަކީ ވެސް އިންތިހާބު. އެކަން އަޅުގަނޑުމެންނަށް ރަނގަޅަށް މި ކުރެވެނީ ކޮންމެ އިންތިހާބަކަށް ގާނޫނެއް އެބަ އޮވޭ. ދެން އަޅުގަނޑުމެންގެ ގައުމުގައި މި ތިއްބަވަނީ ސިޔާސީ އެކި ފިކުރުގެ ބޭފުޅުން، އެބޭފުޅުންނަށް އަޅުގަނޑުމެންގެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ،" ފަޔާޒު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ވާވަރަކުން މިދަނީ މަސައްކަތް ކުރަމުން ސިޔާސީ ޕާޓީތަކުގެ ކަންކަމުގައި ވެސް."

ފަޔާޒު ވިދާޅުވާ ގޮތަށް ސިޔާސީ ވާދަވެރިކަމުގައި އެކި ވާހަކަ އެކި ކުލައިގައި ދެއްކިދާނެ އެވެ. އެކަމަށް އަތް ޖަހާނެ މީހުން ވެސް ތިބޭނެ އެވެ. ނަމަވެސް ކަމުގެ ހަގީގަތް އޮންނާނީ ފޮރުވިފަ އެވެ. ސިޔާސީ ޕާޓީތަކުން އިމުން ބާރުވުމުން ހަރުކަށި ފިޔަވަޅު އެޅުމުގެ ވާހަކަ ދައްކާ، އިލެކްޝަންސް ކޮމިޝަން ނުކުޅެދި ފެއިލްވާ ވާހަކަ ދައްކާ އިރު ވިސްނަންވީ އަނެއް ފަރާތް އޮތީ ދޫކޮށްލެވިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް