ފަޑިޔާރުން މަޖިލީހަށް ހާޒިރުކުރެވޭނެތަ؟

ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ ހަޔާތުގައި ފުރަތަމަ ފަހަރަށް ކޯޓުތަކެއްގެ ފަޑިޔާރުން މަޖިލީހަށް ހާޒިރުކުރުމަށް ވަނީ "އަމުރެއް" ނެރެފަ އެވެ. ރައީސް މުހަންމަދު ނަޝީދުގެ މައްސަލަބައްލަވާ ހުޅުމާލޭ ކޯޓުގެ ތިން ފަޑިޔާރުންގެ ބެންޗު މިއަދު ހަވީރު 3:45 ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރުމަށް ކޮމެޓީން އިއްޔެ ވަނީ ނިންމައިފަ އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމެޓީން އެ ގޮތަށް ނިންމި ނަމަވެސް އެއީ މީގެ ކުރިން މަޖިލީހުގެ ފްލޯއިންވެސް އަދި ކޮމެޓީއަކުންވެސް މިހާތަނަށް ނިންމާފައި ނުވާވަރުގެ ނިންމުމެކެވެ.

ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ. ބާރުތައް ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި އެއްބާރު އަނެއް ބާރުގެ މައްޗަށް ވެރިވެ ނުގަނެވޭއިރު ގާނޫނު އަސާސީގެ 141 މާއްދާގެ 'ނ' ގެ ރޫހާވެސް ހިލާފަށް ކޮމެޓީއަކަށް ފަޑިޔާރުން ހާޒިރުކުރުމަށް ނިންމުމުން ފެންމަތިވާ ގާނޫނީ ސުވާލުތައް ގިނަ އެވެ.

ސަރުކާރާމެދު ފާރަވެރިވުމަށް ނަން ދީފައިވާ ކޮމެޓީގެ މެންޑޭޓަކީ ކޮބައި ހެއްޔެވެ؟ މަޖިލީހުގެ ގަވާއިދުގެ 102 މާއްދާގައި އެ ކޮމެޓީގެ މައްސޫލިއްޔަތު ސާފުކޮށް ވަނީ ބުނެދީފަ އެވެ. ސަރުކާރުގެ ނިޒާމު އިސްލާހު ކުރުމަށް ލަފާދިނުމާއި ކަމާބެހޭ އިދާރާއަކުން ނެރޭ ރިޕޯޓުތައް ދިރާސާކޮށް ރިޕޯޓްގައިވާ ކަންތައްތައް ތަންފީޒު ކުރުމަށް ފެންނަ ގޮތުގެ ރިޕޯޓްތައް އެކުލަވާލުމެވެ. ނަމަވެސް އެފަދަ ކަމެއް ކުރަންވެސް ފަނޑިޔާރުން ހާޒިރުކުރަންޖެހޭނެ ކަމަށް ނުބުނެ އެވެ.

ބާރުތަށް ވަކިވެފައިވާ ނިޒާމުތަކުގައި ބާރުތަކުގެ މައްޗަށް ފާރަވެރިވާނޭ މިނިވަން މުއައްސަސާތަށް ބާރުތަކުގެ އިމުން އުފައްދާފައިވެ އެވެ. ޝަރުއީ ދާއިރާއިން ނަމަ ފަޑިޔާރުންގެ މައްސަލަތަށް ބަލައި ފާރަވެރިވުމަށް ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އެވެ. ކޮމެޓީއަށް ޖޭއެސްސީ ހާޒިރުނުކޮށް ވަކި ފަޑިޔާރުން ހާޒިރުކުރެވޭނެ ހަމައެއް އޮންނާނެ ބާ އެވެ؟

ފަނޑިޔާރުން ހާޒިރުކޮށް، އެ ބޭފުޅުން މަސައްކަތާމެދު ސުވާލު ނުކުރެވޭނެ ކަމަށް އެ ކޮމެޓީގެ މެންބަރުން ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް އެފަދަ ނިންމުމެއް ނިންމީ ސްޕްރީމް ކޯޓްގެ ހުކުމަކަށް ރިޔާއަތްކޮށް ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވި އެވެ. ނަމަވެސް ޖޭއެސްސީން އެކަން ދޮގުކޮށް ބުނެފައިވަނީ ޖޭއެސްސީ ފިޔަވައި ފަނޑިޔާރުން ޖަވާބު ދާރީ ކުރެވޭނެ ފަރާތެއް އޮތް ކަމަށް ސްޕްރީމް ކޯޓުން ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ.
މީޑީއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން އިއްޔެ ކުރިއަށް ގެންދިޔަ ކޮމެޓީގެ ބައްދަލުވުމުގައި ހުޅުމާލޭ ކޯޓްގެ ފަނޑިޔާރުން ކޮމެޓީއަށް ހާޒިރު ކުރަން ނިންމީ ކޯނީގެ ރިޕޯޓްގެ ދިސާރާއަކަށް ކަމަށްވެސް އަލީ ވަހީދު ވިދާޅުވެ އެވެ. ދެންވެސް އުފެދޭ ސުވާލަކީ ޝަރުއީ ދާއިރާ އިސްލާހު ކުރަންޖެހޭ ވާހަކަ ކޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައި އޮންނަ އިރު އެކަން ކުރާނީ ހުޅުމާލޭ ކޯޓުން ހެއްޔެވެ؟، ނޫނީ ޖޭއެސްސީ ހެއްޔެވެ؟

އެ މައްސަލައިގައި ސްޕްރީމް ކޯޓުން ރޭ ނެރުނު ސްޓޭޓްމަންޓްގައި ބުނެފައިވަނީ ފަނޑިޔާރުން ކުރާ ކަންތައްތަކާމެދު ފާރަވެރިވާންޖެހޭ ފަރާތް، ޖޭއެސްސީ ފިޔަވައި އެހެން ފަރާތަކަށް ފަނޑިޔާރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ގާނޫނެއްގައި ބުނެފައި ނުވާ ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ ފަނޑިޔާރަކު ކުރި ހުމަކާ ގުޅިގެން ނުވަތަ ސުލޫކީ މައްސަލައަކާ ގުޅިގެން ގާނޫނު އަސާސީގައި ބުނެފައިވާ އުސޫލުގެ ބޭރުން އެއްވެސް ފަރާތަކަށް ފަނޑިޔާރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ.

މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމެޓީއަށް ފަނޑިޔާރުން ހާޒިރު ކުރެވޭނެ ކަމަށް ބުނެ އެ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުއްޖަތުތަކެއް ދެއްކެވި އެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ސަލާމަތީ ހިދުމަތްތަކަށް ފާރަވެރިވުމަށް ކަނޑައަޅާފައިވާ 241 ކޮމެޓީއަށް ބްރޯޑްކާސްޓިން ކޮމިޝަންވެސް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް އެ ކޮމެޓިއަކީ ރޯލަކީ ސަލާމަތީ ބާރުތަކަށް ފާރަވެރިވުމެވެ.

"އެ ކޮމެޓީން ބުނެފައި އެބައޮތް ސްޕްރީމް ކޯޓްގެ ހުކުމެއްގެ ދަށުން މިހާރު މަޖިލީހުގެ ކޮންމެ ކޮމެޓީއަކަށް ގެނެވޭ ގޮތަށޭ އޮތީ... އެހެންވީމަ ކޯނީގެ ރިޕޯޓްގެ ދިރާސާއަށް ފަނޑިޔާރުން ހާޒިރު ކުރުމަށް ކޮމެޓީގެ މެންބަރުން އެ ނިންމެވީ. އަޅުގަނޑެއް ނޫން،" އަލީ ވަހީދު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމެޓީއަކަށް ފަނޑިޔާރުން ހާޒިރު ކުރަން ނިންމާފައި އޮތަސް، އެ ނިންމުމާ އެއްގޮތަށް ފަނޑިޔާރުން ކޮމެޓީއަށް ހާޒިރުވުމަށް އަންގާފައެއް ނުވެ އެވެ. އެއަށް އަމަލު ކުރެވޭނީ މަޖިލީހުގެ ރައީސް އެ އެންގުމުގައި ސޮއި ކުރުމުންނެވެ. މަޖިލީހުގެ ކައުންސިލަރު ޖެނަރަލް ފާތުމަތު ފިލްޒާ ވިދާޅުވީ ކޮމެޓީގެ ނިންމުން އަދި މަޖިލީހުގެ ރައީސްއަށް ލިބިފައިނުވާ ކަމަށެވެ. އަދި އެކަމާމެދު ގޮތެއް ނިންމަން އިނގޭނީ ކޮމެޓީންގެ ނިންމުން ލިބުމުން ކަމަށް ފިލްޒާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުން އިއްޔެ ކުރިއަށް ގެންދިޔައީ މަޖިލީހުގައި ވޯޓަށް އެހި ވަގުތު ކަމަށް ބައެއް މެންބަރުން ތުހުމަތު ކުރެ އެވެ. ނަމަވެސް މަޖިލީހުގައި ވޯޓަށް އަހާ ވަގުތު ހުރިހާ ކޮމެޓީއެއްގެ މަސައްކަތް ހުއްޓާލުމަށްފަހު ގިނަ މެންބަރުން ތިއްބަވަނީ މަޖިލީހުގެ ތަޅުމުގަ އެވެ.

އެ މައްސަލާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ވޯޓަށް އެހި ވަގުތުގައި އެ ކޮމެޓީ ކުރިއަށް ގެންދިއުމުން ޕީޕީއެމްގެ މެމެބަރުންނަށް ކޮމެޓީގައި ބައިވެރި ވެވުނީ ލަހުން ކަމަށެވެ. އަދި މަޖިލީހުން ވޯޓަށް އެހި ވަގުތު ޖަލްސާގައި ބައިވެރި ނުވެ ކޮމެޓީ ކުރިއަށް ގެންދިއުމުގެ މަގުސަދަކީ އެމްޑީޕީ ބޭނުންވާ ގޮތަށް އެކަން ނިންމުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

ނިހާން ވިދާޅުވީ ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ އެއްވެސް ކަމަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވިޔަސް އަދި މަޖިލީހުގެ ތަޅުމުގައި ކަމުގައި ވިޔަސް މަޝްވަރާ ނުކުރެވޭނެ ކަމަށެވެ. އަދި ފަނޑިޔާރުން ހާޒިރު ކުރުމަށް ނިންމުމަކީ އެ ކޮމެޓީގެ މެންޑޭޓާ ހިލާފު ކަމެއް ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ އެ ނިންމުމަށް އޭނާ ފާޑުވިދާޅުވި އެވެ.

މަޖިލީހަށް ފަނޑިޔާރުން ހާޒިރު ކުރަން ނިންމި މައްސަލާގައި ޑީއާރްޕީ ވެސް އެ ނިންމުން ގަބޫލެއްނުކުރެ އެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޑެޕިއުޓީ ލީޑަރު ޑރ. އަބްދުﷲ މައުސޫމް ދިޓީވީގައި ރޭ ވިދާޅުވީ އެ ނިންމުމަކީ "ލަދުވެތިވާންޖެހޭ" ނިންމުމެއް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ގާނޫނު އަސާސީގައި އެއް ބާރު އަނެއް ބާރަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ބުނެފައިވާއިރު، އެ ގާނޫނުތައް އަމިއްލައަށް ހެދި މެންބަރުން އެއަށް އިހްތިރާމް ނުކުރުމެވެ.

ރައީސް ނަޝިދުގެ ޝަރީއަތް މިއަދު 4:00 ޖަހާއިރު ފަށާއިރު އޭގެ 15 މިނެޓް ކުރިން އެ މައްސަލަ ބައްލަވައި ފަޑިޔާރުން މަޖިލީހުގެ ކޮމެޓީއަކަށް ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރަނީ ސިޔާސީ ވިސްނުމެއްގައި ނޫންކަމަށް ބުނަން ވަރަށްވެސް ދައްޗެވެ. ޖެއްސުކުރުމުގެ ނިޔަތުގައި ގާނޫނު އަސާސީގެ އާންމު އުސޫލުތައް ފަހަނައަޅާ ދާއިރު ވެރިކަމުގެ ހުރިހާ ބާރަކަށް ފާރަވެރިވާ މަޖިލީހުގެ އިތުބާރާ މެދު ސުވާލު ނުއުފެދި ނުދާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް