ކާޑުން ކުރާ ވިޔަފާރީގެ ފައިސާ، ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި

ކާޑް ބޭނުން ކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުން ކުރާ ވިޔަފާރިތަކުން ހަރަދުވާ ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފި އެވެ.

ދިވެހި ބޭންކުން ބުނީ ރޯދަ މަސް ނިމެންދެން ކުރިޔަށް ގެންދާ ބީއެމްއެލް ރޯދަ ޕްރޮމޯޝަންގައި ހަތް ލައްކަ ރުފިޔާ އިނާމް ހުށައަޅަފައިވާ ކަމަށެވެ. ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑް ބޭނުންކޮށްގެން ބީއެމްއެލްގެ ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރޭގައި ކޮންމެ ހަފުތާއަކު ގުރުއަތު ނެގުން އޮންނާނެ ކަމަށާއި ހަފުތާގެ ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އެ ހަފުތާގައި އެ ފަރާތަކުން ކާޑުން ވިޔަފާރި ކުރަން ހޭދަކުރި ފައިސާ އެކައުންޓަށް ޖަމާކޮށްދެ އެވެ.

ބީއެމްއެލްއިން ބުނީ ހަފުތާގެ ގުރުއަތުން ހޮވޭ ފަރާތަކަށް ގިނަވެގެން ޖަމާ ކޮށްދެވޭނީ 50،000ރ. ކަމަށާއި މުޅި ރޯދަ މަހު ޑެބިޓް ކާޑާއި ކްރެޑިޓް ކާޑްން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭފަރާތަށް، ކާޑުން ކުރި ހުރިހާ ވިޔަފާރިއަށް ހޭދަވި ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ. ނަމަވެސް އެގޮތަށް ޖަމާކޮށްދޭނީ ގިނަ ވެގެންގެން 100،000ރ. ކަމަށެވެ.

ބީއެމްއެލްއިން ރޯދަ މަހަށް ހާއްސަކޮށްގެން ރޯދަ ޕްރޮމޯޝަން ފަށާފައިވާއިރު އެ ބޭންކުންވަނީ ރޯދަމަހާ ދިމާކޮށް އޭޓީއެމްތަކުން ފައިސާ ނެގޭ މިންވަރު ވެސް އިތުރުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު