ހިމާޔަތުގެ މާނަ އޮޅުން ފިލުވައިދިން ހުކުމް

10:22


ގައުމީ ދިފާއީ ބާރުން ހަތިޔާރާއެކުގައި ގޮސް ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން، އޭނާގެ ނުރުހުމުގައި މިދިޔަ މަހު ސިފައިންގެއަށް ގެންދިޔަ އެވެ. އެއާއެކު މާލޭގެ ހާލާތު ގޯސްވެފައި ވާތީ ހިމާޔަތް ދެނީ ކަމަށް ބުނެ  އާރަށުގައި "އެކަހެރި" ކުރެއްވި އެވެ. އެކަން ގައުމުގެ ތާރީހާއެކުވެ، ހިނގައްޖެއަތީވެ އެ ހާދިސާތަކަކީ އިތުރަށް ދައްކާކަށްވީ ވާހަކަތަކެއް ނޫނެވެ.


މި މައްސަލައާ ގުޅިގެން ސަރުކާރާއި ސަރުކާރު ބައިވެރިވާ އެމްޑީޕީ އާއި ޔާމީނާއި އޭނާއާ ގުޅިފައިވާ ފަރާތްތަކާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަށް ފަހު އެ މައްސަލައިގެ ދައުވާއެއް މަދަނީ ކޯޓުގައި ނިމިފައިވެ އެވެ. ޔާމީން ވެސް ވަނީ "ހިމާޔަތުން" ވީއްލިވަޑައިގެންފަ އެވެ.


މުޅި މައްސަލައާ ގުޅިގެން ދެކޮޅުގައި ތިބި މީހުން ދެއްކި "ގާނޫނީ" ހުއްޖަތްތަކަށް ފަހު ޔާމީން ކުރެއްވެވި ދައުވާއިން ކުރި ލިބުނީ ޔާމީނުގެ ފަރާތަށެވެ. ޝަރީއަތުގެ ފުރަތަމަ މަރުހަލާއިން މައްސަލަ ނިމިގެން އައި ގޮތުން މައްސަލަ ފެށުނު އިރު، އެރި ބޮޑު އޮޅުން، "ހިމާޔާތް" ދެވޭ ގޮތަށް ގާނޫނީ އަލި ކަމެއްވެސް އެ ހުކުމުން ވަނީ ގެނެސްދީފަ އެވެ. މަދަނީ ކޯޓުގެ ނިޔާ ޝަރީއަތުގެ އިސް މަރުހަލާއަކުން ބާތިލު ނުކުރާ ނަމަ މި ނިޔާ ވެގެންދާނީ މިބާވަތުގެ "ހިމާޔަތް"ތައް ކުރުމުން ރިޔާއަތް ކުރަންޖެހޭނެ ގޮތް ކަށަވަރުކޮށްދޭނެ ކަމަކަށެވެ.


"ކުރިން ވެސް މިއީ ކަށަވަރު ކަމެއް. ނަމަވެސް މި ހުކުމުގެ ސަބަބުން މި އޮޅުންތައް އިތުރަށް ކަށަވަރުގެން ދިޔައީ. މި ހުކުމުގެ ސަބަބުން ރައްޔިތުންނަށް މުހިންމު ނުކުތާތަކެއް އޮޅުން ފިލައިގެންދޭ،" ޔާމީންގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި އެވެ.


ގައުމީ ދިފާއީ ބާރުން ޔާމީނަށް ދިން "ހިމާޔަތް" އެހެން މީހަކަށް ވެސް ލިބިދާނެ އެވެ. އެ ހާލަތު އަތުވެދާނެ އެވެ. ނަމަވެސް މި މައްސަލަ ނިމިގެން ދިޔަ ގޮތުން  ހިޔާލު ތަފާތުވެގެން ދިޔަ ނުކުތާކަތެއް ސާފުވެ ކަށުވަރުވެގެން ގޮސްފައިވާތީ އެ މަސްދަރުތަކާ ހަމައަށް އާންމުން ވާސިލު ކޮށްދިނުމަށްޓަކައި  މި ޝަރީއަތާ ބެހޭ ގޮތުން ސުރުހީ އަޅަން ޖެހެ އެވެ. ގާނޫނީ އަސްލަކަށް ވާސިލުވުމުގެ ފަސޭހައަކަށްޓަކަ އެވެ.


ޔާމީންގެ ދައުވާއަކީ ހިމާޔަތް ދިނުމަށް ކަމަށް ބުނެ އޭނާ އާރަށުގައި ބަހައްޓާފައި ވަނީ "ގާނޫނީ ބާރެއް ނެތި" ކަމަށެވެ. ދައުލަތުން ބުނަނީ އޭނާ "ހިމާޔަތަށް" ގެންދިޔައީ ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ށ) އަށް ރިޔާއަތްކޮށް 243 ވަނަ މާއްދާގެ ދަށުން ސިފައިންނަށް ލިބިދޭ ބާރާއި އިހުތިޔާރުގައި ކަމަށެވެ. އަދި ސިފައިންގެ ގާނޫނުގެ ހަތް ވަނަ މާއްދާ އާއި އަށް ވަނަ މާއްދާގެ ބާރުގައި ކަމަށެވެ.


ކޮންމެއަކަސް ޔާމީން "ހިމާޔަތުން" ވީއްލުނީ މި މައްސަލައިގެ ދެ ފަރާތުން ކޯޅި، ސިޔާސީ މާއިދާނުގެ އަޑިފުށް މައްޗަށް، މަތިފުށް އަޑިއަށް ޖެހި އެތަކެއް ހާދިސާ ހިނގުމަށް ފަހު މި މައްސަލަ އަކީ ގާނޫނާ ހިލާފު މައްސަލައެއްކަން ސާބިތު ކުރުމަށް ޔާމީންގެ ފަރާތުން މަދަނީ ކޯޓަށް ދިޔަ ފަހުންނެވެ.


"އަޅުގަނޑުގެ ނަޒަރުގައި ޔާމީން ކުރެއްވި ދައުވާއަކީ ކޮންމެހެން ކުރައްވަން ޖެހޭ ދައުވާއެއް. އެ ދައުވާ ކުރައްވަން ޖެހެނީ ގާނޫނު އަސާސީން އޭނާ އަށް ލިބިދޭ އަސާސީ ހައްގެއް ސިފައިންގެ އެ އަމަލުން  ނިގުޅިގެން ދިޔަކަމާ މެދު، ދެފަރާތުން ދެ ގޮތަށް ވާހަކަ ދައްކަމުންދާތީ އެއީ ހަގީގަތެއްކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށް. ޔާމީން ނޫނަސް ކޮންމެ މީހަކަށް ވެސް މިހާލަތު ކުރިމަތިވެދާނެތީ. މިއީ ޝަރުއީ ބާރަކުން ކަށަވަރުވާން ޖެހޭ ނުކުތާއެއް ކަމަށްވާން ޖެހޭ ވަރަށް ދެ ފަރާތުން ވަނީ ސުވާލުތައް އުފައްދާފައި،"  ނަން ހާމަ ކުރަން ބޭނުން ނުވާ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ. "މި ހުކުމުގެ ފައިދާ އެންމެނަށް ކުރާނެ،"


އެއްވެސް މީހަކަށް ގާނޫނު އަސާސީން ލިބިދޭ ހައްގުތަކުން މަހުރުމޫވާ ގޮތަށް "ހިމާޔަތެއް" ދެވޭނެ ހެއްޔެވެ؟ މިއީ ސުވާލެކެވެ. މި ސުވާލު ސާފުވާން ޖެހޭ މިންވަރު ބޮޑުވެގެންދަނީ ޔާމީންގެ "ހިމާޔަތާ" ގުޅިގެން އުފެދުނު މަސްހުނި މައްސަލަތަކުގެ ސަބަބުންނެވެ.


ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ ބާބަކީ މީހުންނަށް ލިބޭ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ ރައްކާތެރި ކުރުމުގެ ގޮތުން އޮންނަ ބާބެކެވެ. އެ ބާބުގައި ހިމެނޭ  ހުރިހާ ހައްގެއް އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން ލިބިގެންވާކަން ގާނޫނު އަސާސީ ކަށަވަރު ކޮށްދެ އެވެ. އެ އަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން  ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން  ބާރު ލިބިގެން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލާއި ހައްޔަރުކޮށް ބަންދެއް ނުކުރެވޭކަން ގާނޫނު އަސާސީން ޔަގީން ކޮށްދެ އެވެ. ނޫނީ އެ ހާލަތު އަންނަނީ ގާނޫނު އަސާސީގެ 11 ވަނަ  ބާބުގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ.  މި ދެ ހާލަތުގައި ވެސް ހައްގުތައް ހިފެހެއްޓުމުގައި ޝަރުތުތައް ވެ އެވެ. އެހެން ކަމުން މަޖިލީހުން ފާސްކުރާ ގާނޫނަކުން ވެސް އެފަދަ ހައްގެއް ނުވަތަ މިނިވަން ކަމެއް ހިފެހެއްޓޭނީ އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ހިފެހެއްޓި ދާނެ ކަމަށް ގަބޫލު ކުރެވޭ މިންވަރުގައިކަން މުޅިން ސާފެވެ.


    ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިފަހައްޓައިގެން ނުވާނެ ހައްގުތައް ގާނޫނު އަސާސީގެ 255 ވަނަ މާއްދާގެ (ށ) ގައިވެ އެވެ. އެއްވެސް މީހަކަށް ހިމަޔާތް ދިނުމަށް ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ ހައްގުތައް މަހުރޫމުވާ ގޮތަށް ރުހުމާ ނުލައި ވަކި ތަނެއްގައި ބެހެއްޓުމުގެ ބާރާއި އިހުތިޔާރު ގައުމީ ދިފާއީ ބާރަށް ލިބިގެންވާކަން ބަޔާންކުރާ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެއް ނެތެވެ. ހަމައެއާ އެކު ޔާމީން ވަކިތަނެއްގައި "ހިމާޔަތު"ގައިބެހެއްޓީ ކުއްލި ނުރައްކަލުގެ ހާލަތުގައިއެއްވެސް ނޫނެވެ.


ހިޔާލު ދެކެފިވެފައިވާ ނުކުތާތަކެއް ޔާމީންގެ ޝަރީއަތުން  އޮޅުންފިލުވައިދީ ކަށަވަރުކޮށްދީފައިވާއިރު އޭގެ ތެރެއިން އެއް ކަމަކީ ގައުމީ ދީފާއީބާރުން ހަވާލާދޭ  ގާނޫނީ ނުކުތާތަކެވެ.


ފުރަތަމަ ގާނޫނު އަސާސީގެ 243 ވަނަ މާއްދާ ނަގަމާ ހެއްޔެވެ؟ އެ މާއްދާގެ ދަށުން ސިފައިނަށް ލިބިދޭ ބާރާއެކު ސިފައިންގެ ގާނޫނުގެ ހަތްވަނަ މާއްދާ އާއި އަށް ވަނަ މާއްދާއާ ދައުލަތުން ހަވާލާދެ އެވެ. ގާނޫނު އަސާސީގެ 105 މާއްދާގެ (ށ) ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ސަލާމަތީ ހިދުމްތަކުން މަސައްކަތް ކުރަންވާނެ ކަމަށެވެ. ދެން 243 ވަނަ މާއްދާގައި (ހ) ގައި ބުނަނީ ސިފައިންގެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދިވެހި ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ވާހަކަ ކަމަށެވެ.


މި ގޮތަށް ބުރަވެ، ދިފާއީ ބާރުން ކޮށްފައިވާ އަމަލާ މެދު ޝަރުއީ މަރުހަލާއިން ނިންމާފައި ވަނީ ޔާމީން ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ކަމަށް ދޭހަކޮށްދޭން ދައުލަތުން މަސައްކަތް ކުރާއިރު މީހަކަށް ހިމާޔަތްދީ ރައްކާތެރިކަން ދިނުމަކީ މީހަކަށް ގާނޫނުން ލިބިދޭ މިނިވަންކަމާ އެކު އަމިއްލަ އިހުތިޔާރުގައި ގައިދެއް ނެތި އުޅެވުމެވެ. އަމިއްލަ އިހުތިޔާރު ނެތް ގޮތުގައި ވަކި ބައެއްގެ ބާރުގެ ދަށުގައި ގާނޫނު ކަށަވަރުކޮށްދޭ އިހުތިޔާރީ މިނިވަންކަން ގެއްލި ދިއުމަކީ "ރައްކާތެރިކަމާއި ހިމާޔަތުގެ" މާނަ ފުށު އަރައިގެންދާ ކަމެއް ކަމަށެވެ. އެހެންކަމުން ޝަރީއަތުގެ މި ނިންމުމުން ކަށަވަރު ވަނީ ޔާމީނަށް ދިންފަދަ "ހިމާޔަތެއް" ދިނުމަކީ ގާނޫނު އަސާސީން ދޭ ހައްގުތަކަކުން މަހުރޫމްވާ ކަމެއް ކަމާއި ވަކިތަނެއްގައި އެ ހައްގުތަކުން މަހުރޫމުވާ ގޮތަށް އެކަހެރި ކުރުމަކީ ގާނޫނު އަސާސީގެ 105 ވަނަ މާއްގެ (ށ) އާއި 243 ވަނަ މާއްދާގެ އާއި ސިފައިންގެ ގާނޫނުގެ ހަތްވަނަ އަދި އަށް ވަނަ މާއްދާ އިން ބާރު ލިބިގެން ގައުމީ ދިފާއީ ބާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި ޝަރީއަތުން ކަށަވަރުކޮށްދޭ އަނެއް ގާނޫނީ މަސްދަރަކީ ގާނޫނު އަސާސީ ބަޔާންކުރާ އެއްވެސް ހައްގެއް، މިނިވަން ކަމެއް، އެކަމަކަށް އުނިކަމެއް ލިބޭނެ އަމަލެއް ކުރުމާއި އެފަދަ ކަމެއްގައި ބައިވެރިވުމުގެ ހައްގު މީހަކަށް ވެސް ބަޔަކަށް ވެސް ދައުލަތަށް ވެސް ލިބޭ ގޮތަށް ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއް ތަރުޖަމާ ނުކުރެވޭނެ ކަމެވެ. އެހެން ކަމުން މިއީ ގައުމީ ދިފާއީ ބާރުން ދިން "ހިމާޔަތު"ގެ މާނަ އޮޅުން ފިލުވައިދިން ހުކުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް