އައު ފީޗާތަކަކާއެކު ދިރާގުޕޭގެ އައު ފްލެޓްފޯމެއް ލޯންޗުކޮށްފި

އައު ފީޗާތަކަކާއެކު ދިރާގުޕޭގެ އައު ފްލެޓްފޯމެއް ލޯންޗު ކުރުން -- ފޮޓޯ/ ދިރާގު

ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ދިރާގު ފިންޓެކްގެ އީވޮލެޓު، 'ދިރާގުޕޭ'ގެ އައު ޕްލެޓްފޯމެއް މުޅިން އައު ފީޗާތަކަކާއެކު ލޯންޗުކޮށްފިއެވެ.

މި ޕްލެޓްފޯމް ލޯންޗު ކުރުމަށް ބޭއްވި ޚާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވަނީ، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ، ބޭނުންވެފައިވާ އެހީތެެރިކަން ފޯރުކޮށްދޭން އެންމެ އެކަށީގެންވާ ފަރާތަކީ ދިރާގު ކަމަށް ވިދާޅުވެފައެވެ.

އަދި ދެ ފަރާތް އެއްކޮށް މަސައްކަތް ކޮށްގެން ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖެއަށް އަންނަ އިންވެސްޓްމެންޓުތައް އިތުރުކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއީލް ރަޝީދު ވިދާޅުވީ، ކުރިން ހަމަ އެކަނި އީވޮލެޓުގެ ގޮތުގައި ބޭނުންކުރެވޭ ދިރާގުޕޭގެ ޕްލެޓްފޯމު މިހާރުވަނީ ސޮފިސްޓިކޭޓެޑް ޕޭމެންޓު ސިސްޓަމަކަށް ބަދަލުކޮށްފައި ކަމަށެވެ. އަދި ދިރާގުގެ ނެޓްވޯކަކީ މިހާރު ރާއްޖޭގައި އެންމެ އެންމެ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރު ނެޓްވޯކު ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިރާގުގެ ދެން އޮތް އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރި މުޖުތަމައަށް އިތުރު ޑިޖިޓަލް ޚިދުމަތްތައް ތައާރަފުކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ތަނަވަސްކޮށްދީ، ގައުމު އިތުރަށް ކުރިއެރުވުމެވެ. ސީއީއޯގެ ވާހަކައިގައިވަނީ ދިރާގުޕޭއަށް ގެނައި ބަދަލަކީ، އެ ކުންފުނިން ކަނޑައަޅާފައިވާ މިސްރާބަށް ދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ދިރާގުޕޭއަށް ގެނެސްފައިވާ ބަދަލުތަކާބެހޭ ގޮތުން ވާހަކަދައްކަވަމުން ދިރާގު ފިންޓެކްގެ މެނޭޖިން ޑިރެކްޓަރު، ފަޒްލީނާ ފާކިރު ވިދާޅުވީ ދިރާގުޕޭއަށް ގެނައި އަޕްގްރޭޑަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރަމުންދާ ގޮތަށް، އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.

އަދި ދިރާގުޕޭއަކީ ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ބޭނުންކުރެވޭނެ ޕްލެޓްފޯމެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދިރާގުޕޭގެ ތަސައްވުރަކީ އެއްވެސް ބަޔަކު ބާކީނުކޮށް، ހުރިހާ ފަރާތްތަކަށް ވެސް ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

އަޕްގްރޭޑަށްފަހު ދިރާގުޕޭގެ އައު ޕްލެޓްފޯމުން މިހާރު ލިބޭ ޚިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ ޓު ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ހިމެނެއެވެ. އަދި ކުރީގެ ޕްލެޓްފޯމުގައި ހުރި ފައިސާ، ރައްކާތެރި ކަމަކާއެކު އައު ޕްލެޓްފޯމަށް ޖަމާކުރެވިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ފިންޓެކަކީ ރާއްޖޭގެ މާލީ ނިޒާމުގައި ހިމެނޭ ގިންޖެހުންތަކަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހައްލުތައް ހޯދައިދިނުމުގެ އަމާޒުގައި 2023ވަނަ އަހަރު އުފައްދާފައިވާ 100 ޕަސެންޓު ދިރާގު ހިއްސާވާ އެ ކުންފުނީގެ ސަބްސިޑަރީއެކެވެ.

އެމްއެމްއޭގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ފަވަރައިގެ ޚިދުމަތް ތައާރަފު ކުރުމާއެކު ދިރާގު ފިންޓެކް ވެގެންގޮސްފައިވަނީ ބޭންކު ނޫން ޕޭމަންޓު ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރައާ ގުޅުނު ފުރަތަމަ ފަރާތަށެވެ.

ރާއްޖޭގައި ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކުގައި އެންމެ ކުރީ ސަފުގައި ދިރާގުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް