ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިވާ ކަމަށް ބުނެ، އެ ގައުމުގެ ވިޔަފާރީގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އަލީބާބާ، ބީވައިޑީ އަދި ބައިޑޫ އެމެރިކާގެ ބްލެކްލިސްޓަށް އިތުރުކޮށްފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން މި ލިސްޓު އާކޮށްފައިވަނީ ހޯމަ ދުވަހުއެވެ. މި ނިންމުމުގެ ސަބަބުން، އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ނުތަނަވަސް ގުޅުން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމަށް ބެލެވެއެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ ގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ މި ނިންމުން ކުށްވެރިކޮށްފައެވެ. އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މިއީ ތަފާތުކުރުން ބޮޑު ނިންމުމެކެވެ. އަދި މިއީ ގައުމީ ސަލާމަތުގެ ނަމުގައި އެމެރިކާއިން ހައްދުފަހަނަޅައި ދިއުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ގައުމުން ބޭރުގައި ވިޔަފާރިކުރާ ޗައިނާގެ ކުންފުނިތަކުން އެ ގައުމުތަކުގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބާ ކަމަށާއި، މި ގޯސް އަމަލު ހުއްޓާލުމަށް އެމްބަސީން ވަނީ އެމެރިކާއަށް ގޮވާލާފައެވެ.
ޗައިނާގެ އެންމެ ބޮޑު އީ-ކޮމާސް ކުންފުނި، އަލީބާބާއިން ބުނީ އެ ކުންފުނި ބްލެކްލިސްޓުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ އަސްކަރީ ކުންފުންޏެއް ނޫން ކަމަށާއި، މިކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އަލީބާބާގެ ތަރުޖަމާނަކު ބުންޏެވެ. ނަމަވެސް ބީވައިޑީ އަދި ބައިޑޫ އިން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޕެންޓަގަނުން ކޮންމެ އަހަރަކު އާކުރާ "ޗައިނާގެ އަސްކަރީ ކުންފުނިތަކުގެ" ލިސްޓުގައި މިހާރު 188 ކުންފުންޏެއް ހިމެނެއެވެ. މިއީ 2025 ވަނަ އަހަރު މި ލިސްޓުގައި އޮތް 134 ކުންފުންޏާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. 2021 ވަނަ އަހަރު އެކުލަވާލި މި ލިސްޓުގައި ހިމެނޭ ކުންފުނިތަކަށް، މި މަހުގެ ފަހުކޮޅު އަމަލުކުރަން ފަށާ އާ ގަވާއިދުތަކުގެ ދަށުން އެމެރިކާގެ ދިފާއީ ކޮންޓްރެކްޓްތައް ނުލިބޭނެއެވެ. ޕެންޓަގަނުން ބުނާ ގޮތުގައި މި ލިސްޓުގައި ހިމަނަނީ ޗައިނާގެ އަސްކަރިއްޔާއިން ކޮންޓްރޯލްކުރާ ނުވަތަ މަދަނީ އަދި އަސްކަރީ ދިރާސާތައް އެއްކޮށްލުމަށް ޗައިނާއިން ގެންގުޅޭ ސިޔާސަތަށް އެހީތެރިވާ ކުންފުނިތަކެވެ. އަލީބާބާ، ބީވައިޑީ އަދި ބައިޑޫ އިން ޗައިނާގެ އަސްކަރީ ތަރައްގީއަށް އެހީތެރިވަނީ އެ ގައުމުގެ ސްޓޭޓް-އޯންޑް އެސެޓްސް ސުޕަވިޝަން އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޝަން އަދި މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާ އޮންނަ ގުޅުމުގެ ތެރެއިން ކަމަށް ޕެންޓަގަނުން ތުހުމަތުކުރެއެވެ.
މި ކުންފުނިތައް ބްލެކްލިސްޓުކޮށްފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބެއިޖިން ގައި ބައްދަލުކުރެއްވިތާ މަހެއްހާ ދުވަސް ނުވަނީހެވެ.
އަލަށް ލިސްޓަށް އިތުރުކުރި ކުންފުނިތަކުގެ ތެރޭގައި އޭއައި އަދި ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ ރޮބޯސެންސް ޓެކްނޮލޮޖީ އާއި ޔުނިޓްރީ ރޮބޮޓިކްސްވެސް ހިމެނެއެވެ.
އެމެރިކާގެ ސީއައިއޭ އަދި ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި މަސައްކަތްކުރައްވާފައިވާ ގައުމީ ސަލާމަތާ ބެހޭ ތަޖުރިބާކާރު ޑެނިސް ވައިލްޑާ ވަނީ މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއާމެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާގެ ގިނަ ކުންފުނިތަކަކުން މިހާރުވެސް މި ވިޔަފާރިތަކާއެކު ގާތް ގުޅުމެއް ބާއްވައެވެ. އަދި ބޮޑެތި އަދަބުތަކެއް ނުދޭހާ ހިނދަކު އެމެރިކާގެ ކުންފުނިތަކުން އެ ގުޅުންތައް ކަނޑާނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާގެ އިގުތިސާދާ އެއްކޮށް ވަކިވާން އެމެރިކާއިން ތައްޔާރަށް ނެތްހާ ހިނދަކު، މިފަދަ ފިޔަވަޅުތަކަކީ ހަމައެކަނި ނަމަކަށް ކުރާ ކަމެއް ކަމަށް ވައިލްޑާ ފާހަގަކުރެއްވިއެވެ.