އީދު ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ކުރިއަށް އަދި އޮތީ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.
އަންނަ ބުދަ ދުވަހަކީ، އީދު ދުވަސް ކަމަށްވާއިރު، އީދަށް ހަފުތާއެއްގެ ބަންދެއް ވަނީ ލިބިފައެވެ. އެހެންވެ، ގިނަ ބަޔަކު މި ދުވަސްވަރަށް ދަތުރުކުރާނެއެވެ.
މެޓުން މިއަދު 'ސަން'އަށް ބުނީ، އީދު ދުވަހު މެދުރާއްޖެ ތެރެއާއި އުތުރަށް ވާރޭ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ދެކުނަށް ކުޑަކޮށް މޫސުން ރީތިވާނެ ކަމަށެވެ.
ވިއްސާރަ ދުވަހެއްގައި މީހަކު މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭގެއިތުރަށް، ހުރިހާ ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް އެ ދުވަހު ގަދަވާނެ ކަމަށާއި މިހާރަށް ވުރެ މެދުރާއްޖެ ތެރެއާއި އުތުރަށް ވައި ބާރު ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މެޓުން ލަފާކުރިއެވެ.
މިއަދުގެ މޫސުމަށް އިޝާރަތްކޮށް މެޓުން ބުނީ، މިއަދަކީ މި ވިއްސާރައިގައި ލިބުނު ކުޑަ "ބްރޭކެއް" ކަމަށެވެ. އެގޮތުން، މިއަދުން ފެށިގެން ވައި ބާރުވެ، ހުކުރު ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އީދަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނިއިރު، މި ދުވަސްވަރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މުހިންމެވެ. ޚާއްސަކޮށް، ދަތުރުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ސަލާމަތީ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.