ސަރުކާރުން އާސަންދަ ކުންފުންޏަށް ފައިސާ ނުދައްކާތާ ފަސް މަސް!

އާސަންދަ ކުންފުނީގެ އެގްރިމަންޓްގެ ދަށުން ސަރުކާރަށް ލިބެންޖެހޭ ފައިސާ ނުލިބޭތާ ފަސް މަސްދުވަސްވެ އެ ކުންފުނީގެ ބިލްތައް ދެއްކުމަށް ވަރަށް ބޮޑަށް ތާށިވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހަންމަދު ޝަފާޒް، ސަން އޮންލައިން އަށް މިއަދު ވިދާޅުވީ މިދިޔަ މާޗް މަހުން ފެށިގެން ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ހަދަން ޖެހޭ ޕޭމަންޓްތައް ހަދާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުނިން ހަދަންޖެހޭ ޕޭމަންޓްތައް ނެހެދި ގިނަ ބިލްތަކެއް ފައިސާ ނުދައްކާ ފުނިޖެހިފައިވާ ކަމަށް ޝަފާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިތުރަށް އެއްޗެއް ހޯދާކަށް ނުބުނަން، ކޮންޓްރެކްޓްގެ ދަށުން ސަރުކާރުން ދޭންޖެހޭ ވަރު ދޭން އަޅުގަނޑުމެން މި ބުނަނީ، މިދިޔަ ފެބްރުއަރީ މަހާ ހިސާބަށް އެކަނި ސަރުކާރުން ބަރާބަރަށް ދޭންޖެހޭ ފައިސާ މިދެނީ، އެހެންވީމަ ފަސް މަސް ދުވަސް މި އޮތީ ފައިސާ ނުލިބި،" ޝަފާޒު ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއްނުވި އެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ފައިސާ ދައްކަމުން ދަނީ އަތުގައި ހުރި ފައިސާއިން ކަމަށާއި ފައިސާ ދައްކަނީ ޕްރައިވެޓް ތަންތަނާއި އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ބިލުތަކަށް ކަމަށެވެ. އަދި ވިދާޅުވީ އެގޮތައް ފައިސާ ނުލިބި ގިނަ ދުވަސް ވާނަ އާސަންދަ ކުންފުނީގެ ފައިސާ ހުސްވެދާނެ ކަމުގެ ބުރުހީވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާހަކަ ވެސް ދައްކައިފިން، އެބޭފުޅުން ވިދާޅުވަނީ ދެއްވާނެ ކަމަށް، އެކަމަކު މި ގޮތަށް ފައިސާ ނުލިބި ގިނަދުވަސް ވާނަމަ މީގެ ސަބަބުން ގިނަ މައްސަލަތަކެއް ނުކުމެދާނެ،" ޝަފާޒު ވިދާޅުވި އެވެ.

މިއަހަރުގެ ޖެނުއަރީގައި ފެއްޓި އާސަންދަ ސްކީމަކީ އަކީ ދައުލަތުގެ ބަޖެޓުން 720 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެލައިޑް އިންސުއަރެންސާ އެކު ކުރާ އެގްރިމަންޓެއްގެ ދަށުން ކުރިއަށް ގެންދާ ނިޒާމެކެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ ޕްރައިވެޓް ކްލިނިކްތަކަށްވެސް އާސަންދައިގެ ހިދުމަތް ދޭގޮތަށެވެ. އަދި ސްކީމް އިތުރަށް ކުރިއަށް ގެންދިޔުމަށް 200 މިލިއަން ރުފިޔާ ދޭގޮތަށް ވެސް ސަރުކާރުން ވަނީ މީގެ ކުރިން އެއްބަސްވެފަ އެވެ.

ސަރުކާރުން ފައިސާ ނުދޭކަމަށް ބުނާ މައްސަލައިގައި އެންސްޕާގެ ބަހެއް މިއަދު ވަނީ ލިބޭގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު