ސަރުކާރުން އެމްޑީޕީ އަށް ޖާގަ ލިބެންޖެހޭނެ ހަމައެއް ނެތް: މިނިސްޓަރު

ޑރ. މުހަންމަދު ވަހީދުގެ އެއްބައިވަންތަކަމުގެ ސަރުކާރުން އެމްޑީޕީ އަށް އެއްވެސް ފުރުސަތެއް ލިބެން ޖެހޭނެ ހަމައެއް ނެތް ކަމަށް ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރޭ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީން ސަރުކާރުގައި ބައިވެރިވާން ހުށަހެޅި ނަމަވެސް އެއީ އިހުލާސްތެރިކަމާ އެކު ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫން ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ މެދު ވެފައިވާ އިހުމާލުތަކަށް ރައްޔިތުންނަށް ޖަވާބުދާރީ ނުވަނީސް މި ސަރުކާރުން އެމްޑީޕީ އަށް ޖާގަދީގެން ނުވާނޭ ކަމަށެވެ.

"ކޯނީގެ ރިޕޯޓުގައި ވެސް މިއޮންނަނީ، ސީދާ ވައެލަންސް ]ހަމަނުޖެހުން] އެބޭފުޅުންގެ ވެރިކަމުގައި ހިންގެވިކަމަށް. ރައްޔިތުންނަށް އަނިޔާވެރިވީ ކަމަށް. އަދި އެ މީހުންނާ ދެކޮޅަށް ކޯޓުގައި ދައުވާތައް އުފުލިފައި ހުއްޓައި އަމުދުން އެމީހުންނާ އެކު އިށީންދެވޭނެ އެއްވެސް ގާނޫނީ އަދި އަހުލާގީ ހުއްޖަތެއް ނެތް. މުޖުރިމުންނާ އެކު ކިހިނެތްތޯ އިށީންނާނީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އެ މަނިކުފާނުގެ އޮފިޝަލް ޓޫވިޓާ އެކައުންޓްގައި ވެސް އެވާހަކަ ވިދާޅުވެފަ އެވެ. އެ މައްސަލައިގައި ރޭ ކުރެއްވި ދެ ޓުވީޓުގެ ތެރެއިން ޓުވީޓެއްގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ؛ "އެމްޑީޕީ ސަރުކާރުގައި ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުމާ ރާއްޖޭގެ ގިނަ ރައްޔިތުން ދެކޮޅުހަނދާނެ" ކަމަށާއި "އެމްޑީޕީގެ އެ ހުށަހެޅުމަކީ ގޮތްހުސްވެގެން ހުށަހެޅި ހުށަހެޅުމެއް" ކަމަށެވެ.

ލީޑާޒް ޑައިލޮގްގައި ވެސް މިހާރު ވަނީ އެ މައްސަލަ އެޖެންޑާކޮށްފަ އެވެ. ޑރ. ޖަމީލް އެކަމަށް ފާޑު ވިދާޅުވަމުން ވިދާޅުވީ ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީން ހުށަހެޅި ހުށަހެޅުމާ މެދު ވާހަކަދައްކާނެ ތަނެއް ވެސް ނެތް ކަމަށާއި އެ މައްސަލައިގައި އެމްޑީޕީއާ ވާހަކަ ދައްކަން ނުޖެހޭނެ ކަމަށެވެ.

"މި ހުރިހާ ކަންކަމެއް ހުއްޓައި އެ މައްސަލައިގައި އެއީ މަޝްވަރާ ވެސް ކުރަން ޖެހޭ ކަމެއް ނޫން، އަޅުގަނޑު ގަބޫލެއް ނުކުރަން އެކަމުގައި މަޝްވަރާކުރުމަކަށް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އެމްޑީޕީން އެ މައްސަލަ މަޝްވަރާތަކަށް ހުށަހެޅީ އެމްޑީޕީގެ އިސްފަރާތްތަކާ މެދު ކުރެވިފައިވާ ދައުވާތަކާއި ތުހުމަތުތަކުން ރެކެވޭނޭ ގޮތްތަކެއް ހޯދުމަށް ކަމަށާއި އެމްޑީޕީއަށް އެ ޖާގަ ދީގެން ނުވާނޭ ކަމަށެވެ.

"އެ ދައުވާތަކުން ރެކުމުގެ ހީލަތްތެރި ރޭވުމެއްހެން އަޅުގަނޑަށް ހީވަނީ މިއީ. މިއީ އިހުލާސްތެރި ކަމުގައި ހުށަހެޅިކަމެއްހެން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޑރ. ޖަމީލް ވިދާޅުވި އެވެ. "އެބޭފުޅުން މީގެ ކުރިން ވެސް ކަންކުރައްވާފައި އޮތް ގޮތާ މެދު އަޅުގަނޑުމެން ވިސްނަން ޖެހޭނެ."

ފެބުރުއަރީ ހަތެއްގައި ވެރިކަން ފުރޮޅުމާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު އެކުލަވާލި ސަރުކާރުގައި ބައިވެރިވުމުގެ ފުރުސަތު އެކި ފަހަރުމަތިން އެމްޑީޕީ އަށް ދިން ނަމަވެސް އެ ޕާޓީން އެކަން ގަބޫލުކޮށްފައެއްނުވެ އެވެ. އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އިއްޔެ ވިދާޅުވީ ސަރުކާރުގައި ބައިވެރިވާން އެ ޕާޓީން ހުށަހެޅީ ކޯނީގެ ރިޕޯޓުގައި ވެރިކަން ބަދަލުވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ވާތީ މިހާރު ވެސް ރާއްޖޭގައި އޮންނާނީ އެމްޑީޕީގެ ސަރުކާރެއް ކަމަށްވާތީ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު