ހުރިހާ މައްސަލައެއްގެ ހިޔަނީގައި ފައިސާ!

މަރުގެ ސިލްސިލާތަކުގައި ބޮޅަކަށް ފަހު ބޮޅެއް އިތުރުވެ އުފެދޭ ހޮއި ދަނީ ބޮޑުވަމުންނެވެ. ވަކި ދިމާލެއް ނެތެވެ. އެންމެ އާދައިގެ މީހާއިން ފެށިގެން ސިޔާސީ ފަރާތްތަކާ ވިޔަފާރިވެރިންގެ ކަރަށް ހަންޖަރު އެތިފަހަރު އަމާޒުވާނީ ކޮން ވަގުތަކުކަން ބުނަންވެސް ނޭންގެ އެވެ.

ވައްކަމާއި މާރާމާރީ އާއި ފޭރުމާއި މަސްތުވާތަކެތީގެ ވަބާގައި ގައުމުގެ ޒުވާންޖީލު އޮޔާދާއިރު އެކަމާ ފިކުރު ބޮޑުވާތަނެއްނުފެނެ އެވެ. އަދި އެފަދަ ކަންތަކުގެ ތެރެއަށް ޒުވާނުންގެ އާބާދީގެ ބޮޑުބައެއް ހުށަހެޅިފައިވާއިރު އިޖްތިމާއީ ބޮޑު މައްސަލައަކަށް އެ މައްސަލަވީ ކީއްވެކަން ކަމާބެހޭ ފަރާތަކަށް މިހާތަނަށް ސާފުކޮށްދެވިފައެއްނެތެވެ. އެކަމުގެ ސަބަބުތަށް ބަލައި އެކަން ހުއްޓުވަން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ގައުމީ ފެންވަރެއްގައި ރަނގަޅު ދިރާސާއެއް ހެދިފަ އެއް ނެތެވެ.

ކިރިޔާ ވެސް އެކަމުގެ ވާހަކައެއް ދައްކައި މިހާތަނަށް ނެރެފައިވާ ދިރާސާއަކީ މޯލްޑިވްސް އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ، އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަނުން ދާދިފަހުން ނެރުނު ރިޕޯޓެވެ. އެރިޕޯޓުން ވެސް ހާލަތުގެ ނުރައްކާކަން ސާފުވެ އެވެ. ގޭންގުތަކުގެ ފަހަތުގައި ސިޔާސީ ވެރިންތިބެ މީހުންގެ ލެޔަށް އަގުކިޔާކަމަށް ރިޕޯޓުގެ ދިރާސާއިން ވަނީ ފުރަތަމަ ފަހަރަށް ހާމަވެފަ އެވެ.
މުޖުތަމައުގެ ކޮންމެ ނޭދެވޭ ކަމެއްގެ މައްޗަށް ފައިސާގެ ހިޔަނިއެޅެން ފަށާފައިވާއިރު ދާދިފަހުން ރަހުމްކުޑަކޮށް އަވަހާރަކޮށްލެވުނު އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ތަހުގީގަށް ސާބިތު ހެކި ދޭ ފަރާތަކަށް ފައިސާގެ އިނާމެއް ވަނީ ބަހައްޓައިފަ އެވެ. ކުރުކޮށް ބުނާ ނަމަ އަފްރާޝީމް އަވަހާރަކޮށްލި މީހުންގެ ސާބިތު ހެކި ހުށަހަޅާ މީހަށް 500،000ރ. ހުށަހެޅީ އެވެ.

އެއީ ކޮންޓްރަވާޝަލް ބޮޑު މައްސަލައަކަށް ވާއިރު އެކަމާއެކު ފެންމަތިވާ ސުވާލުތައްވެސް ގިނަ އެވެ. އޭގެ ސަބަބުން ތަހުގީގަށް ލިބޭ ހެކިތަކުގެ ސައްހަކަމާ މެދުވެސް ސުވާލުއުފެއްދުމުގެ ޖާގަލިބެ އެވެ. އަދި ތަހުގީގަށް ސައްހަ ނޫން މައުލޫމާތުތަކެއް ލިބި މުޅި ތަހުގީގު އަސްލު މިސްރާބު ނޫން އެހެން ދިމާލަކަށް އެބުރުމަކީވެސް ނުވުމަށް ވުރެ ވުންވެސް ކައިރިކަމެކެވެ.

އެކަމާ ދެކޮޅަށް ފެތުރޭ އަޑުތަށް ގަދަވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ނޫސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒް ވިދާޅުވީ އެކަމުގެ ސަބަބުންވެސް ތަހުގީގަށް ލިބޭނީ އިތުރު ކުރި އެރުމެއް ކަމަށެވެ. އަދި ތަހުގީގަށް ކުރިއެރުން ހޯދުމުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ގާނޫނު ތަންފީޒު ކުރާ މުއައްސަސާއެއްގެ ހައިސިއްޔަތުން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ފައިސާގެ އިނާމެއް ބެހެއްޓުމުގެ ހުއްޖަތަކަށް ރިޔާޒު ދެއްކެވީ އެ ވާހަކަތަކެވެ.

ނަމަވެސް ފައިސާގެ ދަހިވެތި ކަމުގައި ކުރެވޭ ކުއްތަށް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު އޭގެ ސަބަބުން ނުބައި ނަތީޖާތަކެއް ނުކުމެދާނެ ކަމަށް ގަބޫލުކުރެ އެވެ. ރޭވިގެން ދޮގު ހެކިބަސް ދިނުން ފަދަ އިތުރު މައްސަލަތަކެއްވެސް ތިލަވެދާނެ އެވެ. އެއީ ކުށްވެރިންނަށް ފައިސާގެ އިނާމް ދީގެން ކުށްކުރުވަން ހުޅުވުނު ދޮރެއް ކަމަށްވެސް ސިފަކުރާ މީހުން ތިބީ އެވެ.

ހޯމް މިނިސްޓާ ޑރ. ޖަމީލް ދާދިފަހުން ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ހިންގާ ބޮޑެތި ގިނަ ކުށްތަކުގެ މަގުސަދަކީ ފައިސާ ހޯދުން ކަމަށެވެ. އަދި އޭގެ ފަހަތުގައި ބޮޑެތި ފައިސާގެ އަދަދުތަކުން މުއާމަލާތްތައް ހިންގާފައިވާކަން ފާހަގަވެފައިވާކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"އެހެންވީމަ އެބަޖެހޭ އެފައިސާ ރައްކާކުރެވޭ ތަނަކާއި އެފައިސާ ގެންގުޅޭ ފަރާތެއް ހޯދޭނެ ގޮތްތަކެއް އަޅުގަނޑުމެން ބަލަން،" މިނިސްޓާ ވިދާޅުވެފައިވެ އެވެ.

ކުށްތަކަށް ގިނަ ޒުވާނުން އަރައިގަންނަ މައި ދޮރަކީ މަސްތުވާތަކެއްޗާއި ގޭންގުތައް ކަމަށްވާއިރު، އެކަމުގައި އުޅޭ ޒުވާނުންނަށް ފައިސާ ފޯރުކޮށްދޭ ފަރާތްތައް ހޯދަންޖެހެ އެވެ. އެ ދޮރުތައް ބަންދުކުރަން ފައިނޭންޝަލް އިންޓެލިޖެންސް ވަނީ ވަރުގަދަ ކުރަންޖެހިފަ އެވެ. ހުރިހާ ބޮޑެތި ކުށްތަކެއްގެ ފައިސާ ބަދަލުކުރާ މައިމަރުކަޒަކީ ރާއްޖެއަށް ވެގެންނުވާނެ އެވެ. އަދި އެމަންޒަރު ކުރަހަދީގެން ވެސް ނުވާނެ އެވެ.

"މިހާރުން މިހާރުން މިހާރަށް ވެސް ފައިނޭންޝަލް އިންޓެލިޖެންސް ވަރަށް ބޮޑަށް ހަރުދަނާ ވާން އެބަޖެހޭ. ކޮންމެވެސް އެއްގޮތަކަށް ފައިސާ ރާއްޖޭން ބޭރު ކުރަމުންދާކަން އެބަ އިނގޭ. އަދި އެތަންތަނުގައި އަތްއަޅާ އެކަން ކުރާ ފަރާތްތައް ހޯދަންޖެހޭ. އެފަދަ ކަންތައްތަށް ކުރާ ފަރާތްތަކަށް ރާއްޖޭގައި އެފަދަ އަމަލުތައް ހިންގުމަކީ ފަސޭހަ ކަމެއް ނޫންކަން އަންގަދޭން ޖެހޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ބޭންކުތަކަކީ ކުށްވެރިން ކުށްކުރަން މަގުފަހިވާ ތަނަކަށް ވެގެން ނުވާނެ އެވެ. ބޭންކުތަކުގެ ގާނޫނު ހަރުދަނާ ކޮށް ވަރުގަދަ ކުރަން ޖެހެ އެވެ. އަދި ތަންފީޒީ އިދާރާތަކުން އަޅާ ފިޔަވަޅުތައްވެސް ކުއްކުރުމަށް ޖާގަދޭ ކަންތައްތަކަށްވެގެން ނުވާނެ އެވެ.

ބޮޑެތި ކުށްތައް ކުރާފަރާތްތަކަށް ސަރުކާރުން މައާފުދީގެން ނުވާނެ އެވެ. ހާއްސަކޮށް މަރުގެ އަދަބުން އެއްވެސް މީހަކަށް ލުއިކޮށްދީގެން ނުވާނެ އެވެ. މިނިސްޓާ ވިދާޅުވަނީ؛ "މަރުގެ އަދަބާއި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން ކުރާ ކުށްތަކުގައި އަދަބު ލުއިކޮށް ނުދެވޭނެ ޕޮލިސީއެއް ގާއިމުކޮށް އެމީހުންގެ ފުރިހަމަ އަދަބު ދޭންޖެހޭ،" ކަމަށެވެ.

ފައިސާވެރިންގެ ފައިސާއިން ދައްކަމުންގެންދާ އަވާމެންދުރުން އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމަށް ހިޔަނި އެޅިފައިވާއިރު ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅާ ފަރާތަށް ފައިސާގެ ބޮޑެތި އިނާމުތައް ދިނުމަކީ ގައުމު އޮތް ހާލާތުގެ ގޮތުން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމެކެވެ. އެކަމުންވެސް ނުބައި ސަގާފަތެއް އުފެދިދާނެތީ ބިރުގަންނަންޖެހެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް