ފުރަތަމަ ރަބީޢުގެ އިންޤިލާބު

މި އަހަރުގެ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލު ވެގެން ދިޔައީ ޤާނޫނުއަސާސީއާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ބެލުމުގެ މަސައްކަތް ކުރި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ތަހުގީގުގެ ނަތީޖާ ވަރަށް ސާފެވެ. ކޮމިޝަނުގެ އާޚިރީ ރިޕޯޓުގައި ބުނެފައި ވަނީ 7 ފެބުރުވަރީ 2012 ގައި ދިވެހިރާއްޖޭގެ ވެރިކަން ބަދަލު ވީ ޤާނޫނުއަސާސީއާ އެއްގޮތަށް، ޤާނޫނީ ހަމަތަކުގެ މަތީން ކަމަށެވެ.

ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ ބަޣާވާތަކުން ނޫން ކަމަށް ކަނޑައެޅީ މިނިވަންކަމާއި ނަޒާހަތާ އެކު މަސައްކަތް ކުރި، އިތުބާރު ހިފޭ ކޮމިޝަނަކުންނެވެ. ނަޝީދާއި އޭނާގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޒައާމަތުން ވެސް ފުރަތަމަ ބުނެފައި ވަނީ ކޯނީގެ ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށެވެ. ނަމަވެސް ކޯނީގެ ރިޕޯޓު ނެރުމުން، ހަތްދިހަވަނަ ފަހަރަށް ސާބިތު ވެގެން ދިޔައީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަކީ ތިމާމެންގެ ދުލުން ބުނާ ބަހަށް އިހުތިރާމު ކުރުމުގެ ސިފައިގެ ޒީނަތުން އިމަށް މިންވަރު ކުރެއްވީތީ މަހުރޫމު ވެވަޑައިގެންފައި ތިއްބެވި ބޭފުޅުންކޮޅެއް ކަމެވެ. ކޯނީގެ ރިޕޯޓަށް ފަހު ވެސް ނަޝީދާއި އެމްޑީޕީގެ ވާހަކަޔާއި އަމަލުތައް ފެންނަނީ އެނބުރޭ ވަހުތާނެއް، ނުވަތަ އެ އަރަތެއްގެ ޖަވާބު ހޯދުން އުނދަގޫ އަރަތެއްގެ ގޮތުގައެވެ. އެބޭފުޅުންގެ ބަހާއި އަމަލު ދިމައެއް ނުވެއެވެ. ދެ ފަހަރު އެކައްޗެއް ވިދާޅެއް ނުވެއެވެ. ވިދާޅުވާ ވާހަކައަކުން އިންސާނީ ޒަމީރަށް ގަބޫލު ކުރެވޭ ފަދަ މާނައެއް ނެރެން ޖެހެނީ ގަދަކަމުންނެވެ.

ކޮންމެ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް، ބަދަލު ނުކުރެވޭނޭ ހަގީގަތަކީ ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުންނޭ ބުނެވޭނެ އެއްވެސް ހަމައެއް ނެތް ކަމެވެ. ކޯނީގެ ރިޕޯޓުގައި ވެސް ބުނެފައި ވަނީ އެ ވާހަކައެވެ. އަންނަނިވި ނުކުތާތަކުގެ އަލީގައި އަޅުގަނޑު ދައްކަން މި އުޅޭ ވާހަކައަކީ ވެސް އެޔެވެ. އަޅުގަނޑު އެ ވާހަކަ ދައްކާނީ ކޯނީން ދެއްކި ގޮތަކަށެއް ނޫނެވެ. ތަންކޮޅެއް ތަފާތު ގޮތަކަށެވެ. "ސިޔާސީ ގޮތުން ރަނގަޅު ބަހުރުވަޔާ" މެދު ފަރުވާތެރި ވުމެއް ނެތިއެވެ.

ވެރިކަމަކީ މުތުލަގު ބާރެއް ނޫން
އެމްޑީޕީގެ ބައެއް ލީޑަރުންނާއި، ޕާޓީގެ ބައެއް މެންބަރުންގެ ވާހަކަތައް ރަނގަޅަށް އަޑު އަހައި، އެ ވާހަކަތަކާ މެދު ވިސްނައިލުމުން ދޭހަ ވަނީ އެމީހުންގެ ނަޒަރުގައި ނަޝީދަށް ދިވެހި ރައްޔިތުން ދިން ވެރިކަމުގެ ބާރަކީ މުތުލަގު ނުވަތަ "އެބްސޮލިޔުޓް" އެއްޗެއް ކަމެވެ. އެމީހުން ދެކޭ ގޮތުގައި، ވެރިކަމުގެ ބާރުތައް ނަޝީދާ ހަވާލު ކުރެވުމުން، ދެން ވެރިކަމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް ހާލެއްގައި ވެރިކަމުން ނަޝީދު ދުރެއް ނުކުރެވޭނެއެވެ. ނަޝީދު ކޮންމެ ފަދަ ވާހަކައެއް ދެއްކެވިޔަސް، ކޮންމެ ފަދަ އަމަލެއް ކުރެއްވިޔަސް، "ފަސް އަހަރުގެ މުއްދަތު ފުރިހަމަ ވަންދެން އޭނާ ހުންނަވަން ވާނީ ވެރިކަމުގަ" އެވެ.

ހަގީގަތުގައި މިއީ ގޯސް ވިސްނުމެކެވެ. ތަހުޒީބީ އުސޫލުތައް ހިނގާ މުޖުތަމައުތަކުގައި އެއްވެސް ސިޔާސީ ވެރިޔަކަށް މުތުލަގު ބާރުވެރިކަމެއް ނުދެވެއެވެ. ހުދޫދެއް ނެތި، ވަކި މުއްދަތެއް ފުރިހަމަ ވާންދެން އެ މީހަކު ބޭނުންހައި ކަމެއް ކުރުމަށް ލައިސަންސެއް އެއްވެސް ވެރިއަކަށް ނުދެވެއެވެ. މި ހަގީގަތަކީ އިރުމައްޗާއި ހުޅަނގުގެ ސިޔާސީ ފިކުރާއި ފަލްސަފާގެ އިތުރުން އިސްލާމީ ޝަރީޢަތުގެ މަބްދައުތަކުގައި ކަނޑައެޅި ބަޔާން ވެފައިވާ ހަގީގަތެކެވެ.
ހުޅަނގުގެ ސިޔާސީ ފަލްސަފާވެރީން ވިދާޅުވާ ގޮތުގައި ވެރިއަކަށް، ވެރިކަމުގެ ބާރުތައް ދެވެނީ މުޖުތަމައުގައި ވެވޭ "އިޖުތިމާޢީ ޢަޤުދެއްގެ" ތެރެއިންނެވެ. މި ފިކުރު ހުޅަނގުގައި ފެތުރުއްވެވި ބޭފުޅުންގެ ތެރެއިން ޖޯން ލޯކާއި، ޖީން ޖެކްސް ރޫސޯ ފާހަގަ ކޮށްލެވެއެވެ. "އިޖުތިމާޢީ ޢަޤުދުގެ" މަފްހޫމުގައި ބުނާ ގޮތުން ވެރިމީހާއަށް ދެވޭ ބާރުތަކަކީ ރައްޔިތުންނާއި އޭނާއާ ދެމެދުގައި ވެވޭ ޢަޤުދެއްގެ ދަށުން ހަވާލު ކުރެވޭ އަމާނާތެކެވެ. އެހެންކަމުން ވެރިމީހާއަށް ވެރިކަމުގައި ދެމިހުރުމުގެ ޙައްޤު، ނުވަތަ "ލެޖިޓިމަސީ"، ނުވަތަ "ޝަރްޢިއްޔަތު" ލިބިގެން ވަނީ އެ ޢަޤުދުގެ ދަށުން އޭނާ އަދާ ކުރަން ޖެހޭ ވާޖިބުތަކާއި އިލްތިޒާމުތައް އަދާ ކުރާހައި ހިނދަކުއެވެ. އެ ވާޖިބުތަކާއި އިލްތިޒާމުތަކަށް ވެރިމީހާ ޚިޔާނާތްތެރި ވެއްޖެ ނަމަ، އޭނާގެ އަތުން ވެރިކަން އަތުލެވޭނެއެވެ.އަތުލެވެން ޖެހޭނެއެވެ. މި އުސޫލު ދުނިޔޭގެ ބައެއް ދުސްތޫރުތަކުގައި ސަރީހަ ބަހުން ލިޔެ ގަރާރު ކުރެވިފައި ވެސް އެބަހުއްޓެވެ. މިސާލަކަށް ޖަރުމަންވިލާތުގެ ދުސްތޫރާއި އެމެރިކާގެ ކެންޓަކީ ސްޓޭޓުގެ ދުސްތޫރު ބައްލަވައިލައްވާށެވެ.

"އިޖުތިމާޢީ ޢަޤުދުގެ" މަފްހޫމުގެ އަޞްލަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ "ބައިޢަތުގެ" މަފްހޫމެވެ. އިސްލާމީ ސިޔާސީ ތަޢުލީމު ބުނާ ގޮތުން މުތުލަގު އަދި ހަގީގީ ވެރިކަމާއި ބާރުވެރިކަމަކީ ހަމައެކަނި މާތްރަސްކަލާނގެ ރަސްކަންފުޅަށް އޮތް ކަމެކެވެ. އެކަލާނގެ އިންސާނާ އުފައްދަވައި، އެކަލާނގެ ޚަލީފާއެއްގެ ގޮތުގައި އެ އިންސާނާ މި ދުނިޔެއަށް ފޮނުއްވިއެވެ. ދުނިޔޭގައި އިންސާނާގެ ވަޒީފާ އަކީ އެކަލާނގެ ޙުކުމްފުޅު ތަންފީޒު ކުރުމެވެ. އެކަލާނގެ ޝަރީޢަތް ޤާއިމު ކުރުމެވެ. އިސްލާމީ ދައުލަތުގެ އެންމެ އަސާސީ މަގުސަދަކީ މިއެވެ. މި މަގުސަދު ހާސިލު ކުރުމަށް ޓަކައި އިސްލާމީ ދައުލަތުގައި ވެރިއަކު އައްޔަން ކުރެވެއެވެ. އަދި އެ ވެރިއަކަށް ރައްޔިތުން ބައިޢަތު ހިފައެވެ. މިއީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް، ޝަރީޢަތުގެ ޙުދޫދުގެ ތެރޭގައި ވެރިކަން ކުރަން ވެރިމީހާ މާތްރަސްކަލާނގެ އާއި މުއުމިންތަކުންނަށް ވާ ވަޢުދެއް ފަދަ އެއްޗެކެވެ.މި ޢަޤުދުގައި މުއުމިންތަކުންގެ ވަޢުދަކީ، ޝަރީޢަތުގެ ޙުދޫދުގެ ތެރޭގައި ވެރިމީހާ ދެމިހުރިހައި ހިނދަކު އޭނާއަށް ކިޔަމަން ވެ، އޭނާގެ ފަހަތުގައި ރައްޔިތުންގެ ގޮތުގައި ސާބިތު ވެގެން ތިބުމެވެ. އިސްލާމީ ދައުލަތުގައި ވެރިމީހާއަށް ވެރިކަމުގައި ހުރެވޭނީ "ބައިޢަތުގެ" ޢަޤުދުގެ ދަށުން ހަވާލު ކުރެވޭ އަމާނާތަށް ތެދުވެރި ވާހައި ހިނދަކުއެވެ. އެ އަމާނާތަށް ތެދުވެރިވުމުގެ ގޮތުން ވެރިމީހާ ކުރަން ޖެހޭ ކަންތައްތަކާއި ކޮށްގެން ނުވާނޭ ކަންތައްތަކެއް ހުރެއެވެ. އެންމެ ކުރުކޮށް ދަންނަވާނަމަ، އޭނާ ކުރަން ޖެހޭ ކަންތައްތަކަކީ ކީރިތި ޤުރްއާނާއި މުޙައްމަދު ނަބީ ކަލޭގެފާނުގެ ސުންނަތާ އެއްގޮތަށް އިސްލާމީ ދައުލަތް ހިންގުމެވެ. ކޮށްގެން ނުވާނޭ ކަމަކީ ތިނޯހެއްގެ ފަނގައިގެ މަސާފާއަށް ވިޔަސް ޤުރްއާނާއި ސުންނަތުގެ ދާއިރާއިން ބޭރުވުމެވެ.

ވެރިމީހާއާ ހަވާލު ކުރެވޭ އަމާނާތަށް، އޭނާ ޚިޔާނާތްތެރި ވެ، އެ ޚިޔާނާތުގެ މިންވަރު ތަހައްމަލު ކުރުން ހެޔޮ ވާ ހިސާބަށް ވުރެ ބޮޑު ވެ، އެ ޚިޔާނާތުގެ މަތީގައި އޭނާ ދެމިހުރެ، އޭނާ އިޞްލާޙު ވެދާނޭ ކަމުގެ އުއްމީދު އިތުރަށް ނުކުރެވޭ ހިސާބަށް ކަންތައްތައް ހިނގައްޖެ ނަމަ، އޭނާ ވެރިކަމުން ދުރު ކުރުމުގެ ވަގުތު އައިސް ޖެހުނީއެވެ. އެކަން ކުރުމަށް ޓަކައި އޮންނަ ޤާނޫނީ އިޖުރާއާތާއި ހަމަތަކުގެ ދަށުން އެކަން ކުރެވެންޏާ، އެގޮތަށެވެ. ޤާނޫނީ އިޖުރާއާތާއި ހަމަތަކުގެ މަތީން ވެރިމީހާ ދުރު ކުރެވޭ ވަރަށް ވުރެ ވެރިމީހާގެ މަނަސްވަރުގަދަ ނަމަ، ވެރިމީހާ އާ ދެކޮޅަށް ބޭނުން ކުރެވެން އޮތް ކޮންމެ ވަސީލަތެއް ބޭނުން ކޮށްގެން އޭނާގެ ނުބައިކަމުން މުޖުތަމަޢު ސަލާމަތް ކުރުމަކީ މުސްލިމުންގެ ވާޖިބެކެވެ. މި ވާޖިބު އަދާ ކުރުމުގައި މުސްލިމުންގެ މައްޗަށް އޮންނަ ޙުދޫދަކީ، ވެރިމީހާގެ ފިތުނައަށް ވުރެ ބޮޑު ފިތުނައެއް ގެނެސްނުގަތުމެވެ.

ޚުލާޞާކޮށް ދަންނަވާ ނަމަ، ކޮންމެ ވެރިއަކު ވެސް ހުންނާން ވާނީ ޙުދޫދެއްގެ ތެރޭގައެވެ. އެ ޙުދޫދުން ބޭރު ވުމުން އެ ވެރިމީހާގެ ވެރިކަމުގެ ޙައްޤު ގެއްލުނީއެވެ. އެ ވެރިއެއްގެ ވެރިކަމަށް ލިބިގެންވާ ޤާނޫނީ ޞައްޙަކަން، ނުވަތަ ޤާނޫނީ ޙައްޤު، ނުވަތަ "ލެޖިޓިމެސީ" ނުވަތަ "ޝަރްޢިއްޔަތު" ގެއްލުނީއެވެ.

ނަޝީދުގެ ވެރިކަން ވެއްޓުނީ އޭނާގެ ވެރިކަމުގެ "ލެޖިޓިމަސީ" ނުވަތަ "ޝަރްޢިއްޔަތު" ގެއްލިގެން ދިޔުމަށް ފަހުގައެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ، ނަޝީދު އިސްތިއުފާ ދެއްވީ ދިވެހިރާއްޖޭގެ "ޑި ޖޫރޭ" ވެރިއެއްގެ ހައިސިއްޔަތު އޭނާއަށް ގެއްލި، ހަމައެކަނި "ޑީ ފެކްޓޯ" ވެރިއެއްގެ ގޮތުގައި ހުންނަވައެވެ. އޭނާގެ ވެރިކަން ވެއްޓުނީ އޭނާގެ ވެރިކަމުގެ ލެޖިޓިމަސީ ގެއްލޭ ފަދަ އެތައް އަމަލުތަކެއް ކުރައްވައި، އެ އަމަލުތަކުގެ ތަބީއީ އަދި ޟަރޫރީ ނަތީޖާއެއްގެ ގޮތުންނެވެ. އެގޮތުން ނަޝީދުގެ ވެރިކަމުގެ ލެޖިޓިމަސީ ގެއްލިގެން ދިޔަ ގޮތުގެ މައްޗަށް ތަފާތު ނަޒަރުތަކަކުން ބަލާލަމާތޯއެވެ.

މޯރަލް ލެޖިޓިމަސީ ގެއްލުން
ރާއްޖޭގެ ރައީސްކަމުގެ މަޤާމަށް ނަޝީދު އިންތިޚާބު ކުރެވުނުތާ މާކަ ގިނަ ދުވަސްތަކެއް ނުވަނީސް، ރާއްޖޭގެ ރަށެއްގައި، އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ނަޝީދު ވިދާޅުވީ، ތިމަންނާގެ ޕާޓީ ފިޔަވައި އެހެން ޕާޓީއެއްގެ މެންބަރަކު ތިމަންނާގެ ގާތަށް މުހުތާދެއް ޖެހިގެން އަތުވެއްޖެ ނަމަ އެ މީހަކަށް ފެންނާނީ ތިމަންނާގެ ނުލަފާކަން ކަމަށެވެ. މި ބަސްފުޅު ނަޝީދުގެ ދޫފުޅުން ވިދާޅުވި ހިސާބުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވުމުގެ "މޯރަލް ރައިޓް" ނުވަތަ އަޚްލާޤީ ޙައްޤު އޭނާއަށް ވަނީ ގެއްލިވަޑައިގެންފައެވެ. އެހިސާބުން އޭނާގެ ވެރިކަމުގެ މޯރަލް ލެޖިޓިމަސީ ނުވަތަ އަޚްލާޤީ ޝަރްޢިއްޔަތު އެއޮތީ ގެއްލިފައެވެ.

މި ދެންނެވި ފަދަ ބަސްފުޅުތަކެއް އިންޑިޔާ، ނުވަތަ މެލޭޝިޔާ، ނުވަތަ އިނގިރޭސިވިލާތް، ނުވަތަ އެމެރިކާ ފަދަ ޤައުމެއްގެ އިސް ވެރިޔާގެ ދޫފުޅުން ރައްޔިތުންގެ ތެރެއިން ބަޔަކާ ދިމާޔަށް ވިދާޅުވެއްޖެ ހިނދެއްގައި، އެބޭފުޅަކު އެ ޤައުމުގެ ވެރިކަމުގައި އިތުރަށް އެންމެ ގަޑިއެއްގެ އިރު ވެސް ބަހައްޓާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ.މީގެ ތެރެއިން ގައުމެއްގެ ވެރިޔަކު އެފަދަ ބަސްފުޅެއް ވިދާޅުވެއްޖެ ނަމަ އެގައުމެއްގެ މީޑިއާ ކެކިއުތުރި އަރައި، ރައްޔިތުން ނުކުމެ މަގުތައް ފުރާލައި، ޚުދު އެ ވެރިޔެއްގެ ޕާޓީން ވެސް ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ނަގައި އެ ބޭފުޅަކު ޕާޓީން ވެސް ވަކި ކުރާ ހިސާބަށް ގޮސްގެން ނޫނީ މައްސަލަ ހައްލު ވާނެ ކަމަކަށް އަޅުގަނޑުގެ ސިކުނޑިއެއް ނުބުނެއެވެ.މި ގައުމުގެ ރައީސަށް އޭނާގެ ރައްޔިތުންގެ ކުރިމަތީގައި ހުންނަވައި އެފަދަ ބަސްފުޅުތަކެއް ވިދާޅުވާން ކެރިވަޑައިގަތް ކަމީ، އަދި އެ ބަސްފުޅުތައް ވިދާޅުވެފައި މަގާމުގައި ދެމިހުންނެވުނު ކަމީ މި ގައުމު ފިކުރީ އަދި އަޚްލާޤީ ގޮތުން ވެއްޓިފައި ވާ ދަށުދަރަޖަ ރިވެލި ކޮށްދޭ ހިތްދަތި މިސާލެކެވެ.

ނަޝީދުގެ ވެރިކަމުގެ އަޚްލާޤީ ޝަރްޢިއްޔަތު ނެއްތައިލި އިތުރު ކިތަންމެ ކަމެއް އޭނާގެ ފަރާތްޕުޅުންނާއި، އޭނާގެ ޕާޓީގެ އިސް ލީޑަރުންގެ ފަރާތުން ފެނިފައި ވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ނަޝީދުގެ ހާޒިރުގައި، އޭނާގެ ޕާޓީގެ އިސް ލީޑަރަކު "އެމްޑީޕީ ސަރުކާރުން އަޅާ ފްލެޓުތަކުގެ ތެރެއިން އެމްޑީޕީ މެންބަރުން ކަމުގައި ނުހިމެނޭ ރައްޔިތުންނަށް ފްލެޓެއް ލިބޭނީ އެމްޑީޕީ މެންބަރުންނަށް ފްލެޓް ދީ ނިމުމުން، ބާކީ ފްލެޓެއް ހުރިއްޔާ" ކަމަށް ވިދާޅުވި ވިދާޅުވުމެވެ. އެ ބޭފުޅާ އެ މަކުރޫހަ، ދަށުދަރަޖައިގެ ބަސްފުޅުތަކުން މި ދިވެހި ޖައްވު ހަޑި ކުރެއްވި މަޖިލީހުގައި ނަޝީދު އިންނެވިއެވެ. އެ ބަސްތައް އަޑު އެއްސެވިއެވެ. ނަމަވެސް އެ ބަސްތަކާ މެދު އިއުތިރާޒެއްނުކުރެއްވިއެވެ. އެހެންކަމުން ލީޑަރުގެ އެ ބަސްފުޅަށް ނަޝީދު "ޓެސިޓް އެޕްރޫވަލެއް" ނުވަތަ ސުކޫތީ އީޖާބެއް ދެއްވީއެވެ.

ޕޮލިޓިކަލް ލެޖިޓިމަސީ ގެއްލުން
ނަޝީދުގެ ވެރިކަމުގެ ޕޮލިޓިކަލް ލެޖިޓިމަސީ، ނުވަތަ ސިޔާސީ ޝަރްޢިއްޔަތު ގެއްލިގެން ދިޔަ ދަނޑިވަޅަކީ، އޭނާގެ އަމަލުފުޅުތަކުގެ ސަބަބުން، "ވަތަން އެދޭ އިއްތިހާދު" ރޫޅިގެން ދިޔަ ދަނޑިވަޅެވެ. 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ފުރަތަމަ އިޚްތިޔާރަކީ ނަޝީދު ނޫން ކަން އެއީ އަދުލުވެރި އެއްވެސް މީހަކު އިންކާރު ނުކުރާނޭ ތާރީޚީ ހަގީގަތެކެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނަޝީދަށް ލިބިވަޑައިގަތް ވޯޓުގެ ގާތްގަނޑަކަށް ދެގުނަ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގަތެވެ. އިންތިޚާބުގެ ދެވަނަ ބުރު ނަޝީދަށް ކާމިޔާބު ކުރެވުނީ އޮޅުމެއް ނެތް ފަދައިން ވަތަން އެދޭ އިއްތިހާދަށް ރައްޔިތުން ކުރި ތާއީދުގެ ސަބަބުންނެވެ. ފުރަތަމަ ބުރުގައި ނަޝީދަށް ވޯޓު ދިން ސާޅީސް ހަތަރު ހާހެއްހައި މީހުންނަކީ ނަޝީދުގެ ހަގީގީ ސަޕޯޓަރުންގެ އަދަދު ކަމަށް ވާ އިރު، ދެވަނަ ބުރުގައި އޭނާއަށް އިތުރަށް ލިބިވަޑައިގަތް ފަންސާސް ތިން ހާހަށް ވުރެ ގިނަ ވޯޓަކީ އިއްތިހާދުގެ އެހެން ޕާޓީތަކަށް ތާއީދު ކުރި މީހުން އެ ޕާޓީތަކަށް ޓަކައި ދިން ވޯޓެވެ. މި ދެ އަދަދަށް ބަލައިލުމުން ވެސް ވަތަން އެދޭ އިއްތިހާދުގެ އެހެން ޕާޓީތަކަށް ނަޝީދު ބައްލަވަން ޖެހޭ މިންވަރު ވަރަށް ރީތިކޮށް ހާމަ ވެއެވެ. އައު ސަރުކާރުގައި އިއްތިހާދުގެ އެހެން ޕާޓީތަކަށް ލިބެން ޖެހޭ ހައްގު މަގާމަކީ ކޮބައިކަން ފެނިގެން ދެއެވެ.

އެހެންކަމުން، ނަޝީދަކީ ސިޔާސީ ގޮތުން ތެދުވެރި، އަޚްލާޤު ރަނގަޅު، ރައްޔިތުންނާއި ޤައުމު ދެކެ ލޯބި ވެވަޑައިގަންނަވާ ބޭފުޅެއް ނަމަ، ކޮންމެ ފަދަ ޙާލެއްގައި ވެސް ވެރިކަމުގެ ދައުރު ފުރިހަމަ ވަންދެން އިއްތިހާދު ދެމެހެއްޓެވޭތޯ މަސައްކަތް ކުރެއްވީހެވެ. އޭނާގެ ސަބަބުން އިއްތިހާދު ރޫޅިގެން ދިޔަ ނުދެއްވީހެވެ. ނަމަވެސް ނަޝީދު ކަންތައް ކުރެއްވީ އެއާ މުޅީން ޚިލާފަށެވެ. ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމާ އެކު، އިއްތިހާދުގެ އެހެން ޕާޓީތަކަށް ޖެއްސުން ކުރެއްވުމާއި، ދަތި ކުރެއްވުމުގެ ސިލްސިލާއެއް ފެއްޓެވިއެވެ. އެ ސިލްސިލާ ނިންމަވައިލެއްވީ އިއްތިހާދުގެ ޕާޓީއަކަށް ފަހު ޕާޓީއެއް ސަރުކާރުން ބޭރު ކުރައްވުމަށް ފަހުގައެވެ. މިއަދާ ހަމަޔަށް ވެސް، ނަޝީދުގެ ސަރުކާރަކީ "އެމްޑީޕީ ސަރުކާރެއް" ކަމަށް ނަޝީދާއި ނަޝީދުގެ ޕާޓީގެ ވެރީން ވިދާޅުވަމުން އަންނަ ކަމީ އެ ބޭފުޅުންގެ ކިބައިގައި އުސޫލަށް ތަބަޢަ ވުމެއް، ތެދުވެރިކަމެއް، އަޚްލާޤެއް ނެތް ކަމުގެ ސާބިތު ހެއްކެކެވެ.

ނަޝީދުގެ ވެރިކަމުގެ ސިޔާސީ ޝަރްޢިއްޔަތު ނަފީ ކުރާ އެހެން ކަންތައްތައް ވެސް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ޕާޓީ ނިޒާމުގެ ތެރެއިން، އެހެން ޕާޓީތަކުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރެވިފައި ތިއްބެވި މެންބަރުން ނަޝީދުގެ ޕާޓީއަށް ގެންދެވުމަށް ހިންގެވި ކެންޕޭނެވެ. އޮޅުމެއް ނެތް ފަދައިން، މިހާރު މިއޮތް ރައްޔިތުންގެ މަޖިލިސް ހޮވުމުގައި ރައްޔިތުން ވޯޓު ދިނީ ކެންޑިޑޭޓުން ނިސްބަތް ވާ ޕާޓީއަށް ބަލައިފައެވެ. ނުވަތަ ޕާޓީއަކަށް ނިސްބަތް ވޭތޯ ނުވަތަ ނޫންތޯ ބަލައިފައެވެ. އެހެންކަމުން، ވަކި ޕާޓީއެއްގެ ޓިކެޓުގައި ވާދަ ކުރާ ކެންޑިޑޭޓަކަށް، ރައްޔިތުންގެ ތެރެއިން އެ ޕާޓީއަކަށް ނިސްބަތް ވާ މީހުން ވޯޓު ދީގެން އެ ކެންޑިޑޭޓު ހޮވުމުން ދެން އެހެން ޕާޓީއަކަށް ބަދަލު ވުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު ކެއްސެކެވެ. މި ދެންނެވި ގޮތުގެ މަތީން، މަޖިލީހަށް ހޮވޭ ފަހުން ޕާޓީ ބަދަލު ކުރުމަކަށް ދިވެހިރާއްޖޭގައި ޤާނޫނީ ހުރަހެއް ނެތެވެ. އެހެނަސް ސިޔާސީ ގޮތުން އުސޫލުތަކާއި އަދުލުވެރިކަމާއި އަޚްލާގީ ހަމަތަކަށް ބަލާ އިރު މިއީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

ނަޝީދަކީ ޚުދު ނަޝީދު ދައުވާ ކުރައްވާ ފަދައިން "ހެޔޮ ވެރިކަމާއި، ޑިމޮކްރަސީގެ" ޗެމްޕިއަނެއް ނަމަ، ޕާޓީތަކުގެ ޓިކެޓުގައި މަޖިލީހަށް ހޮވިފައި ތިބި މެންބަރުން ޕާޓީ ބަދަލު ކުރުމާ ދެކޮޅު ހެއްދެވީހެވެ. ނަމަވެސް ނަޝީދަކީ ނަޝީދު ކަމުން، މިކަމުގައި ވެސް ރައްޔިތުންނަށް ކެހި ދެއްވުމުގައި އެންމެ ކުރީގައި ހުންނެވީ ނަޝީދެވެ. ބުނެވޭ ގޮތުގައި ނަޝީދު ވަނީ މަޖިލީހުގެ މެންބަރުން އޭނާގެ ޕާޓީއަށް ގެންނަވަންވެގެން ރައްޔިތުންގެ ފައިސާއިން އެތައް މިލިއަނެއް ކޮރަޕްޝަނުގެ މަގުން ޚަރަދު ވެސް ކުރައްވައިފައެވެ.ކޮންމެއަކަސް، މިއީވެސް ނަޝީދުގެ ވެރިކަމުގެ ލެޖިޓިމަސީ ސިޔާސީ ނަޒަރަކުން ބަލާއިރު ގެއްލިގެން ދިޔުމުގެ އެއް ސަބަބެވެ.

ޤާނޫނީ ގޮތުން ލެޖިޓިމަސީ ގެއްލުން
ދިވެހި ރައްޔިތުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ މެދުވެރި ކޮށް، 2008 ގެ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ވެރިކަން ނަޝީދާ ހަވާލު ކުރީ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ވެރިކަން ކުރައްވާށެވެ. ދިވެހި ރައްޔިތުންނާއި ނަޝީދާ ދެމެދުގައި ކުރެވުނު ސިޔާސީ އަދި އިޖުތިމާޢީ ޢަޤުދުގެ މާއްދާތައް އޮތީ މި ދައުލަތުގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ސިފައިގައި އެކުލަވައިލެވިފައެވެ. ނަޝީދާ ވެރިކަން ހަވާލު ކުރެވުނީ، ވެރިކަމުގެ ކަންތައްތައް ޤާނޫނީ ޗާޓުގެ ބޭރުން ހިންގަވާކަށެއް ނޫނެވެ. އެހެންކަމުން، "ބޭނުން ޖެހިއްޖެ ހިނދެއްގައި ޗާޓުން ބޭރުން ވެސް ކަންތައް ކުރައްވާނަމޭ" ވިދާޅުވެ، ޤާނޫނާ ޚިލާފަށް ކަންތައްތައް ކުރައްވައިފާނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވި ހިސާބުން ނަޝީދުގެ ވެރިކަމުގެ ލެޖިޓިމަސީ ނުވަތަ ޤާނޫނީ ޝަރްޢިއްޔަތާ މެދު ސީރިއަސް ސުވާލުތަކެއް އުފެދުނެވެ.

"ޗާޓުން ބޭރުވުމުގެ" ވާހަކަ ދެއްކެވި ދުވަހުން ފެށިގެން، މި އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގެ ރެޔާ ހަމަޔަށް، ނަޝީދުގެ ވެރިކަމުގެ ތާރީޚު ބައްލަވާށެވެ. ޤާނޫނާ ޚިލާފަށް، ގައުމީ ވަހުދަތު ފުނޑުފުނޑު ވެގެންދާ ފަދަ ސީރިއަސް އެތައް އަމަލެއް އޭނާ ހިންގެވިއެވެ. އެގޮތުން ކުރެއްވި އެންމެ ބޮޑު އެއް ކަމަކީ ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޮޑުތަޅު އަޅުއްވައި، ސުޕްރީމް ކޯޓު ހިންގުމަށް ހުރަސް އެޅުއްވުމެވެ. އެފަދަ އަނެއް ކަމަކީ ދިވެހިރާއްޖޭގެ ކޯޓެއްގެ އިސް ޤާޟީ، ޤާނޫނުތަކާ ޚިލާފަށް ކިޑްނެޕް ކުރެއްވުމެވެ.

ނަމަވެސް، ޤާނޫނީ ގޮތުން ބަލާއިރު، މި ހުރިހާ ކަމަކަށް ވުރެ ވެސް ސީރިޔަސް ކަމަކީ ނަޝީދުގެ އަމުރުފުޅަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހައްޔަރު ކުރެވުމާ ވިދިގެން ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު މުތުލަގު، ސަރީހު އަމުރުތަކުގައި ނަޝީދުގެ ސަރުކާރުން ކޮޅުފައިން ޖެހުމެވެ. ކޯޓު އަމުރުތަކަށް ފުރަގަސް ދިނުމުގެ މި އަމަލުގެ ސީރިއަސްކަން ވަކީން ބޮޑު ވާ ސަބަބަކީ މި އަމަލު ފިޔަވައި ދެން ގާނޫނާ ޚިލާފަށް ނަޝީދު ކުރެއްވި ކޮންމެ އަމަލުފުޅަކާ ގުޅިގެން ވެސް، ތިމަންނާ އަމަލު ކުރީ ތިމަންނާއަށް ގާނޫނު މާނަ ކުރެވުނު ގޮތަށޭ ވިދާޅުވެ، ތައުވީލީ ޒުވާބެއް ދެއްވައި، ކިތަންމެ ބަލިކަށިކޮށް ނަމަވެސް ޝުބުހާއެއް އުފެއްދެވުމުގެ ފުރުސަތު އޮތުމެވެ. ނަމަވެސް ދިވެހިރާއްޖޭގެ އެންމެ މަތީ ދެ ކޯޓުގެ މުތުލަގު، ސަރީހު އަމުރުތަކެއްގައި ކޮޅުފައިން ޖެއްސެވުމަށް ފަހު، ޤާނޫނުގެ ކުރިމަތީގައި ނަޝީދު ދައްކަވާނެ، ނަޝީދަށް ދެއްކެވޭނެ އެއްވެސް ހުއްޖަތެއް، ގަރީނާއެއް، ވިދާޅުވެވޭވެ އެއްވެސް ބަސްފުޅެއް ނޯންނާނެއެވެ. ކޯޓު އަމުރުތަކަށް ފުރަގަސް ދެއްވުމަކީ މި ޤައުމުގެ ދުސްތޫރު ފުނޑުފުނޑު ކޮށްލެއްވުމެވެ. ޤާނޫނު ފައިދަށު ލެއްވުމެވެ. ޤާނޫނުއަސާސީއާ ދެކޮޅަށް ބަޣާވާތް ކުރެއްވުމެވެ.

ކޮންމެއަކަސް، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުތަކުގެ މުތުލަގު، ސަރީހަ އަމުރުތައް ބޮލާލައި ޖެއްސެވުމުން ނަޝީދުގެ ވެރިކަމުގެ ޤާނޫނީ ޝަރްޢިއްޔަތު ނެތުމުގެ ދައުރާން ފުރިހަމަ ވީއެވެ. އެހިސާބުން ނަޝީދުގެ ވެރިކަމަކީ "ޑީ ފެކްޓޯ" އަދި ޣައިރުޤާނޫނީ ވެރިކަމެކެވެ. ބަޔަކު ގަބޫލު ކުރިޔަސް، ނުކުރިޔަސް، މިއީ ހަގީގަތެވެ. އެހެންކަމުން، 7 ފެބުރުވަރީ 2012 ގައި ވެއްޓިގެން ދިޔަ ނަޝީދުގެ ވެރިކަމަކީ އެ ވެރިކަމަކަށް ޤާނޫނީ އެއްވެސް ޙައިސިއްޔަތެއް ނެތް، ޤާނޫނުގެ އެއްވެސް ޙިމާޔަތެއް ލިބިނުދެވޭނޭ ވެރިކަމެކެވެ.

ދީނީ ޝަރްޢިއްޔަތު ގެއްލުން
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ މާއްދާތަކުން ވަރަށް ސާފުކޮށް އެނގޭ ގޮތުގައި އިސްލާމް ދީނުގެ ޝިޢާރުތައް އުފުލުމާއި، ދީނަށް ނަޞުރު ދިނުމާއި، ދީން ޢިއްޒަތްތެރި ކުރުމާއި، ދީނަށް ވަފާތެރި ވުމާއި، ދީނުގެ އަޑު އުފުލުމާއި، ދީނުގެ ޝަރީޢަތް ޤާއިމު ކުރުމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އަސާސީ އެއް ވާޖިބެވެ. ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލު ވުމުގެ ގޮތުން ކުރައްވާ ހުވަޔަކީ ވެސް މި ކަންތައްތަކަށް ރައްކާތެރި ވާން ކުރާ ހުވައެކެވެ.
ނަމަވެސް ނަޝީދުގެ ވެރިކަމުގެ ދައުރު ފެށުމާ އެކު އޭނާގެ ފަރާތުން ފެންނަން ފެށީ އިސްލާމް ދީނާ މެދު އޭނާގެ ހިތްޕުޅުގައި ވަރަށް ވަރުގަދަ ނަފްރަތަކާއި ރުޅިވެރިކަމެއް އޮތް ކަމުގެ ނިޝާންތަކާއި ހެކިތަކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިން ނަޝީދުގެ އިސްތަށިފުޅުގައި އެޅިގެން ދިޔަ އިސްލާމް ދީން އިއްޒަތްތެރި ކުރުމުގެ ޒިންމާ އަދާ ނުކުރެއްވި ތާނގައި، ނަޝީދު މަސައްކަތް ކުރެއްވީ އިސްލާމް ދީން ނިކަމެތި ކުރައްވާށެވެ. ދީނަށް ފުރައްސާރަ ކުރައްވާށެވެ.

އިސްލާމް ދީން ނިކަމެތި ކޮށްލުމުގެ ގޮތުން ނަޝީދާއި އޭނާގެ ސަރުކާރުން ކުރި ކަންތައްތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. އޭގެ ތެރެއިން އެއް ކަމަކީ މި ރާއްޖޭގެ ފަސްގަނޑުގައި ޣައިރު މުސްލިމުން އަޅުކަން ކުރާ ބާޠިލް އިލާހުން ރަމްޒު ކޮށްދޭ ބިނާތަކެއް ބެހެއްޓެވުމެވެ. ނަޝީދުގެ ސަރުކާރުން އައްޑުއަތޮޅުގައި ބެހެއްޓި ބައެއް ބިނާތަކަކީ ދީނީ ގޮތުން ހުއްދަ ނޫން އެއްޗެހިތަކެއްކަމަށް މި ރާއްޖޭގެ ހުރިހާ ދީނީ ބޭފުޅުން އިއްތިފާޤު ވެވަޑައިގަތެވެ. އެ ބޭފުޅުންގެ ބަސްފުޅަކީ ނަޝީދުގެ އަރިއަހުގައި ހުއްޖަތަކަށް ނުވާ ނަމަ، އިސްލާމީ އުއްމަތުގައި ފިޤުހުވެރިކަމުގެ ކަނޑުތަކެއް ފަދަ ބޮޑެތި އެތައް ޢިލްމުވެރީންނެއް އެބަ ތިއްބެވިއެވެ. ނަޝީދުގެ ސަރުކާރުން އެކަމާ ގުޅިގެން އެ ބޭބޭފުޅުންނާ މުއާސަލާތު ކުރައްވައި، އެކަމުގައި ފަތުވާއަކަށް އެދިވަޑައިގަތް ނަމަ ވީހީ ކީއްތޯއެވެ؟ އެއާ ޚިލާފަށް، ނަޝީދާއި އޭނާގެ ޕާޓީގެ ވެރީން ގެންދެވީ އެކަމުގައި ދީނީ ޢިލްމުވެރީންގެ ބަސްފުޅަށް ޖެއްސުން ކުރައްވަމުންނެވެ. އައްޑުއަތޮޅުގައި ހުރި ބުދެކޭ ދާރުލްއާސާރުގައި ހުރި ބުދެކޭ އެއްފަދައޭ ވިދާޅުވަމުންނެވެ. އައްޑުއަތޮޅުގައި ބެހެއްޓި ބުދާއި ދާރުލްއާސާރުގައި ހުރި ބުދާ ދެމެދުގައި، އިސްލާމީ ފިޤުހީ ނަޒަރަކުން ބަލާ އިރު، ހުރި ފަރަގަކީ ކޮބައިތޯ އެންމެ ފަހަރަކު ވެސް ނަޝީދު މި އުއްމަތުގެ ފިޤުހުވެރިއަކާ ސުވާލު ކުރެއްވި ނަމަ ވަރަށް ރަނގަޅަށް އޭގެ ޖަވާބު ލިބިވަޑައިގަތީހެވެ.

ނަޝީދުގެ ވެރިކަމުގެ ދީނީ ޝަރްޢިއްޔަތުގެއްލުވައިލި އަނެއް ސަބަބަކީ އިސްލާމް ދީނުގެ ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ނަޝީދުގެ ދޫފުޅުން ފުރައްސާރަ ކުރެއްވުމެވެ. އިންސާނިއްޔަތު ދުށް އެންމެ މަތިވެރި ސާހިބާ ކަމުގައި ވާ އިތުރު އެކަލޭގެފާނަކީ "ތަހުޒީބު ނުވާ، ބަރުބަރީ، އަދި އަނިޔާވެރި" އާދަކާދަތަކެއް ދުނިޔެއަށް ގެންނެވި ބޭފުޅެއް ކަމަށް މާނަ ކުރެވޭ އިބާރާތްތަކެއް ނަޝީދުގެ ދޫފުޅުން ވިދާޅުވިއެވެ. މިގޮތުގެ މަތީން އިސްލާމް ދީނުގެ ނަބިއްޔާއަށް ފުރައްސާރަ ކުރައްވައި، އެކަލޭގެފާނުގެ އަބުރުފުޅަށް އަރައިވަޑައިގަތުމުން، ސާބިތު ވި ކަމަކީ ނަޝީދުގެ ޖާހިލުކަމެވެ. ނަޝީދުގެ ޚުލްޤު ނުބައިކަމާއި، ގޮތެއްފޮތެއް ނެތްކަމެވެ. އެހިސާބުން ފެށިގެން ދިވެހި މުސްލިމް ދީބުގެ ވެރިކަމުގައި ހުންނެވުމުގެ އެއްވެސް ޙައްޤެއް ނަޝީދަކަށް ނޯންނާނެއެވެ. އަދި ކީއްތޯއެވެ! އެ ބަސްފުޅުތައް ނަޝީދުގެ ދޫފުޅުން، 23 ޑިސެންބަރު 2011 ވަނަ ދުވަހު އިއްވެވުމުން، ނަޝީދުގެ ވެރިކަން ވައްޓައިލުން މި ގައުމުގެ ކޮންމެ މުސްލިމް ދަރިއެއްގެ މައްޗަށް އައިނިއްޔަ ފަރުޟަކަށް ވީއެވެ.

އިތުރު ނުކުތާތަކެއް
ނަޝީދުގެ ވެރިކަމުގެ ޝަރްޢިއްޔަތު ގެއްލިގެން ދިޔަ ގޮތުގެ ވާހަކަ އިސް ވެ ދެންނެވި ބީދައިން ދެއްކުމުން، ނަޝީދަށް ތާއީދު ކުރާ މީހުން ބުނެއެވެ. ނަޝީދު ތިޔަ ބުނާ ކަންތައް ކުރެއްވި ނަމަ، އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ކުރަން ޖެހޭ ކަމަކީ ކޯޓަށް ދިޔުމެވެ. ނަޝީދުގެ ވެރިކަން މަގުމަތީން ވައްޓައިލުމެއް ނޫނެވެ.
ފެންނަފެނުމުގައި މިއީ ރަނގަޅު ވާހަކައެކެވެ. ނަމަވެސް މި ވާހަކަ ރަނގަޅީ ހަމައެކަނި ފެންނަފެނުމުގައެވެ. ނަޝީދުގެ ވެރިކަން ވެއްޓުމުގެ މަގު ފަހި ކުރި މުޒާހަރާތައް ފެށުނު ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ހާލަތު އޮތް ގޮތާ މެދު ކުޑަކުޑަކޮށް ވެސް ވިސްނައިލައިފި ނަމަ ނަޝީދުގެ ސަޕޯޓަރުންގެ މި ދެންނެވި ޒުވާބަކީ ސައްހަ ނޫން ވާހަކައެއްކަން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.

16 ޖަނަވަރީ 2012 ދުވަހުގެ ރޭގެ ހާދިސާ ހިނގިތާ 24 ގަޑިއިރު ވެސް ނުވަނީސް، ދިވެހިރާއްޖޭގެ އެންމެ މަތީ ދެ ކޯޓުން ނަޝީދުގެ ސަރުކާރުގެ މައްޗަށް ތަފާތު ދެ އަމުރެއް އިއްވިއެވެ. އެ ދެ އަމުރު ވެސް ނަޝީދުގެ އަމުރުފުޅަށް ސަރުކާރުން ވަނީ ބޮލާލައި ޖަހާފައެވެ. މާނައަކީ، އެއިރު ކޯޓުތަކުގެ ނިންމުންތަކަށް ނަޝީދުގެ ސަރުކާރުން ބޯ ނުލަނބާނެކަމެވެ. އެ ހާލަތުގައި، ނަޝީދުގެ ސަރުކާރުގެ ޝަރްޢިއްޔަތު ގެއްލިއްޖެކަމަށް ބުނެ ރައްޔިތުންގެ ބަޔަކު ކޯޓަށް މައްސަލައެއް ވެއްދި ނަމަ، އެ މައްސަލަ ކޯޓުގައި ކުރިޔަށް ގެންދެވުނީސް ބާވައެވެ! އެ މައްސަލަޔަށް ޖަވާބުދާރީ ވާން ނަޝީދުގެ ސަރުކާރުން ކޯޓަށް ހާޒިރު ވީސް ބާވައެވެ! އެ މައްސަލައިގައި ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކޯޓުން ކުރާ ހުކުމެއް ސަރުކާރުން ބަލައިގަނެ، ތަންފީޒު ކުރީސް ބާވައެވެ! އެއިރުގެ ހާލަތު އޮތް ގޮތުން މިއިން އެއްވެސް ކަމެއް ނަޝީދުގެ ސަރުކާރުން ކުރާނެ ކަމަކަށް ބުނެވޭކަށް، އަދި ބެލެވޭކަށް ނެތެވެ. އެހެންކަމުން އެ ދަނޑިވަޅުގައި ނަޝީދުގެ ޣައިރުޤާނޫނީ، ލާދީނީ، އަނިޔާވެރި ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް ކޯޓުން އިންސާފު ލިބޭނެ ކަމަށާއި، އެ ދަނޑިވަޅުގައި ވެސް ރައްޔިތުން ދާން ޖެހޭނީ ކޯޓަށް ކަމަށް ބުނުމަކީ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެކެވެ.

ނަޝީދުގެ ސަރުކާރު ވެއްޓުނީ ނަޝީދު ސުލްހަވެރިކަމާ އެކު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ކަމަށް ކޯނީން ވަނީ ބުނެފައެވެ. އެއީ މި ކަމުގައި ފަހު ބަހެވެ. ނުވަތަ ފަހު ބަސް ބުނާ ކޯޓުތަކުން އެންމެ ބޮޑަށް ރިއާޔަތް ކުރާނޭ ބަހެވެ. އަޅުގަނޑަށް އެނގޭ ކަމަކީ ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ނަމަވެސް، ނުވަތަ އިންގިލާބެއްގައި ނަޝީދުގެ ވެރިކަން ވައްޓާލެވުނީ ކަމަށް ވިޔަސް، ނަޝީދަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ އެއްވެސް ޙައްޤެއް އެބޭފުޅަކަށް ނެތް ބޭފުޅެއް ކަމެވެ. ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއޭ ބުނުމަށް ވުރެ ބޮޑަށް އަޅުގަނޑަށް ތަރުޖީހު ދެވެނީ ވެސް ނަޝީދުގެ ވެރިކަން ހެޔޮ ވެގެން ވާ އިންގިލާބަކުން ވައްޓައިލެވުނީއޭ ދެންނެވުމަށެވެ. ޖޯރޖިއާ ގައި ގެނެވުނީ "ފިނިފެންމާ އިންޤިލާބެވެ". ޔުކްރޭނުގައި ގެނެވުނީ "އޮރެންޖް އިންޤިލާބެވެ". ޓިޔުނީޝިއާގައި ގެނެވުނީ "ހުވަނދުމާ އިންޤިލާބެވެ". ދިވެހިރާއްޖޭގައި ގެނެވުނީ، އަޅުގަނޑު ހިތުން، "ފުރަތަމަ ރަބީޢުގެ އިންޤިލާބެވެ". އެ އިންޤިލާބު ގެނެވުނީ ރަބީޢުލްއައްވަލް މަހުގެ 15 ވަނަ ދުވަހުއެވެ. އިތުރުމާތް ރަސޫލާގެ ޢީދު މީލާދުގެ ދުވަސްވަރުގައެވެ. ފުރަތަމަ ރަބީޢުގެ އިންޤިލާބަކީ މި ރާއްޖޭގެ ވެރިކަމުގެ ސިންގާސަނާއަށް އަރައި ހުރެ އިތުރު އެކަލޭގެފާނުގެ އަބުރުފުޅަށް އަރައިގަތް ނުބައި މީހެއްގެ މަނަހުން މި އިސްލާމީ ދީބުމިނިވަން ކުރި ތާރީޚީ އިންޤިލާބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް