ދިވެހި މަސްވެރިކަމަށް އީޔޫގެ އިނާޔަތްތައް ދަމަހައްޓަން ޖެހިފައި

ޓޫރިޒަމް އިންޑަސްޓްރީ ނެގުމަށް ފަހު މަސްވެރިކަމުގެ ޝިނާއަތަކީ ރާއްޖޭގެ އެންމެ ބިޔަ އިންޑަސްޓްރީ އެވެ. ތިމާވެށީގެ ގޮތުން ރަށްޓެހި، ދޮށީގެ މަސްވެރިކަމުން ރާއްޖޭގެ މަސްވެރިކަން ތަފާތުކަން ގެނެސްދޭ އިރު ދިވެހި މަހަށް ދުނިޔޭގެ ބާޒާރުގައި ރަނގަޅު އަގެއް ހޯދެ އެވެ. ދިރޭ މަހާއި، މަހުން ތައްޔާރު ކުރާ ތަފާތު ޕްރޮޑަކްޓްތައް ޔޫރަޕާއި އޭޝިޔާގެ ގައުމުތަކަށް ރާއްޖޭން ބޭރު ކުރާއިރު ހުރި ގޮންޖެހުންތައް ވެސް ގިނަ އެވެ.

ދިވެހިން އެކްސްޕޯޓް ކުރާ މަހުގެ 40 ޕަސެންޓް ޔޫރަޕަށް ބޭރުކުރާއިރު ކުރާ އިރު ބާކީއޮތް 60 ޕަސެންޓް އެކްސްޕޯޓްކުރަނީ އޭޝިޔާ އަދި އެހެނިހެން ސަރަހައްދުތަކަށެވެ. ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުން ރާއްޖެ އަށް ރަނގަޅު ފައިދާއެއް ލިބޭއިރު އެ ފައިދާ ދެމެހެއްޓުމަށް ރާއްޖޭން ކުރަން ޖެހޭ މަސައްކަތްތައް ގިނަ އެވެ. ރާއްޖެއަކީ އީޔޫގެ ޑިއުޓީ އިނާޔަތްތަކުގެ ޕެކޭޖް، ޖީއެސްޕީގައި ހިމެނޭ ގައުމަކަށް ވިޔަސް އެއީ ލައިފްޓައިމް ވޮރަންޓީއެއް ނޫނެވެ. އީޔޫއިން ރާއްޖެ އަށް އެ ޕެކޭޖް ދޫކޮށްފައި ވަނީ އަންނަ އަހަރުގެ ނިޔަލަށެވެ.

"އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އަޅުގަނޑުމެންނަށް ޖީއެސްޕީ ލިބިފައި މި އޮންނަނީ، އެއީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ޔޫރަޕަށް އިމްޕޯޓްކުރާ މުދަލުން ދެވޭ ޑިއުޓީ. އަޅުގަނޑުމެން މީގެ ކުރިން ކުރި މަސައްކަތުން 2013ގެ ނިޔަލަށް މީތި އެކްސްޓެންޑް ކޮށްފައި މި އޮތީ. ދެން އޭގެ ފަހުން އަޅުގަނޑުމެން ދާން މިޖެހެނީ ޖީއެސްޕީޕްލަސް އަށް، އެ ޕެކޭޖަށް ދިޔުމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ގިނަ،" އިކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ޑިސެމްބަރުގެ ކުރިން ޖީއެސްޕީ ޕްލަސްގައި ރާއްޖެ ބައިވެރި ނުވެއްޖެ ނަމަ މަސްވެރިންގެ ކުރިމަގު ފެންނާނީ ބަނަކޮށެވެ. ހާއްސަކޮށް ބޭރަށް މަސްއެކްސްޕޯޓް ކުރާ ފަރާތްތަކަށް ހުރި ބުރަ ބޮޑެވެ. ރާއްޖޭން އީޔޫގެ ގައުމުތަކަށް އެކްސްޕޯޓް ކުރާ މަހުން އެއްވެސް ބާވަތަކަށް ޔޫރަޕްގެ ގައުމުތަކުން ޑިއުޓީއެއް ނުނަގަ އެވެ. ނަމަވެސް އަހުމަދު މުހަންމަދު ވިދާޅުވީ ޖީއެސްޕީ ޕްލަސްގައި ރާއްޖެ ބައިވެރި ނުވެއްޖެ ނަމަ 2014ގެ ޖެނުއަރީން ފެށިގެން އީޔޫ އަށް ރާއްޖެ އިން އެތެރެކުރާ މަހުގެ ބާވަތްތަކަށް 12 -24 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ.

"މީގެ ސަބަބުން އަޅުގަނޑުމެންގެ މަހުގެ އިންޑަސްޓްރީ އެކީހެން ނެތިގެންދާނެ. އަޅުގަނޑުމެންނަކަށް ކޮމްޕީޓެއް ނުކުރެވޭނެ ވާދަވެރި ގައުމުތަކާ. މުޅި އިންޑަސްޓްރީ އޭރުން ވެއްޓިގެން ދާނީ،" އަހުމަދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖީއެސްޕީޕްލަސްއަށް ގައުމުތަށް ބައިވެރިވުމަށް އީޔޫ އިން މިހާރު އައު ގަވާއިދުތަކެއް ހެދުމަށް ތައްޔާރުވާއިރު އައު ގަވާއިދުތަކުގެ ދަށުން ރާއްޖެ އެ ސްކީމްގައި ބައިވެރިވުމަށް އޮތް ފުރުސަތުތައް ހަންޏެވެ. ރާއްޖެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ގްރެޖްއޭޓްވީފަހުން ތިން އަހަރު ފާއިތުވެފައިވުމުން އައު ގަވާއިދުގެ ޑްރާފްޓްގެ ދަށުން ރާއްޖެ އަށް އެގޮތުން ޝަރުތު ފުރިހަމައެއްނުވެ އެވެ.

"ރާއްޖެ މިހާރު މިޖެހެނީ އެޕްލައި ކުރަން ޖީއެސްޕީޕްލަސް ހޯދަން. ދެން މި އޮތް މަގަކީ ވެސް އެޕްލައިކުރަން ވެސް ޖީއެސްޕީ ޕްލަސްނެތުމުން ލިބިދޭނެ އިގްތިސޯދީ ގެއްލުންތައް އޮޅުންފިލުވައިދީގެން ޑިއުޓީ މާފުކުރުމުގެ ފުރުސަތު ފަހިކުރުން. ދެން ހިނގަން އޮތް މަގަކީ އެއީ،" އަހުމަދު ވިދާޅުވި އެވެ.

އީޔޫއަށް ރާއްޖޭގެ އިގްތިސޯދުގެ ހާލަތު އަންގައިދިނުމުގެ ގޮތުން ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން މިހާރު ގެންދަނީ ކުރަމުންނެވެ. ރާއްޖޭން ސޮއިކުރަން ޖެހޭ ކޮންވެންޝަންތަކުގައި ސޮއިކުރަން މަޖިލީހުން މިހާރު ވެސް އޮތީ ހުއްދަ ދޫކޮށްފަ އެވެ. އެއީ ޖީއެސްޕީޕްލަސްއަށް ކޮންމެހެން 27 ކޮންވެންޝަނެކެވެ.

"އަޅުގަނޑުމެން މިބަލަނީ މަލްޓިލެޓްރަލް ބެކިން އޮވެގެން މި ރިޕޯޓް ތައްޔާރުކުރަން. އެ އެހީހޯދުމުގެ މަސައްކަތް ވެސް އެހެންވެ މިހާރު މިދަނީ ކުރިއަށް. އަޅުގަނޑުމެން މިބަލަނީ މީގެ ކުރިން ވެސް އީޔޫ އިން އަޅުގަނޑުމެންގެ ޑިއުޓީ މާފުކޮށްދިނުން 2013އާ ހަމައަށް އިތުރުކޮށްދިނީމައި މިހާރު ވެސް އެ ދޮރު ހުޅުވިފައި އޮންނާނެ ކަމަށް،" މިނިސްޓާ ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ޔޫއެން ނޫނީ ވޯލްޑް ބޭންކްގެ ސްޕޮންސާ ރިޕޯޓަކަށް އެ ރިޕޯޓް ހެދުމަށެވެ. އެއީ ރިޕޯޓްގެ ބާރުގަދަ ކުރުމެވެ. އަހުމަދު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާއި އެކު މަޝްވަރާތައް މިހާރުވެސް ކުރިއަށް ދާއިރު ރިޕޯޓްގައި ހުރިހާ އިމްޕެކްޓެއްގެ މައްޗަށް ބަލައިލާނެ އެވެ. މަސްވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެ އަށް އީޔޫގެ އިނާޔަތުގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ. އީޔޫގެ ޑިއުޓީ މާފުތައް ނުލިބިއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވާނޭ ކޮންޖެހުންތައް މިހާރުން މިހާރަށް އަންގައި ދިނުމުގެ ވަގުތު ވަނީ ޖެހިފަ އެވެ.

"އަޅުގަނޑުމެން މިބަލަނީ ވީހާ ވެސް އަވަހަކަށް ރިޕޯޓް ސަބްމިޓްކުރުމަށް. މީގެ ކުރިއަށް ބަލާފައި އަޅުގަނޑުމެންނަށް ބުނެވޭނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުންމީދު އެބަ އޮތޭ. އެންމެން ގުޅިގެން މަސައްކަތް ކުރުން މިއޮތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖީއެސްޕީޕްލަސްގައި ރާއްޖެ ބައިވެރި ނުވެއްޖެ ނަމަ އީޔޫއަށް ރާއްޖެ އިން ބޭރު ކުރާ ފިނިކުރި މަހަށް 14.5 ޕަސެންޓްގެ ޑިއުޓީއެއް ދައްކަންޖެހެ އެވެ. އެހެން ބާވަތްތަކަށް 24 ޕަސެންޓްގެ ޑިއުޓީއެއް ދައްކަންޖެހެ އެވެ. އެގޮތަށް ދިމާވެއްޖެ ނަމަ ރާއްޖޭގެ މަހުގެ ސިނާއަތް މުޅީން ނެތިގެން ދިޔުމުގެ ބުރަ ބޮޑެވެ. އިގްތިސޯދީ އިތުރު ވަޅުގަނޑަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ފުރުސަތު އަދި މާބޮޑެވެ. ވަގުތު ފާއިތުވުމުގެ ކުރިން އެ މައްސަލައަށް ހައްލު ހޯދަން ވަނީ ޖެހިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް