މާފަށްވުރެ ދުރުގައި

16 ޖުލައި 2012 އާ ގުޅޭ

އައިޒާން އަށް ވަޒީފާ ލިބުނުކަން އެގުމުން ލިބުނު އުފަލުގައި ވަގުތުން ދިޔައީ އާޓިފިޝަލް ބީޗަށެވެ. އައިޒާންގެ ގެއާއި މޫދު ކައިރިރިކަމުން އޭނަގެ ހުސްވަގުތު އެތާ ހޭދަކުރާކަން އެގެނީ ހަމައެކަނި އެކުވެރިންނަކަށް ނޫނެވެ. އެންމެ ދުވަހަކުން މައިރާވެސް އެކަން ދެނެގަތެވެ. އައިޒާން އެކުވެރިންނަށް ދަޅުދިނެވެ. އޭނަގެ އެކުވެރިންނާއި އެކީގަ އުފާވެރި މުނާސަބާތައް ފާހަގަކުރަން އަދި ކުކުޅު ކާންދެވޭނެފަދަ ދުވަހެއް އަންނާނެކަމަށް ވެސް އައިޒާން ގަބޫލުކުރެއެވެ. ނަމަވެސް މިއަދު މިވަރުން ފުދުނެވެ. އަދިވެސް އައިޒާންއަށް ނުވިސްނެނީ އޭނައަށް އެ ވަޒީފާ ލިބުނު ގޮތެވެ. އޭނަގެ އަތުގައި ސެޓްފިކެޓް ނެތިގެން ބޮސް އެވަރަށް މައްސަލަޖައްސާފައި ފަހުން ވެސް ވާހަކަ ދެއްކީ އުއްމީދު ކުޑަވާފަދަ ގޮތަކަށެވެ. އައިޒާންއަށް ފުރުސަތު އެހާ ހަނިކަމުގައި ސީދަލަށް ބުނެފައި އެ ވަޒީފާ ދިނީ ކޮން ހައިސިއްޔަތަކުންކަމެއް ނޭގެއެވެ. އައިޒާންއަށް އެގުނެވެ. އެއީ އޭނަގެ ދުޢާތަކުގެ ބަރަކާތެވެ. ކޮންމެ ހާލެއްގައި ވެސް ދުޢާކުރުމުން އެކަމެއް ހިންމަވައިދެއްވާނެކަން މިއަދު އައިޒާންއަށް ޔަގީންކުރެވިއްޖެ އެވެ.

އައިޒާން ރެޔާންގެ އޮފީހަށްވަނީ ގުޅާފައި އަންނަން އެދުމުންނެވެ. ވެރިމީހާ އެގޮތަށް ގުޅާފައި ބުނުމުން ހައިރާންވިނަމަވެސް ގުޅި ސަބަބެއް ބަލާލަން ވަގުތުން ދިޔައެވެ. މިހާ އަވަހަށް ކުށެއްކުރެވިގެން ކަޑާލަން ޗިޓް އަންނަނީ ނޫންކަމެއް ނޭގެއެވެ. އެންމެ ރަގަޅެވެ. މިޒަމާނުގައި ވަޒީފާތަކަށް އަންނަމީހުންނާއިމެދު ވެސް ބޭނުން ގޮތަކަށް ނެހެދޭނެއެވެ. އެމީހުންގެ ހައްގުތައް ރައްކާކުރުމަށްވެސް ގާނޫނުތަކެއް ހެދިފައިވޭ ނޫންހެއްޔެވެ؟
އައިޒާން ވަނުމުން ރެޔާން ގޮނޑިން ތެދުވެގެން އައެވެ. ދެމީހުންގެ އިސްކޮޅު ދާދި އެއްވަރުވެފައި ދުރުން ބަލާލާ މީހަކަށް ދެމީހުން އޮޅޭހާ ހަށިގަނޑު ވައްތަރެވެ. ތަފާތަކީ އައިޒާންގެ އިސްތަށިގަނޑު ތަންކޮޅެއް ދިގުކަމެވެ. އިސްތަށިގަނޑު ކޮށާލާފައިވާގޮތް ވައްތަރުނަމަ އަދި އެއަށްވުރެ ވެސް މީހުނަށް އޮޅޭގޮތްވީހެވެ. ރެޔާންހުރީ އާދައިގެ މަތިން އޮފީސް ސޫޓްގައެވެ. ރެޔާންއަކީ ސީރިޔަސް ގޮތެއް ދައްކުވައިގެން ހުންނަ ޒުވާނަކަށްވިނަމަވެސް އައިޒާން ފެނުމުން ހީނލީ ގާތް ގޮތަކަށެވެ. މާ ރަސްމީ ކަމެއްނެތެވެ.
"ހިތަށް އެރީ ކޮފީއަކަށް ގެންދާނީއޭ... އަދި މާލެއަށް އާވީމަ އެހާ އެކުވެރިންނެއްވެސް ނުތިބޭނެ..." ރެޔާން ކުރިއަށް ހިގައިގަތުމުން އައިޒާން ފަހަތުން އައީ ކުޑަކޮށް ލަދުންހުރެއެވެ. މިއީ އޭނަގެ ވެރިމީހާއެވެ .ބޮސްއެވެ. ނަމަވެސް ހާދަ ހިތްތިރިއެވެ. އޭނަފަދަ ދަށްފެންވަރުގެ މީހަކާއިއެކީގައި ކޮފީއަކަށް ދިއުމުން އެގެނީ މީހުން ރެޔާންއާއިމެދު ބޮޑާ ކަމަށް ދެކުނަސް ހަގީގަތަކީ އެއީ ނޫންކަމެވެ. އޭނަ ދެނެގަންނަން މަސައްކަތްކޮށްފިއްޔާ އެހެން ފަރާތެއް ފެންނާނެކަމެވެ. އައިޒާންއަށް ވަޒީފާ ދިނުމުގެ ސަބަބުން ރެޔާންއާއިމެދު އައިޒާންގެ ހިތްވަނީ ތައުރީފުން ފުރިފައެވެ. މުއްސަދިންގެ ތެރޭގައި މިފަދަ މާތް މީހުން އުޅޭކަން ގަބޫލު ކުރަން ޖެހިފައެވެ.
ރެޔާން ކާރު ޕާކްކޮށްފައި އޮތްތަނަށް ގޮސް ކާރު ނެރެން އުޅުނުއިރު އައިޒާން ހުރީ ފިނިކޮށްލަން ގަސް ކައިރީގައެވެ. ވިއްސާރަ ދުވަސްކޮޅަކަށްފަހު އަނެއްކާ މޫސުމް އޮތީ ރީތިކޮށެވެ. މޫސުމް ލަފާކޮށްލާކަށް ނޭގޭނެއެވެ. އެހެންއޮވެލާފައި ވިއްސާރަ ހަދާލާނެއިރެއް އެގެނީކީ ނޫނެވެ. ރެޔާން ހުޅުވާލަދިނީ ވެސް ކާރުގެ ކުރީ ދޮރުފަތެވެ. އައިޒާން ހަމަޖެހިލާފައި ކާރަށް އެރުމުން އުދާސްކަން ކުޑަވެ ޢަޖައިބެއްފަދަ ފިނިކަމަކާއި މީރު ވަހަކުން ހަށިގަނޑާއި ސިކުނޑި އެއްފަހަރާ ވާންކަން ކުޑަވެގެން ދިޔައެވެ. އައިޒާން ސީޓުގައި ހަމަޖެހިލައިގެން ބުރަކަށި ޖައްސާލައިފި އެވެ.
"އައިޒާން އަހަރެންގެ ޖޮބެއްގައި އުޅޭ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނާށޭ ބުނީމެއްނު... އެކީގައި ފެނިގެން އަހާލިޔަސް ބުނާތި ފްރެންޑެކޭ..." ރެޔާން އެވަރުން ސިއްރުކުރަން އުޅޭ ސަބަބެއް އައިޒާންއަކަށް ނޭގެއެވެ. ފުރަތަމަ ދުވަހުވެސް ރެޔާން އަންގާފައިވަނީ އޭނަ ވަޒީފާ އަދާކުރާތަނެއް އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށެވެ. ދެމީހުން އާދައިގެ އެކި ވާހަކަތައް ދައްކަމުން ގޮސް ރެސްޓޯރެންޓަކަށް ވަނެވެ. އެއީ ސެވެންސްޓާ ފެންވަރުގެ ރީތިތަނެކެވެ. ދެމީހުން ޖައްސާލީ ފިނިކޮށްފައިވާ ބައިގައެވެ. މިގަޑީގައި މީހުން އެހާ ގިނައެއް ނޫނެވެ. މިތަނުންވެސް އައިޒާންއަށް ފާހަގަވީ އަންހެންކުދިންގެ ނަޒަރު އެމީހުންގެ މޫނުން ކައްސާ ނުލާކަމެވެ. ރީތިވެއްޖެއްޔާ އަންހެންކުދިން ވަނީހާދަ ވަރެކޭ އޭނަގެ ހިތަށް އެރިއެވެ.
"އައިޒާން އަދި ސިންގަލް ދޯ..." ރެޔާން ނޫން ކަމަށް ހަދާފައި ދުރުން ފެށިއެވެ.
"މީހަކާއި އިނދެވޭނީ ވަޒީފާއަށް ދާން ފަށައިގެން ތަނެއް ކުއްޔަށް ލިބުނީމަ... މާލެއިން ތަނެއް ހޯދުމަކީ ފަސޭހަކަމެއް ވެސް ނޫން..."އައިޒާން މެނޫއަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުންޏެވެ.
"އަހަރެން ލޯނެއް ދީފާނަން... މުސާރަ ލިބުނީމަ ފަހުން ދެއްކިދާނެ... އައިޒާންއަށް އިތުބާރުކުރެވެނީ ކީއްވެގެންކަމެއް ނޭގޭ..." ރެޔާން ކިތަންމެ ރީތި ހިނިތުންވުމަކާއެކު އެހެން ބުންޏަސް ހިތުގައި އުފެދެމުން ދިޔަ ނަފްރަތެވެ. އެއްގޮތަކަށް ވެސް އައިޒާންގެ ދިރިއުޅުން އާބާދުކޮށްދޭން އޭނަ ބޭނުމެއްނޫނެވެ. މިއީ އޭނަގެ ލޯބީގެ ދުޝްމަނެކެވެ. އޭނަ މިދަނީ އައިޒާން ވަރުގަދަ ދަލެއްގައި ބައްދަން މަސައްކަތްކުރަމުންނެވެ. އައިޒާން ޖެހޭނީ އޭނަގެ މަގުން ދުރަށް ދާށެވެ. ވަރަށް ދުރަށް ދާށެވެ.
"އަޅުގަޑުތިކަމާ ވިސްނާލާނަން... ތި އިހުސާންތެރިކަމުގެ އަގު އަދާކުރާނެގޮތެއް ވެސް ނޭގޭނެ..." އައިޒާންގެ މޫނު ރަތްވިއެވެ.
"އެތައް ފަހަރު ބުނެފިން ތިހެން ނުކިޔާށޭ... އެކުވެރިން ތިހާ ރަސްމީކޮށް ވާހަކަ ދެއްކީމަ ވަރަށް އެހެންގޮތެއް..." ރެޔާން ވޭޓަރު ކާރީގައި ގެންނަންވީ އެއްޗެހި ބުނެދެމުންދިޔައިރު ވޭޓަރު ވެސް ހުރީ ރަކިވެފައެވެ. ރެޔާންގެ ލޮލުގައިވާ ބާރަކުން ހަތަރުކަޅިހަމަކުރަން ވެސް އުނދަގޫވެފައެވެ. ރެޔާން އަކީ ތަނެއްގެ ވެރިއެއްކަން އެ ވޭޓަރު ވެސް ދެނެގަތެވެ. ރެޔާން އާއި އައިޒާން ބައިގަޑިއެއްހާއިރުވަންދެން އެ ރެސްޓޯރެންޓްގައި ތިބިއިރު ކުރިއަށްވުރެ ދެމީހުންގެ ގުޅުން ބަދަހިވެ އެކުވެރިންނަށް ވަމުން އައީ ހަލުވިކޮށެވެ. ނަމަވެސް އެއްވެސް ގޮތަކުން ޒާތީ ވާހަކަތަކެއް ނުދެކެވެއެވެ.

މައިރާ ވިސްނަމުން ގޮސް ނިންމީ ކޮންމެފަދަ ގޮތެއް ވިނަމަވެސް ރެޔާންއަށް ބޭވަފާތެރިނުވުމަށެވެ. އައިޒާންގެ މަތިން އެކީގައި ހަނދާން ނައްތާލުމަށެވެ. ކައިވެނި ހަމަޖެހިފައިވާ ލޯބިވެރިޔަކު ހުއްޓާ އެހެން ފަރާތަކާއިމެދު ޚިޔާލުކުރުމަކީ ވެސް ހަގީގަތުގައި ފާފައެއްކަމަށް އޭނަ ނިންމިއެވެ. މިރޭ މައިރާ މިދުވަސްކޮޅު ބަލަމުން ދިޔައީ ކައިވެނީގެ ހެދުންތަކާއި ޑިޒައިންތަކަށެވެ. އިޝްގީ އެކި އަދާތައް ދަސްކުރިއެވެ. އިޝްގުގައި ފިނިފެންމާ ، އުއްބައްތި އަދި މިއުޒިކް އަދާކުރާ ރޯލުވެސް ދަސްކުރިއެވެ. މައިރާ ބޭނުމީ އޭނަގެ ފިރިމީހާއަށް އިޝްގީ ބައިވެރިޔަކަށްވުމަށެވެ. ހަޔާތުގެ ހުރިހާ ދުވަހެއް ލޯބިން އުފަލާއިއެކީގައި އުޅޭ ދުވަހަކަށް ހެދުމަށެވެ. މުސްކުޅިވަންދެން ލޯބިން އެކީގައި އުޅުމަށެވެ.

ޑިސެމްބަރ އެއްތިރީސްވީ ދުވަހަކީ އާދަޔާޚިލާފަށް މާލެއަށް ވިއްސާރަކުރި ދުވަހެކެވެ. ވިލާތައް ބޯމަތިވަމުން އައިގޮތަށް އުޑުމަތި ބައްދާލާފައި އޮތެވެ. އިރުގެ އަލިން ދުނިޔެ މަހުރޫމްކޮށް ކަޅުކުލައިގެ ސާލެއް މުޅި ފަޒާގައި ފަތުރާލައިފިއެވެ. އަންނަ ގަދަ ވަޔާއި އެކު ބިޔަގަސްތައް މުލުން ލުހެލަފާނެހެން ހީވާފަހަރު ވެސް އާދެއެވެ. އެއާއެކު ދޭތެރެއަކުން ކަންފަތައް ބައްވާހާ ބާރަށް ގުގުރިޖަހައެވެ. އަންނަން އުޅޭ ތޫފާނެއްގެ އިންޒާރު ހަތަރުފަރާތުން ދެމުންދާއިރު މާލޭގެ ހަލަބޮލި މަގުތަކަށް ކޮންމެވެސް ވަރެއްގެ ހިމޭންކަމެއް ވެރިވެފައިވެއެވެ. ތާރައަޅާފައިވާ މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

އިރުއޮއްސެންވާއިރަށް ކޮންމެވެސް ވަރަކަށް ވިއްސާރަމައިތިރިވިނަމަވެސް ދޭތެރެއަކުން ތޫފާނީރެއެއްކަން އެގޭފަދަ އިން ގުގުރިޖަހާ ވައިބާރުވެލައެވެ. ނަމަވެސް ދުވާލު ވެހުނު ގޮތަށް ވާރެއެއްނުވެހެއެވެ. މިރެއަކީ ޝަމާއިލްއާއި އެކުވެރިން އާއަހަރު ފާހަގަކުރަން ޕާޓީއެއް ބޭއްވިރެއެކެވެ. "ލެވެންޑަ ކޮޓެޖް" ގައި އެފަދަ ހަރަކާތެއް ހިންގާކަށް ޒިޔާމާގެ ހުއްދައެއް ނޯންނާނެއެވެ. ރެޔާންވެސް ޝަމާއިލް އާއި ބައިވެރިވާން އެގެއަށް އައުމުގެ އެއް ސަބަބަކީ އެއީއެވެ. އީޝަލްއާއި ދިމާލަށް ރެޔާންމެންގެ އެކުވެރިއަކު ނުނިޔަތުން ބަލާފާނެތީ ޒިޔާމާ ބިރުގަންނަ ވަރުން އެކުވެރިންގެއަށް ގެނައުން ވަނީ މަނާކޮށްލާފައެވެ. ނަމަވެސް އައިމަންއަކީ ތަންކޮޅެއް ޒަމާނީ ޚިޔާލުގެ ބޭކަލަކަށްވާތީ އާއި މިދުވަސްކޮޅު އޭނަ ރާއްޖެއިން ބޭރުގައި އުޅުއްވާތީ ޝަމާއިލްމެންނަށް ގެ ހިތަކަށް ލިބިފައިވަނީއެވެ.

މައިރާ ހޫނުފެނުން ފެންވަރާލައިގެން ނުކުތީ ފަށުވި ސޯޓް ކޮޅަކާއި، މަޑުމުށިކުލައިގެ ގްރެފިކް ޓީޝާޓެއްލައިގެންނެވެ. އެ ޓީޝާޓްގައި "އައިމް ޔޯރސް " ޖަހާލާފައި އޮތެވެ. އޭސީ ކަނޑާލައިގެން ހުރިއިރުވެސް ފިނި ގަދަކަމުން މައިރާ ރޫރޫއަޅަމުން ދިޔައެވެ. އޭނަކޮޓަރީގައި ހުރިއިރު ގޭގެ ޕޫލްއާއި ދިމާލުން ފިރިހެން ކުދިންގެ ހުނުމުގެ އަޑާއި ސަކަރާތްޖަހާލާއަޑު އަދި ދޭތެރެއަކުން ހެވީމެޓަލް ލަވަތަކުގެ އަޑުއިވެމުން ދިޔައެވެ. މާމަ ވަރަށް ހިތްހަމަ ނުޖެހޭނެކަން މައިރާއަށް އެގެއެވެ. މާމަ އެއްގޮތަކަށްވެސް އެގޭގައި ލަވަޖެހުމަކަށް ހުއްދައެއް ނުދެއެވެ. މިއުޒިކަކީ ހަރާމްކަމެއްކަން މާމަވަނީ ފަށްފަށުން ހަނދާންކޮށްދީ މައިރާމެންނަށް އެކަން މަނާކޮށްފައެވެ. ވީއިރު މިރޭ ޝަމާއިލްމެން މިފަދަ ގަނޑެއްގަންނާތީ މާމަ އޮންނާނީ ނުނިދިފަ އެވެ.
މައިރާ އެ ބޮޑުގޭތެރޭގައި މިނިވަންކަމާއިއެކު ބުރެއްޖަހާލުމަށްފަހު ބެލްކަންޏަށްވެސް ނުކުތެވެ. ފިރިހެންކުދިން ގަސްތެރޭގައި ބާބެކިއު ހަދަންތިބިއިރު ކޮންމެ ވަގުތަކުވެސް ވާރޭ އޮއްސައިގެންފާނެކަމުގެ ހެކިތައް ހުރިހާ ދިމާލަކުން ފެނެއެވެ. ވައިގަދަވެ ގަސްތައް ހަލުވަން ފަށައިފިއެވެ. ގަސްތަކުން ވެރެމުން ދިޔަ ފަތްތައް ވަޔާއިއެކު އުދުހިގެންދާ ވަރަކަށް ފަޒާގެ ތެތްފިނިކަން އިތުރުވިއެވެ. މައިރާ މުޅިގައިގާ އެކީ ޝޯލް އޮޅާލިއެވެ. ކުއްލިއަކަށް ވާރޭގެ ބޯތިކިތަކާއެކީގައި ބަގީޗާގައިވާ އުފާވެރި ހަފްލާ ރޫޅި އެ ޒުވާނުން ކޮޅުކޮޅުމައްޗަށް ދުއްވައިގަތެވެ.
"ހެހެ.. އެއޮތީ ޕާޓީހެދިފައި..."މައިރާ މަޖާވެގެން އެކަނިހުރެ ވެސް ހުނެވެ.
"ހޭ ލަވް... މިހިރީ އެކަނި... އާދެބަލަ ފެންޑާއަށް ކޮފީ ބޯލަން.."މައިރާ ރެޔާންއަށް މެސެޖްކުރިއެވެ. އަދި ކޮފީ ތަރުމޯޒު ހިފައިގެން ގޮސް ގޭގެ ފަހަތުބައިގެ ދޮރު ހުޅުވާލާފައި މޭޒުމަތީގައި ކޮފީ މަގުތައް ބަހައްޓައިގެން ރެޔާންގެ އިންތިޒާރުގައި އިނެވެ. އާއަހަރު މައިރާ ފާހަގަކުރަން ބޭނުމީ އޭނަގެ ލޯބިވެރިޔާއާއިއެކީގައެވެ. އެތަނަށް ވެރިވެފައިވާ ފަނޑު އަލީގައި މިހާ ކުރު ހެދުމެއްލައިގެން ހުރެ ރެޔާންއާއި ބައްދަލުކުރުން މައްސަލައެއްކަމަށް މައިރާ ނުދެކުނެވެ. ވާރޭގެ ބޮޑެތި ތިކިތައް ފެންޑާގެ ފުރާޅުގައި ޖެހޭ އަޑުއިވުމުން މައިރާ އަށްލޯބީގެ ރާގެއް އަޅުވާލެވުނެވެ. އަދި ތަންކޮޅެއް ދުރުގައި ހެދެމުންދިޔަ ކުދި ފެންގަޑުތަކުގައި ވާރޭގެ ތިކިތައް ބާނިލައްވަމުން ދިޔައިރު އެ މަންޒަރަށް ވެސް ބަލަން އިނދެވުނީ ހައިރާންކަމާއެކުގައެވެ .ކޮންފަދަ ރީތި ރެއެއް ހެއްޔެވެ؟
މައިރާ ގަޑި ބަލާލުމަށްފަހު އެނބުރިލަން އުޅެނިކޮށް ފަހަތުން މީހަކު އައިސް ބައްދާލުމުން ބޭއިޚުތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް އޭނަގެ އުނަގަނޑު ވަށާލެވުނު، ގަނޑުފެންގަޑެއްފަދަ ފިނިދެއަތުގައި ހިފާލެވުމާއިއެކު އެއީ ރެޔާންކަން މައިރާއަށް އެގުނެވެ.
"ރެއިން... ސިއްސުވާލީނު..."މައިރާގެ ކޯތާފަތުގައި ޖެހިބާރުވެފައިވާ ރެޔާންގެ މޫނުގައި މަޑުމަޑުން އަތް ޖައްސާލަމުން ޝަކުވާކޮށްލިއެވެ. ރެޔާން މައާފަށް އެދުނެވެ. އުފާވެރި އާއަހަރަކަށް އެދެމުން އޭނަ މައިރާގެ ނިތްކުރީގައި ބޮސްދިނެވެ. އެއަށްފަހު ފިނިވެފައިވާ ވަރުން ކޮފީތަށި ބޯން ތަނބަށް ލެނގިލައިގެން ހުރިއިރު މައިރާގެ ރީތިކަމަށް ބެލެމުންދިޔައެވެ. މައިރާ އެހާ ކުރު ސޯޓަކާއި ތުނި ހެދުމެއްލައިގެން ހުރުމުން ރެޔާންހުރީ އަމިއްލަ ނަފުސް މައިތިރިކުރަން އުނދަގޫވެފަ ނަމަވެސް މައިރާ އެކަމެއް ނުދެނެހުއްޓެވެ. މައިރާ ހުރީ ރެޔާން ތެމިލައިގެން ހުރުމުން ފެންނަލެއް ރީތިކަމުން އެހެންކަންތަކާއިމެދު ޚިޔާލުކުރެވޭވަރަށް ވުރެ އެ ރީތިކަމުގެ ޖާދޫގައި ޖެހިފައެވެ.
"ވަރަށް ފިނިވެފައި ތަ؟ ހިނގާ ހިކިލަން... ދޮންބެ ގެ ޓީޝާޓަކާއި ސޯޓެއް ގެނެސްދޭނަން.." މައިރާ ރެޔާން ގޮވައިގެން ދިޔައީ ސީދާ އޭނަގެ ކޮޓަރިއަށެވެ. މައިރާ ގެނެސްދިން ޓީޝާޓްލުމަށްފަހު ރެޔާން ފާޚާނާއިން ނުކުތްއިރު މައިރާ ހުރީ ކޮޓަރީގައި ރަތް އުއްބައްތި ދިއްލުމުގައި އަވަދި ނެތިއެވެ. ރެޔާންގެ ނޭވާގެ ހިގުން ވެސް ހުއްޓުނެވެ. އެ ރަތްއަލީގައި މައިރާ ފެންނަނީ ހަމަ ރަތް ޕަރީއެއް ފަދައިންނެވެ. ކޮންފަދަ ރީތި ކަމެއްހެއްޔެވެ. ކޮންފަދަ ފުރިހަމަކަމެއްހެއްޔެވެ؟ ރަތް ތުންފަތުގައި ޝަބްނަމް ވިދާފަދައެވެ. ރެޔާން އެސްފިޔަޖަހާނުލާ ބަލަހައްޓައިގެން ހުރިއިރު އޭނަގެ ނާރުތަކުގައި ލޭ ހިނގުން އަވަސްވެ ސިކުނޑިއަށް ހަލަބޮލިކަމެއް އައިސްފައިވެ އެވެ.
"ޗޮކްލެޓް ކޭކެއް... ހެޕީ ނިއުއިޔާ މައި ލަވް..." މައިރާ ރެޔާންގެ ހިތުގައި ހިގަމުންދާ އެއްވެސްކަމެއްގެ ހިލަމެއްނުވެ ހުރެ ކޭކު ފަޅާލާފައި އެތިކޮޅެއް ރެޔާންގެ އަނގައިގާ ލައްވަމުން އިސްތަށިގަނޑު ހާވާލައިފިއެވެ. ދެ ޒުވާނުން ކޭކުގެ ރަހަ ބަލާލުމަށްފަހު ކުޑަދޮރު ކައރީގައި ހުއްޓިލައިގެންތިބެ ބޯކޮށް ވާރޭވެހޭ މަންޒަރު ދެކެންތިބިއިރު ރެޔާންގެ ކުދި ގޯނާތަކަށް ނޭގިނަމަވެސް މައިރާއަށް ހުއްދަދެވެމުން ދިޔައެވެ. ދެލޯބިވެރިންނަށް ޝައިތާނާ މަގުއޮޅުވަމުން ހުއްދަ ނޫން ކަންތަކަށް މަގުފަހިކުރަމުންދިޔައެވެ. ރެޔާން އަބަދު ބުނަމުން އައިސްފައިވަނީ އޭނަގެ ކާވެނީގެ ރޭ އެންމެ އިޝްގީވާނީ މިގޮތަށް ބޯކޮށް ވާރޭވެހުމުން ކަމުގައެވެ.ރެޔާން ނިންމީ ކޮންމެހެން ކާވެނީގެ ރެއަށް އިންތިޒާރުކުރުމުގެ ބޭނުމެއްނެތްކަމުގައެވެ. ހަމަ އެރޭވެސް އޭނަ އާއި މައިރާއެވެ. މިވަގުތުވެސް އޭނަ އާއި މައިރާއެވެ. ވީއިރު ވާނީ ކޮން ތަފާތެއްހެއްޔެވެ؟
"އިނަފް... ރެޔާން... ނޫން... ނޫން... ދެން ހުއްޓާލަބަލަ..."މައިރާ ކުއްލިއަކަށް ކަންބޮޑުވެ ރެޔާންގެ އަތުތެރެއިން ނިކުންނަން ގަދަހެދިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު