ހައްޖު ޖަމާއަތްތަކުގެ އަނދިރިފަރާތް

ހއ. ތަކަންދޫ އާދަމް އަބްދުއް ރަހުމާން 75، އާއި ޒުލޭހާ ހަސަން، 65،ގެ ދެމަފިރިން އަބަދުވެސް ދެކެމުން އައީ ހައްޖަށް ދިޔުމުގެ ހުވަފެނެވެ. ޒުވާން ދުވަސްވަރު ހައްޖަށް ނުދެވުނަސް އުމުރުގެ ކޮންމެވެސް ހިސާބަކުން ހައްޖަށް ދެވޭނެ ކަމަށް އެ ދެމަފިރިން އުންމީދު ކުރި އެވެ. ނަމަވެސް އުންމީދުގެ ހުޅުކޮޅު ކަނިވެ ނިވުމާ ގާތްވެއްޖެ އެވެ. އެތައް ދުވަހަކުން އެކަމަށް އެއްކުރި ހުރިހާ ފައިސާއެއް މިއަދު ވީނުވީއެއްވެސް ނޭނގުނެވެ. "ހިޔާނާތްތެރިއެއް"ގެ "މަކަރާއި ހީލަތު"ގެ ދަލުގައި ޖެހި އުންމީދުތައް ވިއްސިވިހާލިވެ އެ ދެމަފިރިން ތިބީ މާޔޫސްކަމުގަ އެވެ.

"މަންމަ އާއި ބައްޕަގެ ވަރަށް ބޮޑު އުންމީދެއް އެއީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ހައްޖަށް ދިޔުން، ބައްޕަގެ މިހާރު ހައްދިހައިގެ އުމުރުން ދުވަސްވެ ގައިގެ ބާރު ނެތެމުން އެދަނީ، ބައްޕަމެން ދިޔައީ ފުރަންވެސް ތައްޔާރުވެ ހުރިހާ ކަމެއް ރެޑީ ކުރަމުން. ބައްޕަގެ ވެސް 65 އަހަރު ވީމާ ލިބޭ ފައިސާގެ ތެރެއިން 20،000ރ. ފޮރުވައިގެން ގާތްގަނޑަކަށް ދެ މީހުންނަށް އެއްކޮށް އަޅުގަނޑުމެން ދެއްކިން 130،000ރ. ބައްޕަވެސް މިހާރު ސުވާލުކުރަނީ އަބަދު އެކަމާ، އަޅުގަނޑަށް ހަގީގަތްވެސް ބުނަން ނުކެރޭ. ހަގީގަތް އެނގިއްޖެ ނަމަ ވާނެ ގޮތް ވެސް ނޭންގޭ،" މިއަހަރު ހައްޖު ޖަމާއަތަށް މަލީޝާ ހައްޖު ޖަމާއަތަށް ފައިސާ ދެއްކި އެދެމަފިރިންގެ ހަގު ދަރިފުޅު، އަލީ ރަޝީދު ބުންޏެވެ.

ރާއްޖޭގައި ފުރަތަމަ ގްރޫޕް ހަދައިގެން މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ހިންގެވި، މަޝްހޫރު އަތަމާ ހައްޖު ގްރޫޕްގެ ވެރިޔާ އަތަމާ އަބްދުއްލަތީފުގެ ދަރިކަލުން، އިސްމާއިލް އަބްދުއްލަތީފު އިސްކޮށް ހުންނެވި މަލީޝާ ހައްޖު ޖަމާއަތުގެ މަކަރާއި ހީލަތުގައި ޖެހުނީ ތަކަންދޫގެ ދެމަފިރިން އެކަންޏެއް ނޫނެވެ. އަދި މިއީ އެންމެ ވާހަކަ އެކެވެ. ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ސަތޭކަ ހަތްދިހަ ފަސް މީހެއްގެ އަތުން މަލީޝާ ގްރޫޕުން ވަނީ ފައިސާ ނަގައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން ދުވަސްވެ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާ ބައެކެވެ. ދީނާ ގުޅުން ހުރި މާތްއަޅުކަމެއްގައި ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެ ކަމަށް ހީވެސް ނުކުރެ އެވެ. އެމީހުންގެ އަތުގައި މިހާރު ހުރިހާ ވެސް އެއްޗަކީ ފައިސާ ދެއްކި ކަމުގެ ލިޔުމާއި ހައްޖު ކާޑާއި ވެކްސިން ފޮތެވެ. އެ އޮފީސް ހިންގި ތަނުގެ ނަންބޯޑު ވެސް ނަގައި އޮފީހުގައި ވެސް ހުރީ ބޮޑުތަޅުއަޅުވައިފަ އެވެ. ގުޅޭނެ ކަމަށް ދީފައި ހުރި ނަމްބަރުތަކުން މިހާރު ނުވެސްގުޅެ އެވެ.

