ނަޝީދަށް ބައިވެރިނުވެވޭ އިންތިހާބެއްގައި އެމްޑީޕީން ބައިވެރިނުވުމަށް އިގުރާރުވެއްޖެ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިނުގެންނެވޭ ރިޔާސީ އިންތިހާބެއްގައި އެމްޑީޕީން ބައިވެރިނުވާނެ އެ ޕާޓީގެ ގައުމީ މަޖިލީހުހުން އިގުރާރުވެއްޖެ އެވެ.

އެމްޑީޕީން މިރޭ އުސްފަސްގަނޑުގައި ބޭއްވި އެ ޕާޓިގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް އެގޮތަށް އިގުރާރުވީ ގައުމީ މަޖިލީހަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ހުށަހެޅި ގަރާރާ ފާސްވުމުންނެވެ. އެ ގަރާރު ފާސްވީ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 66 މެންބަރުން އިއްތިފާގުންނެވެ.

ގާރާރު ހުށަހަޅުއްވަމުން ހާމިދު ވިދާޅުރީ ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެއްދުމަށްޓަކައި ސިޔާސީ މަގުސަދެއްގައި އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ދައުވާއެއް އުފުލާފައި ވަނީ އިންތިހާބުކޮށްފައިވާ ވެރިޔާ މަގާމުން ދުރުކުރުމަށް ފަހު ކަމަށެވެ. އަދި ރައީސް ނަޝީދު މަގާމުން ދުރުކުރީ އެމްޑީޕީން ފެށި އިންސާފުގެ ދަތުރާ ގުޅިގެން ކަމަށް ވެސް ހާމިދު ތުހުމަތު ކުރެެއްވެވި އެވެ.

"ރާއްޖޭގެ ކޯޓްތަކަށް ބަލާ އިރު، ސިޔާސީ މަގުސަދުގައި ހުށަހެޅޭ މައްސަލަތައް ނިމޭއިރު އޭގެ ހަމައެކަނި ބޭނުމަކީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މި އިންތިހާބުގައި ބައިވެރިނުވެވުން ކަމަށްވާ ހިނދު، މި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގ. ކެނެރީގެ ރައީސް މުހައްމަދު ނަޝީދަށް ބައިވެރިނުވެވޭ އިންތިހާބެއްގައި މި ޕާޓީން ބައިވެރިނުވާނެ ކަމަށް އިގުރާރު ވަމެވެ،" ގަރާރު ހުށަހަޅުއްވަމުން ހާމިދު ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ އިއްތިފާގުން އެ ގަރާރު ފާސްކުރީ ބަހުސް ކުރުމަކާ ނުލަ އެވެ. ގަރާރަށް ބަހުސް ނުކުރުމަށް ނިންމީ މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު ނާޒިމް ހުށަހަޅުއްވި ހުށަހެޅުމަށް ގައުމީ މަޖިލީހުގެ 63 މެންބަރުންގެ އަގުލަބިއްޔަތު ލިބުމުންނެވެ.

މިރޭގެ ގައުމީ މަޖިލީހަށް ވަނީ އިތުރު ގަރާރާރެއް ވެސް ހުށަހަޅުއްވާފަ އެވެ. އެއީ ވެސް ރައީސް ނަޝިދުގެ މައްޗަށް އުފުލަން އުޅޭ ދައުވާއާ ގުޅިގެން މަޑަވެލި ނާޒިމް ހުށަހަޅުއްވި ގަރާރެކެވެ.

ގަރާރަށް ބަހުސް ކުރައްވަމުން ރައީސް ނަޝީދުގެ ސަރުކާރުގެ ދާހިލީ ވަޒީރު ހަސަން އަފީފު ވިދާޅުވީ ރައީސް ނަޝިދަށް ބައިވެރިނުވެވޭ ރިޔާސީ އިންތިހާބެއް ނުބޭއްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު