ލޯބިން ކުރެވޭ އަނިޔާއެއް!

މިފަހަކަށް އައިސް ވަރަށް ގިނައިން އަޑު އިވޭ ވާހަކަ އެކެވެ. ނަމަވެސް އަޅާ ނުލައި ދޫކޮށްލެވެނީ އެވެ. އެކި އުމުރުގެ އެކި ޖިންސުގެ މީހުން ވީނުވީތަނެއް ނޭނގި ގެއްލޭ މައްސަލަ އެވެ. ކުޑަ އަބާދީއަކަށް ނުކަތައި މިންވަރަށް ކޮންމެ ހަފްތާއަކު ވެސް ގިނަ މީހުންތަކެއް ގެއްލިގެން ހޯދަން އިއުލާން ކުރުމަކީ މައްސަލަ އެކެވެ. މައްސަލައިގައި އިތުރަށް ކަންބޮޑުވާން ޖެހެނީ ގެއްލިގެން ހޯދަނީ ގިނައިން ކުޑަކުދިންނަށްވާތީ އެވެ. އާއިލާގެ އެދުމުގެ މަތިން "ހޯދާ ނުފެނިފައިވާ ކަމަށް" އިއުލާން ކުރާ އިރު އެ ކުއްޖެގެ ފޮޓޯ ވެސް އާންމު ކުރަންޖެހެ އެވެ. މިއީ ކިތަންމެ ލޯބިން ކުރެވޭ ކަމަކަށް ވިޔަސް އެ އަމަލުގެ އަދިރިފަރާތުގައި އޮތީ ސީރިއަސް މައްސަލަތަކެކެވެ. ހާއްސަކޮށް ކުޑަކުދިންނަށެވެ. ނަމަވެސް މިއީ ދައްކާ ވާހަކަ އެއް ނޫނެވެ. މުޖުތަމައުގެ ބޮޑު ސިއްރެކެވެ.

އާއިލާގެ އިހުމާލަކުން ނޫނީ ގަސްތުގައި އެކަނި ބޭރަށް ދޫކޮށްލުމުން ކުޑަކުދިންނަށް މިހާތަނަށް ތަފާތު އެކިއެކި ހާދިސާތަކާ ކުރިމަތިވެފައިވާ އިރު ނުރައްކާތެރި ހާލަތްތަކަށް އެ ކުދިން ހުށަހެޅި ފުރާނަ ގޮސްފައިވާ ފަހަރު ވެސް ކުރިމަތިވެފައިވެ އެވެ. އެކަމަށް ބަލައި އޭގެ ޕޮޒިޓިވް ނޫނީ ރަނަގޅު ފަރާތެއް ވެސް އޮންނާނެ އެވެ.

އެ ވިސްނުމުން އެކަން މިނާ ނަމަ ކުޑަކުދިން ގެއްލިގެން އާއިލާތަކުން ރިޕޯޓް ކުރާ އަދަދު އިތުރުވުމަކީ މުޖުތަމައުގެ ނޭދެވޭ އަމަލުތަކުން ދަރިފުޅު ހިމާޔަތް ކުރަން މައިންބަފައިން ބޭނުންވާ ކަމުގެ ދަލީލެކެވެ. ކިތަންމެ ލޯބިން އެކަން ކުރެވުނަސް ނުކުންނަ ނަތީޖާ އަކީ ނުބައި ނަތީޖާއެއް ނަމަ އެކަމާ މެދު ދެ ވަނަ ވިސްނުމަކަށް ދާންޖެހެ އެވެ.

އެޗްއާރުސީއެމްގެ ރައީސާ މަރިޔަމް އަޒުރާ ވިދާޅުވީ ގެއްލިގެން ހޯދާ ކުދިންގެ ފޮޓޯ އާންމު ކުރުމަކީ އެކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ކުދިންގެ ފޮޓޯ އާއްމުކުރަނީ އާއިލާތަކުން ބޭނުންވެގެން އެކަމާ ކަންބޮޑުވާލެއް ބޮޑުކަމުން ކަމުގައި އޭނާ ވެސް ގަބޫލުކުރައްވަ އެވެ. ނަމަވެސް އަޒުރާގެ ކަންބޮޑުވުމަކީ އެކުދިން އެކި ގޮތްގޮތަށް ލޭބަލް ކުރެވާ މައްސަލަ އެވެ. އަޒުރާ ވިދާޅުވަނީ އެ އަމަލުގެ ސަބަބުން އެ ކުދިންގެ މުސްތަގުބަލަށް ހިޔަނި އެޅިގެން ހިނގައިދާނެ ކަމަށެވެ.

"އާއްމުގޮތެއްގައި މިހާރު ކުއްޖާ ނުފެނި ކުޑަ ވަގުތު ކޮޅެއްވާއިރަށް ވެސް ރިޕޯޓްކުރޭ. އެކަމަކީ އެކިއެކި ނުރައްކާތެރި ހާދިސާތައް މެދުވެރިވަމުންދާތީ އެ ކުދިން އެކަމުން ސަލާމަތް ކުރުމުގެ ގޮތުން ކުރުން ރަނގަޅު ކަމެއް. ކުއްޖާގެ ފޮޓޯ މި ޖަހަނީ އެކުއްޖާ ގެއްލިގެން ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެއް ވެސް އޮވެގެން. ނަމަވެސް އެކުދިން ފެނުނީމަ ވެސް އަނެއްކާ ވެސް އެކުދިންގެ ފޮޓޯ އާއްމުކުރޭ އެބަ. އެކަމުގެ ސަބަބުން އެކުދިންނަށް ނޭދެވޭ އަސަރެއް ކުރާ ނަމަ އެއީ ކަންބޮޑުވާން ޖެހޭ އިޝޫއެއް. މިހާރަށް ވުރެ ހަރުދަނާ އުސޫލުތަކެއް މިކަމުގައި އެބަޖެހޭ ހޯދެން،" އަޒުރާ ވިދާޅުވި އެވެ.

މިފަހަކަށް އައިސް ކުޑަކުދިން ގެއްލިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާ އިރު އޭގެ ތެރޭގައި ދެ ޖިންސުގެ ކުދިން ވެސް ހިމެނެ އެވެ. އަދި އޭގެ ތެރެއިން ގިނަ ކުދިންނަކީ އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނެވެ. މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މިފަދަ ގިނަ މައްސަލަތަކުގައި އެ އެކުދިން ފެނިފައި ވަނީ ކޮންމެ ވެސް ތިމާގެ މީހެއްގެ ގެއެއްގައި ނުވަތަ މަގުމަތީގައި އުޅެނިކޮށެވެ. އެވަގުތު ކޮޅުގައި އެކުދިންގެ ހޯދުމަށް ފޮޓޯ އާއްމުކުރާ އިރު އެތައް ހާސް ބައެއްގެ ލޮލުގައި އެކުދިން އަޅައިގަންނާނެ އެވެ. އެއިން ކޮންމެ ފަހަރަކު އެކުދިން އެކި ގޮތް ގޮތަށް ލޭބަލް ނުކުރެވޭނެ ސަބަބެއްނެތެވެ.

"ގިނަ ފަހަރަށް އެފަދަ ކުދިންނާ ސްކޫލް ތެރޭގައި ދިމާކޮށް ވެސް ހަދާ. އެފަދަ ކުދިން ބައެއް ޕޭރަންޓުން ވެސް ނޯޓިސްކުރޭ. އެކުދިން ގޯސްކޮށް އުޅެގެން ޕޮލިސް ވެސް ހޯދަނީ އޭ ކިޔައިފައި އެބަހުރި. އެކަމުގެ ސަބަބުން އެކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ބަލަން ޖެހޭ. ނަމަވެސް ގިނަ ފަހަރު އެފަދަ ކުދިންގެ ތެރޭގައި އެބައުޅޭ ހަމަ ވަރަށް ބަސްއަހާ ކުދިން ވެސް. ކުއްޖަކު ވީނުވީއެއް ނޭނގި ކުޑައިރުކޮޅެއް ވުމަކީ ވެސް ކަންބޮޑުވާން ޖެހޭނެ މައްސަލައެއް. ނަމަވެސް މިކަންތައް މިނޫން ގޮތަކަށް ކުރެވޭތޯ ވެސް ބަލަން އެބަޖެހޭ،" ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ޕްރީސް ސްކޫލް ޓީޗަރަކު ބުންޏެވެ.

"ބަސްނާހާ ކުއްޖެއް"، "ގޯސްކުއްޗެއް" މިފަދަ ލަފްޒުތަކުން ކުއްޖަކު ލޭބަލްވާ ނަމަ އެ ކުދިންނަށް ކުރާނެ އަސަރުވަރަށް ބޮޑެވެ. ކުއްޖަކު ގެއްލުނީ އޭނާގެ އިހުމާލުން ކަމުގައި ވެސް ނުވެދާނެ އެވެ. ނަމަވެސް ހުރިހާ ތުހުމަތެއް މައުސޫމު ކުއްޖަކަށް ރައްދުކުރާނަމަ އެއީ ވަރަށްވެސް ބޮޑަށް ކަންބޮޑުވާން ޖެހޭ މައްސަލަ އެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުއްޖަކު ގެއްލިގެން ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިޔަކު ރިޕޯޓް ކުރުމުން އެމައްސަލައެއް ބަލާނެ ކަމަށާއި އެކުދިންގެ ފޮޓޯ އާއްމުކުރަނީ ބެލެނިވެރިޔާގެ ބަޔާނެއް ވެސް ނެގުމަށް ފަހު އެފަރާތްތަކުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގައިވާނަ ކަމަށެވެ. އެގޮތަށް ފޮޓޯ ޖެހުމަށް އާއިލާތަކުން ވެސް ބާރުއަޅަނީ އެކުއްޖާ ހޯދުމަށް ފަސޭހަވާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ގެއްލިގެން ހޯދާ ކުޑަކުދިންގެ ފޮޓޯ އާއްމުކުރުމަކީ މާބޮޑު މައްސަލައެއް ނޫން ކަމަށް ފުލުހުންގެ އިތުރުން އާއިލާތަކުން ނުދެކުނު ނަމަވެސް ކުޑަކުއްޖަކު އެގޮތަށް ގެއްލިގެން އިރުއިރު ކޮޅާ ފޮޓޯ އާއްމުކުރުމުން ނިކުމެދާނެ އިތުރު މައްސަލަތަކެއް ހުރެދާނެ އެވެ. ގިނަ ފަހަރަށް ކުޑަކުދިން މައިން ބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ފިލައިގެން ގޭން ބޭރަށް ނުކުމެ ކޮންމެ ވެސް އެހެން ތަނަކަށް ދަނީ އާއިލާގެ ތެރޭގައި ހިތްހަމަ ނުޖެހުންތަކެއް ހުރެގެންނެވެ. އެފަދަ ކުދިންގެ މަޖުބޫރު ހާލަތުގެ ބޭނުން ބަޔަކު ނަހަމަ ގޮތުގައި ހިފުމަކީ ނުވުމަށް ވުރެ ވުން ކައިރި ކަމެކެވެ. ދަރިފުޅުދެކެ ލޯބިން އޭނާ ހޯދަން ފުލުހުންނަށް ރިޕޯޓްކޮށް ފޮޓޯ އާންމު ކުރުމަށް އެއްބަސްވާއިރު އޭގެ އަނެއް ފަރާތުން ދެލޯފަދަ ދަރިފުޅު "ލޭބަލް ވުމަކީ" އަނިޔާއެއްކަން ވެސް ހަނދާކުރަންޖެހެ އެވެ. އަދި އެއްފަހަރު ވިސްނާލާށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް