ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންވާ ކަމަށާއި ނަމަވެސް ކައިވެނި ކުރުމަށް އެކަށީގެންވާ މީހަކާ އަދި ބައްދަލުނުވާ ކަމަށް ބުނެފިއެވެ.
ނުވަދިހައިގެ ފަހު އަހަރުތަކުގައި ބޮލީވުޑަށް ތައާރަފްވި ބަތަލާ ދާދިފަހުން ކުރިއަށް ގެންދިޔަ އިންސްޓަގްރާމް ލައިވް ސެޝަންއެއްގައި ބުނެފައި ވަނީ، ކައިވެނިކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
ނަމަވެސް ޒަވާޖީ ޙަޔާތެއް ފަށާނެ ބައިވެރިއެއް ހޯދާއިރު ވަރަށް ގިނަ ކަންކަމަށް ވިސްނަންޖެހޭ ކަމަށާއި ހަމަ ހުރެފައި، މީހަކާ ބައްދަލުވެ ފެށޭ ލޯބީގެ ގުޅުމަކުން ކައިވެންޏަކާ ހަމައަށް އެ ގުޅުން ނުގޮސްދާނެ ކަމަށެވެ.
ކައިވެންޏަކީ އަވަސް އަރުވާލައިގެން ނިންމަންވާ ނިންމުމެއް ނޫން ކަމަށާއި އެއީ ދެ މީހެއްގެ އިތުރުން ދެ އާއިލާ ވަރަށް ބޮޑަށް ޖަޒުބާތީގޮތުން ވެސް ގުޅޭ ގުޅުމެއް ކަމަށާއި އެ ގުޅުމަކީ ބަދަހި ވަރުގަދަ ގުޅުމަކަށް ވާންޖެހޭނެ ކަމަށް އުމުރުން 49 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ބޮލީވުޑް ބަތަލާ ސުޝްމިތާ ސެން އަދި ރޯމަން--ފޮޓޯ/ޕިންކްވިލާ
އިންޑިއާއަށް މިސް ޔުނިވާސްގެ ތާޖު ހާސިލުކޮށްދިން ބަތަލާ މިހާތަނަށް ވަރަށް ގިނަ ބަޔަކާއެކު ލޯބީގެ ގުޅުން ބޭއްވިކަމުގެ އަޑުތައް އަރާފައިވާއިރު އެންމެ ސީރިއަސް ގުޅުމެއް ބޭއްވީ މޮޑެލްއެއް ކަމަށްވާ ރޯމަން ޝޯލްއާ އެކުއެވެ. ސުޝްމިތާއަށް ވުރެ އުމުރުން ހަގު ރޯމަންއާ އެކު ތިން އަހަރު ވަންދެން ބަތަލާ ވަނީ ލޯބީގެ ގުޅުމެއް ބާއްވާފައެވެ.
ސުޝްމިތާ އާއި ރޯމަންގެ ކައިވެނި ކުރެވޭނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި ނަމަވެސް ދެ މީހުން ވަނީ 2021ވަނަ އަހަރު ވަކިވިކަން އިއުލާނުކޮށްފައެވެ.
ނަމަވެސް ރޯމަން އަކީ ސުޝްމިތާ އާއި ބަތަލާގެ ދެ ކުދިންނާ އެކު ވެސް މިހާރު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ. ރޯމަންގެ އިތުރުން ސުޝްމިތާ ވަނީ ބޮލީވުޑްގެ އެކްޓަރު ރަންދީޕް ހުޑާއާ ވެސް ދެ އަހަރުވަންދެން ލޯބީގެ ގުޅުމެއް ބާއްވާފައެވެ.
ފިލްމުތަކުން ބޮޑު ބްރޭކެއް ނަގާފައިވާ ބަތަލާ އަންނަނީ ޑިޒްނީ ހޮޓްސްޓާއިން ގެނެސްދެމުން އަންނަ "އާރްޔާ" ވެބް ސީރީސްގައި މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މި ވެބް ސީރީސްގެ ތިން ސީޒަން ވަނީ ސްޓްރީމްކޮށްފައެވެ.