ވެސްޓްޕާކްގެ މައްސަލައިގައި ޔޮޓް ޓްއާސް އިން ކޯޓަށް

ވެސްޓްޕާކް ތަރައްގީ ކުރަން 10 އަހަރު ދުވަހަށް އާމިރު މަންސޫރަށް ކުއްޔަށް ދިން މައްސަލަ، ޔޮޓް ޓްއާސް އިން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ވެސްޓްޕާކް ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ޕްލޭނާ އެއްގޮތަށް އެތަން ތަަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ ވެސްޓްޕާކް، ޔޮޓް ޓްއާސްއަށް ކުއްޔަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާތީ އެވެ. ނަމަވެސް އެތަން ތަރައްގީ ކޮށްގެން އަލުން ހިންގާނެ ފަރާތެއް ހޯދަން ސިޓީ ކައުންސިލުން ކުރި އިޢުލާނާ ގުޅިގެން އެ ކުންފުނިން އެކަމަށް އެދި ހުށަހަޅައިފައެއް ނުވެ އެވެ.

ޔޮޓް ޓުއާސްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ވެސްޓްޕާކް އެހެން ފަރާތަކަށް ކުއްޔަށް ދޭން ނިންމާފައިވަނީ ސަރުކާރާއެކު ޔޮޓް ޓްއާސްއިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ވެސް ހަމަވުމުގެ ކުރިން ކަމަށާއި އެމުއްދަތު ހަމަވުމުގެ ކުރިން ދެ ފަރާތުން ވާހަކަ ދައްކައިގެން މުއްދަތު އިތުރުކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބުނާ ކަމަށެވެ.

އެ އެއްބަސްވުމާ ހިލާފަށް ވެސްޓްޕާކް އެހެންް ފަރާތަކަށް ކުއްޔަށް ދޭން ނިންމާފައިވަނީ ކުރީގެ ސަރުކާރާއި މި ސަރުކާރުގައި ވެސް ވެސްޓްޕާކްގެ މުއްދަތު އިތުރު ކުރުމަށް ތަކުރާރުކޮށް ޔޮޓް ޓްއާސް އިން އެދިފައި ވަނިކޮށް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"ވެސްޓްޕާކް ތަރައްގީ ކުރުމަށް ސަރުކާރާއެކު ޔޮޓް ޓުއާސްއިން ވާހަކަ ދައްކަމުން އަންނަތާ ތިން އަހަރު ވެއްޖެ، އެގޮތުން އެތަނުގައި ސުމިންގް ޕޫލަކާއި ސްޕާއަކާއި ޖިމަކާއި ކުޑަކުދިން ކުޅޭ ތަނަކާއި ހިތްފަސޭހަ ގޮތަކަށް ފެންވަރުގެ ރެސްޓޯރެންޓްތަކާ އެކު އެތަން ތަރައްގީކުރަން 15 މިލިޔަން ޑޮލަރުގެ ޕްރޮޕޯސަލެއް ސަރުކާރަށް ވާނީ ހުށަހަޅައިފައި،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ސަރުކާރާއެކު ކޮށްފައިވާ ވިޔަފާރީގެ އެއްވެސް އެއްބަސްވުމަކަށް ސަރުކާރުން ހިލާފުވެގެން ނުވާނެ ކަމަށާއި އެއްބަސްވުމާ ހިލާފަށް އެކަންތައް ނިންމޭނީ ޝަރުއީ ކޯޓަކުން ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ވެސްޓްޕާކް ތަރައްގީކުރުމަށް އާމިރު މަންސޫރާ ހަވާލުކޮށްފައިވަނީ ސަރުކާރުން ކަނޑައަޅައިފައިވާ ޕްލޭނާ އެއްގޮތަށް އެތަން ތަރައްގީކޮށް ހިންގުމަށެވެ. އެގޮތުން އެސަރަހައްދު ތަރައްގީ ކުރުމަށް ހަމަޖައްސައިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭ ހިތްފަސޭހަ މައިދާނެއްގެ ގޮތުގަ އެވެ.

ވެސްޓްޕާކް ހިންގުމަށް އާމިރަށް ހަވާލުކޮށްފައިވާ އެގްރީމަންޓްގައި ބުނެފައިވާ ގޮތުގައި އެތަން އާމިރާ ހަވާލުކުރުމަށް ހަމަޖައްސައިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު