ގުޅިފައިވާ ޕާޓީތަކުން 2013 ގެ ރިޔާސީ އިންތިހާބުގައި އެއްކެނޑިޑޭޓަކު ނެރުމުގެ ގޮތުން މިހާރުގެ ރައީސް ޑރ. ވަހީދަށް އެފުރުސަތު ދިނުމުގެ ހިޔާލު މީޑިއާގައި އެންމެ ފުރަތަމަ ފާޅުކުރި އެއްފަރާތަކީ މި "ކެޔޮނިރު" ކޮލަމެވެ! އަދިވެސް އަޅުގަނޑު ރައީސް ޑރ. ވަހީދަކާ ދެކޮޅެއް ނޫނެވެ. ނަމަވެސް ހިތުގައި ޝައްކު އުފެދޭ ބައެއް ކަންތައް ފަހަކަށް އައިސް (މަދުން ނޫނަސް) ފެންނަމުންދެ އެވެ.
އޭގެ ތެރެއިން އެއްކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަކިގޮތަކަށް ނިންމާފައި ވަނިކޮށް ވެސް، މެލޭޝިއާގެ ނެކްސްޓް ބިޒް އާއި ހަވާލު ކޮށްފައިވާ 500 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދެވުމެވެ. މިމަޝްރޫއުގައި ސޮއިކުރައްވާފައި ވަނީ އިމިގްރޭޝަންގެ ކޮންޓްރޯލަރަކަށް ރައީސް ޑރ. ވަހީދުގެ ޅިޔަނު، އިލްޔާސް ހުސައިން ހުންނެވި އިރު އެވެ.
ނެކްސްޓް ބިޒްއާ އެކު ސޮއި ކޮށްފައިވާ އެގްރިމެންޓުގައި ކަރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ތުހުމަތުކޮށް މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިމިގްރޭޝަނަށް އެންގުމުން ރައީސް ވަހީދުގެ ޅިޔަނު އިލްޔާސް ހުސައިން ޑިފެންސް މިނިސްޓްރީއަށް ބަދަލުކުރެއްވި އެވެ. އެއަށްފަހު އިމިގްރޭޝަނާ ހަވާލު ކުރެއްވީ ރައީސް ވަހީދުގެ ގާތް ރަޙްމަތްތެރިއެއް ކަމުގައިވާ ޑރ. މުހައްމަދު އަލީ އާ އެވެ.
އެންޓިކޮރަޕްޝަން ކަމިޝަނަކީ ސަރުކާރުން ހިންގާ މަޝްރޫއުތައް ހުއްޓުވަން ތިބޭބައެއް ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އެއަށްފަހު އެކޮމިޝަނަށް ގޮންޖަހާފައި ބޮނޑިބަތް ބަހާފައި، އިމިގްރޭޝަނުން ވަނީ ބޯޑާރ ކޮންޓްރޯލްގެ މަޝްރޫއު ކުރިއަށް ގެންގޮސްފަ އެވެ.
ނެކްސްޓް ބިޒްއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނުގެ މައްސަލަތައް ހުރިކަމަށް ތުހުމަދު ކުރެވުމުގެ އިތުރަށް، އެއީ ދައުލަތަށް ލިބެން ހުރި ގިނަ ފައިދާތަކެއް ދޫކޮށްލުމަށްފަހު މެލޭޝިއާގެ ކުންފުނީގެ ކޮޅަށް ބުރަވާ ގޮތަށް ހެދިފައިވާ އެއްބަސް ވުމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
މިމައްސަލާގައި ރައީސް ޑރ. ވަހީދު ގައުމުގެ މަސްލަހަތާއި ފައިދާއަށް ވުރެ ބޮޑަށް އެހެން ބައެއްގެ ފައިދާއަށް އިސްކަން ދެއްވާފައި ވާކަމަށް ބެލެވެ އެވެ.
އިންޑިއާގެ ޖީ އެމް އާރު ކުންފުންޏަށް މާލޭ ބައިނަލްއަގްވާމީ ވައިގެ ބަނދަރު 35 އަހަރަށް ކުއްޔަށް ދިނުމަށް ކޮށްފައިވާ އެގްރީމެންޓަކީ ރާއްޖޭގެ ގާނޫނާއި ހިލާފަށް، ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭގޮތަށް، ކޮށްފައިވާ އެގްރީމެންޓެއްކަން ފެންނަން އޮތް އިރުވެސް މިކަމުގައި ރައީސް ޑރ. ވަހީދު ފެންނަނީ ފުލަށް ބަރުވެގެން އުޅޭތަނެވެ. އެ އެގްރީމެންޓް ބާތިލް ކުރުމަކީ އުދަނގޫ ކަމެއް ކަމުގައި ދައުލަތުގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެފައި ވެ އެވެ.
ނަމަވެސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ޖީ އެމް އާރަށް އެއާރޕޯޓް ދިނުމުން އެތަން އަނބުރާ ދިވެހިރައްޔިތުންނަށް ހޯދައިދެއްވުމުގެ މަސައްކަތް ފެއްޓެވިކަމުގައި އާޒިމާ ޝުކޫރު އިޢުލާން ކުރެއްވި ހަނދާން ދިވެހިންގެ ގިނަ ބަޔަކު އަދިވެސް އެބަހުއްޓެވެ. އާރޓިފިޝަލް ބީޗުގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމާ އެފަދައިން އިއުލާން ކުރެއްވިއަސް މިހާރު ސަރުކާރުގެ ބާރުތައް ލިބިވަޑައި ގަތުމުން ކޮންމެވެސް ވަރަކަށް ރާގު ވަނީ ބަދަލުވެފަ އެވެ. ރައީސް ވަހީދު މިމައްސަލައިގައި ވެސް ހުންނެވީ ދެއަތްޕުޅު ފުރަގަހަށް ލައްވައިގެން ދެއަތަށް ކިރުއްވި ކިރުއްވި އެވެ.
ގައުމީ މިފަދަ ބޮޑެތި މައްސަލަ ތަކުގައި ހަރުދަނާ ލީޑަރޝިޕް ނުދެއްކޭނަމަ ރައީސް ޑރ. ވަހީދަކީ ދިވެހި ގައުމުގެ ކުރިމަގުގައި ހުރި ގޮންޖެހުންތައް ކަޑައްތުކޮށް، ގައުމާއިގެން އަމާން ބަނދަރަކަށް ވަޑައިގެންނެވޭނެ ފަދަ ލީޑަރެއް ކަމާއި މެދު ޝައްކު އުފެދޭނެ ޖާގަ އެބަ އޮތެވެ.
"ދިވެހިންގެ އެއާޕޯރޓް ދިވެހިންނަށް" މި ޝިއާރުގެ ދަށުން ޖީ އެމް އާރު އަތުން އަނބުރާ އެއާރޕޯޓް ހޯދުމުގެ އައު މަސައްކަތެއް ސެޕްޓެމްބަރު ސަތާރަ ވަނަ ދުވަހު ހަތް ޕާޓީއެއް ގުޅިގެން ވަނީ ފަށައިފަ އެވެ. އެއީ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، ޕީ ޕީ އެމް، ގައުމީ ޕާޓީ، ޕީޕަލްސް އެލަޔަންސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ އިތުރުން ގައުމީ އިއްތިހާދެވެ. ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ ތެރެއިން މިމަސައްކަތުގައި ބައިވެރި ނުވަނީ ޑީ. އާރު. ޕީ އެކަންޏެވެ.
ޖީ އެމް އާރު މައްސަލައިގައި ޑީ. އާރު. ޕީ ގެ ލީޑާރ ތަސްމީން އަލީ އާއި ޑީ. އާރު. ޕީގެ ކައުންސިލް މެމްބަރު (ރައްޔިތުންގެ މަޖުލީހުގެ ރައީސް) އަބްދުﷲ ޝާހިދާ ދިމާއަށް ދިއްކުރެވޭ ތުހުމަތުގެ އިނގިލިތައް، މިކަމުގެ ސަބަބުން އިތުރުވެގެން ދާނެކަން ޔަގީނެވެ.
ރައީސް ޑރ. ވަހީދު ނިސްބަތްވެ ވަޑައިގަންނަވާ ކުޑަ ޕާޓީ (ގައުމީ އިއްއތިހާދުން) މިކަމުގައި ބައިވެރި ވިއަސް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާގޮތުގައި އެއީ ރައްޔިތުންނަށް ދައްކާލާ ދަޅައެކެވެ. ޖީ އެމް އާރު މައްސަލައިގައި މިހާރުގެ ސަރުކާރާއި ރައީސް ޑރ. ވަހީދު އިޚްލާސްތެރި ކަން ސާބިތުކޮށް ދެއްވާނަމަ މިވަރަކުން އަދި ނުފުދެ އެވެ.
ދެހާސް ތޭރައިގެ ކުރިން ޖީ އެމް އާރު އަތުން އެއާރޕޯޓް މިނިވަން ކުރަން ލާޒިމެވެ! އަދި އެ އިންތިހާބުގައި ރައްޔިތުންގެ ގިނަބަޔަކު ވޯޓު ދޭނީ ދިވެހި ދައުލަތުގެ އެއޮއް ބޮޑު ތަރިކަ މުދާގަނޑު އަނބުރާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގައި އެންމެ ބޮޑަށް އިހްލާސްތެރިކަން ދައްކަވާ ލީޑަރަކަށެވެ.!