އާދޭހާއެކު އައްބާސް ގޮވައިލެއްވީ ފައިސާ ޗާޕު ނުކުރަން

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް -- ފޮޓޯ/ މަޖިލިސް

ފައިސާ ޗާޕު ނުކުރާނެ ކަމަަށް ތަކުރާރުކޮށްވީ ވައުދާ މި ސަރުކާރުން ޚިލާފުވެ، ބޮޑު އަދަދަކުން ފައިސާ ޗާޕުކުރަން އުޅޭކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި، އެ ކަން ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، ސަރުކާރަށް ގޮވާލައްވައިފިއެވެ.

ސަރުކާރުން އަންނަނީ، މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުންނެވެ.

އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ފައިސާ ޗާޕުކުރުމެވެ. އިގުތިސާދީ ގޮތުން ފައިސާ ޗާޕުކުރުން ކިޔަނީ 'ޕްރިންޓަރަކުން' ޕްރިންޓްކުރުމަށް އެކަންޏެއް ނޫނެވެ.

https://sun.mv/203513

މި ކަމާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެއެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވައި އައްބާސް ވަނީ، މިއީ ރައްޔިތުންނަށް އިގުތިސާދީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ހާލަތެއްކަން ފާހަގަކުރައްވައި، މި ކަމަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

މި ގޮތަށް ފައިސާ ޗާޕުކޮށްފިނަމަ، ތަކެތީގެ އަގު އިންތިހާއަށް އުފުލި، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލޭނެ ކަމަށް އިގުތިސާދީ މާހިރުން ވިދާޅުވާއިރު، މި ފަދަ ބޮޑު ޖަރީމާއެއް ނުހިންގުމަށް އޭނާވަނީ އާދޭހާއެކު ސަރުކާރަށް ގޮވާލައްވައިފައެވެ.

"އައިއެމްއެފް، ވޯލްޑް ބޭންކުގެ ލަފަޔާ ވެސް ދެކޮޅަށް، މި ކަން ނިންމަވަން ތިއްބެވި ބޭފުޅުންނަށް މި ކަމުގެ ބިރުވެރިކަން އެނގިވަޑައިގަންނަވާނެ. ރާއްޖޭން ބޭރުން ބަޖެޓު ސަޕޯޓެއް ނުހޯދުނީތީ، ލަންކާ ދިޔަ މަގުން ރާއްޖެ ދާން ދޫކޮށްލަން ހެޔޮނުވާނެ،" އައްބާސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވައުދުވެ ވަޑައިގެންނެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް، ފައިސާ ޗާޕުނުކޮށް، ސަރުކާރު ހިންގަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ.

ސަރުކާރުން މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރީ ޚަރަދުކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އިއުލާނުކުރުމަށް ފަހު، 7.7 ބިލިއަން ރުފިޔާ ޚަރަދުން ސަލާމަތްކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.

އެކަމަކު، ދަރަނި ބޮޑުވެ، ޚަރަދު ކުޑަނުކުރެވޭކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.

https://sun.mv/203491

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފައިސާ ޗާޕުކޮށްފި ނަމަ ޑޮލަރު ރޭޓު 24 ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރައްވާފައެވެ. އެމްޑީޕީން ވެސް ވަނީ އެ ކަމުގެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ބުނެފައެވެ.

މިދިޔަ ސަރުކާރުގައި ވެސް އިގުތިސާދީ ހާލަތު ގޯސްވެ، ފައިސާ ޗާޕުކުރަން ނިންމިއެވެ.

އެ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ. މި ސަރުކާރުން ވެރިކަމަށް އައީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް