ހަމަލާތައް ނުހުއްޓުވި ހުސް ވާހަކަ!

ރައްޔިތުން މަޖިލީހުގެ އުގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝިމް އަލީގެ އަނިޔާވެރި މަރާ އެކު އެންމެނަށް ވެސް ލިބުނީ ބޮޑު ޝޮކެކެވެ. ހަންޖަރުގެ އެތި ފަހަރުތަކުން އަފްރާޝީމް އަވަހާރަކޮށްލުމުން ރަހުމް ކުޑަ ހަންޖަރުގެ ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންގެ އަދަދު 10 އަކަށް އެރީ އެވެ. މީގެ ފަސްއަހަރެއްހާ ދުވަސް ކުރިން އާންމު ރައްޔިތު މީހާގެ ގަޔަށް ހަރަމުން ދިޔަ ހަންޖަރު މިއަދު އަމާޒުވަނީ މަތީ ފަންތިއަށެވެ؛ އަފްރާޝީމްގެ މަރުގެ ކުރިން ލޯޔަރު ނަޖީބެވެ. އޭގެ ފަހަތުން ޕޮލިސް އޮފިޝާ، އެޑަމް އެވެ.

އެފަދަ ކޮންމެ މަރަކުން ވެސް އެތައް އިބުރަތްތަކެއް ގެނެސްދޭ އިރު އެކަމާ ގުޅުވާ ދެއްކޭ ވާހަކަތައް ގިނަ އެވެ. އަމަލަށް ވުރެ ބަސް އޮންނަނީ ގިނަވެފަ އެވެ. މިދިޔަ ޖުލައި މަހުގެ ކުރީކޮޅުގައި ގާނޫނީ ވަކީލު ނަޖީބު މަރާލުމާއި އެ މަހުގެ ފަހުކޮޅު ޕޮލިސް އޮފިސާ، އެޑަމް މަރާލުމުން "މަރަށް މަރުހިފުން" އަދި "އިސްލާމީ ޝަރީއަތް ތަންފީޒުކުރުމު"ގެ ވާހަކައިގެ އަޑުގަދަވި އެވެ. އުއްތަމަ ފަޑިޔާރުން ފެށިގެން ގޮސް އެންމެ އާދައިގެ ނިކަމެތި މީހާ ވެސް ދެއްކީ އެ ވާހަކަ އެވެ. ހަދާން އެބަހުއްޓެވެ. ޕޮލިސް އޮފިސާ، އެޑަމް މަރާލައިގެން މަޖިލީހަށް ވެއްދި ކުއްލި މައްސަލައެއްގައި މެންބަރުން ވިދާޅުވި އެވެ؛ "ދެން އެފަދަ ހަމަލައެއް އަމާޒުވާނީ އަޅުގަނޑުމެންނަށް ތޯއްޗެކެވެ!"
އޭގެ ފަހުން ތިން މަސްފާއިތުވީ އެވެ. ކުރީ ރޭގެ ދަންވަރާ ޖެހެންދެން ވެސް އަޑަށް ބާރުލައި ދެއްކި އެ ވާހަކަތައް ހަދާން ހުރި މަޖިލީހުގެ މެންބަރެއް ކީއްކުރަން އާންމު ރައްޔިތެއް ވެސް ހުރިހެން ހިއެއްނުވެ އެވެ. އިސާހިތަކު އެއްކަލަ ވާހަކަތަކުން ހަނދާންނެތުނީ އެވެ.

ހަގީގަތަކީ ރަހުމް ކުޑަ ކޮންމެ މަރަކާ އެކު ފުލުހުން ނުފުރޮޅާ އެންމެ ގާބުރިއެއްވެސް ނޯންނަ ކަމެވެ. ފުލުހުންވެސް އެމީހުންގެ ވާޖިބު އަދާކުރާނެތާ އެވެ. ހަނާ އާއި މުއްރަތު، ޝަހުމް އަދި އެ ލިސްޓަށްފެތޭ އެތައް ގާތިލެއް ބަންދުގައި ތިބި އިރު ގައިމުވާ އެއްކަމަކީ އެ މީހުން ތިބީ ދިރިތިބީންގެ ގޮތުގައި މަރުގެ އަދަބު ނުދެވި ކަމެވެ. ލެއްވިހާ ތޫނު ހަތިޔާރެއް ހިފައިގެން ނުކުމެ ރޯމާ ދުވާލު އިންސާނުން ކަތިލަނީ ފިޔަވަޅުތަކެއް އެޅިފައިނެތީމާ އެވެ. ރޯމަހެއްހެން ތެޅިގަންނަހެން އިސްލާމީ ޝަރީއަތް އަތްމައްޗަށް ލަނީ ތިމާގެ އެކުވެރިއެއް ގާތްރަހުމަތްތެރިއެއް ނޫނީ އިއްޒަތްތެރި އަކު މަރާލީމަ އެވެ.

ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ނަޒަރުގައި މާރާމާރީތައް ހުއްޓުވުމުގައި އަމަލީގޮތުން މަސައްކަތް ކުރަންޖެހުމުގެ ވަގުތު އަތުވެއްޖެ އެވެ. ހުސް އަނގަތަޅުމުގެ ބަދަލުގައި ސީދާ މައްސަލައެއް އެޑްރެސް ކުރަން ޖެހުމުގެ ސުންގަޑި ޖެހިފައިވާ ކަމަށް ތަސްމީން ވެސް ގަބޫލުކުރައްވަ އެވެ. ސަރުކާރާއި މަޖިލިސް މަޝްވަރާގެ މޭޒުގައި އިށީނދެ ކުއްތައް ހުއްޓުވަން އަޅާނެ ފިޔަވަޅުތަކާއި ސުންގަޑި ކަނޑައެޅުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މިދިމާވި ބޮޑު ހިތާމަޔަށް ފަހު މިފަހަރު އަޒުމް ކަނޑައަޅަންވީ، އަމަލީ ގޮތުން މިކަންކަން ތަންފީޒު ކުރެވޭތޯ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ވެސް އަދި އަޅުގަނޑުމެންގެ ތެރޭގައި ވެސް މަޝްވަރާ ކޮށް ކޮންމެހެން ނިންމަން ހުރި ކަންތައްތަކެއް އޮޅުން ފިލުވުމަށް ފަހު ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެކަންތައްތައް ތަންފީޒު ކުރަން އަޅުގަނޑުމެން ވެއްޖެކަން،" ތަސްމީން ވިދާޅުވި އެވެ.

ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމާއި ގުޅުން ހުރި ބިލްތައް ވީހާވެސް އަވަހަކަށް ފާސްކުރުމުގެ އަމަލީ މަސައްކަތް މިހާރުން މިހާރަށް ފަށަން ޖެހިފައިވާ ކަމަށް ތަސްމީން ގަބޫލުކުރައްވަ އެވެ. ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު ވެސް މަޖިލީހުގެ ހުރިހާ މެންބަރުން އެކައްޗެއް ކިޔައިގެން ފާސްކޮށްދީފައިވާ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި ކުށްކުރުން ހުއްޓުވުމަށް ޓަކައި ފާސްކުރަން ޖެހޭ ގާނޫނެއް މިވަގުތު މަޖިލީހަށް ހުށަހެޅިފައި ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި ގޭންގުކުށްތައް މަނާކުރުމުގެ ގާނޫނެއް މަޖިލީހުން ފާސްވި ފަހުން ވެސް ގޭންގުތައް ހުއްޓުވުމަށް ޓަކައި އެއްވެސް މަސައްކަތެއް ކުރެވިފައި ނުވެ އެވެ. އެހެންކަމުން ގޭންގުތައް އޮޕަރޭޓް ކުރާގޮތާއި ގޭންގުތަކަށް ފާއިސާ ހޯދާގޮތް ބަލައި އެކަން ހުއްޓުވަން ޖެހިފައިވާ ކަމަށް ނާޒިމް ގަބޫލުކުރައްވަ އެވެ.


"ގާނޫނެއް ފާސްކޮށްގެން ކުށްކުރުން ހުއްޓުވޭނެ ކަމަށް ވަންޏާ އެކަން ކުރުން، ]ކުއްކުރުން[ ހުއްޓުވުމަށް ފާސްކުރަން ޖެހޭ ގާނޫނެއް މިވަގުތު މަޖިލީހުގެ ނިޒާމުގެ ތެރެއަކު ނެތް. މީގަ ވާންވީގޮތަކީ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނު ފާސްކޮށްފައި ބާރުތަކެއް ދިންތާ އެތަކެއް ދުވަސް ވެއްޖެ. ގޭންގުތައް މިހާރު ވެސް ދަނީ އޮޕަރޭޓް ކުރަމުން. ގޭންގުތައް ދަނީ ފުޅާވަމުން. ގޭންގުތަކަށް ފައިސާ ހޯދުމަށް ކުރާ މަސައްކަތް ވެސް ދަނީ އިތުރު ވަމުން. ގޭންގުތައް ނައްތާލުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަމެއް ކުރަންވީ،" ނާޒިމް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ގޮތުގައި މިފަދަ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތައް ދެނެގަންނަން ޖެހެ އެވެ. އޭނާ ވިދާޅުވާ ގޮތުގައި މީގެ ކުރިން ދިމާވި މިފަދަ ހާދިސާތަކާ ގުޅިގެން ވެސް އެފަދަ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވިފައިވެ އެވެ. ނަމަވެސް އެއީ މިފަދަ ހާދިސާތައް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ.

"މިފަދަ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތައް ދެނެގަންނަން ޖެހޭ އެކަން ދެނެގަނެވިގެން ނޫނީ މުޅި މައްސަލައަކަށް ހައްލެއް ނުލިބޭނެ. އެކަމަކީ ގާނޫނުތަކުގެ ދޯހަޅި ކަމުންތޯ ނުވަތަ ގާނޫނު ތަންފީޒު ކުރާ ފަރާތުގެ މައްސަލަ ތޯ ނޫނިއްޔާ ކޯޓުތަކުގެ މައްސަލަތޯ ނޫނިއްޔާ އަޅުގަނޑުމެންގެ މުޅި އިޖުތިމާއީ ފޭރާން ވީރާނާވެ ދިޔުމުގެ ސަބަބުން ތޯ؟ ކަމެއް ދިމާވީމަ އިންސާފު ގާއިމް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން އެބަކުރޭ. އެއަކުން އެކަމުން މުޅި މި މައްސަލައަށް ހައްލެއް އޮތްކަމަށް ނުފެނޭ. މިކަންކަން ހައްލުކުރުމަށް ޓަކައި މިކަންކަން ހިނގާ ގޮތްބަލައި އެކަކަށް ވުރެ ގިނަ ބައެއްގެ ވިސްނުން ބޭނުންކުރަން ޖެހޭ،" ޖަމީލް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވި ގޮތުގައި ކަމާ ބެހޭ މުއައްސަސާތަކުން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އިލްޒާމް ނާޅުވާ އެބައެއްގެ ޒިންމާ އެބަޔަކު އަދާކުރަން ޖެހެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް މަޖިލީހުން ކުރަން ޖެހޭ އިތުރު ކަމެއް ނެތްކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވާ އިރު އެކަމަށް މަޖިލީހުން ފާސްކުރަން ޖެހޭ ގިނަ ގާނޫނުތަކެއް ހުރީ އެވެ.

މައްސަލަތަށް ޝަރީއަތަށް ސާބިތުކުރުމަށް ހެކި ބޭނުންވާ އިރު ހެއްކައް ބާރުދިނުމަށް ދިނުމަށް ހެއްކާއި ބެހޭބިލާއި ޝަރީއަތަށް ހުށަހެޅޭ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޖިނާއީ އިޖުރާއަތުގެ ގަނޫނެއް ފާސް ވާންޖެހެ އެވެ. އަދި ހެކިންނަށް ހިމާޔަތް ދިނުމާ ގުޅޭ ގާނޫނުގެ މުހިންމުކަން ނުހަނު ބޮޑެވެ.

"މައްސަލަތައް އަވަހަށް ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ބޭނުންވެއްޖެއްޔާ ޖިނާއީ އިޖުރާއަތުގެ ގާނޫނު ފާސްވާންޖެހޭ. ހެއްކަށް ބާރު ދިނުމަށް ޓަކައި ހެއްކާ ބެހޭ ގާނޫނު ފާސްވާން ޖެހޭ. މިޒަމާނާ ގުޅޭ އަދި ކުށްތަކާ އެކަށޭނަ އަދަބުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނުލް އުގޫބާތު ވެސް ފާސްވާން ޖެހޭ. އަދި ހެކިން ހިމާޔަތް ކުރުމަށް ބޭނުންވާ ގާނޫނެއް ބޭނުންވޭ. މިފަދަ މުހިންމު ގިނަ ބިލްތަކަކީ މަޖިލީސް ތެރޭގައި ޕާކްކޮށްފައި ހުންނަތާ ދެ ދައުރު ހަމަވާން ކައިރިވެފައިވާ ބިލްތަކެއް. މިގާނޫނުތައް ފާސް ނުކުރެވި އެހެން މުއައްސަސާތައް ޒިންމާ ދާރު ނުކުރެވޭނެ،" އާސިފް ވިދާޅުވި އެވެ.

މަރަށް މަރު ހިފުމާއި އިސްލާމީ ޝަރީއަތުގެ ވާހަކަ ދައްކާއިރު އިހުލާސްތެރި މަސައްކަތް އޮތީ ދޫކޮށްލެވިފަ އެވެ. ކަމެށްވީމާ އެ ވާހަކަ ދައްކާލާ އުސޫލު ގެންގުޅޭ ނަމަ އެއްވެސް މައްސަލައަކަށް ހައްލެއް ނޯންނާނެ އެވެ. ހައްލު އޮތީ އިހުލާސްތެރި މަސައްކަތުންނެވެ. ކަމެއް ވުމުގެ ކުރިން އެކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް