ނުރައްކާތެރި ކުޅޭކުޅޭ އެއްޗެހި: ސީރިއަސް މައްސަލައެއް

10:45


މި އަހަރު ފުރަތަމަ ހަމަސް ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުންނަމަ ރާއްޖޭގެ ކަންކޮޅުތަކުގައި 184 މާރާމާރީ ހިންފައިވާއިރު، މީހުން މަރާފައިވާ 21 މީހުން ވީއްލި މުޖުތަމައު ތެރޭގައި އުޅެމުން އެބަދެއެވެ. އެއާއެކު ގްރޫޕް މާރާމާރީތައް ދަނީ ހިނގަމުންނެވެ. ވަޅީން ދެވޭ ހަމަލަތަކުގައި ޒުވާން ކުދިން ދަނީ މަރުވަމުންނެވެ. ބައެއް ކުދިން ނުކުޅެދޭ ކުދިންނަށް ވަމުންނެވެ.


މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައިވެސް ވަޅި އެޅުމުގެ ނުރައްކާތެރި ދެ ހަމަލައެއް ދީފައިވާއިރު ގްރޫޕް މާރާމާރީތަކުގައި ބޭނުން ކުރެވިދާނެ ފަދަ ނުރައްކާތާރި ހަތިޔާރު ދަނީ ރާއްޖެ އެތެރެވަމުންނެވެ. މަރާމާރީތައް، ހާއްސަކޮށް ގްރޫޕް މާރާމާރީތައް އަބަދާއަބަދު ހިނގަމުންދާއިރު އެފަދަ ހަމަލަތަކާއި މާރާމާރީތަކުގައި ބޭނުން ކުރެވިދާނެ ފަދަ ނުރައްކާތެރި ހަތިޔާރު ކައިރިކައިރީގައި ރާއްޖެއަށް އެތެރެވަމުން ދިއުމަކީ ވަރަށް ސީރިއަސްކޮށް ނަގައި ފިޔަވަޅު އަޅަންޖެހިފައިވާ ކަމެކެވެ.


   އާދިއްތަ ދުވަހުގެ ރޭ ސްރީލަންކާއިން މާލެއަށް އައި 20 އަހަރުގެ ޒުވާނަކާއި 25 އަހަރުގެ ޒުވާނެއްގެ ފޮށި ފާސް ކުރުމުގެ ތެރޭގައި ފެނުނު ނުރައްކާތެރި ހަތިޔާރުން ވެސް މިއީ "ނުރައްކަލުގެ ރަނގަބީލު" އެޅެން ފެށުން ކަން ވަނީ ސާބިތުކޮށްދީފަ އެވެ.


ކަސްޓަމްސް އިން ހިފެހެއްޓުމުން މިހާރު ފުލުހުން ތަހުގީގު ފައްޓާފައިވާ ދެ ޒުވާނުންގެ ތެރެއިން އެކެއްގެ ފޮށިން 3800 ކޭވީގެ  ސްޓަން ގަން އަކާއި ބޮލާއި މޫނު ނިވާ ކުރާ ފަސް މާސްކް ފެނުނުއިރު ދެވަނަ ޒުވާނާގެ ފޮށިން ވެސް އޭގެ ހަތަރު މާސްކް ފެނިފައިވެ އެވެ.


    ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ރާއްޖެ އެތެރެ ކުރި "ސްޓަންގަން" އަކީ ސްޓަންގަން އެއް ނޫން ކަމަށާއި އެއީ އިލެކްޓްރި ޝޮކްދޭ ހައިވޯލްޓޭޖް ގެޖެޓެއް ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި ގިނައިރު އޭގެ ބޭނުން ކޮށްފި ނަމަ މީހާގެ ފުރާނައަށް ނުރައްކާވުމަކީ ގާތް ކަމެއް ކަމަށެވެ.


    "މި ބާވަތުގެ އެއްޗެހި އެހެން އައުމަކީ ކޮންސާން ވާންޖެހޭ ކަމެއް،" އޮފިޝަލު ވިދާޅުވި އެވެ.


 ވޭތުވެދިޔަ މަހެއްހާ ދުވަހަށް ބަލާއިރު މާލޭ ވިޔަފާރި ބަނދަރުން މުދާ ދޫކުރުމަށް ކަސްޓަމްސް އިން ބަލައި ފާސް ކުރުމުގެ ތެރޭގައި ރާއްޖެ އެތެރެކުރުން މަނާތަކެތީގެ ގޮތުގައި ބެލެވޭ ތަކެތި ދެ ފަހަރެއްގެ މަތިން ވަނީ އަތުލާފަ އެވެ. ޖެނެރަލް ކާގޯ ކޮންޓެއިނަރަކުން މުދާ ދޫކުރުމަށްޓަކައި މި މަހުގެ ނުވަނަ ދުވަހު މުދާ ފާސްކުރިއިރު ކުޑަކުދިން ކުޅެން ގެންގުޅޭ ބަޑިއާއި ސާޅަނގަގައިގެ ނަމުގައި ޑިކްލެއާ ކޮށްފައިވާ 260 ބަޑިޔާއި 12 ސާޅަނގަ ފެނުނެވެ. އެ ތަކެތި ވެފައި ވަނީ ކުޅޭ އެއްޗެއްސަށްވުރެ ފެންވަރު ރަނގަޅު ނުރައްކާތެރި ތަކެއްޗަށެވެ. ގައުމީ ދިފާއީ ބާރާ ހަވާލުކޮށްފައިވާ އެ ތަކެއްޗާ އެކު މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުގެރޭ މުދާ ދޫކުރަން ފާސްކުރުމުގެ ތެރޭގައި ވަކިވަކިން ބަންދުކޮށްފައިވާ ދެމިޔަލީ  ތިން ފޫޓު ދިގުމިން ހުރި ފަސް ކަނޑި ފެނުނެވެ. މުށުގައި އަށް އިންޗި، ތިލާގައި  ދެފޫޓު ހަތަރު އިންޗި ހުރި  މި ކަނޑިތަކާއި ބަޑިތަކާއި ސާޅަނގަތަކަކީ 25 ޖުލައި ގައި ޗައިނާއިން ރާއްޖެ އަޢި ބޯޓަކުން އެއް ބަޔަކު އެތެރެކޮށްފައިވާ އެއްޗެއްސެވެ.  މާލޭގައި މިފަހަކަށް އައިސް ގްރޫޕް މާރާރީތައް ހިންގާ ގޮތުގެ ސިފަޔަށް ބަލާއިރު އެކި ވައްތަރުގެ ކަނޑިޔާއާއި ހަންޖަރު ގެންގުޅެ އެވެ. ކުޅޭ ބަޑީގެ ގޮތުގައި ބޭނުން ކުރާ ބާރުގަދަ ބަޑިއާއި އެނޫންވެސް އާލާތް  ބޭނުންކޮށް ހަމަލަތައްދެ އެވެ. އެހެން ކަމުން މި އެތެރެ ކުރެވޭ  ހަތިޔާރު ގޮތުގައި ބެލެވޭ ނުރައްކާތެރި އެއްޗެއްސަކީ ގްރޫޕް މާރާމާރީއަށް ގޭންގްތަކުން ހޯދާ ހަތިޔާރަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ވުމުގެ ފުރުސަތު ކުޑައެއް ނޫނެވެ. ހަމައެހެންމެ  މިއަދު ސިޔާސީ މާހައަލުގައި މަގުމަތިން އުފެދިގެން އަންނަ ހަމަނުޖެހުންތަކުގައި ބޭނުން ކުރުމަށް އަތްމަތި ކުރެވޭ ނުރައްކާތެރި އެއޗެއްސަށް ވުމަކީ ވެސް ވެދާނެ ގޮތެކެވެ.


ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީގެ ނައިބު މުގައްރިރު އަދި މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި ކުށާއި މާރާމާރީއާ ބެހޭ ގޮތުން ފުލުހުން ކޮމެޓީއަށް ދޭ ޕްރެޒެންޓޭޝަންތަކަށް ރިޔާއަތް ކުރާއިރު ރާއްޖޭގެ މުޖަތަމައު މިވަގުތު އޮތީ މީހުން މެރުން ފަދަ ކުށަށް އަރައިގަތުމުގައި ނުރައްކާތެރި ހާލަތަކަށް ވެއްޓިފަ އެވެ.


ކުށްކޮށް މާރާމާރީން ހިންގަން ޓްރޭންވެފައި ތިބި 600 އެއްހާ މީހުން ވީއްލިގެން އުޅޭއިރު އަދި އާބާދީގެ ކޮންމެ 1500 މީހަކަށް މީހުން މަރާމީހަކު  ރާއްޖޭގައި އުޅޭއިރު  "ކުޅޭބަޑިޔޭ، ކުޅޭ ފިސްތޯލައޭ" ކިޔަސް އެބާވަތުގެ ނުރައްކާތެރި ހަތިޔާރު ކައިރިކައިރީގައި ރާއްޖެއަށް އެތެރެވަމުން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ސީރިއަސް މައްސަލައެއް ކަމަށް ވެސް އަލީ ވަހީދު ސިފަކުރައްވަ އެވެ.


އެކި ދުވަސްވަރު ރާއްޖޭގައި ޓެރަރިޒަމް ކުށްތައް ކޮށް އަދަބު ލިބިފައިވާ ބަޔަކު ވެސް ވީއްލިފައި އެބަތިއްބެވެ. އެފަދަ ބައެއް މީހުން ރާއްޖޭން ބޭރަށް ދަތުރުކޮށް ހަދަމުން ދެއެވެ. އެހެންކަމުން މި ވަގުތު އެފަދަ ހަތިޔާރު އެތެރެވާނަމަ ސަމާލުވާންޖެހެ އެވެ.


"މީގައި އަދި އެބައުޅޭ އިސްލާމްދީނާ ދެކޮޅު ބަޔަކުވެސް އެމީހުން އުޅެނީ އިންޓަނެޓްގެ ތެރޭގައި އެމީހުންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކީ ވެސް މިހެން އެތެރެވާ އެއްޗެއްސާއެކު އަތުވެދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.


ރާއްޖޭގައި އެންމެ ބޮޑުވެފައިވާ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ އެވެ. އޭގެ ސަބަބުން އަސަރު ނުކުރާ އެންމެ އާއިލާއެއްވެސް ނެތެވެ. އެއާ ހިލާފަށް މީގެ ދިހަރު ފަހުން ރާއްޖޭގައި  މަސްތުވާތަކެތީގެ ހާލަތަށް ވުރެ  ބޮޑަށް ގޭންގް ކުށްތައް ކުރުން އާންމުވެ އޭގެ އަސަރުކޮށްފައި ނުވާ އާއިލާއެއް ނެތުމަކީ ވަރަށް ގާތް ކަމަށްވާއިރު އެ ފުރުސަތު ލިބޭނެ ފަދަ އެއްވެސް ކަމަކަކަށް މި ފަދަ ހަތިޔާރުން ޖާގަ ނުލިބޭނެކަން ކަށަވަރުވާންޖެހެ އެވެ.


ގޭންގް ކުށްތަކުގައި މީހާއަށް ހަމަލާ ދިނުމުގެ ބަދަލުގައި މިހާރު މާލޭގައި ތައާރަފުވެފައި ވަނީ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ބޮޑެތި ހަމަލާ ދިނުމަށެވެ. އެފަދަ ހަމަލާއަކީ ބޮޑެތި ލޭއޮރުވުން ހިނގާއި ގިނަ ބަޔަކު މަރުވެދާނެ ކަމަށްވާއިރު ރާއްޖެއަށް މިހާރު މި އެތެރެވަމުންދާ ނުރަކާތެރި ހަތިޔާރު ކަމުގައި ބެލެވޭ އެއްޗެހީގެ މައްސަލައަކީ ސީރިއަސް މައްސަލައަކަށް ނުވާނެ ހެއްޔެވެ؟  

ގުޅޭ ޓެގު
comment ކޮމެންޓް