މަގުމަތިން ސަރުކާރު ވައްޓާލަކަށް ބޭނުމެއް ނޫން، އަމިއްލައަށް ވެއްޓޭނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު: މަގުމަތިން ސަރުކާރު ވައްޓާލަކަށް ބޭނުމެއް ނޫން ނަމަވެސް ސަރުކާރު ވެއްޓޭނީ އަމިއްލައަށް ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ/ މަޖިލިސް

މަގުމަތިން ސަރުކާރު ވައްޓާލަން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ "އަމިއްލަފުޅަށް ވެއްޓެން ތައްޔާރަށް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނުގައި ނ. މާފަރަށް ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ހަމައެކަނި ޕާޓީގެ އިދާރީ އޮފީސް ހިންގާކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެމަނިކުފާނު އުޅުއްވަނީ ވެރިކަން ބަދަލުކުރައްވަން ކަމަށާއި، ޗެއާޕާސަންގެ މަގާމަކީ ސަރުކާރު ބަދަލުކުރުމަށް ބޭނުންވާ އެންމެ ވަރުގަދަ ވަސީލަތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްދާނީ 2028 ގެ އިންތިޚާބުންތޯ ނުވަތަ އޭގެ ކުރިންތޯ ސުވާލު އުފެދޭއިރު، މަގުމަތީގެ ހަމަނުޖެހުންތަކެއްގެ ތެރެއިން ސަރުކާރު ވައްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް، ރައީސް މުއިއްޒުގެ އަމަލުތައް ހުރިގޮތުން ސަރުކާރު އަމިއްލައަށް ވެއްޓުމުގެ މަގަށް ކަންކަން ދަނީ ތައްޔާރުވަމުން ކަމަށް، ކުރިން ރައީސްކަމުން އިސްތިއުފާ ދެއްވި ނަޝީދު ސިފަކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ މަގުބޫލުކަން ޕީއެންސީ އެތެރޭގައާއި އާންމުންގެ މެދުގައި ދަށަށް ދަނީ އެމަނިކުފާނުގެ ކިބައިން ފެންނަ ބޭވަފާތެރިކަމުގެ ސިފަތަކުގެ ސަބަބުންނެވެ. އެގޮތުން ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ހުސްގޮނޑި ދައްކަވައިގެން ކަމަށްވިޔަސް، ބާރު ލިބުމާއެކު ޔާމީނަށް ބޭވަފާތެރިވެވަޑައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އޭރު ރިޔާސީ ޓިކެޓަށް ކުރިމަތި ނުލާ ގޮތަށް އެއްބަސްވުމެއް ހެއްދެވުމަށްފަހު، ފަހުން ޕީޕީއެމް އުވާލައްވައި ގައްސާން މިނިސްޓަރުކަމުން ވަކިކުރެއްވިކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

"އެމްޑީޕީ ނިދާ ބޭސް ކައިގެން ތިބޭނެ ލައްކަ ދުވަސް ވެއްޖެ"
ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި ދައުލަތް ހިންގުމުގެ ބަދަލުގައި ރައީސް މުއިއްޒު އުޅުއްވަނީ "އިޝްގުގައި ބޭގަރާރުވެގެން" ނެވެ. އަދި ރައްޔިތުންގެ ތަނަވަސްކަމަށް ވިސްނުން ނުބަހައްޓަވައި، އާންމުންގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވިއެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިނގަމުންދާ ގޮތުން އެމްޑީޕީ ނިންދަވާފައި ބޭއްވޭކަށް ނެތް. ރައީސް މުއިއްޒު ބޭނުންފުޅުވަނީ އަޅުގަނޑުމެންނަށް ނިދާ ބޭސް ދީފައި ބައިތިއްބަން. ލައްކަ ދުވަސް ވެއްޖެ އަޅުގަނޑުމެން މި ނިދާ ބޭހެއް ކައިގެން ނިދާތާ ވެސް،" ނަޘީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 2028 އަށް މަޑުނުކޮށް، އެމްޑީޕީގެ ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގެ ތަރައްގީއަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންފިނަމަ، ޕާޓީގެ ތެރޭގައި ޚާއްޞަ 'ޕްރޮޖެކްޓް ޑިޕާޓްމެންޓެއް' އުފައްދަވައިގެން ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރާ ވަކިން ފަށްޓަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ހަމައެކަނި ޕާޓީގެ އިދާރީ އޮފީސް ހިންގުމުގެ ބޭނުމުގައެއް ނޫނެވެ. އެމަނިކުފާނުގެ މައިގަނޑު އަމާޒަކީ ސަރުކާރު ބަދަލުކުރުމެވެ. ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ޗެއާޕާސަންގެ މަޤާމަކީ ސަރުކާރު ބަދަލުކުރުމަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ އަދި އެންމެ މުހިންމު ސިޔާސީ ވަޞީލަތެވެ. އެހެންނަމަވެސް، މަގުމަތީގެ ހަމަނުޖެހުންތަކެއްގެ ތެރެއިންނާއި ޣައިރު ޤާނޫނީ ގޮތެއްގައި ސަރުކާރު ވައްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ. ސަރުކާރު ވައްޓާލުމަށް މަގުމައްޗަށް ނުނިކުތް ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކާއި ޢަމަލުތައް ހުރިގޮތުން ސަރުކާރު އޮތީ އަމިއްލައަށް ވެއްޓުމުގެ މަގުމަތީގައިކަމަށް ނަޝީދު ސިފަކުރެއްވިއެވެ. މިގޮތުން، ޕީއެންސީގެ އެތެރޭގައާއި އާންމު ރައްޔިތުންގެ މެދުގައި ރައީސް މުޢިއްޒުގެ މަޤުބޫލުކަން ކުޑަވަމުންދަނީ އެމަނިކުފާނުގެ ކިބައިން ފެންނަ ބޭވަފާތެރިކަމުގެ ސިފަތަކުގެ ސަބަބުންކަމަށް ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ނަންފުޅު ބޭނުންކުރެއްވުމަށްފަހު އެމަނިކުފާނަށް ބޭވަފާތެރިވެވަޑައިގަތުމާއި، ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއެކު ހެއްދެވި އެއްބަސްވުމާ ޚިލާފުވެވަޑައިގަތުން މީގެ މިސާލެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒު މަސައްކަތްކުރައްވަނީ އެމްޑީޕީއަށް ނިދާ ބޭސް ދީފައި ބޭއްވުމަށްކަމަށް ތުހުމަތުކުރައްވައި، ދެން އިތުރަށް ހިމޭނުން ނުތިބެވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ އިންތިޚާބަށް މަޑުނުކޮށް، އެމްޑީޕީގެ ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންފިނަމަ، ޕާޓީގެ އެތެރޭގައި ޚާއްޞަ ޕްރޮޖެކްޓް ޑިޕާޓްމަންޓެއް އުފައްދަވައި، ސަރުކާރާ ވަކިން ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމުގެ އަމަލީ މަސައްކަތްތައް ފަށްޓަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

  • އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަކީ ސަރުކާރު ބަދަލުކުރުމަށް ބޭނުންކުރާނެ އެންމެ ވަރުގަދަ ވަޞީލަތްކަމުގައި ހެދުން.
  • މަގުމަތީގެ ހަމަނުޖެހުންތަކަށް ނުގޮސް، ސިޔާސީ އުސޫލުތަކުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވައި ބަދަލުކުރުމަށް މަސައްކަތްކުރުން.
  • 2028 ވަނަ އަހަރަށް މަޑުނުކޮށް، އެމްޑީޕީގެ ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ފެށުން.
  • ޕާޓީގެ އެތެރޭގައި ޚާއްޞަ ޕްރޮޖެކްޓް ޑިޕާޓްމަންޓެއް އުފައްދައި، ސަރުކާރާ ވަކިން ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމުގެ މަސައްކަތް ފެށުން.
  • ސަރުކާރުގެ ވެރިންގެ ފަރާތުން ފެންނަ ބޭވަފާތެރިކަމާއި، ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅަށް ފާޅުގައި ނުކުތުން.
comment ކޮމެންޓް