އިންޑިއާގެ އެކްޓަރު އާރް މާދަވަން (މެޑީ) ދީފައިވާ އިންޓަވިއުއެއް އެކްޓަރުގެ ހުއްދަނެތި ސިއްހީ ހިދުމަތްދޭ ކުންފުންޏަކުން ބޭނުންކުރުމުން އެކަމާ ދެކޮޅަށް އެކްޓަރު ޤާނޫނީ ފިޔަވަޅު އަޅައިފިއެވެ.
މެޑީ ތަންކޮޅެއް ކުރިން މީޑިއާއަށް ދީފައިވާ އިންޓަވިއުއަކުން ބައެއް ކަނޑާލައިގެން، ހުއްދައަކާ ނުލައި ބޭނުންކުރި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅާފައި ވަނީ "އެލެވޭޓް ނައު" ނަމަކަށް ކިޔާ ސިއްހީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ކުންފުންޏަކާ ދެކޮޅަށެވެ.
މެޑީ ތުހުމަތުކުރާ ގޮތުގައި އެ ކުންފުނިން ވަނީ ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމްތައް އިޝްތިހާރު ކުރުމަށް އެކްޓަރުގެ ވީޑިއޯއެއް ނަހަމަ ގޮތުގައި ބޭނުންކޮށްފައެވެ. މި މައްސަލައާ ގުޅިގެން މެޑީގެ ޓީމުން އެ ކުންފުންޏަށް މިހާރު ގާނޫނީ ނޯޓިސް ފޮނުވާފައިވާ ކަމަށްވެސް އެކްޓަރު ވަނީ ބުނެފައެވެ.

އާރް މާދަވަން ފިލްމު "ދުރަންދަރު"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ އިޝްތިހާރުގެ ސްކްރީންޝޮޓެއް ހިއްސާކުރަމުން މެޑީ ބުނީ، އޭނާ އަކީ އެ ކުންފުނީގެ ހިދުމަތްތައް ރެކޮމެންޑްކުރާ މީހެއްގެ ގޮތުގައި ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
'އެލެވޭޓް ނައު'އިން ބޭނުންކޮށްފައި ވަނީ އެކްޓަރުގެ މާ ކުރީގެ އިންޓަވިއުއެއްގެ ކުޑަ މިންވަރެކެވެ. އެ އިންޓަވިއުގައި މެޑީ ވާހަކަދައްކާފައި ވަނީ އޭނާގެ ދުޅަހެޔޮ ސިއްހަތަށްޓަކައި ގެންގުޅޭ އާދަކާދަތަކާ ބެހޭގޮތުންނެވެ.
ނަމަވެސް އެ ކުންފުނިން ވަނީ އެ ވީޑިއޯ ބޭނުންކޮށްގެން އެމީހުންގެ ބަރުދަން ލުއިކޮށްދޭ ޕްރޮގްރާމްތަކާއި، ބަޔޯމާކާ ޓެސްޓުތަކާއި އެހެނިހެން ހިދުމަތްތައް އިޝްތިހާރުކޮށްފައެވެ.
"މިއީ ވަރަށް ލަދުވެތި ކަމެއް. މިފަދަ ކުންފުނިތަކާއި މީހުންނަށް މިގޮތަށް ކަންކަން ކޮށްގެން ސަލާމަތްވެވޭނެ ކަމަށް ހީވަނީ ކިހިނެއް ހެއްޔެވެ؟ މީހެއްގެ އިންޓަވިއުއަކުން ބައެއް ނަގައިގެން، އެމީހެއްގެ އެއްވެސް ހުއްދައެއް ނެތި އިޝްތިހާރެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ. މިހާރު ވަނީ ގާނޫނީ ނޯޓިސް ފޮނުވާފައި. މިފަދަ ކުންފުނިތަކާއި މީހުންނަށް ސަމާލުވުމަށް އެދެން" މެޑީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.
މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި މާދަވަން ވަނީ 2022 ވަނަ އަހަރުގެ ފިލްމު "ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް"ގައި ސައިންސްވެރިޔާ ނަމްބީ ނާރާޔަނަންގެ ރޯލު ކުޅުމަށްޓަކައި ބަރުދަން އިތުރުކުރި ގޮތުގެ ވާހަކަ ހިއްސާކޮށްފައެވެ.
އިންޑިއާގެ އެންމެ ތަޖުރިބާކާރު އެކްޓަރުންގެތެރޭ ހިމެނޭ އާރް މާދަވަން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، "ދުރަންދަރު" އަދި "ދުރަންދަރު: ދަ ރިވެންޖް"އިންނެވެ.