ކާމިޔާބު ކަމާ އެކު ކޫއްޑު އަށް ޓެސްޓް ފްލައިޓް ޖައްސައިފި

ކޫއްޑޫން: އަހުމަދު ސާއިލު އަލީ

ގއ. ވިލިނގިލީ ކައިރީގައި އޮންނަ ކޫއްޑޫގައި ސިންގަޕޫރުގެ ކުންފުއްޏަކުން އެޅި އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ކާމިޔާބްކަމާ އެކު ޖައްސައިފި އެވެ.

އިބްރާހިމް ނާސިރު މާލޭ އިންޓަރޭޝަނަލް އެއާޕޯޓުން މިއަދު ހެނދުނު 11 ޖެހި އިރު ފުރި މޯލްޑިވިއަންގެ ޑޭޝް މަރުކާގެ މަތިންދާ ބޯޓު ކޫއްޑޫ އެއާޕޯޓުގައި ޖައްސާފައި ވަނީ މިއަދު 11:50 ގަ އެވެ. އެ ފުލައިޓުން ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދުގެ އިތުރުން އެ އެއާޕޯޓްގެ ކޮންސްޓްރަކްޝަންގެ މަސައްކަތްކުރާ ކޭއެޗްއޭ ރިސޯޓްސްގެ ސީއީއޯ މުހައްމަދު އަލީ ޖަނާހު ވެސް ކޫއްޑު އަށް ވަަޑައިގަތެވެ.

ފުލައިޓުން ފައިބައިވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ކާމިޔާބުކަމާ އެކު ފުލައިޓް ޖެއްސުނީތީ އެކަމާ އުފާކުރާ ކަމަށާއި މިއަދަކީ ގއ. އަތޮޅުގެ ރައްޔިތުނަށް ވަރަށް ބޮޑު އުފަލެއްް ލިބިގެން ދިޔަ ދުވަހެއް ކަމަށެވެ.

ޖަނާހު ވިދާޅުވީ ސިންގަޕޫރުގެ ބޮނަވިސްޓާ ކުންފުނިން ގާއިމު ކުރި އެއެއާޕޯޓް މިއަންނަ ހޯމަ ދުވަހު ހުޅުވައި ދިވެހި ސަރުކާރާ ހަވާލުކުރާނެ ކަމަށާއި އަދި އެ ދުވަހުން ފެށިގެން ރަސްމީދަތުރުތައް ފައްޓާނެ ކަމަށެވެ.

"އަޅުގަނޑު މިފުރުސަތުގައި މި އެއާޕޯޓް ހެދުމަށް ޓަކައި އެހީތެރެވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރުވެރިވަން. ދެން މިހާރު ކުދިކުދި މަސައްކަތްތައް ކުރިއަސް އެކަންކަން ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި ނިންމާލެވޭނެ،" ޖަނާހު ވިދާލުވި އެވެ.

އަދި މިއަދުގެ ޓެސްޓް ފްލައިޓް ދުއްވި ކެޕްޓަން ވިދާޅުވީ ރާއްޖޭގެ އެހެން އެއާޕޯޓްތަކާއި އެ އެއާޕޯޓް އެއްވެސް ތަފާތެއް ނެތް ކަމަށާއި އެއާޕޯޓް މިހާރު އެ އޮތީ ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

އެ ފްލައިޓް ކޫއްޑު އެއާޕޯޓްގައި ޖެއްސި ވަގުތު އެމަންޒަރު ބަލަަން ގިނަ އަދަދެއްގެ މީހުން ވަނީ ވިނލިގީލީން ނާއި ގއ. އަތޮޅުގެ އެހެން ރަށްރަށުން ކޫއްޑު އަށް އައިސްފަ އެވެ. އެގޮތުން ވިލިގިނލިން މީހުން ކޫއްޑު އަށް އައުމަށް މިއަދު ހެނދުނު 8:00 ޖެހި އިރުން ފެށިގެން އެ ރަށުގައި ކޫއްޑު ފެރީން ދެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ކޫއްޑުގެ ޓެސްޓް ފުލައިޓް ކާމިޔާބުކަމާ އެކު ޖެއްސުމާ އެކު އެ މަންޒަރު ބެލުމަށް ޓަކައި އެތަނަށް ގޮސް ތިބި މީހުން ވަނީ ސަގާފީ ކުޅިވަރުތަކާ އެކު އުފާފާޅުކޮށްފަ އެވެ. އަދި އެ ފްލައިޓުން ކޫއްޑު އަށް އައި ބޭފުޅުނަށް ހޫނު މަރުހަބާއެއް ކިޔުމުގެ ގޮތުން އަންހެނުނާއި ފިރިހެނުންގެ ނެށުމާ އެކު މާފަތިތައް އަޅުވައި ދަނޑިޖެހުމާއި މަރުހަބާ ދެންނެވުމުގެ ގިނަ ހަރަކާތްތަކެއް ގެންގޮސްފައިވެ އެވެ.

ގއ. އަތޮޅުގެ ގިނަ ރައްޔިތުންތަކެއްގެ އުންމީދުތަކާ ގުޅިފައިވާ އެ އެއާޕޯޓް ހުޅުވަން ހަމަޖެހިފައި ވަނީ މިއަންނަ ހޯމަ ދުވަހު އެވެ. އެއާޕޯޓް ހުޅުވައިދެއްވަނީ ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު