ފުދުންތެރި އިގްތިސޯދަކަށް މަދީ ކޮންއެއްޗެއް؟

ދެހާސް ހަތެއްގެ ފަހު ކޮޅު ދުނިޔޭގެ މާލީ ބާޒާރުތަކަށް ކުރި މަތިވި ތަދު ކަމާ އެކު އޭގެ އަސަރު ދިވެހި އިގްތިސޯދަށްވެސް ކުރިމަތިވި އެވެ. ނަމަވެސް އޭރު އެކަމަށް އަޅައެއް ނުލަ އެވެ. އެންމެންވެސް އަވަދިނެތި އުޅުނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށެވެ. އިގްތިސޯދަށް އަންނަމުން ދިޔަ ބުރަޔަށް އޭރަކު ނުވިސްނަ އެވެ. ސިޔާސީ ލީޑަރުން ނޫނީ ޕޮލިސީ މޭކަރުން އޭރު ބެލީ ރިޔާސީ ރޭހުގައި ކުރި ހޯދުމަށެވެ. ބިޔަ ބޮޑެތި މުއައްސަސާތައް އުފެއްދުމާއި ޑިމޮކްރަސީގެ ނަމުގައި ގައުމަށް ވުރެ ބިޔަ ވެރިކަމުގެ ނިޒާމެއް ދިރުވި އެވެ.

މިއީ އޭގެ ހަ އަހަރު ފަހެވެ. ގައުމުގެ ޖުމްލަ ދަރަނި މިއަހަރު ނިމޭއިރު 26 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. ގައުމުގެ އިގްތިސޯދީ ދުވެލި ހުރީ 5.5 ޕަސެންޓަށް ތިރިއަށް ޖެހިފަ އެވެ. ތަކެތީގެ އަގުތައް މައްޗަށްދާ މިންގަނޑު، އިންފުލޭޝަން ރޭޓް ހުރީ 15 ޕަސެންޓްގަ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ހީނަރުވެ ޖީޑީޕީގެ ފުލަށް ވެއްޓިއްޖެ އެވެ. ރުފިޔާގެ އަގުވެއްޓި، ޑޮލަރުގެ އަގު ވަނީ އަތް ނުފޯރާފަށުގަ އެވެ. ކުރުގޮތަކަށް މިއީ ރާއްޖޭގެ އިގްތިސޯދީ ހާލަތެވެ.

"ރާއްޖެ އައީ ދެ ސުނާމީ އެއް. އެއީ އަސްލު ސުނާމީ އާއި ޑިމޮކްރަސީގެ ބަދަލަށް ފަހު އައި ސުނާމީ، މިކަން މިވީ އަޅުގަނޑުމެންނަށް އައި ސުނާމީއަކަށް، ޑިމޮކްރަސީއަކީ ހަރަދު ބޮޑު ނިޒާމެއް، މައްސަލަ ދިމާވެފައި މިވަނީ ޑިމޮކްރަސީ ގެނައިރު އެ އަށް ފައިނޭންސް ކުރާނެ ގޮތްތަކެއް ކުރިން ވިސްނާފައި ނެތުން،" ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި އެވެ. "ކުރިން ވިސްނުނު ނަމަ މިހެން ނުވީސް،"

އަދުގެ ހާލަތާއި 2007 ވަނަ އަހަރުގެ މާހައުލު ގުޅުވާލީމާ ގަބޫލުކުރެވޭ ހަގީގަތަކީ އިގްތިސޯދަށް މިއަދު ތަދު އިހުސާސްކުރެވެނީ ރޭވުންތެރިކަމެއް ނެތް އެ "ހެޔޮ ބަދަލު"ތަކުގެ ސަބަބުން ކަމެވެ. އެ ބަދަލުތަކަކީ ގޯސް ބަދަލުތަކަށް ނުވި ނަމަވެސް އިގްތިސޯދު ކަތިލުމަށް ފަހު އެ ބަދަލުތައް ގެންނަން އަމާޒު ހިފިފައި އޮތީމަ އެވެ. ރިޔާސީ އިންތިހާބަށް އޭރު ކެމްޕޭނު ކުރިއިރު އަޑު އިވެނީ އިގްތިސޯދީ ގޮތުން ދެކޮޅު ހަމަނުޖެހޭ ފްލޯކު ވާހަކަތަކެވެ. އެއްލާރި ގައުމު ހިންގާނެ ވާހަކަ އާއި ޑޮލަރުގެ އަގު 10ރ. އަށް ތިރިކުރާނެ ވާހަކަ އެވެ. އެއްބައި ލީޑަރުން ދެއްކެވީ ބްރިޖް އަޅާވާހަކަ އެވެ.

"އޭރުގައި އެކަކުވެސް ނުވިސްނާ ދެން މިއަށް ފައިނޭންސް ކުރާނެ ގޮތަކާ، އޭރު ބޮޑު އެޑްމިނިސްޓްރޭޓިވް އޮނިގަނޑެއް އުފެއްދީ، އަޅުގަނޑުމެންނަށް ކިތަންމެ ގިނަ ޓެކްސްވެސް ނެގިދާނެ ނަމަވެސް އެޑްމިނިސްޓްރޭޓިވް އޮނިގަނޑު ކުޑަނުކޮށް ހަރަދެއް ކުޑައެއްނުވާނެ،" ޖިހާދު ވިދާޅުވި އެވެ.

ސަރުކާރަށް މިއަހަރު ވެސް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބޭއިރު ހަރަދުތައް ވަނީ އިތުރަށް ބޮޑުވެފަ އެވެ. އެތައް މިނިވަން މުއައްސަސާތަކެއް އުފައްދާ އެއްވެސް އޮނިގަނޑެއް ނެތި އެބަޔަކު ހިތުހުރި ވަރަކަށް މުސާރަތައް ދޭން ޖެހުންވީ، ބަލި އިގްތިސޯދުގެ މައްޗަށް ފޮއި ވެއްޓުމަކަށެވެ. ބަޖެޓުން ބަރޯސާކުރަން ޖެހޭ 28 މިނިވަން މުއައްސަސާއެއް އޮތް އިރު މާބޮޑު މަސައްކަތެއް ނެތި ބައެއް މުއައްސަސާތައް ތިބީ އަތް އުރާލައިގެންނެވެ. ވަކި ދެ މުއައްސަސާ ނަމަވެސް ހަމަ އެއް މަސައްކަތެއް ކުރާ މުއައްސަސާތައް ހުރީ އެވެ. އެ މުއައްސަސާތަކަށް ކުރާ ހަރަދު ބިލިއަން ރުފިޔާއަށް އަރަ އެވެ.

"އަޅުގަނޑުމެން ބަޖެޓް ކުޑަކުރުން މަސައްކަތް ކުރެއްވީމާ ވެސް މިނިވަން މުއައްސަސާތަކުން އެކަމަށް އެއްބާރުލުމެއް ނުދެއްވި، އެބޭފުޅުން ބޭނުމެއް ނުވި ކުޑަކުރައްވާކަށް. ހުދު މަޖިލިސް ވެސް ބޭނުމެއް ނުވި އެކަން ކުރައްވާކަށް،" ޖިހާދު ވިދާޅުވި އެވެ. "މިހާރު ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނެއް އުފައްދާފައި. ޕޮލިސް އިންޓެގްރިޓީ ކޮމިޝަނެއް އެބަ އޮތް. ދެން ޖުޑީޝަލް އިންޓަގްރިޓީ ކޮމިޝަނެއް ވެސް އުފައްދަފާނެ. އެހެން ގައުމުތަކުގައި އޮންނަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނެއް. އިންޓެގްރިޓީއާ ގުޅޭ ހުރިހާ ކަމެއް ކުރާނީ އެ ކޮމިޝަނުން،"

އިގްތިސޯދީ މައްސަލަތަކުގެ ހަގީގަތަކީ ސިޔާސީ ވެރިންގެ ނޫނީ ޕޮލިސީ މޭކަރުންގެ އިހުލާސްތެރިކަމެއް ނެތުމެވެ. ބޮޑެތި ބިޔަ ކައުންސިލްތަކާއި ފާރަވެރި ވާނޭ ކޮމިޝަންތައް އުފައްދަވަނީ ރައްޔިތުން ކުރިމަތީގައި މަގުބޫލުކަން ހޯއްދަވަން ކަމަށްވާ އިރު ގައުމުގެ އެއްބައިގެ މަތިން ހަނދާނެއް ނުހުރެ އެވެ. ހަރަދުކުޑަކުރުމުގެ ސިޔާސަތުތައް އެކަށައަޅަން ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރަނީ އެވެ. އެއްކޮޅުން ހަރަދުކުޑަކުރާއިރު ފޮރުވިގެން ބޭކާރު އެތައް ހަރަދުތަކެއް ކުރެ އެވެ. ސިޔާސީ އެތައް މަގާމުތަކެއް އުފައްދާ އެކި ނަންނަމުގައި ކުނިފުނިތައް އުފައްދާ ސިޔާސީ ބާރު ގަދަކުރުމުގެ ކުޅިވަރުކުޅެ އެވެ.

"ސިޔާސީ ބޭފުޅުންގެ މުސާރަތައް ވެސް ކުޑަކުރަން މަސައްކަތް ކުރެވުނު، ބައްދަލުވުންތައް ވެސް ބޭއްވުނު ނަމަވެސް، އެކަމަށް ތައްޔާރަށް ނޫން ބޭފުޅުން،" ޖިހާދު ވިދާޅުވި އެވެ.

އިގްތިސޯދުގެ ހާލަތު އޮތްގޮތް އެންމެނަށްވެސް އެނގެ އެވެ. މި އަހަރުގެ ފަހު ތިން މަސްދުވަހުގެ ދައުލަތުގެ ހަރަދު ފައިނޭންސް ކުރާނެ ގޮތްތަކެއް ވެސް އަދި ނެތެވެ. މުސާރަ ދެނީ ވެސް ބަޖެޓް ސަޕޯޓް ލޯނުނަގައިގެންނެވެ. އެންމެ ފަހުން މިދިޔަ މަހުގެ މުސާރަ ވެސް ދިނީ އިންޑިއާ ސަރުކާރުން ބަޖެޓް ސަޕޯޓަށް 25 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެނެވެ. އެ ހުރިހާ ކަމެއް އެނގޭ އިރު ވެސް މަޖިލީހުގެ މެންބަރުން ވެސް ސިޔާސީ ފަރާތްތައްވެސް އިގްތިސޯދާ މެދު ވިސްނަން ޖާގައެއްނުދެ އެވެ. ދައުލަތަށް ބުރަ ބޮޑުވާނެ ގޮތަށް މަގާމު އުފެއްދުމާއި ބަޖެޓްގައި ހިމެނިފައިނުވާ އައު ހަރަދުތައް ކުރުމަށް ލާޒިމްކުރެ އެވެ. އިގްތިސޯދީ ބިލްތައް ގިނަ ފަހަރަށް މަޖިލީހަށް ހުށަހަޅާނީ ސަރުކާރަކުންނެވެ. އިދިކޮޅު ޕާޓީއަކުން އިގްތިސޯދީ އިސްލާހީ ބިލެއް ހުށަހަޅާފައި ހުންނާނީ ވަރަށް ވެސް މަދުންނެވެ.

ސިޔާސީ ވެރިން އިހުލާސްތެރިކަމާ އެކު ގައުމަށް ހެޔޮ އެދޭނަމަ ގައުމުގެ އިގްތިސޯދު ރަނގަޅު ކުރެވިދާނެ އެވެ. އެބޭފުޅުން ގައުމުގެ އިގްތިސޯދު ހަމަމަގަށް އަޅުވަން ބޭނުން ނަމަ އެކަން ވެސް ކުރެވިދާނެ އެވެ. ފަސްދޮޅަސް ހާހުން 50،000 ހުން ހުރި މިނިސްޓަރުންގެ މުސާރަތައް ވެސް 20 ޕަސެންޓަށް ކުޑަކޮށްލެވިދާނެ އެވެ. ކައުންސިލަރުން ވެސް މަދުކޮށް ދޭންޖެހޭ މުސާރައިގެ އޮނިގަނޑުތައް ވެސް ބަދަލުކުރެވިދާނެ އެވެ. މަހަކު ގާތްގަނޑަކަށް މެންބަރަކަށް ލައްކަ ރުފިޔާ ވަރު ހަރަދު ކުރާ، ރަައްޔިތުންގެ މަޖިލީސް މެންބަރުންގެ މުސާރަތައް މިހާރަށް ވުރެ އަދި މާބޮޑަށް ކުޑަކޮށްލެވިދާނެ އެވެ.

މިއަދުގެ އިގްތިސޯދަށް މަދުވަނީ އިހުލާސްތެރި ވިސްނުމުގެ ސިޔާސީ ބޭފުޅުންނެވެ. މުޅި ގައުމާ މެދު ވިސްނާ ސިޔާސީ ލީޑަރުން މަދުވުމެވެ. އިގްތިސޯދު ކަތިލުމަށް ފަހު ގައުމައިގެން ކުރިއަށްދާން އުޅޭ ވެރިން ގިނަ ވުމެވެ. އިގްތިސޯދީ މައްސަލަތަކަށް ފުރަތަމަ ފަރުވާއަކީ އިހުލާސްތެރިކަމެވެ. ސިޔާސީ ވެރިންގެ އެ ސިފަ އަށަގެންނެވުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް