ބްރަސަލްސް (9 ޑިސެންބަރު 2025): ވައިޓް ހައުސްއިން ދާދި ފަހުން އިއުލާނުކުރި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އައު ސްޓްރެޓެޖީގައި ޔޫރަޕްގެ ގައުމުތައް ސިފަކޮށްފައިވަނީ ވަރަށް ދެރަވަރުގެ ގައުމުތަކެއްގެ ގޮތުގައި ކަމަށްވާތީ މިކަން ގަބޫލު ނުކުރެވޭނެ ކަމަށް ޔޫރަޕިޔަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވިދާޅުވެއްޖެއެވެ.
ބްރަސަލްސްގައި ދެއްވި ބަޔާނެއްގައި ކޮސްޓާ ވިދާޅުވީ, ޔޫރަޕްގެ ގައުމުތަކުގައި ވެރިކަންކުރާ ޕާޓީތަކުގެ ތެރޭގައި ނުބައި ޕާޓީތަކާއި ރަނގަނޅު ޕާޓީތައް ހިމެނޭކަން އެމެރިކާގެ ސްޓްރެޓެޖީގައި ހިމެނުމަކީ ޔޫރަޕްގެ ދާޚިލީ ކަންކަމާ ބެހުމެވެ. ޔޫރަޕަށް ހިޖުރަކުރުމަށް އެހެން ގައުމުތަކުގެ މީހުން ފުރުސަތު ހުޅުވާލާފައިވުން އެއީ ނުބައި ކަމެއްގެ ގޮތުގައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އައު ސްޓްރެޓެޖީގައި ކަނޑައަޅާފައިވާއިރު މިއީ ވެސް ޔޫރަޕްގެ ދާޚިލީ ކަމެއްކަން ކޮސްޓާ ފާހަގަކުރެއްވިއެވެ.
ޔޫރަޕިޔަން ކައުންސިލަކީ ޔޫރަޕްގެ އިއްތިޙާދުގެ ކޮލިގިއޭޓް ބޮޑީއެވެ. ނުވަތަ ޔޫރަޕްގެ އިއްތިޙާދުގެ ރިޔާސަތާބެހޭ ކައުންސިލެވެ. މި ކައުންސިލްގެ ރައީސްއަކީ ޔޫރަޕްގެ އިއްތިޙާދުގެ ރައީސެވެ.
އެމެރިކާއަށް ރައްދު ދެއްވަމުން ކޮސްޓާ ވިދާޅުވި ގޮތުގައި ޔޫރަޕަށް ހިޖުރަ ކުރުމުގެ ފުރުސަތު ދިނުމާއި ނުދިނުން ނިންމަނީ ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުން ޑިމޮކްރެޓިކް ގޮތުން އިންތިޚާބު ކުރާ ސަރުކާރުތަކުންނެވެ. އެހެންކަމުން ޔޫރަޕާބެހޭ މިފަދަ ކަންކަން ނިންމުމުގެ ފުރުސަތު ޔޫރަޕްގެ ރައްޔިތުންގެ ބަދަލުގައި އެމެރިކާއަށް ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
ޔޫރަޕްގެ ގައުމުތަކުގައި ވެރިކަންކުރާ ޕާޓީތަކުގެ ތެރޭގައި ނުބައި ޕާޓީތަކާއި ރަނގަނޅު ޕާޓީތައް ކަނޑައެޅުމަކީ ވެސް ޔޫރަޕްގެ ރައްޔިތުންގެ ކަމެއްކަމަށާ އެއީ އެމެރިކާއާބެހޭ ކަމެއް ނޫންކަން ކޮސްޓާ ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަދައްކަވަމުން ޔޫރަޕްގެ ކަންކަން ނިންމުމާއި ކަންކަން ކަނޑައެޅުމުގެ ފުރުސަތު ޔޫރަޕްގެ ރައްޔިތުންގެ ބަދަލުގައި އެމެރިކާއަށް ނުދެވޭނެ ކަމަށް ވިދާޅުވެ، ކޮސްޓާ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އައު ސްޓްރެޓެޖީގައި ޔޫރަޕް ސިފަކޮށްފައިވަނީ ކުރިމަގުގެ ތަރައްގީއަށް ބޭނުންވާ ޕޮޓެންޝިއަލްނެތް އާބާދީ ވަރަށް ބޮޑަށް މުސްކުޅިވެ، އާރާއި ބާރު ދެރަވަމުންދާ ބައްރެއްގެ ގޮތުގައެވެ. ގުދްރަތީ ރިސޯސް ވަރަށް މަދު، އާބާދީ މުސްކުޅިވެފައިވާ އަދި މަސައްކަތްކުރާ އުމުރުގެ އާބާދީގެ ނިސްބަތް ވަރަށް ކުޑަ ބައްރެއްގެ ގޮތުގައެވެ.
އެހެން ގައުމުތަކުގެ މީހުން ޔޫރަޕްގެ ގައުމުތަކަށް ހިޖުރަކުރުމުގެ ފުރުސަތު ދިނުމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަކީ އެ ގައުމުތަކުގެ އަސްލު އުސޫލުތަކާއި އާދަތަކާއި އައިޑެންޓިފިކޭޝަން މިހާރު ގެއްލިފައިވާ ބައްރެއްގެ ގޮތުގައި ވެސް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އައު ސްޓްރެޓެޖީގައި ވަނީ ސިފަކޮށްފައެވެ.
ނޭޓޯގެ ތެރެއިން އަގަކާނުލައި ޔޫރަޕް ދިފާއުކޮށްދިނުމަކީ ވެސް ތާއަބަދަށް އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވަނީ އެ ސްޓްރެޓެޖީގައި އިޝާރާތްކޮށްފައެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވަނީ ޔޫރަޕުން ގެންގުޅޭ ލެބަރަލް ފިކުރަކީ ތަބީއަތާ ޚިލާފު ފިކުރެއްކަމަށް ވިދާޅުވެ، އެ ފިކުރުގެ ސަބަބުންނާ އަދި ހިޖުރައިގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަކީ އައިޑެންޓިފިކޭޝަން ގެއްލި އަސްލު ނެތިގޮސްފައިވާ ގައުުމުތަކެއް ކަމަށް ސިފަކުރައްވައި މި އަހަރުގެ ކުރީކޮޅު ވާހަކަދައްކަވާފައެވެ. މި ވާހަކަތަކާ ގުޅިގެން ވެސް އެ ދުވަސްވަރު ޔޫރަޕްގެ އެތެރެއިން ވާންސްއަށާއި އެމެރިކާގެ މިހާރުގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވިއެވެ.