ވޯލްޑް ކަޕް 2026: ފީފާގެ ހުއްދައާއެކު އީރާނުން ކޭމްޕްކުރާ މަރުކަޒު އެމެރިކާއިން މެކްސިކޯއަށް ބަދަލުކޮށްފި

އީރާނުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ފަރިތަކުރުންތަކުގައި--

އަންނަ ޖޫންމަހުގެ 11ގައި އުތުރު އެމެރިކާގެ ތިން ގައުމުކަމަށްވާ އެމެރިކާ. ކެނެޑާ އަދި މެކްސިކޯގައި ފަށަން ތައްޔާރުވަމުން އަންނަ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ޓީމު ކޭމްޕް ކުރުމަށް ކުރިން ހަމަޖެއްސި އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި، މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމަށްވާ ޓިޖުއާނާއަށް ބަދަލުކުރުމުގެ ހުއްދަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ދީފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި މިކަން ހާމަކުރެއްވީ އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖް އެވެ.

އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެލެގްރާމް އެކައުންޓުގައި އާންމުކުރި ވީޑިއޯއެއްގައި މަހްދީ ތާޖް ވިދާޅުވީ، އީރާން ޓީމު ތިބޭތަން ނުވަތަ މަޑުކުރާނީ ޕެސިފިކް ކަނޑާ ކައިރި، މެކްސިކޯ އާއި އެމެރިކާ ގުޅޭ ބޯޑަރުގައި އޮންނަ ޓިޖުއާނާ ކޭމްޕްގައި ކަމަށެވެ.

މި ބަދަލުގެ ސަބަބުން އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ވިސާގެ މައްސަލަތަކުން ސަލާމަތްވެވޭނެ ކަމަށާއި، އީރާން އެއާގެ ފްލައިޓްތަކުގައި ސީދާ މެކްސިކޯއަށް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އީރާން ހިމެނެނީ ގްރޫޕް ޖީ ގައެވެ. އެ ޓީމުގެ ފުރަތަމަ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ލޮސް އެންޖެލްސްގައެވެ. އެއީ ޖޫން 15 ގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅޭ މެޗާއި، ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް އީރާން ނުކުންނާނެއެވެ.

މަހްދީ ތާޖް ފާހަގަކުރެއްވި ގޮތުގައި ޓިޖުއާނާއިން ލޮސް އެންޖެލެސްއަށް ފްލައިޓެއްގައި ދެވޭނީ އެންމެ 55 މިނެޓުންނެވެ. އެހެންކަމުން ކުރިން ކޭމްޕް ކުރަން އުޅުނު އެރިޒޯނާއަށްވުރެ ޓިޖުއާނާ މެޗުތައް ކުޅޭ ސިޓީތަކާ މާ ބޮޑަށްވެސް ކައިރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތުގައި އީރާނަށް ދަތުރުފަތުރު ކުރުމާއި ސަލާމަތީ ކަންކަމުގައި ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މުބާރާތް ފަށަން މަހަކަށްވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އީރާނުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދިވެސް އެމެރިކާގެ ވިސާ ލިބިފައިނުވާ ކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެއެވެ. މިކަމާ ގުޅިގެން ފީފާގެ ފަރާތުން ވިސާ އާއި ސަލާމަތީ ކަންކަމުގެ ޔަގީންކަން ހޯދުމަށް އީރާނުން ވަނީ އެދިފައެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މެއި 29 ގައި ގެދުމްބިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް އީރާނުން ވަނީ ނިންމާފައެވެ. އަދި ކޯޗު އާމިރު ގަލެނޮއީ ވޯލްޑް ކަޕަށް ދާ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް ޖޫން 1 ގެ ކުރިން އިއުލާން ކުރާނެއެވެ. ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ކޭމްޕްކުރުމަށް ކުރިން އެމެރިކާގެ އެރިޒޯނާ ހަމަޖައްސާފައި އޮތް ނަމަވެސް، މެކްސިކޯގެ ޓިޖުއާނާއަށް އެ މަރުކަޒު ބަދަލުކުރުމުގެ ހުއްދަ ފީފާއިން މިހާރު ވަނީ ދީފައެވެ. އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މިގޮތަށް ނިންމީ އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދިމާވެދާނެ ވިސާގެ ދަތިތަކުން ސަލާމަތްވުމަށާއި، ދަތުރުފަތުރުގެ ފަސޭހައަށެވެ. މުބާރާތް ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އީރާނުގެ ޓީމަށް އަދިވެސް އެމެރިކާގެ ވިސާ ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

  • އީރާނުގެ ކޭމްޕް މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކުރީ ވިސާގެ މައްސަލަތަކުން ސަލާމަތްވުމަށެވެ.
  • ޓިޖުއާނާއިން ލޮސް އެންޖެލެސްއަށް ފްލައިޓުގައި ދަތުރުކުރުމަށް ނަގާނީ އެންމެ ފަންސާސް ފަސް މިނެޓެވެ.
  • މުބާރާތުގެ ގްރޫޕް ޖީ ގައި އީރާނުން ކުޅޭ ފުރަތަމަ ދެ މެޗު އޮންނާނީ ލޮސް އެންޖެލެސްގައެވެ.
  • ވޯލްޑް ކަޕަށް ދާ ފައިނަލް ސްކޮޑް ޖޫން އެކެއްގެ ކުރިން އިއުލާންކުރާނެއެވެ.
  • ފީފާގެ ހުއްދައާއެކު އީރާނުގެ ކޭމްޕް އެމެރިކާއިން މެކްސިކޯއަށް ވަނީ ބަދަލުކޮށްފައެވެ.
  • ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެމެރިކާގެ ވިސާ ހޯދުމުގައި ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
  • އައު ކޭމްޕްގެ ސަބަބުން މެޗުތައް ކުޅޭ ސިޓީތަކަށް ދަތުރުކުރަން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ.
comment ކޮމެންޓް