ދިއްދޫއަށް ފުރަތަމަ މޮޅު، ސެންޓްރަލް ލީގުގެ ޗެމްޕިއަން ޝީލްޑް ހުރައާ ހަވާލުކޮށްފި

ކޮލިފައިންގައި ދިއްދޫއާއި ގައްދޫ ބައްދަލުުކުރި މެޗުގައި ދިއްދޫން ލަނޑު ޖެހުމަށްފަހު-- ފޮޓޯ: އެފްއޭއެމް

އަންނަ ސީޒަނުގެ ދިވެހި ލީގު ކޮލިފައިންގގައި ގދ. ގައްދޫ އާއި ހއ. ދިއްދޫ ބައްދަލުކުރި ފޯރިގަދަ މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށް، ނޯތު ރީޖަންގެ ޗެމްޕިއަން ދިއްދޫއިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދީ ދިއްދޫއިންނެވެ. އެގޮތުން ޔޫސިފް އައްފުލް އާއި މުޙައްމަދު ޝަނާއު ނަޞީރަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ހަމަލާތައް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.

އަނެއްކޮޅުން ސައުތު ރީޖަންގެ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ކޮލިފައިންއަށް އައި ގައްދޫއަށްވެސް ފުރަތަމަ ހާފުގައި ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް، ދިއްދޫގެ ކީޕަރު ވަނީ އެ ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ކޮލިފައިންގައި ދިއްދޫއާއި ގައްދޫ ބައްދަލުުކުރި މެޗުގައި ދިއްދޫން ލަނޑު ޖެހުމަށްފަހު-- ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފު ފަށައިގެން ގައްދޫއިން ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، މެޗުގެ 68 ވަނަ މިނެޓުގައި ލީޑު ނެގީ ދިއްދޫއިންނެވެ. މިއީ ޙުސައިން ޝިފާހު (ޝިފަޓީ) ނަގައިދިން ހުރަހަކުން ޔޫސުފް އައްފުލް ބޮލުން ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ގޯލަށްފަހު މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ގައްދޫގެ ޢާލިމް ޢަބްދުލް ޢަޒީޒަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ދިއްދޫ ކީޕަރު މަތަކުރިއިރު، ރީބައުންސްގައި ފޮނުވާލި ދެވަނަ ހަމަލާ ގޯލު ރޮނގުމަތިން ސާފުކޮށްލީ ދިއްދޫގެ އާދަމް ނަސީމެވެ.

މެޗުގެ އިތުރު ވަގުތުގައި ގައްދޫއަށް ލިބުނު ހިލޭޖެހުންވެސް ދިއްދޫ ކީޕަރު ވަނީ ފަސޭހަކަމާއެކު ދިފާއުކޮށް، އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. ކުރިއަށް އޮތް މެޗުގައި ގައްދޫ ނުކުންނާނީ ކ. ހުރާއާ ދެކޮޅަށެވެ. އަދި ދިއްދޫ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއެވެ.

މި މުބާރާތުގެ ތެރެއިން މިއަދު ހަވީރު ކުޅުނު އަނެއް މެޗުގައި ކ. ހުރާ އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކޮށް 1-1 އިން ވަނީ އެއްވަރުވެފައެވެ.

މި މެޗަށްފަހު، މުޅި ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ރީޖަނަލް ލީގުގެ ތެރެއިން ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ހޯދި ހުރާ ޓީމަށް، ޗެމްޕިއަން ޝީލްޑާއި މެޑަލް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

ސެންޓްރަލް ރީޖަން ލީގުގެ ޝީލްޑް ހުރައަށް ހަވާލުކުރަނީ -- ފޮޓޯ: އެފްއޭއެމް

ގަލޮޅު ދަނޑުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ޓީމާ ޝީލްޑް ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރުއެވެ.

ހުރާއަށް ޝީލްޑް ހަވާލުކުރުން ލަސްވީ، އެ ލީގުގެ އެއްވަނައިގައި ކުރިން އޮތް ދ. ކުޑަހުވަދޫއިން، ހުރާއާ ދެކޮޅަށް ކުޅުނު މެޗުގައި ކާޑު ހަމަވެފައި ތިބި ދެ ކުޅުންތެރިން ކަމަށްވާ އަޔާޒް މުޙައްމަދާއި އަރީފް މަޙްމޫދު ބޭނުންކުރި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަމުންދިއުމުންނެވެ.

ގްރީން ކޮޅަށް ލަނޑު ޖެހުމަށްފަހު ހުރާގެ ކުޅުންތެރިން-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމްގެ ގަވާއިދުގެ 3.3 އާ ހަވާލާދީ ނިންމި ނިންމުމުގައި، ކުޑަހުވަދޫއިން މެޗުން ހޯދި 3 ޕޮއިންޓާއި ޖެހި ގޯލުތައް އުނިކުރުމާ ގުޅިގެން، ސެންޓްރަލް ލީގުގެ ޗެމްޕިއަނެއްގެ ގޮތުގައި ދިވެހި ލީގު ކޮލިފިކޭޝަންގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ ކ. ހުރާއަށެވެ.

މިފަހަރުގެ ކޮލިފައިންގައި ޖުމްލަ 6 ޓީމެއް ވާދަކުރެއެވެ. އެއީ ރީޖަނަލް ލީގުތަކުގެ ޗެމްޕިއަނުން ކަމަށްވާ ކ. ހުރާ، ގދ. ގައްދޫ، ހއ. ދިއްދޫ އަދި މާލޭ ރީޖަންގެ ބިސްބުރު ސްޕޯޓްސް ކުލަބުގެ އިތުރުން، ދިވެހި ލީގުގެ ޕްލޭއޮފް ޖާގަތައް ލިބުނު ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.

ދިވެހި ލީގު ކޮލިފައިންގ މުބާރާތުގައި ގދ. ގައްދޫ އާއި ހއ. ދިއްދޫ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށް، ނޯތު ރީޖަންގެ ޗެމްޕިއަން ދިއްދޫއިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ޔޫސުފް އައްފުލްއެވެ. މީގެ އިތުރުން، މުޅި ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ރީޖަނަލް ލީގުގެ ތެރެއިން ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ހޯދި ކ. ހުރާއަށް ޗެމްޕިއަން ޝީލްޑާއި މެޑަލް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. މި ޝީލްޑް ހަވާލުކުރުން ލަސްވީ، ކުރިން އެއްވަނައިގައި އޮތް ދ. ކުޑަހުވަދޫއިން ސަސްޕެންޑްވެފައިވާ ދެ ކުޅުންތެރިއަކު ބޭނުންކުރި މައްސަލައަކާ ގުޅިގެން އެ ޓީމުގެ ޕޮއިންޓް އުނިކުރުމުންނެވެ.

  • ދިވެހި ލީގު ކޮލިފައިންގގައި ގދ. ގައްދޫގެ މައްޗަށް 0-1 އިން ހއ. ދިއްދޫ ވަނީ ކުރިހޯދާފައެވެ.
  • ކ. ހުރާ އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
  • ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ހޯދި ހުރާއަށް ޝީލްޑް ހަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރުއެވެ.
  • ކުޑަހުވަދޫއިން ސަސްޕެންޑްވެފައިވާ ކުޅުންތެރިން އެރުވި މައްސަލައިގައި އެފްއޭއެމްއިން ވަނީ އެ ޓީމުގެ ޕޮއިންޓްތައް އުނިކޮށްފައެވެ.
  • މުބާރާތުގެ ފުރަތަމަ މޮޅު ހޯދީ ނޯތު ރީޖަންގެ ޗެމްޕިއަން ދިއްދޫއެވެ.
  • އެފްއޭއެމްގެ ނިންމުމާއެކު ސެންޓްރަލް ލީގުގެ ޗެމްޕިއަންކަން ކަށަވަރުވީ ކ. ހުރާއަށެވެ.
  • މިފަހަރުގެ ކޮލިފައިންގގައި ޖުމްލަ 6 ޓީމެއް ވާދަކުރެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު