ކިންގްސް ކަޕް: އެމްޓީސީސީ އާއި އެސްޓީއޯ އިން މުބާރާތް ފެށީ ގަދަކޮށް

ކިންގްސް ކަޕް 2026 ގައި އެމްޓީސީސީ އާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ ފެށުން ކްލަބް އެމްޓީސީސީ އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ވަރުގަދަކޮށްފިއެވެ.

މުބާރާތުގައި އެންމެ ވަރުގަދަ ސްކޮޑެއް އޮތް އެއް ޓީމުގެ ގޮތުގައި ބެލެވޭ އެމްޓީސީސީން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި އުތީމު އަތުން 4-1 ގެ ބޮޑު މޮޅެއް ހޯދާފައެވެ.

މި މެޗުގައި ބެންޗުން ގިނަ ކުޅުންތެރިންތަކެއް ބަދަލުކޮށްގެން ކުޅުނު ނަމަވެސް، އެމްޓީސީސީން ވަނީ ކުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ނުގެނެސް، ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެމްޓީސީސީއަށް ލީޑު ނަގައިދިނީ މުހައްމަދު އީސާމްގެ އެހީތެރިކަމާއެކު އިސްމާއިލް ވަޖީހް (ވައްޖެ) އެވެ. އަދި ދެވަނަ ހާފު ފެށިގެން މާގިނަ އިރެއްނުވެ، އަޔާޒް އަހުމަދު ވަނީ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ހިތްގައިމު ގޯލަކާއެކު އެމްޓީސީސީގެ ލީޑު ފުޅާކޮށްދީފައެވެ.

ކިންގްސް ކަޕް 2026 ގައި އެމްޓީސީސީ އާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

އޭގެ ހަތަރު މިނެޓު ފަހުން އުތީމުގެ މުހައްމަދު ސަޚާއު ވަނީ 10 މީޓަރު ޕެނަލްޓީ ރޮނގުގެވެސް މާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި ދެޓީމުގެ ފަރަގު ކުޑަކޮށްފައެވެ.

ނަމަވެސް އެމްޓީސީސީން އަލުން މެޗުގެ ކޮންޓްރޯލް ހޯދައި، 29 ވަނަ މިނެޓުގައި އަލީ ޝިޔާހު (ޝިޔާ) ޖެހި ލަނޑާއި، މެޗުގެ އެންމެ ފަހު މިނެޓުގައި މުހައްމަދު އީސާމް ކާމިޔާބުކުރި ލަނޑާއެކު އެމްޓީސީސީން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި އީސާމް އަކީ ރާބަދި ޗެލެންޖުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ކޯރާ ކޯރާ ޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ކިންގްސް ކަޕް 2026 ގައި އެމްޓީސީސީ އާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

މުބާރާތުގެ ދެވަނަ މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ވަނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން އަތުން 3-1 އިން ފަސޭހަ މޮޅެއް ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެސްޓީއޯއަށް ލީޑު ނަގައިދިނީ ރާހިލް ރަޝީދެވެ. އަދި ދެވަނަ ހާފުގައި ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އީމްރާން ތަނަވަސްކޮށްދިން ފުރުސަތަކުން ރާހިލް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ.

އެސްޓީއޯގެ ފަހު ލަނޑު ކެޕްޓަން އިމްރާން އަމިއްލައަށް ކާމިޔާބުކުރިއިރު، ފުވައްމުލަކު ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިބްރާހިމް ހަމްދާނެވެ.

ކިންގްސް ކަޕް ފުޓްސަލް މުބާރާތުގެ ފެށުން ކްލަބް އެމްޓީސީސީ އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ވަރަށް ކާމިޔާބުކަމާއެކު ފަށައިފިއެވެ. މިގޮތުން، މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އެމްޓީސީސީން ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އުތީމު ޓީމުގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި އެމްޓީސީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް ވަޖީހު، އަޔާޒް އަހުމަދު، އަލީ ޝިޔާހު އަދި މުހައްމަދު އީސާމްއެވެ. އުތީމު ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު ސަޚާއުއެވެ. މީގެ އިތުރުން، މުބާރާތުގެ ދެވަނަ މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ވަނީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަންއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި އެސްޓީއޯގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި ރާހިލް ރަޝީދާއި ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާންއެވެ. ފުވައްމުލަކު ޓީމުގެ ލަނޑު ކާމިޔާބުކުރީ އިބްރާހިމް ހަމްދާންއެވެ.

  • ކިންގްސް ކަޕް ފުޓްސަލް މުބާރާތުގައި އެމްޓީސީސީން އުތީމުގެ މައްޗަށް 4-1 އިން ކުރިހޯދުން.
  • އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ފުވައްމުލަކު ޓީމު ބަލިކޮށް 3-1 އިން މެޗު ކާމިޔާބުކުރުން.
  • އެމްޓީސީސީގެ ލަނޑުތައް ޖަހައިދިނީ އިސްމާއީލް ވަޖީހު، އަޔާޒް އަހުމަދު، އަލީ ޝިޔާހު އަދި މުހައްމަދު އީސާމް.
  • އެސްޓީއޯއަށް ރާހިލް ރަޝީދު ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، ކެޕްޓަން އިމްރާން ވަނީ އެއް ލަނޑު ޖަހައިދީފައި.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު