ލިލީ ކޮލިންސް މައިގަނޑު ރޯލު ކުޅެފައިވާ ނެޓްފްލިކްސްގެ މަޝްހޫރު ރޮމޭންޓިކް ކޮމެޑީ ސީރީޒް "އެމިލީ އިން ޕެރިސް" އޭގެ ހަވަނަ ސީޒަނަށް ފަހު ނިންމާލަން ނިންމައިފިއެވެ.
މިކަން އިއުލާންކުރީ އެ ސީރީޒްގެ ބަތަލާ ލިލީ ކޮލިންސް މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
މިހާރު ގްރީސްގައި ހަވަނަ ސީޒަނުގެ މަސައްކަތްތައް ކުރިއަށްދާއިރު، ނެޓްފްލިކްސްގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ކޮލިންސް ބުނެފައި ވަނީ، ކުރިއަށް އޮތް ސީޒަނަކީ ސަޕޯޓަރުން މި ސީރީޒަކުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ފެންނާނެ، އަދި އެމިލީގެ ދަތުރުގެ އެންމެ ފުރިހަމަ ނިމުން ފެންނާނެ ސީޒަނެއް ކަމަށެވެ.
"މުޅި ކާސްޓާއި ކްރޫ މަސައްކަތް ކުރަނީ މި ސީރީޒަށް އެންމެ ފުރިހަމަ އަދި ކާމިޔާބު ވަދާއީ ސީޒަނެއް ގެނެސްދިނުމަށް. އަދި ވަރަށް 'ޝިކް' ނުވަތަ ސްޓައިލިޝް ގޮތަކަށް ސީރީޒް ނިންމާލުމުގެ އުފާ ފޭނުންނާ ހިއްސާކުރަން މިތިބީ ކެތްމަދުވެފައި," ކުރީގެ ސީޒަންތަކުގެ ހަނދާންތަކާއި ޝޫޓިން ތެރޭގެ މަންޒަރުތައް ހިއްސާކުރަމުން ކޮލިންސް ބުނެފައިވެއެވެ.

'އެމިލީ އިން ޕެރިސް' ސީރީޒް އުފެއްދި ޑަރެން ސްޓާ އެ ސީރީސްގެ ލީޑް ތަރި ލިލީ ކޮލިންސްއާ އެކު--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ
މިކަން އިއުލާނުކުރުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ފޭނުންތަކެއް ވަނީ މި ސީރީޒް ނިމުމަކަށް އަންނާތީ މާޔޫސްކަން ފާޅުކޮށްފައެވެ. އެކްސްގައި މީހަކު ބުނެފައިވަނީ ހަވަނަ ސީޒަނާ އެކު ސީރީޒް ނިންމާލުމަކީ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރެވުނު ނަމަވެސް، އޭގައި ފެންނަ ފެޝަނާއި، ޑްރާމާ އަދި ޕެރިސްގެ ހިތްގައިމު މާހައުލު ވަރަށް ބޮޑަށް ހަނދާންވާނެ ކަމަށެވެ.
އަނެއް ބަޔަކު ބުނެފައިވަނީ އެމިލީގެ ކެރެކްޓަރަކީ ދުވަހަކު ވެސް ނިމިގެންވާނެ ކެރެކްޓަރެއް ނޫން ކަމަށާއި އޭނާގެ ދިރިއުޅުމުގެ އެކި މަރުހަލާތަކާއި، ދަތުރުފަތުރާއި، ކައިވެންޏާއި ދަރިން ފަދަ ކަންކަން ވެސް ސީރީޒުން ފެންނަން ބޭނުންވާ ކަމަށެވެ.
"އެމިލީ އިން ޕެރިސް"ގެ ފަސްވަނަ ސީޒަން ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހެވެ. އެ ސީޒަނުގެ ވާހަކަ ބިނާކޮށްފައިވަނީ އެމިލީ މަސައްކަތުގެ ބޭނުމަށް ރޯމަށް ގޮސް، އެ ތަނުގެ މަހުޖަނެއްގެ ދަރިއެއް ކަމަށްވާ މާސެލޯ މުރަޓޯރީއާ ދެމެދު އުފެދޭ ލޯބީގެ ގުޅުމެވެ.
އިޓަލީއާއި ފްރާންސާ ދެމެދު ގޮތެއް ނިންމަން ޖެހުމުން، އެމިލީ އިޚުތިޔާރުކުރީ ޕެރިހުގައި އޭނާ ބިނާކުރި ކެރިއަރެވެ. ނެޓްފްލިކްސްގެ "ޓޫޑަމް"ގައިވާ ގޮތުން، ކުރިއަށް އޮތް ސީޒަނުގައި އެމިލީ ރޯމުގައި ހޭދަކުރި ދުވަސްތަކަށް ފަހު، އޭނާގެ ހިތް އެދެނީ ޕެރިހުގައި އޭނާ ބިނާކުރި ދިރިއުޅުމަށްކަން އިހުސާސްވާނެއެވެ.
މި ސީރީޒް އުފެއްދި ޑަރެން ސްޓާ "ދަ ހޮލީވުޑް ރިޕޯޓަ"އަށް ދިން ބަޔާނެއްގައި ބުނީ، މި މޮޅު ކާސްޓާއި ކްރޫއާ އެކު "އެމިލީ އިން ޕެރިސް" އުފެއްދުމަކީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ތަފާތު ތަޖުރިބާ ކަމަށެވެ. އަދި، އެންމެ ފަހު ސީޒަނާ ކުރިމަތިލާއިރު، ނެޓްފްލިކްސްއަށާއި، ޕެރަމައުންޓް، އަދި ޚާއްސަކޮށް މި ދަތުރުގައި ބައިވެރިވި ފޭނުންނަށް ނުހަނު ޝުކުރުވެރިވާ ކަމަށް ޑަރެން ވަނީ ބުނެފައެވެ.
ސީރީޒްގައި ލިލީ ކޮލިންސްގެ އިތުރުން އޭޝްލީ ޕާކް، ކެމީލް ރަޒާޓް، ފިލިޕީން ލެރޯއި ބޯލިއު، ބްރޫނޯ ގޫއަރީ އަދި ސެމިއުލް އާނޯލްޑް ފަދަ ތަރިން މުހިންމު ރޯލުތައް ކުޅެފައިވެއެވެ. ހަވަނަ ސީޒަނާ ގުޅޭ އިތުރު ތަފުސީލުތަކާއި އެ ސީޒަން ރިލީޒްކުރާނެ ތާރީހެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.