1974 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ހައިޓީގެ ގައުމީ ފުޓުބޯޅަ ޓީމު ވޯލްޑް ކަޕަށް ކޮލިފައިވުމާ ގުޅިގެން އެ ގައުމުގެ ސަޕޯޓަރުން ތިބީ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަޖެހި އުފަލުންނެވެ.
ނަމަވެސް، އެ ސަޕޯޓަރުންނެގެ އެންމެ ބޮޑު ހިތާމައަކީ މެޗުތަކުގެ ޓިކެޓް އަގުބޮޑުވުމާއި، ދަތުރުފަތުރުގެ ހަރަދުތައް މަތިވުމުގެ އިތުރުން އެމެރިކާއިން އަޅާފައިވާ ދަތުރުފަތުރުގެ ހުރަސްތަކެވެ. މިއީ ހެއިޓީގެ ސަޕޯޓަރުންނަށް މިކަމުގެ ސަބަބުން މެޗުތައް ބަލަން ދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާސަބަބެކެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ހިމެނޭ ހައިޓީގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 13 ވަނަ ދުވަހު ބޮސްޓަން ކައިރީގައި އޮންނަ ފޮކްސްބަރޯގައި ސްކޮޓްލޭންޑާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 19 ގައި ފިލަޑެލްފިއާގައި ބްރެޒިލްއާ ދެކޮޅަށް ކުޅޭއިރު، ޖޫން 24 ގައި އެޓްލާންޓާގައި މޮރޮކޯއާ ދެކޮޅަށް ހައިޓީ ނުކުންނާނެއެވެ.
ބޮސްޓަންގައި ހުންނަ ރޭޑިއޯ ކޮންކޯޑްގެ ބާނީ ޖޫލިއޯ މިޑީ ބުނި ގޮތުގައި، 52 އަހަރަށްފަހު ހައިޓީ ވޯލްޑް ކަޕަށް އެނބުރި އައުމަކީ ބޮޑު އުފަލެކެވެ. ނަމަވެސް ޓިކެޓްތަކުގެ އަގު ހުރީ އާދައިގެ މީހަކަށް އަތްފޯރާ ފަށެއްގައެއް ނޫނެވެ. ފީފާގެ ވެބްސައިޓުގައި ސްކޮޓްލޭންޑް މެޗުގެ އެއް ޓިކެޓްގެ އަގު 2,100 ޑޮލަރަށް އަރާއިރު، ޕާކިން ފީއާއި ދަތުރުފަތުރުގެ ހަރަދަށް އެކަނިވެސް އެތައް ސަތޭކަ ޑޮލަރެއް ހޭދަވެއެވެ.
ބޮސްޓަން ސިޓީ ކައުންސިލަރު ރޫތުޒީ ލުއިޖީން ވިދާޅުވީ، ހައިޓީގެ މުޖުތަމައަށް އަގުހެޔޮކޮށް ޓިކެޓް ހޯދުމަށް ކުރި މަސައްކަތްތަކަށް އެދެވޭ އިޖާބައެއް ލިބިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ގިނަ ބަޔަކަށް ޓިކެޓު ލިބުމާއި، ދަތުރުފަތުރުކުރުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި، ޓިކެޓުގެ މި އަގުތަކަކީ އަތްފޯރާވަރަށްވުރެ މާ މަތީ އަގުތަކެއް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުން އަޅާފައިވާ ދަތުރުފަތުރުގެ ހުރަސްތަކުގެ ސަބަބުން ހައިޓީގައި ތިބި ސަޕޯޓަރުންނަށް އެމެރިކާއަށް އެތެރެވުމުގައިވެސް ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ.
މެސެޗުސެޓްސްގެ ސެނެޓަރު އެޑްވަރޑް ޖޭ މާކީ ވިދާޅުވީ، ތާރީޚީ ވޯލްޑް ކަޕް މެޗެއް ބަލާލުމުގެ ފުރުސަތު އެ ސަރަހައްދުގައި ދިރިއުޅޭ ހައިޓީގެ އާއިލާތަކަށް ނުލިބުމަކީ ބޮޑު މައްސަލައެއް ކަމަށާއި، އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ.
ހައިޓީގެ ސަޕޯޓަރުންނަކީ ފުޓްބޯޅައަށް ވަރަށް ލޯބިކުރާ ބަޔަކަށްވާއިރު، މިފަދަ ބޮޑު މުބާރާތަކުން ބޭރުވެފައިވާ ކަމުގެ އިހުސާސް ސަޕޯޓަރުންނަށް ކުރެވެމުންދާ ކަމަށް މިޑީ ފާހަގަކުރެއްވިއެވެ.