މާފަށްވުރެ ދުރުގައި

18 ޖުލައި 2012 އާ ގުޅޭ

އެއާއިއެކު މައިރާއަށް ތަންކޮޅެއް ބާރަށް ހަޅޭއްލަވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އޭރުއެވަގުތު އެލޮލުން ފެނުނު ސިހުމާއި ބިރުވެރިކަން ރެޔާންގެ ސިކުނޑީގައިވިހާ މަސްތުކަމެއް ފިލުވާ މައިރާއާއިމެދު ހިތް ހަމްދަރުދީއިން ފުރުވައިފިއެވެ. އޭނަ ޖެހޭނީ މައިރާގެ ލޯބީގެ ހައްގުގައި ކެތްކުރުމަށެވެ. އަނެކާގެ އެދުމަށް އިހުތިރާމްކުރުމަކީ ލޯބީގެ ބަޔެކެވެ.ވަގުތީ އުފަލަށްޓަކައި ލޯބިވެރިޔާ ފޭރުމަކީ އޭނަ ކުރާނެކަމެއް ނޫނެވެ.
"ހަމަޖެހިބަލަ… ހާދަ ބިރެކޭ ތިގަންނަނީ… މިހާރަކު ނުކެރޭނެ ތި ބިރު ފިލުވާލަން ޓްރައިއެއްކޮށްލާކަށްވެސް…ބޭނުމެއްނޫން މި ރީތި ދެލޮލުން ސިހުން ދެކެން... އުފާވެރިކަމުގެ އިންތިހާ ދެކެން ބޭނުމީ..މި އިންތިޒާރުކުރަނީ އެވަރަށް އުފާކޮށްދެވޭނެ ދުވަހަކަށް..." ރެޔާން މައިރާގެ އޮމާން ކޯތާފަތުގައި ބޮސްދެމުން ލޯބިވާ ވާހަކަ ބުނެދީފައި މާފަށް އެދުނު ވަގުތު ކޮންމެވެސް މީހަކު ބާރަށް ދޮރުގައި ތަޅައިގަތެވެ. ރެޔާންގެ ސިކުނޑީގެ ކަނަކުން އިންޒާރުކުރިއެވެ. އަނެއްކާ ޝަމާއިލް ހެއްޔެވެ؟ ނޫނީ ސުލްތާނާ ބޮޑުދައިތަހެއްޔެވެ؟ ކޮންމެމީހަކަށް ވި ނަމަވެސް ދަންވަރު މިވަގުތު ކޮޓަރި ތަޅުލައިގެން ތިބުމުން ސުވާލުއުފެދޭނެކަން ރެޔާންއަށް ގައިމުވި ނަމަވެސް ފިނޑިވެގެން ފަހަތަށް ޖެހޭކަށް ބޭނުމެއްނުވެ ވަގުތުން ގޮސް ދޮރުހުޅުވާލައިފި އެވެ. ދޮރުމަތީގައި މޫނުފޮރުވައިގެންހުރި އަންހެނަކު ހުރިތަން ފެނުމުން ރެޔާން ސުވާލުގެ ނަޒަރަކުން ބަލާލީ މައިރާއަށެވެ. ގޭގައި ގެންގުޅޭ ނޯކަރުންނަށްވެސް މިގޭގައި މިފަދަ އިމްތިޔާޒުތައް ލިބިފައިވަނީހެއްޔެވެ؟
"މޯނީ އާންޓީ ކިހިނެއްވީތަ؟" މައިރާ ކުއިލްޓްގައިގާ އޮޅާލައިގެން ހުރެ ދޮރަމައްޗަށް ނިކުތެވެ.
"ދަރިފުޅާ... ތިއީ ރަގަޅުކަމެއް ނޫން... މާމަ ވަނީ ތިކަންތައް މަނާކުރައްވާފައެއްނު..." މޯނާ ވާހަކަދެއްކިއިރު ނޯކަރަކަށްވުރެ ސާހިބެއްފަދައެވެ. ނަމަވެސް ރެޔާން އެއްޗެކޭ ބުނާކަށް ބޭނުމެއްނުވިއެވެ. އޭނަ ގެ މަންމަ އޮންނަނީ ގޭގައި ގެންގުޅޭ މީހުންނާއި ވާހަކަދެއްކުން މަނާކޮށްފައެއެވެ. އެހެންނޫނަސް އޭނަ އެދެއްކީ މާމަ ހަމަޖައްސާފައިވާ ގާނޫނެއްގެ ވާހަކަކަން ނޭގެއެވެ.
"ފިރިހެންކުދިން ކޮޓަރިއަށް ވަނުން މަނާ ވާހަކަ އެއްނު އާންޓީ ތިބުނީ... އެކަމަކު މިއީ ތިމާގެ ކުއްޖެކޭ... އަހަރެމެން އާއަހަރު ފާހަގަކޮށްލަން ކޭކެއް ފަޅާލީ... ދެން މާމަ ގާތު ނުބުނައްޗޭ... މާމަ ވަރަށް ހާސްވާނެކަން ޔަގީން..."މައިރާ ކުޑަ ހިނިތުންވުމަކާއިއެކު އެހެން ބުނެލިއިރު ރެޔާން ސިޑިއާއި ދިމާލަށް ހިގައިގެންފިއެވެ. ރެޔާން ގެ ފަހަތުން މައިރާ ދުވަމުން އައިއިރު މޯނާ އެއްފަރާތެއްގައި އެމަންޒަރު ދެކެން ހުއްޓެވެ. ރެޔާން ހުރީ އެކަމާހިތްހަމަނުޖެހިފައެވެ. އެގޮތަށް މޫނު ފޮރުވައިގެން ހުރުމުން ނުބައި މީހެއްކަމަށް ޝައްކު ނުކުރެވޭހޭ އަހާލުމުން މައިރާގެ ހިތް ފުރަތަމަ ފަހަރަށް މޯނާއާއިމެދު ގޯސްވިއެވެ. އެސިޑުން ފިހިފައިވާ ކަމަށް ބުނެ ނިވާކޮށްފައިވާ މޫނު ދެކެލަން ބޭނުންވިއެވެ. ދެ ޒުވާނުން ފެންޑާގައި އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު ރެޔާން މައިރާގެ ކޮލުގައި ބޮސްދީފައި ދާން ހިގައިގަތުމުން މައިރާގެ ހިތަށް އެކަނިވެރިކަން އިހުސާސްކުރެވުނެވެ.

އައިޒާން ހަވީރުގެ ވަގުތުތައް ރާޅާއެޅުމުގައި ވޭތުކުރިއިރު ދެނެފަރިތަ ޒުވާނުން ވެސް ތިއްބެވެ. އާމޫނުތައް ހިމެނުނެވެ. މާބޮޑަށް ގުޅިގެން އެކުވެރިކޮށް ނޫޅުނަސް އެންމެން އެކީގައި ކޮފީއަކަށް ދާވަރަށް އެކުވެރިވެވިއްޖެއެވެ. އައިޒާންގެ އެ ނޫނީ އެވަރަށްވެސް ދަންނަ ބަޔަކު ނޫޅެއެވެ. އޭނައަކީ ކާކުކަން އަންގައިގެންއުޅޭފަދަ ގޮތެއް އައިޒާންގެ ނުހުރެއެވެ. އޭނަގެ އެކުވެރިންގެތެރޭގައި އޭނަ މަޝްހޫރުވެފައިވަނީ ޒާން ގެ ނަމުންނެވެ. ފުރިހަމަ ނަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ. އައިޒާން މިހާރު އަމުދުން ގެއަށް ވަދެލާހިތެއް ނުވެއެވެ. މަސާޖްޕާލާގައި ތިބޭ އަންހެނުން އޭނަގެ ދޮންބައްޕައާއި އެކީގައި ކޮޓަރިން ފެންނަން ހިސާބަށް އަންނަން ފެށުމުން މާބޮޑަށް އުނދަގޫވީއެވެ. މަންމަ ގިނަ ވަގުތު އޮންނަނީ ކޮޓަރީގައި އޮށޯވެލައިގެންނެވެ. ކިތަންމެ ވަރަކަށް އެ ނުރުހެވޭ މަންޒަރުތައް ނުދެކެން ހުއްޓަސް ކުރިމަތިން ފެންނަން ފެށުމުން އައިޒާންގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. ވަންނާނެ ތަނެއްހުރިނަމަ އޭނަ މިފަދަ ފާފަވެރި މާހައުލެއްގައި ހިނދުކޮޅަކު ވެސް ކެތެއްނުކުރީހެވެ.

އައިޒާން މަންމަ އަތަށް ތަދުވެގެން އުޅޭތީ ފުށްގަނޑު މޮޑެދިނެވެ. އެމަސައްކަތުގައި އުޅެނިކޮށް ނޭޕާލުގެ ދޮން އަންހެންކުއްޖަކު އައިގޮތަށް ސޯފާގައި އިނދެ މަންމަގާތުން ދުފަންފަށައިފި އެވެ. އައިޒާންހުރީ ދަތްކުނޑިވިކާލައިގެންނެވެ. މަންމަމެން އެމީހުން މިހާ ގާތްކޮށްލައިގެން ވިޔާނުދާ އަމަލުތައް ހިންގުވާއިރު ހެއްދެވި ފަރާތްމަތިން ހަނދާން ނުވަނީހެއްޔެވެ؟
"މަންމާ...ރޭގައިވެސް ދޮންބައްޕަ ގެ ކޮޓަރީގައި އެއިން މީހަކުއިން... މަންމަ އެއްޗެކޭ ނުބުނަނީ ކީއްވެތަ..." އައިޒާން ފްރިޖު ހުޅުވާލާފައި ފެންފުޅިއެއް ނަގާފައި ކަރުތެރެއަށް އޮއްސާލީ ރުޅި ފިނިކުރުމަށެވެ.
"އެމީހުން ނުކުރާނެ ނުބައިކަމެއް...ދޮންބައްޕަ މަސައްކަތުގައި އުޅެފައި އެތަންމިތާ ރިއްސާތީ މަސާޖްކޮށްލަދޭން އެއަންނަނީ މަންމަ ބުނެގެން... ދަރިފުޅަށް ކުށްހީއެއްކުރެވިގެން ތިއުޅެނީ..." ސަމީނާ އެހެން ބުނެ ނުނިމެނީސް ހަމީދު ކޮޓަރިތެރެއިން ނުކުމެގެން އައިގޮތަށް ހަޅޭއްލަވައިގަތެވެ.
"އާން ކަލޭ ތީ މަލާއިކަތެއް... ކަލޭ ދުވަހަކު އަންހެނަކާއި ވާހަކަނުދައްކާނެ... މަގޭ ދެލޮލުން ކިތައްފަހަރު ފެނުނީ ކަލޭ ނީލާގެ ކޮޓަރިން ނުކުމެގެން އަންނަނިކޮށް... ދުވަސްކޮޅަކުން އަދި މިހިސާބުގައި އޮންނާނެ މިވާހަކަ... ނުބައި ކަމެއްކުރާއިރު ބޭޒާރު ނުވާނެކަމަށް ހީކޮށްގެން ހުންނާނެ އަދި ނިކަން... އަދި ކަމާއިބެހޭ ފަރާތަށް މިކަންތައް ރަސްމީކޮށް ހުށަހަޅާނަން..." ހަމީދުގެ ވާހަކަތަކުން އައިޒާން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ހަމީދުގެ ނުބައިކަން އޭނަ އަބަދު ދަނެއެވެ. ނަމަވެސް މިހާ ބޮޑު ދޮގެއް ހަދާ މިވަރުގެ އިލްޒާމެއް އަޅުވަފާނެކަމަކަށް ހިޔެއްނުކުރެއެވެ. ލިބުނު ހައިރާންކަމުގައި ބުދެއްހެން ހުއްޓުން އަރާ އެވަގުތު ސިކުނޑި މަސައްކަތެއްނުކޮށް ހުއްޓާލިހެން ހީވިއެވެ.
"އަހަރެން ނޫޅެން ތިހާ ގޮތެއް ނެތްމީހަކާއި ވާހަކަދައްކާކަށް..."އިރުކޮޅެއްފަހުން އައިޒާން އެތިފަހަރެއްވީއްލާލީ ފާރަށެވެ. ސަމީނާ އިނީ ހަމީދު އެ ބުނިވާހަކައަކުން އަނގަ ސަކަރާތްވެފަ އެވެ.
"ހޫމް... ކަލޭގެ ދަރި އެހުރިހާ ކަމެއްކުރީ... އެއްބަސްނުވާނެ..." ހަމީދު އަނެއްކާ ކޮޓަރިއަށްވަދެ ދޮރުލެއްޕީ އައިޒާން އެވަގުތު ބަލާލިގޮތުން ބިރުންނެވެ. އައިޒާންގެ ލޮލުގައި ހުންނަ ބާރާއި ތޫނުކަން އެކަނިވެސް ހަމީދު ސިއްސުވާލަ އެވެ. އެލޮލާއި ދިމާލަށް ބެލުމަށް ހަމީދު ޖެހިލުންވެއެވެ. އައިޒާން އޭނަގެ މަންމަގާތުގައި ހަމީދު ދެއްކީ ދޮގު ވާހަކަތަކެއްކަން ޔަގީންކޮށްދޭން އެއްޗެކޭ ބުނަން އުޅުނުތަނުން ދަލޭކަ ކަރުކެހިލާފައި އޭނަ އައިކަން އަންގާލައިފިއެވެ. ރަނގަޅަށް ވިއްޔާ އޭނަ ހުންނާނީ ދޮރު ބުޑުގައި އައިޒާންމެން ދެއްކި ވާހަކަތައް އަޑުއަހައިގެންނެވެ. ދަލޭކަ އައިޒާންއަށް ބަލާލިގޮތުން ރުޅިގަދަވަގެން އައިޒާން ފެންފުޅި ހިފައިގެން ނުކުތީ މަގަށެވެ. އަނިދިރިވެފައިވާ ގޯޅިގަޑުތެރޭގައި ފާރަށް ލެގިލައިގެން ހުރިއިރު އަމިއްލަ ބާރެއްނެތްކަމާއި ނިކަމެތިކަންވެސް ތަސައްވަރުކުރެވުނެވެ. ދަލޭކައަށް އެނގިއްޖެ ވާހަކައެއް މުޅި ހިސާބުގައި ފެތުރޭނެ އެވެ.
އައިޒާން ފެންފުޅި މޫނަށާއި ބޮލަށް އޮއްސާލުމަށްފަހު އަތުތެރޭގައި ލާ ފުޅިފަށްކޮށްލުމަށްފަހު ދުރަށް އެއްލާލިވަގުތު އޭނަގެ މޫނުމަތީގައިވީ ހިތާމަވެރި އަސަރުތަކެވެ. ވަޒީފާއެއް ލިބުނަސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ ކީއްވެއްހެޔެވެ؟ މައިރާގެ ޚަބަރެއްވެސް ނުވިއެވެ. އޭނަ ފަދަ ބަދުނަސީބު އިންސާނަކު މި ދުނިޔޭގައިވެދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ރެޔާން ބޮޑުކޮޓަރިއަށް ވަންއިރު މަންމައާއި ބައްޕަ އަދި ފަރުޒާން ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. ރެޔާން ފެނުމުން ބައްޕަ ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުނުމުން ރެޔާން ހަމަޖެހިލައިގެން ސޯފާގައި އިށީދެއްޖެއެވެ. ރެޔާން ހީކުރީ އޮފީސް ވާހަކައެއް ނޫނީ ގޭގެ ވާހަކައެއް ދައްކަވަންކަމަށެވެ. މިވަގުތު ވަރުބަލިވެ ވާހަކަ ދައްކާ ހިތްވާފަދަ މޫޑެއްގައި ނެތްނަމަވެސް އޭނަ ކެތްތެރިވަމުން ބައްޕައަށް އިހުތިރާމްކުރުމުގެ ގޮތުން މަޑުކޮށްލީ އެވެ.
"ރެޔާން... މަންމަގާތުގައި މީހަކު ބުނެފި ރެޔާން ނާސި އަންހެނެއްގެ ދަރިއަކާއި ރައްޓެހިވެގެން އެގެއަށް ދާކަމަށް... އޭނައަށް އޮފީހުން ވަޒީފާދީ އަދި އެޕާޓްމެންޓެއްދޭން އުޅޭކަމަށް... އެއްގޮތަކަށްވެސް މަންމަމެން ހިތްހަމަޖެހޭކަމެއް ނޫން... އެ މީހަކާއި ބައްދަލުކުރާކަށް ވެސް ނުޖެހޭނެ... ރެޔާންވެސް ހަލާކުވެ ނިމިގެން ހިގައިދާނެ..." ޒިޔާމާ، ޑޮކްޓަ ފައިސަލްއަށް ވުރެ ކުރިން ފުދޭވަރަކަށް ހަރުކަށިކޮށް ބުނެލިއެވެ. ރެޔާން ލަސްލަހުން ސޯފާއިން ތެދުވުނުއިރު އޭނަގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނެއެވެ. ރެޔާން ހީކުރީ އޭނަގެ ބޭބެ ފަރުޒާން ދައްކައިގެން އުޅޭ ވާހަކައެއްކަމުގަ އެވެ.
"މަންމާ... އެއީ ފިރިހެނެއް... އަންހެންކުއްޖެއް ނޫން..." ރެޔާން ރުޅި އިސްނުކުރަން މަސައްކަތްކުރި އެވެ.
"ތިކަން އެގޭ... ފިރިހެނަކަށް ވިޔަސް އެކަހަލަ ބަޔަކާއި ރެޔާން ގުޅިގެން އުޅުނީމަ މީހުން އެވާހަކަދައްކާނެ... އެ ސަމީނާ އަކީ އެހިސާބަށް މަޝްހޫރު މީހެއް... އޭނަގެ އަންހެންދަރިފުޅު މަރުވީ ސަބަބު ތިބުނާ އެކުވެރިޔާ ކާރިން އަހާބަލަ... އޭނަ ކީއްކޮށްގެންހެއްޔޭ ކޮއްކޮ މަރުވީ ނިކަން އަހާބަލަ... އޭރުން އެގިދާނެ ތިބުނާ އެކުވެރިޔާގެ ފެންވަރު..."ޒިޔާމާގެ ވާހަކަތަކުން ރެޔާން ގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. އޭނަގެ ދިރިއުޅުން މައިންބަފައިން ބައްޓަން ކުރިޔަސް މިގޮތަށް އޭނަގެ އެކުވެރިންނާއި ޒާތީކަންތައްތަކަށް ނުފޫޒު ފޯރުވުމަކީ އޭނައަށް ކެތްކުރެވޭނެކަމެއް ނޫނެވެ.
"އަޅުގަނޑަށް ހެޔޮ އެއީ ކޮންމެފަދަ މީހަކަށް ވިޔަސް... އެއީ އެމީހެއްގެ ޒާތީ މައްސަލައެއް... އެއީ އަޅުގަނޑުގެ ސްޓާފެއް... މަންމަމެން މިކަމުގެ ތެރެއަށް ނުވެންނެވިއްޔާ އަޅުގަނޑަށް ރަނގަޅީ..." ރެޔާން ކިތަންމެ މަޑުން ވާހަކަ ދެއްކިޔަސް އެ އަޑުގައި ހަރުކަށިކަމެއްހުއްޓެވެ. މިއަދު ކަމަކާއި ނުލައި ރުޅިގަދަވެގެން އޭނައަށް ދެއްކޭ ނުދެއްކޭ ވާހަކައެއް ވެސް ނޭގެއެވެ.
"ރެޔާން... ތިގޮތަށް މަންމައާއި ވާހަކަދައްކައިގެން ނުވާނެ... މަންމައަކީ ބަލިމީހެއްކަން ނޭގޭތަ؟" ރެޔާން ގެ ވާހަކަ ހުރިގޮތުން ފައިސަލް ރުޅިދުރުވެ ވަގުތުން ސޯފާއިން ތެދުވެންނެވިއެވެ. ރެޔާންއަކަށް އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ޒިޔާމާ ރޯން ފަށައިފިއެވެ. ރެޔާން ބާރުބާރަށް ހިނގާފައި ގޮސް ސިޑިން އަރައިގެން ދިޔައީ އޭނަގެ ކޮޓަރިއަށެވެ.

ޒިޔާމާ ކޮޓަރިއަށް ވަދެ އެނދުގައި އިށީންގޮތަށް މާ ބާރަށް ރޮއިގަނެވިއްޖެއެވެ. އޭނަގެ ދިރިއުޅުމުގައި އެއްވެސް އުފަލެއް ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ ފިރިމީހާއަކީ ގަދަރުވެރި ޑޮކްޓަރެކެވެ. ރީތިކަމާއި ފުރިހަމަކަން ހުސްކޮށްލާފައިވާ ދެފިރިހެން ދަރިން ލިބިފައިވެއެވެ. ނަމަވެސް އަބަދު ހުރެވެނީ ފިކުރެއްގައެވެ. ބޭސްކެޔަސް ރަގަޅެއްނުވެއެވެ. ދާއިމަށް ބޭސްކައިކައި އޭނަ ވަރުބަލިވާގޮތްވެއްޖެއެވެ. މި މައްސަލަ ފުރަތަމަ ޖެހުނީ ފަރުޒާންއަށް ބަލިވެއިން ދުވަސްވަރުއެވެ. އޭރު ޒިޔާމާ އެއްގޮތަކަށްވެސް ކުއްޖެއް ހޯދާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް ފައިސަލް އެއްގޮތަކަށްވެސް ދަރިފުޅު ވައްޓާލާކަށް ހުއްދައެއްނުދިނެވެ. އެކަމުގެ ސަބަބުން ޒިޔާމާގެ ސިކުނޑިއަށް ވަރަށް އަސަރުކޮށް މައްސަލަތައް ދިމާވިއެވެ. ފަރުޒާން ލިބުމުން ނަސީބަކުން އެކަންތައްގަނޑުން ސަލާމަތްވިއެވެ. އެކަމަކު ރެޔާން އަށް ބަލިވެއިންފަހަރު އެއްމާބަނޑު ދެކުދިންކަން އެނގުމުން ޒިޔާމާ މޮޔަނުވީ ކިރިޔާއެވެ. ޒިޔާމާއަކީ ހަށިގަނޑު ރީތިކޮށް ބަހައްޓަން އެހާ ސަމާލުކަން ދިން އަންހެންކުއްޖެކެވެ. ދެކުދިން އެއްފަހަރާ އޭނައަށް ބެލިދާނެހެއްޔެވެ؟ އެއްކުއްޖަކު އެހާ ސިޔާސައިރު ތިންކުދިން ބެލުމަކީ އޭނައަށް ކުރެވޭނެކަމެއް ނޫނެވެ. ޒިޔާމާ އެފަހަރު މާބޮޑަށް ޑިޕްރެޝަންއަށް ދިޔައެވެ. ދެކުދިން ލިބުމަށްފަހު އެއްކުއްޖަކު މަރުވުމުން އާއިލާގެ އެންމެން ހިތާމަކޮށް ރުއިއިރު ޒިޔާމާ ހުރީ ހިމޭނުންނެވެ. އޭނަ ވަނީ ވަރަށް ބޮޑު ފާފައެއްކޮށްފައެވެ. ނަމަވެސް އެ ފާފައިގެ ވާހަކަ އެއްވެސް މީހެއްގެ ގާތު މިވީހާތަނަށް އޭނަ ބުނެފައެއްނެތެވެ. އެކަން ދެނެހުރީ އެންމެ މީހެކެވެ. އެއީ ކާކުކަމެއް ކޮންތާކު ހުރި މީހެއްކަމެއްވެސް ނޭގެއެވެ. ކޮންމެވެސް ދުވަހެއްގައި އެމީހަކު އޭނަގެ ދިރިއުޅުމަށް ފުންމާލަފާނެތީ ޒިޔާމާ ބިރުގަނެއެވެ. އޭރުން ބޭޒާރުވާނެއެވެ. ނަމަވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބިގެން އުޅެނީ ކީއްވެހެއްޔެވެ؟
މުއްސަނދިކަމާއި ހުރިހާ ނިއުމަތެއް ވަށާލާފައިވާއިރުވެސް ރޫހާނީ ހިތްހަމަޖެހުމެއް ނުލިބެއެވެ. ޒިޔާމާއަށް ވެގެން އުޅޭގޮތް އެގިއްޖެއެވެ. އޭނަ އެއްވެސް ވަރަކަށް ހެއްދެވިފަރާތް މަތިން ހަނދާންކޮށް، ދެއްވި ނިއުމަތަށް ޝުކުރުކޮށް ނޫޅެއެވެ. އެހާވެސް ދީނާއި ދުރެވެ. ދަރިންނަށްވެސް ދީނީ ތައުލީމު ރަގަޅަކަށް ނުދެވުނެވެ. ފަރުޒާން އާއި ރެޔާންގެ އަޚުލާގު ކިތަންމެ ރަގަޅުވިކަމުގައިވިޔަސް އެކުދިންވެސް މިސްކިތަށް ވަދެލާކަމެއް ނޭގެއެވެ. އޭނަ މިވީ ހާދަ ނުބައި އަންހެނަކަށެވެ. ނުބައި މަންމައަކަށެވެ. ނުބައި މައިދައިތައަކަށެވެ. އަޔާނާ ފަދަ އަޚުލާގު ރަނގަޅު، މަލެއްފަދަ ކުއްޖަކާއިމެދު ވެސް ކަންތައް ކުރެވެނީ އެހާ ނުބައިކޮށެވެ. ފަރުޒާންވެސް ހާދަ ދެރަވާނެއެވެ. ނަމަވެސް ފަރުޒާނު ގެ ރަގަޅުކަމާއި މަންމައަށް ކުރާ އިހިތުރާމުގެ ސަބަބުން ހުރިހާކަމެއް ނުފެންނަކަމަށް ހަދައިގެން ހުންނަނީއެވެ. ޒިޔާމާ ރޮއިރޮއިފާ ވުޟޫކޮށްލައިގެން މުސައްލަމަތީގައި އިށީދެ ނަމާދުކުރަންފެށިއެވެ. ތައުބާވެގެން ނޫނީ އެހިތަށް ދެން ހަމަޖެހުމެއް ނުލިބޭނެ އެވެ.

ޝަމާއިލް އެގޭގެ ފެންޑާއަށް އެރީ އެއްގޮތަކަށް ވެސް އެފަދަ މަންޒަރެއް ފެނިދާނެކަމަކަށް ނޫނެވެ. ޝަމާއިލްގެ ފިޔަވަޅުތައް ގަނޑުވިއެވެ. ފެނުނު މަންޒަރެއްގެ ބޮޑުކަމުން ގަބޫލުކުރަން ދަތިވެފައި ހުރިއިރު އޭނަގެ މޫނަށް ރަތްކުލަވެރިވެގެން ދިޔައެވެ. ނުރުހެވޭކަމެއް ވީމަ ދެލޯމަރާލާފައި ނުފެންނަކަމަށް ހަދާފައި ދާން ހިގައިގަތްނަމަވެސް ހިތުން ފިލުވައެއްނުލެވޭނެކަން ޝަމާއިލްއަށް އެގުނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު