ބޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީ ތަރި މަލައިކާ އަރޯރާ ރަހުމަތްތެރިންތަކަކާ އެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
ބެލެވޭ ގޮތުގައި މަލައިކާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ބޮލީވުޑްގެ އެންމެ ކުޅަދާނަ ނެށުންތެރިންގެ ތެރޭ ހިމެނޭ ކުރީގެ މޮޑެލް ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅު ކައިރީގައި އޮންނަ ފަސް ތަރީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ 'ޖޯލި ބީންގް'ގައެވެ.
މަލައިކާ ވަނީ ޖޯލި ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކޮށްފައެވެ. މި ފޮޓޯތައް ހިއްސާކުރަމުން މަލައިކާ ބުނެފައިވަނީ އެއީ ރާއްޖޭގެ ފަރާތުން އާއްމުންނަށް ފޮނުވާ ޕޯސްޓުކާޑުތަކެއް ކަމަށެވެ. މީގެި އިތުރުން އެނބުރި ރާއްޖެ އާދެވުމަކީ އަބަދު ވެސް އުފަލާއި ހިތްހަމަޖެހުން އިހުސާސްކޮށްދޭ ކަމެއްގެ ގޮތުގައި މަލައިކާ ވަނީ ސިފަކޮށްފައެވެ.
މީގެ ކުރިން ވެސް އެކި ފަހަރުމަތިން ރާއްޖޭގައި ޗުއްޓީގައި ހޭދަކޮށްފައިވާ ކުރީގެ ބަތަލާ އެންމެ ފަހުން ރާއްޖެ އައީ މީގެ ދެ އަހަރު ކުރިންނެވެ. އެ ދަތުރަކީ ޚާއްސަ ފޮޓޯ ޝޫޓެއް ނެގުމަށް މަލައިކާ ކުރި ދަތުރެކެވެ.

މަލައިކާ ރާއްޖެ އައުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް
އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއް ފަންނާނުންގެ ތެރޭ ހިމެނޭ މަލައިކާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު މެޑޮކް ފިލްމްސްއިން ގެނެސްދިން "ތަމާ"ގެ އައިޓަމް ލަވަޔަކުންނެވެ.
މި ފަހަކަށް އައިސް ފިލްމީ މަސައްކަތްތަކާ ވަރަށް ދުރުގައި އުޅޭ މަލައިކާ މިހާރު ބޮޑަށް ފާހަގަކޮށްލެވެނީ ފެޝަން ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ބައެއް ރިއަލިޓީ ޓެލެވިޒަން ޝޯތަކުން އާއްމުންކޮށް ފެންނަ ފަންނާނެއްގެ ގޮތުގައެވެ.