"ގެއިން ބޭރަށް ނުކުތަސް އެ އޮފީސް ކުރިމަތިން ދަނީ ވެސް، އެކަމަކު މީހެއްގެ ހިލަމެއްވެސް ނެތް. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނަމްބަރުތަކަށް ވެސް ގުޅަން، އެކަމަކު އެއީވެސް ބޭކާރުކަމެއް، އެކަމަކު އުންމީދެއްގެ ބޮޑުކަމުން ގުޅެނީ. ހަމައެކަނި އޮތް އުންމީދަކީ މިހާރު ހުރި ޑޮކިއުމަންޓްތައް އެކަނި،" އަލީ ރަޝީދު ބުންޏެވެ.

މަލީޝާ ހައްޖު ޖަމާއަތުގެ މަކަރު ގައުމީ ބޮޑު މައްސަލައަކަށްވީ އިރު މިއީ މިއަހަރު އެކަނި ދިމާވި މައްސަލަ އެއްނޫނެވެ. ކޮންމެ އަހަރަކު ވެސް ކޮންމެވެސް ސްކޭލެއްގައި މައްސަލަތައް ކުރިމަތިވެ އެވެ. ބައެއް ފަހަރު ވަރަށް ބޮޑެތި މައްސަލަތަކެވެ. އަނެއްބައި ފަހަރު ކުދި މައްސަލަތކެވެ. އަހަރުތަކެއް ފަހަތަށް ދާއިރު 2009 ވަނަ އަހަރުވެސް އެސްބީޓީ ގްރޫޕަށް ފައިސާ ދެއްކި އެތައް ބަޔަކަށް ހައްޖަށް ނުދެވި އެ އޮފީސް ކުރިމައްޗަށް އެއްވެ ނުރުހުން ފާޅުކުރި އެވެ. އަދި 2000 ވަނަ އަހަރު ހައްޖަށް ދާން އޭރުގެ އަތަމާ ޖަމާއަތަށް ފައިސާ ދެއްކި މީހުންނަށް ވެސް ޖެހުނީ މަލީޝާ އަށް ފައިސާ ދެއްކި މީހުންނަށް ޖެހުނު ހާލެވެ. ނަމަވެސް އެ ފަހަރު ސަރުކާރު މެދުވެރިވެގެން ކޮންމެ ވެސް ގޮތްތަކެއް ހަދައިގެން އެ މީހުން ހައްޖަށް ދިޔަ އެވެ.

ކޮންމެ އަހަރަކު ވެސް ހައްޖު މޫސުމާ ދިމާކޮށް އެއް މައްސަލަތަކެއް ނުކުންނަ އިރު އިސްލާމިކް މިނިސްޓްރީއަށް ވެސް އެ މައްސަލަތަކެއް މިހާތަނަށް ހައްލު ހޯދިފައެއް ނެތެވެ. ނަމަވެސް 2009 ވަނަ އަހަރު އެކަން ހައްލުކުރުމަށް ކޮންމެވެސް މަސައްކަތްތަކެއް ކުރެވުނަސް އެކަމުންވެސް މައްސަލަތަކަށް ލިބުނު ފަރުވާއެއްނެތެވެ. ފައިސާ ނެގުމަށް ފަހު ފުރަން ދެ ދުވަހަށް ވުމުންވެސް ފައިސާ އަތުލަނީ އެވެ. އަނެއްބަޔަކު މިލިއަނުން ލާރި އަތުލައިގެން ފިލަނީ އެވެ.

އިސްލާމިކް މިނިސްޓާ މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހައްޖުގެ ކަންތައްތައް ހަމަމަގަށް އެޅުވުމަށް އެ މިނިސްޓްރީން ވެސް ކަންތައްތަކެއް ރަނގަޅު ކުރަންޖެހެ އެވެ. މިނިސްޓާ ވިދާޅުވީ ބައެއް ހައްޖު ޖަމާއަތްތަކުން އެންމެ ފަހު ވަގުތު ބޮޑެތި އަދަދުތަކުން ހައްޖާޖީންގެ އަތުން ފައިސާ އަތުލުމާއި އަހަރު ދުވަސް ކުރިން ފައިސާ ނަގައިގެން އެ ފައިސާ އިން ވިޔަފާރި ކުރާކަން ފާހަގަވެފައިވާ ކަމަށެވެ. މިނިސްޓަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފައިސާ ދައްކާ ފަރާތްތައް ވެސް އަދި ޖަމާއަތްތައް ވެސް މިހާރު ހުރި ގަވާއިދުތަކަށް ވެސް އަމަލު ނުކުރުމެވެ.

"މިސާލަކަށް މަލީޝާ ގްރޫޕުން ދޮޅު އަހަރެއްހާ ދުވަސްކުރިން މީހުން އަތުން ފައިސާނަގާފައި އެބަހުރި. އަޅުގަނޑު އޮފީހާ ހަވާލުވީއިރު ވެސް އެމީހުންގެ މައްސަލަތަކެއް މި އޮފީހުގައި ހުރި. މިދިޔަ އަހަރުގެ ހައްޖު ދުވަސްވަރުން ފެށިގެން ވެސް ބައެއް މީހުން އެބަހުރި އޭނާއަށް ފައިސާ ދައްކާފައި. އެއީ ވެސް ވަރަށް ބޮޑު މައްސަލައެއް. މިތަނުގެ އުސޫލުތަކާ މުޅިން ހިލާފަށް އޮތްކަމެއް އެއީ،" މިނިސްޓަރު ވިދާޅުވި އެވެ. "މީގައި މިވާގޮތަކީ ވަރަށް ކުރިން ފައިސާ މިނަގަނީ ވިޔަފާރީގެ މަސްލަހަތުތަކެއް އެ މީހުންގެ [ބައެއް ގްރޫޕުތަކުގައި] އޮންނާތީ. މި ދައްކާ ފައިސާ ރޯލް ކުރުމުގެ ކަންތައްތަކެއް ބައެއް ޖަމާއަތްތަކުން ގެންދާކަމަށް މައުލޫމާތު ލިބޭ. އަޅުގަނޑުމެން އަބަދުވެސް މި ބުނަނީ ގްރޫޕުތަކަށް ހުއްދަ ނުދެނީސް ފައިސާ ނުދައްކާށޭ. ރައްޔިތުން ވެސް ހޭލުންތެރިވާންވީ، ގްރޫޕުތަކުން ވެސް ހުއްދަ ނެތިސް ފައިސާ ނުނަގަންވާށޭ،"

ރާއްޖޭގައި ހައްޖަށް ގެންދިޔުމުގެ ހުއްދަ އޮންނަ ގްރޫޕުގެތަކުގެ އަދަދު ވިއްސާ ކައިރިކުރާ އިރު އެ ގްރޫޕުތަކުގެ ތެރެއިން ރަނގަޅު ހިދުމަތެއް ހައްޖުވެރިންނަށް ދެވެނީ މަދު ގްރޫޕަކަށެވެ. ގިނަ ގްރޫޕުތަކުގެ ނިޔަތަކީ މުޅިން އެހެން ނިޔަތެކެވެ. ދީނީ އަޅުކަމެއްގެ ޕްރޮމޯޝަންގެ ފަހަތުގައި ދިބެ އަމިއްލަ ޖީބު ބޮޑުކުރުމެވެ. އަމިއްލަ ވިޔަފާރި އިތުރަށް ފުޅާކޮށް މުއްސަދިންގެ ލިސްޓަށް އެރުމަކީ ބައެއް ޖަމާއަތްތަކުން ގެންގުޅޭ ސްޓްރެޓެޖީ އެކެވެ. ހައްޖުވެރިން އެއްއަހަރު ނޫނީ ދޮޅުއަހަރު ކުރިން ދައްކާ އެތައް މިލިއަން ރުފިޔާއަކުން ވިޔަފާރިކޮށްގެން މުއްސަނދިވެފައި ތިބި ކިތަންމެ ބަޔަކުވެސް ތިބީ އެވެ.

"އަޅުގަނޑު ދެކެނީ ހުރިހާ ގްރޫޕަކުން ވެސް ރަނގަޅު ނިޔަތުގައޭ އެކަން ކުރާނީ. ވަކިބަޔަކީ ރަނގަޅު ބަޔެކޭ އަނެއްބަޔަކީ ގޯސްބަޔެކޭ ބުނެވޭކަށް ނެތް. ނަމަވެސް ދުނިޔެވީ ކަމެއްވީމާ އެކަން ކުރާ މީހުންނާއި މީހުންގެ މަގުސަދާއި ހެދި އެކަން އެބަ ތަފާތުވޭ. ކޮންމެ ދުނިޔެވީ ކަމެއްވެސް އެގޮތަށް ގޮސްފާނެ، ހަމަގައިމު ވެސް އަޅުގަނޑުމެން ބަލަނީ ވީވަރަކުން އެފަދަ ހައްޖާޖީންނަށް އެންމެ ފުރިހަމަ ހިދުމަތްދޭން. ނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް އެބަހުރި ގެންގޮސް ބައިތިއްބާ ހޮޓާތަކަށް ލާރިވެސް ނުދީ،" ތައިސީރު ހައްޖު އެންޑް އުމުރާ ގްރޫޕްގެ މަސްއޫލުވެރިއެއް ކަމަށްވާ، އިއްޒުއްދީން އަދުނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުން ގިނަ ގްރޫޕުތަކަށް ލަނޑުލިބި ތާށިވާން ޖެހެނީ، ވިޔަފާރި ރަނގަޅު ކުރުމުގެ ނިޔަތުގައި ގިނަ ބަޔަކު ހޯދުމަށް އަމާޒު ހިފުމުންނެވެ. ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކޯޓާތަކަކަށް މާކުރިން ފައިސާ ނެގުމެވެ. އެއްބަޔަކު އަވަސް އަރުވާލައިގެން ހޮޓާތަކުން ބުކިންސްތައް ހަދައި އެޑްވާންސަށް ވެސް ފައިސާ ދައްކާލަނީ އެވެ. އާހިރު ނަތީޖާ އަކީ ކޯޓާ ނުލިބުމުގެ މަޅީގައި ޖެހި ތާށިވުމެވެ.

"މާކެޓީން ސްޓްރެޓެޖީއަކަށް ބައެއް މީހުން މިހަދާ ގޮތަކީ މީހުން އެ ޖަމާއަތުގައި ތާށިކުރުމުގެ ގޮތުން އަވަހަށް މީހުން ނަންނޯޓުކޮށްފައި ފައިސާ ނަގަނީ، އެހެން ހެދީމާ މީހުން ހިފެހެއްޓޭނެ ތާ، އަސްލު މިވާގޮތަކީ އުމުރާ ވެސް ހައްޖު ވެސް ނިމުނީމާ އަނެއްކާ އަނެއް އަހަރަށް ސައުދީން ކޯޓާތައް ދޫކޮށްލާނީ ގައުމުތަކަށް. މިނިސްޓްރީންތާ އަޅުގަނޑުމެންނަށް ދެއްވާނީ. މި ލިބުނީމާ އަސްލު ފައިސާ ނަގަން ޖެހޭނީ. ބައެއް ގްރޫޕުތަކުން މާކުރިއްސުރެ އެބަނަގާ، ނަގައިގެން އެ ލާރިވަކިން [އިންސްޓޯލްމަންޓަށް ފައިސާ ނެގައިގެން] ވެސް މީހުން އެބަ ހޯދާ. އަދި އަނެއްބައި މީހުން އެލާރި ވިޔަފާރިކޮށް އެ ލިބޭ އެއްޗަކުން މީހުން ފޮނުވާކަމަށްވެސްވޭ،" އިއްޒުއްދީން ވިދާޅުވި އެވެ.

ޖަމާއަތްތަކުން އެއްވެސް ހަމައެއް ނެތި ފައިސާ ނެގުމަށް ލައިސަންސް ލިބެނީ ގާނޫނު އަދި ގަވާއިދުތަކުގެ ދޯހަޅިކަމުން ނޫނީ މިނިސްޓްރީގެ އިހުމާލުކަމުކަމަށް ބުނާނެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް ކޮންމެ އަހަރަކު ވެސް އެއް މައްސަލަތަކެއް ކުރިމަތިވާއިރު އިސްލާމިކް މިނިސްޓްރީއަށް ހައްލުތަކެއް ހޯދައި ނުދެވޭ ނަމަ އެއަށް އިހުމާލޭ ނޫން އެހެން އެއްޗެކޭ ނުބުނެވޭނެ އެވެ. މި އަހަރުގެ މޭ މަހު އިސްލާމިކް މިނިސްޓްރީން ޖަމާއަތްތަކަށް ސިޓީއެއް ފޮނުވައި 500 މީހުންގެ ކޯޓާ ފަހަރެއްގައި ލިބިދާނެ ކަމަށް ބުނުމަކީ ގްރޫޕުތަކަށް ދުރާލައި ފައިސާ ނަގަން ލައިސަންސް ދިނުން ނޫންބާ އެވެ؟

މިނިސްޓާ ޝަހީމް ވިދާޅުވީ ސީދާ އިހުމާލުކަމަށް ދަންނަވަން ދަތިނަމަވެސް މިނިސްޓްރީގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ގަވާއިދުތައް ހަރުދަނާކޮށް އުމުރާ އަދި ހައްޖު ގްރޫޕުތައް ވަކި މިންގަނޑަކަށް ފައްތަން ޖެހޭ ކަމަށް އޭނާވެސް ގަބޫލުކުރައްވަ އެވެ. އަދި ޖަމާއަތްތައް ކޮލިފައި ވުމަށް ގެންގުޅޭ ކްރެޓީރިއާ ވެސް މިހާރަށްވުރެ ހަރުދަނާ ކުރަން ވިސްނަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަޖުރިބާއިން އަޅުގަނޑު ވިސްނާފައި އޮންނާނީ ޖަމާއަތްތައް ވަކި އުސޫލެއްގެ ދަށަށް ފައްތާ ސީދާ މިނިސްޓްރީން ގަވާއިދުން އެ ޖަމާއަތްތައް މޮނީޓާ ކުރުމަށް، އަދި މިހާރު މިހިރަ ގަވާއިދުތައް ވެސް ވަރުގަދަކޮށް މެލޭޝިޔާ ފަދަ ގައުމުތަކުގައި އޮންނަ ގޮތަށް ހައްޖު ފަންޑް ފަދަ ތަންތަނުގެ ތެރެއިން މިކަންކަން ރަނގަޅު ކުރުމަށް އިސްކަންދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ގްރޫޕުތަކުން ވެސް ގަބޫލު ކުރަނީ މިހާރަށް ވުރެ ބޮޑަށް ހައްޖަށް މީހުންގެންދިޔުމުގައި ގެންގުޅޭ އުސޫލުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. ވަގުންނަށް ވަގު ހެދުމުގެ ފުރުސަތު ނުދިނުމަށް އިސްލާމިކް މިނިސްޓްރީން ގްރޫޕުތައް މެނޭޖްކުރާނެ ގޮތްތަކެއް ހަމަޖެއްސުމުގެ ބޭނުންބޮޑުކަމަށް ޖަމާއަތްތަކުން ވެސް ދެކެ އެވެ.

"މީގައި މިސާލަކަށް؛ އެގޮތަށް އިހުމާލުވާ ގްރޫޕުތައް ސަސްޕެންޑް ކުރުމާއި މިހެން ގޮސް ގްރޫޕުތަކުން އެކޮޅުގައި ކަންކުރާ ގޮތް ހައްޖަށް ދާ މީހުންގެ ހިޔާލުވެސް ހޯދައިގެން ބަލައި ފިޔަވަޅު އެޅޭ ނަމަ މި މައްސަލަތައް ދިމާވުން މަދުވާނެ، މިގޮތަށް ކަންތައް ކުރާބައެއްގެ ސަބަބުން ރަނގަޅަށް އެކަން ކުރާ މީހުންނަށްވެސް އަސަރު ކުރޭ، ހަމަ ވަރަށް ރަނގަޅަށް އެކަން ކުރާމީހުންނަށް ވެސް މީހުންގެ އިތުބާރު ގެއްލޭ،" ސޮފާ ގްރޫޕުގެ މަސްއޫލުވެރިޔާ އަބްދުﷲ ނަސީމް އިބްރާހިމް ވިދާޅުވި އެވެ.

ހައްޖަށް މީހުން ގެންދިޔުމުގެ ހިދުމަތްދޭ ގްރޫޕުތަކާ މެދުވެސް މީހުން ޝައްކުގެ ނަޒަރުން ބަލަން ފަށާފައިވާ އިރު އެއްބަޔަކު ހެޔޮނިޔަތުގައި އެކަން ކުރިއަސް އަނެއްބަޔަކު ހިނގަނީ ކަސިޔާރުމަގުންނެވެ. އޮޅުވާލުމާއި މަކަރުހެދުމާއި ހީލަތުގެ މަގުންނެވެ. އެތައް ނިކަމެތިންގެ ހައްގުތައް ގެއްލިދާއިރު އަނެކާ މަހުޖަނުންނަކަށް ވާއިރު، ނިކަމެތިންގެ ހައްގަށްޓަކައި ހައްޖަށް މީހުންގެ ގެންދިޔުމުގެ ނިޒާމު ހަރުދަނާކުރަން އިސްލާމިކް މިނިސްޓްރީވެސް ހޭލަންޖެހިއްޖެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް